November 22, 2024 17:12
Advertisement

-Advertisement-

މޭކަޕްކުރަން ގެންގުޅޭ ސާމާނު ސާފުކުރުމުގައި ސަމާލުވާންވީ ކަންތައް

މޭކަޕްކުރަން ގެންގުޅޭ ސާމާނަކީ މޫނުގެ ނާޒުކު ހަމުގައި ކޮންމެ ދުވަހަކުހެން ބައެއް މީހުން ބޭނުންކުރާ އެއްޗެކެވެ. ގިނަ މީހުންނަކީ ވަގުތު ނުވެގެން ނުވަތަ ކަންފަސޭހައަށް އެތަކެތި ސާފުނުކޮށް ހުންނަ މީހުންނެވެ. ގިނަފަހަރަށް ބަލާނީ ރީތިކޮށް ތިމާގެ މޫނު ހުރިތޯއެވެ. ގެންގުޅޭ އެއްޗެހި ހުރިގޮތް ބަލާލާއިރު އޭގައި އެތަކެއް ޖަރާސީމެއް ހުރެއެވެ. އެއްފަހަރު ބޭނުންކުރުމަށްފަހު ދެވަނަ ދުވަހެއްގައި ބޭނުންކުރަންވާނީ ރީއްޗަށް ސާފުކޮށްގެންނެވެ. ނޫންނަމަ ހަންގަނޑަށް އޭގެ ނުރަނގަޅު އަސަރުތައް ކުރެއެވެ. ފައުންޑޭޝަން ހާކަން ގެންގުޅޭ ސްޕޮންޖުގައި ވަރަށް އަވަހަށް ޖަރާސީމު އަށަގަނެއެވެ. މިކަންކަމަކީ ފަރުވާކުޑަނުކޮށް ހަންގަނޑު ހަލާކުވުމުގެ ކުރިން ސަމާލުވެ ވިސްނާލަންޖެހޭ ކަމެކެވެ.

މޭކަޕް ސާމާނު ސާފުކުރަން ޖެހެނީ ކިހާ އަވަހަކަށް؟

ހަމައެކަނި ތިމާގެ އަމިއްލަ މޫނުގައި ބޭނުންކުރާނަމަ އެތަކެތި މަދުވެގެން ހަފްތާއަކު ދެފަހަރު ސާފު ކުރުމަކީ އެދެވިގެންވާ ކަމެއްކަމުގައި މާހިރުން ވިދާޅުވެއެވެ. ތިމާގެ ހަންގަނޑަކީ ނާޒުކު ހަންގަނޑެއްނަމަ ނުވަތަ މާބޮޑަށް އޮށާޅަ ނަގާ ހަލާކުވެފައިވާ ހަންގަނޑެއްނަމަ ކޮންމެ ދުވަހަކު އެތަކެތި ސާފު ކުރަންޖެހެއެވެ. މިގޮތުންވެސް ބައެއްކަހަލަ ބުރުސްތަކަކީ ކޮންމެ ދުވަހަކު ސާފުކުރަންޖެހޭ ބުރުހެވެ. އޭގެ ތެރެއިން "ބްލަޝް" ކުރަން ގެންގުޅޭ ބުރުހަކީ ކޮންމެ ދުވަހަކު ތަފާތު ކުލައެއް ބޭނުންކުރާނަމަ ސާފު ކުރަންޖެހޭ ބުރުހެކެވެ.

Advertisement

ތުންފަތުގައި ބޭނުންކުރާ ފިއްސަކީ ބޭނުންކުރާ ކޮންމެ ފަހަރަކު ސާފު ކުރަންޖެހޭ އެއްޗެކެވެ. މިފިހި ސާފު ކުރަންޖެހެނީ "އޮއިލީ އައި މޭކަޕް ރިމޫވާ" އިންނެވެ. އެއީ ތުންފަތުގައި އެކި ފަހަރު ބޭނުންކުރާނީ އެކިކަހަލަ ކުލައަށްވާތީއެވެ.

މޭކަޕް ކުރަން ގެންގުޅޭ ބުރުސްފަދަ ތަކެތި ސާފުކުރަން އެންމެ ރައްކާތެރީ ކޮންގޮތެއް؟

ރަނގަޅު ކޮލިޓީ "ޑިޝް ސޯޕް" އެއް ހޯދުމަށްފަހު "އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް" ކޮޅަކާ އެއްކޮށްލާށެވެ. އެއަށްފަހު ބުރުސް ކުޑަކޮށް ތެންމާލާށެވެ. ތެންމާލުމަށްފަހު ދެބާވަތް އެއްކޮށްލާފައި ރަނގަޅަށް ސާފުވަންދެން ދޮންނާށެވެ. އެއަށްފަހު ތިރިއަށް ވާގޮތަށް ސިންކާ ދިމާކޮށް ދޮވެލާށެވެ. ބުރުސް މައްޗަށް ވާގޮތަށް ބަހައްޓައިގެން ސާފު ކުރާނަމަ ބުރުހުގައި ހިފަހައްޓަން އިންނަ ބަޔަށް ފެން އެޅި ހަލާކުވުމުގެ ފުރުސަތު އަވަސް ވާނެއެވެ. އޮލިވް އޮއިލް ބޭނުންކޮށްގެން ދޮވުމުން ބުރުހުގައި ހުންނަ "މޮއިސްޗަރ" ހިފަހައްޓައިދެއެވެ. ދޮވެ ނިންމުމަށްފަހު ބުރުހުގައި ހުންނަ އިސްތަށިތައް އެހުންނަ ބައްޓަމަށް ގެނައުމަށް އަތުން އެއްވަރުކުރުމަކީވެސް ބުރުސް ހަލާކުނުވެ ގިނަދުވަހު ގެންގުޅެވިދާނެ ގޮތެކެވެ. ދޮވެލުމަށްފަހު ފެން ހިއްކުމަށް ހުދު ތުވާޔެއްގެ މަތީގައި ބަހައްޓާށެވެ. އެއަށްފަހު ހިކުމުން އިހު ހުރި ރީތި ކަމާއި ސާފުކަން ގެނެސްދެއެވެ.

ފައުންޑޭޝަން ހޭކުމަށް ބޭނުން ކުރާ ސްޕޮންޖް ސާފުކުރަން އެންމެ ފަސޭހަގޮތް

ފައުންޑޭޝަން ހޭކުމަށް ގެންގުޅޭ ސްޕޮންޖަކީ ސާފުކުރަން އެންމެ އުދަގޫ އެކައްޗެކެވެ. މިކަމަށް އެންމެ ފަސޭހަގޮތަކީ ބިއްލޫރި ތައްޓަކަށް ފެންއެޅުމަށްފަހު 1 ސަމުސާގެ "ޑިޝް ސޯޕް" އެޅުމަށްފަހު 1 ސަމުސާގެ ހުދު ވިނިގަރ އަޅާލާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ސްޕޮންޖްކޮޅު އޭގެތެރެއަށް ލުމަށްފަހު ދޮވެލާށެވެ. މިގޮތަށް ސާފުކުރުމުން ސްޕޮންޖުގައި ހަރުލާފައި ހުންނަ ފައުންޑޭޝަން ސާފުވެގެން ދެއެވެ.

އެންމެ އަވަހަށް ބުރުސްފަދަ ތަކެތި ހިކޭނީ ކިހިނެއް

އެންމެ ފަސޭހައިން ބުރުސް އަދި ގެންގުޅޭ ސްޕޮންޖް ހިއްކަން ބޭނުމިއްޔާ މޭޒުގެ ކަނަށް ވާގޮތަށް ބުރުހުގެ ކޮޅު ބޭރަށް ބާއްވާށެވެ. އޭރުން ދައުރުވަމުންދާ ވައިން ވަރަށް އަވަހަށް ހިކޭނެއެވެ. ނުވަތަ ހިއްކަން އަޅުވާ ހަރުގަނޑެއްގައި ބުރުހުގެ ކޮޅު ތިރިއަށްވާގޮތަށް އެލުވާލާފައި ރަބަރަކުން ނުވަތަ ބޮލުގައި އައްސާ ވޫލުކޮޅަކުން އައްސާލުމަށްފަހު ބަހައްޓާށެވެ.

މޭކަޕްކުރަން ގެންގުޅޭ އެއްޗެހި އެހެންމީހުންގެ މޫނުގައި ހޭކުމަކީ ރައްކާތެރި ކަމެއް؟

ސިއްޙީ މާހިރުން ވިދާޅުވާގޮތުގައި މޭކަޕް ކުރަން ގެންގުޅޭ އެއްޗިއްސަކީ އެކަކު މޫނުގައި ހޭކުމަށްފަހު ދޮވެ ސާފު ކުރަންޖެހޭ އެއްޗިއްސެވެ. އަދި ތިމާ ބޭނުންކުރާ މޭކަޕްސާމާނު އެހެން މީހުން ބޭނުންކުރަން ދިނުމަކީ އެހާ ރައްކާތެރި ކަމެއް ނޫނެވެ. މިކަމުގެ ސަބަބުން އެކި މީހުންގެ ހަމުގައި ހުންނަ ޖަރާސީމު އަނެއްމީހާގެ ހަންގަނޑަށް ވަދެއެވެ. މިކަމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމުގައި ސިއްޙީ މާހިރުން ވިދާޅުވެއެވެ. ޚާއްސަކޮށް ލިޕްސްޓިކް ފަދަ އައިލައިނަރ ފަދަ ތަކެއްޗަކީ އެއްގޮތަކަށްވެސް އަނެއްމީހާ ބޭނުންކުރަން ދިނުން ރަނގަޅުއެއްޗެއް ނޫނެވެ. މިކަން ރައްކާތެރި ކަމަކަށް ނުވާ ސަބަބަކަށް ވާތީ، ޓެސްޓަރ ބޭނުންކުރަން ހުންނަ ފިހާރަ ތަކުގައިވެސް އެއްފަހަރު ބޭނުންކޮށްފައި އެއްލާލުމަށް ހުންނަ ފިހިފަދަ ތަކެތި ބަހައްޓާފައި ހުންނަނީ މިސަބަބަށްޓަކައެވެ. ސިއްހީ ހޯދުންތަކުން ދައްކާގޮތުގައި އެކަކު ބޭނުންކުރާ ސާމާނު އަނެކަކު ބޭނުންކުރާނަމަ، އެކަކު ގައިން އަނެކެއްގެ ގަޔަށް ބަލިއެރުން ފަދަ ކަންކަންވެސް ދިމާވެފައި އެބަހުއްޓެވެ.

ގިނަ ދުވަހު ބޭނުންކޮށްފައި ހުންނަ މޭކަޕް ސާމާނު ގެންގުޅުން ރައްކާތެރިތަ؟

ބައެއް މީހުންނަށް ހީވެފައި އޮންނަނީ މޭކަޕްކުރާ ސާމާނު ހުސްނުވާނަމަ އެއެއްޗެހި ބޭނުންކުރުން އެއީ މައްސަލައެއް ނޫން ކަމަށެވެ. އެއީ ކުށްހީއެކެވެ. އެއީ ވަރަށްބޮޑު މައްސަލައެކެވެ. ކޮންމެ އެއްޗެއްގައިވެސް މުއްދަތެއް އޮވެއެވެ. މޭކަޕްގެ ބައެއް ސާމާނަކީ އަވަހަށް ބަދަލުކުރަންޖެހޭ ތަކެއްޗެވެ. މިގޮތުން އައިލައިނަރ އަދި މަސްކަރާ ފަދަ ލޮލުގައި އުނގުޅާ މޭކަޕްސާމާނަކީ ވަރަށް އަވަސް އަވަހަށް ބަދަލުކުރަންޖެހޭ އެއްޗިއްސެވެ. ނޫންނަމަ ލޮލުގައި އިންފެކްޝަން އުފެދުން ފަދަ ކަންކަން ދިމާވެދާނެއެވެ.

މޫނުގައި މޭކަޕްފަދަ ތަކެތި ހޭކުމަށްފަހު ރަނގަޅަށް ސާފުކުރަންތަ؟

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފައުންޑޭޝަން އުނގުޅުމަށްފަހު ސާފުކުރުމަށް މޫނުގައިލާ ސައިބޯނި ފަދަ ތަކެތިން ސާފުކުރުމުން އެނިމުނީ ކަމަށެވެ. އަސްލު ހަގީގަތުގައި "މޭކަޕްރިމޫވަރ" ބޭނުންކޮށްގެން ރަނގަޅަށް މޭކަޕް ސާފު ނުކުރާނަމަ މޫނުގެ ހަންގަނޑު ހަލާކުވުމަށް މަގުފަހިވެގެންދެއެވެ.

މޭކަޕްކުރަން ގެންގުޅޭ އެއްޗެހި ސާފުކޮށް ރައްކާތެރިކޮށް ބެހެއްޓުމަށް ސަމާލުކަންދިނުމަކީ ތިމާގެ އަމިއްލަ ސިއްހަތަށް ބަލައިގެން އުޅުންފަދަ މުހިންމު ކަމެކެވެ.

 

މައުލޫމާތު: ހެލްތް ޑޮޓް ހައުސްޓަފްވާކްސް. ގުޑް ހައުސްކީންގ ޑޮޓްކޮމް. ދަޕްރޯ ހައިޖިނިކްކަލެކްޝަން

+1
1
+1
2
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް