November 22, 2024 17:43
Advertisement

-Advertisement-

ދެއަތް ނެތަސް ހެދުން ފެހުމުގެ މަސައްކަތުގަ އެންމެ ކުރީގައި

ބައެއް މީހުންނަކީ ދުނިޔެއަށް އުފަންވާއިރު ނުކުޅެދުންތެރިކަން ހުއްޓަސް ދިރިއުޅުމުގައި ކެތްތެރިކަމާއި ސާބިތުކަމުގެ ނަމޫނާ ދައްކަމުންދާ ބައެކެވެ. ދުނިޔޭގައި އުޅޭއިރު އެކި މީހުންނަށް ލައްވާނީ އެކި ރަހުމަތެވެ. އެކި ހުނަރެވެ. ލިބިފަހުރި ނިޢުމަތަށް ޝުކުރުވެރިވާ މީހުން މަދެއް ނޫނެވެ. މިގޮތުން އިންޑިއާގެ ހަރިޔާނާއަށް އުފަން އުމުރުން 47 އަހަރުގެ 'މަޑަން ލަލް' އަކީ އުފަންވިއިރުވެސް ދެއަތް ނެތް މީހެކެވެ. އޭނާ އުފަންވީންސުރެ މިއަދާ ހަމައަށް ކަޑައްތުކުރަމުން ދިޔަ މަރްހަލާ ތަކަކީ ވިސްނާ ފިކުރުކޮށްފި މީހަކަށް އިބްރަތަކަށް ވާނެއެވެ.

ކުޑައިރުއްސުރެ އެކި ކަންކަމުން މަހްރޫމުވާން ޖެހިފައިވަނީ އޭނާގެ ދެއަތް ނެތުމުންނެވެ. މީހުންގެ ތެރޭގައި ބާކީ ކުރުމާއި، މީހުން އޭނާ ބަލައި ނުގަންނަނީ އޭނާއަކީ އެއްވެސް އަގެއްނެތް މީހެއް ކަމުގައި ބައެއް މީހުން ދެކޭތީއެވެ. ދިރިއުޅުމުގައި ހުރިހާ ކަމެއްގައިވެސް ހިތްވަރުކޮށް އަމިއްލަ ބޭނުންތައް ފުއްދައިގެން އަމިއްލަ ކަންކަންކޮށް އުޅުނީ އޭނާގެ ދެފައިގެ އެހީގައެވެ. އަތް ނެތުމުގެ ސަބަބުން އަތުން ކުރެވޭ އެއްވެސް ކަމެއް ނުކުރެވިފައި ހުންނަން ނުޖެހެނީ އޭނާގެ ކުޅަދާނަކަމާއި ހުނަރުވެރި ކަމުންނެވެ.

ދެފައި ބޭނުންކޮށްގެން އެދައްކާލާ ހުނަރުން އަންތަރީސްވާހާ ކުޅަދާނައެވެ. ކެއުމާއި ބުއިން، ފެންވެރުން، ދަތް އުނގުޅުންވިޔަސް އޭނާ ކުރަނީ އަމިއްލައަށެވެ. ކުޑައިރު ބޭނުންވާ ކާއެއްޗިއްސާއި އެހެނިހެން ޚަރަދުތައް ކޮށްދީ އުޅުނީ މާމަ އާއި ކާފައެވެ.

Advertisement

އޭނާ ބުނާ ގޮތުގައި އޭރުގައި އެހާބޮޑު ފަރުވާލެއް ނުބެހެއްޓިއަސް ފަހުން ސްކޫލަށް ވަންނަންއުޅެ އެފުރުސަތު ނުލިބުނީ އޭނާގެ ހުރި ނުކުޅެދުންތެރިކަމުންނެވެ. ވަރަށްގިނަ ސްކޫލުތަކުން ޖާގަ ހޯދަން މަސައްކަތް ކުރިނަމަވެސް، އެކަންވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. މިހުރިހާ ކަމަކާހުރެ އޭނާ ވިސްނީ ކޮންމެވެސް ދުވަހަކުން އޭނާގެ އެ ނުކުޅެދުންތެރިކަން ހުރި ކަމުގައިވިޔަސް މީހުން ގަދަރުކުރާ އަދި ދިރިއުޅުމުގައި މީހުން ބަލައިގަންނަ މީހަކަށް ވާށެވެ. އެދުވަހުން ފެށިގެން އުންމީދު ކަނޑާނުލާ ދިރިއުޅުމައިގެން ކުރިއަށްދިއުމަށް އަޒުމް ކަނޑައެޅިއެވެ.

އާއިލާގައި އެހާ ތަނަވަސްކަން ނެތުމުގެ ސަބަބުން މާބޮޑު ތަޢުލީމެއް ނުލިބި ދިރިއުޅުމުގައި ކުރާނެ ކަމަކާމެދު ވިސްނުމުން އޭނާގެ ޚިޔާލަށް އައީ ފަހަން ދަސްކުރާށެވެ. ނަމަވެސް އެކަން އެއީ އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އުމުރުން 23 އަހަރުގައި ފަހަން ދަސްކުރާ ކޯހެއް ހެދުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެކަން ދަސްކޮށްދޭނެ ރަނގަޅު މޮޅު މީހެއް ހޯދުންވީ ވަރަށް އުދަގޫ ކަމަކަށެވެ.

ފަހަން ދަސްކުރުމުގެ ބޭނުމުގައި ފަހަން ދަސްކޮށްދޭ މީހުން ކައިރިއަށް ދިއުމުން "ކަލޭ ކިހިނެއްހޭ ފަހާނީ، ކަލެއަކީ ދެއަތް ނެތް މީހެއް ނޫންހޭ، ކަލޭ ފަހާފޮށި އަނބުރާނީވެސް ކިހިނެއްހޭ" މިހެން ކިޔައި މަލާމާތްކޮށް ހީ ހަދާފައި ކޮންމެ މީހަކުވެސް އޭނާ ފޮނުވާލަނީއެވެ. އެވަރުންވެސް ލަލްގެ ހިތްވަރު ދޫނުކޮށް އެވަރުގަދަ އަޒުމައިގެން ކުރިއަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. މިފަހަރު އޭނާގެ ވިސްނުމަށް އައީ އިންޑިއާގެ އެހެން ހިސާބަކަށް ދިއުމަށެވެ.

ލަލް އޭނާ ކައިރިއަށް ހެދުން ފަހަން ދިޔަ މީހެއްގެ މިން ނަގަނީ

އޭނާގެ މިސްރާބު ބެހެއްޓީ "ފެޓްހަބަދު" ކިޔާ އެހެން ސަރަހައްދަކަށެވެ. މިފަހަރުވެސް ފަހަން ދަސްކޮށްދޭ މީހެއް ކައިރިއަށް ދިއުމުން ވެސް ލިބުނީ އެއް ޖަވާބެކެވެ. "ކަލެއަކީ ދެއަތް ނެތް މީހެއްނު. ކަލޭ ކިހިނެއް ފަހަން ދަސްކުރާނީ؟" އަދިވެސް އޭނާގެ ހިތްވަރާއި އަޒުމަކަށް ގުޑުމެއް ނާރައެވެ. ނުގުޑާފަދަ އެއަޒުމުގައި ހުރެ އަނެއްކާވެސް އޭނާއާއި މުޚާތަބުކޮށް ވާހަކަދެއްކިއެވެ. "އަހަރެންނަށް މިކަމުގައި ހަމަ އެންމެ ފުރުސަތެއް ދެއްވާ"! މިހެން ބުނެލިއެވެ. ނަސީބު ދިމާކުރިގޮތުން މިފަހަރު އޭނާއަށް މިފުރުސަތު ލިބުނެވެ. ބަރާބަރު 10 ދުވަހާއި 15 ދުވަހުގެ ތެރޭގައި ފަހަން ދަސްކޮށްދިން ޓީޗަރުގެ ފަރާތުން އަޑު އިވުނީ ވަރަށް އުފާވެރި ޖުމްލައެކެވެ. އެއީ އޭނާއަށް ވަރަށް ކުޅަދާނަ ފެހުންތެރިއަކަށް ވެވިދާނެކަމުގެ ފެހި ސިގްނަލެވެ.  

ބަރާބަރު އަހަރެއްގެ ތެރޭގައި ފެހުމުގެ އެންމެ އުހަށްގޮސް އަމިއްލަ ވިލެޖުގައި އަމިއްލަ ފަހާތަނެއް ހުޅުވުމުގެ ގާބިލުކަން ލަލްއަށް ލިބުނެވެ. އެދުވަސް ވެގެންދިޔައީ އޭނާގެ މާޒީގައި އުޅެންޖެހުނު ހިތްދަތި ދުވަސްތައް ހިތުންފިލާ އުފާވެރި ހިތްހަމަޖެހުމެއް ލިބުނު ދުވަހަކަށެވެ. އެދުވަހު އޭނާއަށް ސަނާ ދަންނަވާނެ މީހުންނާއި ރައްޓެހިންވެސް ލިބެމުން ދިޔައެވެ. އެހެންނަމަވެސް އަދިވެސް އޭނާއަށް މަލާމާތްކުރާ ބަޔަކު ވިލެޖުގައި އުޅެއެވެ.

އޭނާއަކީ ފައިން ފަހާ މީހެކޭ ކިޔާ މަލާމާތްކޮށް އަދި އޭނާ ތިމަންނަމެންގެ ހެދުން ހަލާކުކޮށްލަފާނެޔޭ ކިޔާ މަލާމާތްކޮށް ހަދައެވެ. އެކަހަލަ ޖުމްލަތަކުންވެސް އޭނާ ހޯދީ ހިތްވަރެވެ. ފާޑު ކިޔުންތެރިންނަކީ އުޅޭނެ ބައެއްކަން ދަނެގެން ކުރިއަށްދާން ފެށިއެވެ.

ފެހުމުގެ މަސައްކަތުގައި ލަލް

އުމުރުން 50 އަހަރުގެ ލަލް އަކީ އިންޑިއާގެ އެކުޑަކުޑަ ވިލެޖުގައި ވިދާލާ ނަން މަޝްހޫރު ފެހުންތެރިއަކަށް މިހާރުވަނީ ވެފައެވެ. އޭނާއަކީ އެވިލެޖުގެ ހީރޯއެއް ކަމަށް ދެކިގެން އެންމެން އުޅެން ފަށައިފިއެވެ.  މުޅި ވިލެޖުގެ އެންމެންކަހަލަ ގޮތަކަށް އޭނާ ކައިރިއަށް ފަހަން އާދެއެވެ. އޭނާގެ ފައި ބޭނުންކޮށްގެން މިންނަގާލައިގެން ފޮތިގަނޑު ކަނޑާލާ މަންޒަރާއި ފަހާފޮށީގެ ތިނޯހަށް ރޮދިލައްވާތަން ފެނިފައިވެސް އާޝޯހްވާ މީހުންވެސް މަދެއް ނޫނެވެ. އޭނާގެ އެހުނަރު އެހާވެސް ފުރިހަމަވެފައި މޮޅެވެ. އޭނާ ބުނާގޮތުގައި އޭނާގެ ދިރިއުޅުމުގެ ހުރިހާވެސް އެއްޗަކީ އޭނާގެ ދެފައެވެ. އެކަމަށްޓަކައި އޭނާ ޝުކުރުވެރިވެއެވެ.

ތިރީގައި މިވަނީ ޔޫޓިއުބުގައި ހިއްސާކޮށްފައިވާ ލަލްއާއި ގުޅޭ ވީޑިއޯއެކެވެ.

 

މައުލޫމާތު:ޑެއިލީ މެއިލް، ދަބެޓަރ އިންޑިއަރ ޑޮޓްކޮމް. ޔޫޓިއުބް

ފޮޓޯ: ޑެއިލީ މެއިލް. އިންސްޓަރގްރާމް

+1
2
+1
1
+1
10
+1
1
+1
14
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް