January 19, 2025 08:05
Advertisement

-Advertisement-

އިންޓަނެޓްގެ އަވާގަޖެހި ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވުމުގެކުރިން ވިސްނާ

މިފަހަކަށް އައިސް ދިރިއުޅުމުގެ ގިނަގުނަ ކަންތައްތަކެއް ހާސިލުކުރަން ލާޒިމްވެފައިވަނީ އިންޓަނެޓްގެ ޒަރީޢާއިންނެވެ. އިންޓަނެޓް ނުލިބި 24 ގަޑިއިރު ހޭދަކުރަން ޖެހުނަސް ހަޔާތުން އެގެއްލެނީ ހާދަގިނަ ކަންތައްތަކެއްބާވައޭ ހިތަށް އަރައެވެ. އެންމެ ކުޑަމިނުން ތިމާގެ ސަލާމަތާ ރައްކާތެރިކަމަށް ވިސްނާލިޔަސް އިންޓަނެޓް ކުޅެދޭ ދައުރު ވަރަށްބޮޑެވެ.

އިންޓަނެޓްގެ ސަބަބުން ލިބޭ ފަސޭހަތައް:

މިއަދުގެ ހާލަތަށް ބަލާއިރު ކެއިން ބުއިމާއި، ތަޢުލީމާއި، ކޮވިޑުގެ ނުރައްކާތެރި ބަލިމަޑުކަމާއި، ސިއްޙީ ހާލަތާއި، އިޖްތިމާޢީ ގުޅުންތަކާއި، ދެކެފަރިތަކަމާއި ގާތްތިމާގެކަމާއި އެކިއެކި މުހިންމު ބައްދަލުވުންތަކާއި އެކެއްގެ ފުށުން އަނެކަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައްވެސް މިއަދު ފޯރުކޮށްދޭން މަޖުބޫރުވެފައިވަނީ އިންޓަނެޓްގެ ޒަރީޢާއިންނެވެ. ކޮވިޑުގެ ސަބަބުން ލޮކްޑައުން ވެފައިވާ އެތައްބަޔަކު އަދި ޢާއިލީ ގުޅުންތައް ދަމަހައްޓަން ބޭނުންވާ އެތައްބަޔަކަށް ނަފްސާނީގޮތުންވެސް ލިބޭގެއްލުންތައް ފޫބެއްދުމަށް އޮތް ވަސީލަތަކީވެސް އިންޓަނެޓެވެ. 

Advertisement

ކާބޯތަކެއްޗާއި ވިޔަފާރިއާއި ބަލިވެ ހާލުގައިއޮތް ބަލިމީހާގެ ހާލުބަލާލެވެންވެސް މިއަދު އޮތީ އިންޓަނެޓް މެދުވެރިކޮށެވެ. އެތަކެއް މޭލެއް ދުރުގައިތިބެ އެތައްގިނަ މުހުތާދުތައް ފުއްދަންޖެހި ކިޔެވުމާއި ކިޔަވާދިނުމާއި ދިރިއުޅުމުގެ ތަފާތުކަންތައް ހާސިލުކުރެވެންއޮތީ އިންޓަނެޓްގެ ޒަރީޢާއިން ކަމީ އޭގެ ފަސޭހަކަން ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.

މިސާލަކަށް މީގެ އަހަރުތަކެއް ކުރިން ސިޓީބިޓީ ފޮނުވައިގެންނާ ދަތުރުފަތުރު ކޮށްގެން މެނުވީ ނުފުއްދެން ހުންނަ ބޭނުންތައް މިއަދު ފުއްދައިގެން މިއުޅެނީ އިންޓަނެޓްގެ ޒަރީޢާއިންނެވެ. އަދި ޚާއްސަކޮށް ބަލި ހާލުގައި އޮތް މީހަކަށް ބޭސް ގުޅައެއްވެސް ފޯރުކޮށްދެވެން މިއަދު އޮތީ އިންޓަނެޓް މެދުވެރިކޮށް އޮންލައިންކޮށް ޑޮކްޓަރަށް ދައްކައިގެންނެވެ.

21 ވަނަ ގަރުނުގެ ކުރިން ދިރިއުޅުންއޮތް ހާލަތާއި މިހާރުގެ ހާލަތަށް ބަލާއިރު ދިރިއުޅުމުގެ އެތައްކަމެއް އިންޓަނެޓްގެ ސަބަބުން ފަސޭހަވެގެން ދިޔަނަމަވެސް އިންޓަނެޓްގެ ސަބަބުން ލިބެމުން އަންނަ ބޮޑެތި ގެއްލުންތައް އެބަހުއްޓެވެ.

އިންޓަނެޓްގެ ސަބަބުން ލިބޭ ގެއްލުންތައް:

ނަހަމަގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ވިސްނާލަން ޖެހެއެވެ. އެގޮތުން އާއިލާތައް ރޫޅި ދިރިއުޅުމުގެ އެތައްކަމެއް ބޮއްސުންލައިގެން ގޮސްފައިވަނީ މަދެއްކޮށް ނޫނެވެ. މިސާލަކަށް ދެމަފިރިން، ލޯބިވެރިން، ރައްޓެހިން ނުވަތަ އާއިލާއާއެކު ކޮފީއަކަށް ގޮސް ޚިޔާލު ބަދަލުކޮށްލުމަށް ލިބޭ ވަގުތުކޮޅުގައިވެސް ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނުން ޗެޓުކޮށްލާ ނުވަތަ ވީޑިއޯއެއް ބަލާ ހެދުމުން ކައިރީގައި ތިބި ޖަމާޢަތުގެ އެހެން މީހުންނަށް ދެވޭ ސަމާލުކަން ކުޑަވެގެންދާކަން ފާހަގަކުރެވެއެވެ.

ގުރޫޕަކާއެކު މައިޒާންތަކަށް ޖައްސާލާ ވަގުތުގައިވެސް އެމީހަކާ އެމީހަކު ވަކިން ފޯނުގެ ދުނިޔެއަށް ގެއްލި ގުރޫޕާއި ވަކިވެގެންދާ މަންޒަރަކީ އައު މަންޒަރެއް ނޫނެވެ. ނަތީޖާއަކީ އިންޓަނެޓްގެ އަވައިގައިޖެހި އެކަކު އަނެކަކާ ދެމެދު އޮންނަ ގާތްކަމަށް ބުރޫއަރަމުން ދިއުމެވެ.

އިންޓަނެޓް ނެތް ދުވަސްވަރު ކުޅިވަރުކުޅެލާ މަޖާކޮށްލަން ތުނޑި ތުނޑިމައްޗަށާއި އަތިރިމައްޗަށް ގޮސް އުޅުނު ދުވަސްތައް ގެއްލި، ދަރިފުޅު ރުއްސަން ކާޓޫނު ބަލަން ބައިންދާފައި އެމާހައުލުން މައިންބަފައިން ދުރަށްޖެހިލާވަގުތު ކާޓޫނަށް ގެއްލި ދަރިފުޅުގޮސް އޭގެ އަވައިގައި ޖެހެމުންދެއެވެ. އަދި މީގެ އިތުރަށް އޮންލައިން ގޭމާއި އެކިއެކި ސައިޓުތަކުގެ ސަބަބުން ދަރިންގެ ތަރުބިއްޔަތަށް ނޭދެވޭ އަސަރުކޮށް އިސްލާމީ އުސޫލުތަކާއި ދިވެހި ސަގާފަތާއި ބީރައްޓެހި ކަންކަމަށް ދަރިން ދޯޅަވެ ރީތި އަހުލާގަށް ހުރަސްއެޅި ތަޢުލީމާއި ތަރުބިއްޔަތުގެ ނުރަނގަޅު މަގަށް ދަރިން ގެންގޮސްދޭ ސަބަބަކަށް މިކަންވާއިރު، މިއީ މައިންބަފައިންނާއި ބެލެނިވެރިން ހޭލުންތެރިވެ ދަރިން ހޮޔޮމަގަށް އެޅުވުމަށް ނުހަނު ބޮޑަށް ވިސްނައި ބާރުއަޅަންޖެހޭ ކަންކަމެވެ.

އިންޓަނެޓް ނަހަމަގޮތުގައި ބޭނުންކުރުމުން ތަފާތު މީހުންނާއި ބައްދަލުވެ ބަދުއަޚުލާގީ އަމަލުތަކަށް ޝައުގުވެރިވެ ބައެއްކުދިން "ބްލެކްމެއިލް" ކުރުން ފަދަ ކަންތައްތައް ބައެއްފަހަރަށް ދިމާވެއެވެ. އަދި ބައެއް މީހުން ނަފްސާނީގޮތުން ބަލިކަށިވެ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ހުށަހެޅިގެން ދިއުމަކީވެސް މިމުޖުތަމައުން ފެނިގެންދާ ކަންކަމެވެ.

އިންޓަނެޓްގެ ސަބަބުން ލިބޭ ފަސޭހައާއި ފައިދާ ލިބިގަންނައިރު، އޭގެ ސަބަބުން ލިބޭ ގެއްލުމާއި ހަލާކުގެ މައްޗަށް މާބޮޑަށް ވިސްނައި ހޭއަރަން ޖެހެއެވެ. ނޫންނަމަ މާދަމާގެ ޖީލުތައް ދިވެހިވަންތަ ރިވެތި ސިފަތަކުން މަހުރޫމުވުމަކީ ނުވާނެ ކަމެއްކަމަށް ބަލާކަށް ނުވާނެއެވެ. މިއީ ކޮންމެހެން ވިސްނަންޖެހޭ ކަންކަމެވެ.

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް