ހުރިހާ ދޫންޏަކަށް އުދުހެވޭތަ؟ ބައެއްފަހަރަށް އިންސާނުން ހިތަށް އަރައެވެ. އަޅެ ދޫންޏެއް ނަމަ ކިހާ ރަނގަޅުހެއްޔެވެ. ސަބަބަކީ ދޫންޏަށް އުދުހެވުމެވެ. އެއްތަނުން އަނެއްތަނަށް ދޫނި ދަތުރުކުރާ ކުރުމަށް ނިސްބަތްކޮށް އިންސާނުން މިހެން ބުނާއިރު، ހުރިހާ ދޫންޏަކަށް އުދުހުމުގެ ޤާބިލްކަން ލިބިގެނެއްނުވެއެވެ. އުދުހުމުގެ ޤާބިލްކަން ލިބިގެންނުވާ 10 ބާވަތެއްގެ ދޫނި ހުރެއެވެ.
ދޫނިތައް ގިނައިން އުދުހި އުޅެނީ ކާނާ ހޯދުމަށާއި، ދަރިމައިވުމަށް ބޭނުންވާ މާހައުލަކަށް ދަތުރުކުރުމުގެ އިތުރުން ޝިކާރައިން ސަލާމަތްވުމަށެވެ. މި ރިޕޯޓްގައި މިބަލާލަނީ އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވާ ދޫނިތަކާއި ބެހޭ މަޢުލޫމާތުތައް ހިމަނާލުމަށެވެ. ދެން ފަހަރަކުން ދޫންޏެއް ފެނުމުން މިއީ އުދުހެވޭނެ ދޫންޏެއް ނޫންކަން ދެނެގަތުމަށް މީގައި ހިމަނާފައިވާ މަޢުލޫމާތުތަކުގެ ބޭނުން ހިފިދާނެއެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިކަހަލަ ކުދި ކުދި ކަންތައްތަކަކީ ވަރަށް ޝައުޤުވެރިވާނެ ކަންތައްތަކެކެވެ.

ގުރާގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ "ކަކަޕޯ" ބާވަތުގެ ގުރައަކީވެސް އުދުހުމުގެ ގާބިލްކަން ލިބިފައި ނުވާ ގުރައެކެވެ. ބަލާލަން ބަކަމޫނަކާއި ވައްތަރުވި ނަމަވެސް ގުރައެއްގެ ގޮތުގައި ބަލަމުން އަންނަ ކަކަޕޯ އަކީ ދުނިޔޭގައި މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ގުރައެވެ. ނިއުޒިލެންޑުން ފެނުނު 25 ވަރަކަށް އިންޗި ގައިގައި ހުންނަ ކަކަޕޯގެ ބަރުދަނަކީ ހަތަރު ވަރަކަށް ކިލޯއެވެ. ކަކަޕޯއަށް ނުއުދުހެވުނު ނަމަވެސް އެއް ގަހުން އަނެއް ގަހަށް އަރައި ތިރިއަށް ފޭބުމަށް ކޮންމެވެސް ވަރަކަށް ފިޔަގަނޑުގެ ބޭނުން ކުރެވެއެވެ. އާންމު ގޮތެއްގައި ޖަންގަލިތަކުގައި ދިރިއުޅޭ މި ގުރާ ހުންނަނީ ފެހި އަދި ރީނދޫ ކުލައެއްގައެވެ. ބޮޑު ތުނބަކާއި ފަޔެއް އިންނަ މި ގުރާ އެންމެ ވައްތަރީ ބަކަމޫނަކާއެވެ. މިއީ ވަރަށް މަދުން ފެންނަ ގުރައެއްކަމަށްވާއިރު، މިހާތަނަށް 200 ކަކަޕޯ ފެނިފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ.

އެންމެ ބޮޑު ދޫނީގެ ގޮތުގައި ބެލެވޭ އޮސްޓްރިޗް އަކީވެސް އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވާ ދޫންޏެކެވެ. ނަމަވެސް އޮސްޓްރިޗް އަކީ އެންމެ ބާރަށް ދުވާ ދުންޏެވެ. 5 މިނިޓް ތެރޭގައި 70 ކިލޯ މީޓަރަށް ދުވާ އޮސްޓްރިޗް އަކީ ދެފައި ލާފައި ހުންނަ ޖަނަވާރުންގެ ތެރެއިން އެންމެ ބާރަށް ދުވާ ޖަނަވާރުގެ ރެކޯޑު ހޯދާފައިވާ ދޫންޏެކެވެ. އޮސްޓްރިޗް އަށް އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވަނީ އޭގެ ފިޔަގަނޑު ކުޑަވުމާއި ފިޔަގަނޑުގައި އުދުހުމަށް ބޭނުންވާ މިންވަރަށް ވަރު ނުހުންނާތީއެވެ. ކަޅު ކުލައިގައި އޮސްޓްރިޗް ހުންނަ އިރު، އޭގެ ދޫންޏެއްގެ ބަރުދަނަކީ 60 ކިލޯއާއި 150 ކިލޯއާއި ދެމެދުގެ ބަރުދަނެކެވެ. ކޮޅަށް ތެދުވުމުން އިންސާނުންނަށް ވުރެ ދިގުކޮށް ހުންނަ މި ދޫނީގެ ދިގުމިނުގައި އާންމު ގޮތެއްގައި ހުންނަނީ 9 ފޫޓު 2 އިންޗިއެވެ. އޮސްޓްރިޗް ފާހަގަވެގެން ގޮސްފައިވަނީ ޖަނަވާރުންގެ ތެރޭގައި އެންމެބޮޑު ބިސް އަޅާ ޖަނަވާރުގެ ވެސް ގޮތުގައެވެ.

ޕެންގުއިން އަކީވެސް ދޫންޏެއްގެ ގޮތުގައި ބެލެވޭ އެއްޗަކަށްވާއިރު، ޕެންގުއިންވެސް ހިމެނެނީ އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވާ ދޫނީގެ ލިސްޓުގައެވެ. ނަމަވެސް ޕެންގުއިންއަށް ވަނީ ފީނުމުގެ ޤާބިލްކަން ލިބިފައެވެ. އެހެން ދޫނިތަކާއި ޚިލާފަށް ޕެންގުއިންއަކަށް 1،755 ފޫޓު އަޑިއަށް ފީނެވޭއިރު 20 މިނިޓްވަންދެކަށް އޭގެ ނޭވާ ހިފަހައްޓައެވެ. އެންޓާކްޓިކާގައި އެކަނި އުޅޭ އެމްޕެރާ ޕެންގުއިން އަކީ ނުއުދުހެވުނު ނަމަވެސް އައްސޭރިފަށުގައި ދިރިއުޅޭ އެއްޗެކެވެ. ޕެންގުއިން ގިނައިން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަނީ ދަރިމައިވުމަށް ފިނި މޫސުމުގައިކަމަށް ދިރާސާތަކުން ދައްކައެވެ. އެހެން ޖަނަވާރުންނާއި ޚިލާފަށް ޕެންގުއިންގެ ފިރިހެން އަދި އަންހެން ދޫނި ބަހާލައިގެން ބިސް ރައްކާތެރިކޮށް ބަލަހައްޓާ ކުދި ޕެންގުއިންތަކަށް އަމިއްލައަށް ކާނާ ހޯދެންދެން އެއެއްޗެތި ބަލަހައްޓައެވެ. ޕެންގުއިންގެ ބާވަތްތަކުގެ ތެރެއިން އެމްޕެރާ ޕެންގުއިން އަކީ އެންމެ ބޮޑު ޕެންގުއިންއެވެ. 39 އިންޗި ދިގުމިން ހުންނަ މީގެ ޕެންގުއިނެއްގެ ގައިގައި ހުންނަނީ 20 ކިލޯއާއި 40 ކިލޯގެ ބަރުދަނެކެވެ. ކަޅު ކުލައިގައި މޫނެއް ހުންނަ މި ޕެންގުއިންގެ ބަނޑުގައި ހުންނަނީ ހުދު ކުލައެވެ. އަދި ކަރުގައި ރީނދޫ ފަށަލައެއް އިނދެއެވެ.

އުދުހުމުގެ ޤާބިލްކަން ލިބިފައިނުވާ ދޫނިތަކަށް ބަލާއިރު، އަސްދޫނީގެ ބާވަތްތައް ހިމެނެއެވެ. އަސްދޫނީގެ ބާވަތެއްކަމަށްވާ ސްޓީމާ ޑަކްއަށް އުދުހުމުގެ ޤާބިލްކަން ލިބިފައި ނެތަސް ބޮޑެތި ދޫނިތަކުގެ ކިބައިން ސަލާމަތްވުމަށް އަމިއްލައަށް މަސައްކަތްކުރާ އަސްދޫންޏެއްގެ ގޮތުގައި ސްޓީމާ ޑަކް ފާހަގަކުރެވޭއިރު، އެހެން ދޫނިތަކާއި ތަޅާފޮޅާ ވަރަށް އަވަހަށް ރުޅިގަދަވާ ދޫންޏެއްގެ ގޮތުގައި ސްޓީމާ ފާހަގަކުރެއެވެ. އަދި ފެނުގެތެރޭގައި އުޅޭއިރު ފިޔަގަނޑު ތަޅުވައެވެ. ސްޓީމާ ދޫނި ގިނައިން ފެންނަމުން އަންނަނީ ޗިލީ، އާޖެންޓީނާ އަދި ސައުތު އެމެރިކާގެ ބައެއް ހިސާބުތަކުންނެވެ. އަސްދޫނީގެ ނިސްބަތުން ސްޓީމާ ފާހަގަކުރެވެނީ ބޮޑު ދޫންޏެއްގެ ގޮތުގައެވެ. ސްޓީމާ ދޫންޏެއްގެ ގައިގައި 33 އިންޗި ހުންނައިރު ބަރުދަނުގައި 6 ކިލޯ ހުރެއެވެ.

ނިއު ޒިލޭންޑްއިން ފެނިފައިވާ ވެކާ ނުވަތަ ވުޑެން ކިޔާ ދޫންޏަކީވެސް އުދުހުމުގެ ޤާބިލްކަން ލިބިފައިނުވާ ދޫންޏެކެވެ. މިއީވެސް ވަރަށް މަދުން ފެންނަ ދޫނީގެ ބާވަތެއްކަމަށް ރެކޯޑުތަކުން ދައްކައެވެ. ކުޑަ ފިޔަގަނޑެއް އިން ނަމަވެސް މި ދޫނީގެ ފަޔަކީ ވަރަށް ވަރުގަދަ ފަޔެއް އިންނަ ދޫންޏެކެވެ. އަޅި ކުލައާއި ޗޮކްލެޓް ކުލަ އަދި ކަޅު ކުލައެއްގައި ހުންނަ މި ދޫނީގައި ހުންނަނީ 20 ނުވަތަ 24 އިންޗިއެވެ. ބަރުދަނުގައި ގާތްގަނޑަކަށް ހުންނަނީ 1 ކިލޯއެވެ.

ދުނިޔޭގެ ރެކޯޑުން ދައްކާ ގޮތުގައި އެންމެ ނުރައްކާތެރި ދޫނީގެ ގޮތުގައި ބެލެވޭ ކަސޮވަރީ އަކީ ވެސް އުދުހުމުގެ ޤާބިލްކަން ލިބިގެން ނުވާ ދޫންޏެކެވެ. ރުޅިގަދަ އަދި ތޫނު ވަކިތަކެއް ލިބިފައިވާ މި ދޫންޏަކީ އިންސާނުންނަށް ހަމަލަދޭ 2 ބާވަތެއްގެ ދޫނީގެ ތެރެއިން އެއް ބާވަތެކެވެ. 5 ފޫޓާއި 6 ފޫޓާއި ދެމެދުގެ ދިގުމިނެއް ހުންނަ މި ދޫނީގެ ބަރުދަނަކީ ގާތްގަނޑަކަށް 60 ކިލޯއެވެ. ކުޑަ ފިޔަގަނޑެއް އިންނަ މި ދޫނީގެ ބޮލުގައި ރަން ނުވަތަ ނޫ ކުލައިގެ ބައެއް އިނދެއެވެ. މި ދޫންޏަކީވެސް ވަރަށް ބާރަށް ދުވާ ދޫންޏެއްގެ ގޮތުގައި ވަނީ ރެކޯޑު ކުރެވިފައެވެ. ގަޑިއަކު 30 މޭލަށް މި ދޫނި ދުވެއެވެ. ފެތުމާއި ފުންމުމުގެ ހުނަރުވެސް މި ދޫންޏަށް ލިބިގެންވެއެވެ.

ގަލަޕަގޯސް އައިލެންޑްސްއިން ފެނިފައިވާ ކޮރްމޮރެންޓް ދޫންޏަކީވެސް އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވާ ދޫންޏެކެވެ. ގަލަޕަގޯސް އިން ފެނިފައިވާ ކޮރްމޮރެންޓްއަކީ މި ދޫނީގެ ބާވަތުގެ ތެރެއިން އެންމެ ބޮޑު ބާވަތެވެ. އީކުއޭޑޯގެ ބައެއް ރީޖަންތަކުންވެސް މި ދޫނި ފެނިފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. 35 އިންޗިއާއި 39 އިންޗީގެ ދިގުމިނެއް ހުންނަ މި ދޫނީގެ ބަރުދަނުގައި 2 ނުވަތަ 5 ކިލޯއާއި ދެމެދުގެ ބަރުދަނެއް ހުރެއެވެ. ދިގުކޮށް ކޮޅައް ތޫނުކޮށް ތުންގަނޑު އިންނަ މި ދޫނީގެ ގައިގައި ހުންނަނީ ޗޮކްލެޓަކަށްދާ ކަޅު ކުލައެއްގެ ފިޔަގަނޑެކެވެ. ދިރަސާކުރާ ފަރާތްތަކުން ބުނާގޮތުންނަމަ އުދުހުމަށް މީގެ ދޫންޏަށް އޭގައި އިންނަ ފިޔަގަނޑުގެ ނިސްބަތުން ބަލާއިރު ފިޔަގަނޑު 3 ގުނަ އިތުރަށް ބޮޑުވާން ޖެހެއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ދޫނި ކަމަށްވާ އެމޫ އަކީވެސް އުދުހުމުގެ ޤާބިލްކަންލިބިފައިނުވާ ދޫންޏެކެވެ. އޮސްޓްރިއާގައި އެންމެ ފުރަތަމަ އާބާދުވެފައިވާ އެމޫ ބާވަތުގެ ދޫނީގެ ދިގުމިނުގައި 59 އިންޗިއާއި 75 އިންޗި އާއި ދެމެދުގެ ދިގުމިނެއް ހުރެއެވެ. ބަރުދަނުގައި 18 ކިލޯއާއި 50 ކިލޯގެ ބަރުދަނެއް ހުރެއެވެ. އެމޫގެ ދިގު ފައި ބޭނުންކޮށްގެން ގަޑިއަކު 30 މޭލަށް ދަތުރުކުރުމުގެ ޤާބިލްކަން މި ދޫންޏަށް ލިބިގެންވެއެވެ. ޗޮކްލެޓް ކުލައިގައި ހުންނަ މި ދޫނީގެ ގައިގައި ކަޅުކުލަވެސް ހުރެއެވެ.

ދޫނީގެ ތެރެއިން އެންމެ ކުޑަ ދޫނި ތަކުގެ ލިސްޓުގައި ހިމެނޭ ކިވީ އަކީވެސް އުދުހުމުގެ ޤާބިލްކަން ލިބިގެންނުވާ ދޫންޏެކެވެ. ކިވީގެ 5 ބާވަތެއް ހުންނަ އިރު މިއީ ނިއުޒިލޭންޑްގެ ޤައުމީ ދޫންޏެވެ. ކުޑަ ކުޑަ މި ދޫނީގެ ފިޔަތައް ޗޮކްލެޓް އަދި އަޅި ކުލައެއްގައި ހުންނައިރު، މި ދޫނި ކާނާ ހޯދަނީ އޭގެ ނޭފަތަށް ލިބިފައިވާ ވަސް ބެލުމުގެ ހުނަރުންނެވެ. ކިވީގެ ދޫނި އަޅާ ބިހުގައި 1 ޕައުންޑް ހުންނައިރު، މިކަން ބެލެވެނީ ކުދި ދޫނީގެ ނިސްބަތުން އެންމެ ބޮޑެތި ބިސްއަޅާ ދޫންޏެއްގެ ގޮތުގައެވެ. ކިވީ ދޫންޏެއްގެ ދިގުމިނުގައި 14 ނުވަތަ 16 އިންޗި ހުންނަ އިރު ބަރުދަނުގައި ހުންނަނީ 1 ކިލޯއެވެ.

ނިއުޒިލޭންޑްއިން ފެނިފައިވާ ތަކާހޭ އަކީވެސް އުދުހުމުގެ ޤާބިލްކަން ލިބިފައި ނުވާ ދޫންޏެކެވެ. އޮރެންޖު ކުލައިގެ ބޮޑު ތުނބެއް އިންނަ ތަކާހޭ އަކީ ވަރަށް މަދުން ފެންނަ ދޫންޏެކެވެ. 2019 ވަނަ އަހަރާއި ހަމައަށް ތަކާހޭގެ 418 ދޫނި ފެނިފައިވާކަމަށް ރެކޯޑުތަކުން ދައްކައެވެ. 25 އިންޗި ދިގު 4 ކިލޯގެ ބަރުދަނެއް ހުންނަ މި ދޫންޏަކީ ވަރަށް ބާރުގަދަ ދޫންޏެއްކަމަށް ބެލެވެއެވެ. މި ދޫނީގެ ގައިގައި ހުންނަނީ ނޫކުލައެވެ. ޖަންގަލީގައި ދިރިއުޅޭނަމަ މީގެ ދޫންޏެއްގެ އުމުރަކީ 18 އަހަރުކަމަށް ސައިންސްވެރިން ބުނެއެވެ.
ނޯޓް: މައުލޫމާތު އަދި ފޮޓޯ ނަގާފައިވަނީ އޭޒެޑް އެނިމަލްސް