ޕެޓްރޯލް އެޅުމަށްޓަކައި ޕެޓްރޯލްޝެޑަށް ދާއިރު އަވަސްއަރުވާލާފައި ދަނީ ވަރަށް ކަންފަސޭހަ ގޮތަކަށެވެ. އެކަމުގެ ނުރައްކަލާއި ހިތާމައަށް ވިސްނާލަނީ ކިތަށް މީހުންތޯއެވެ. ތަނަކަށްދާން ޖެހިއްޖެނަމަ އަބަދުވެސް އޮންނަނީ ވަގުތު ކުޑަތަންވެފައެވެ. ގަޑިޖެހޭތީ އަވަހަށްދަމުން ޕެޓްރޯލް ޝެޑަކަށް މަޑުކުރާ މީހުންވެސް މަދެއްނޫނެވެ. ސައިކަލް ނުވަތަ ކާރަކަށް ޕެޓްރޯލް އަޅާނަމަ ވިސްނަންޖެހޭ ވަރަށް ގިނަކަންކަން ހުރެއެވެ. ކުރެވޭ ކުޑަކުޑަ ކަމަކުން ފުރާނައަށް ނުރައްކާވެދާނެ ކަމެއްވެސް ދިމާވެދާނެއެވެ. އެހެންވުމުގެ ކުރިން ވިސްނާލާށެވެ.
ޕެޓްރޯލް އެޅުމުގެ ކުރިން ކާރުގެ ނުވަތަ ސައިކަލުގެ އިންޖީނު ނިއްވާލުން
ޕެޓްރޯލް ޝެޑަކަށް ގޮސް ޕެޓްރޯލް އެޅުމުގެ ކުރިން ވެހިކަލުގެ އިންޖީނު ނިއްވާލެވުނުތޯ ޔަގީން ކުރަންވާނެއެވެ. ކޮންމެފަހަރަކު ކަމެއް ދިމާނުވެދާނެއެވެ. މިކަމަކީ ވަރަށް އާދައިގެ ކަމެއްގެގޮތުގައި ދެކި އެކަމަށް ސަމާލުކަން ނުދެވޭ ފަހަރުވެސް އާދެއެވެ. އިންޖީނު ޖައްސާފައި ހުންނަ ގަޑިއެއްގައި ޕެޓްރޯލް ބޭރަށްއެޅި އަލިފާން ހިފާގޮތް ދިމާވެދާނެއެވެ. ކާރެއްގައި ނަމަ އިންޖީނު ނިއްވާނުލާ އިންދާ ކުޑަކުއްޖަކު ކާރުތެރޭގައި އިންނަމަ ގިއަރ އަށް ފިތާލެވިގެން ކާރު އެކްސިޑެންޓް ވުންވެސް އެކަށީގެންވެއެވެ. ކާރު ނިއްވާނުލާ ހުއްޓާ ވަގެއް އައިސް ކާރު ގެންގޮސްވެސް ދާނެއެވެ. މިއީ މަދުންނަމަވެސް ބޭރު ގައުމުތަކުގައި ހިނގާފައިވާ ކަންކަމެވެ.
ޕެޓްރޯލް ސްޓޭޝަނުގައި ސިގިރެޓް ބުއިން ނުވަތަ ލައިޓަރ ގެންގުޅުން ރައްކާތެރިއެއް ނޫން
ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ އެކަމަށް ބޭނުންކުރާ ލައިޓަރ ފަދަ އެއްޗެހި ބޭނުން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ ޕެޓްރޯލް ގެންގުޅޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރަށްޓަކައެވެ. ބައެއްފަހަރު ޕެޓްރޯލް އަޅާތަނެއްގައި ވެހިކަލް ޕާކްކޮށްފައި އޮންނަ ގަޑީގައިވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ފެނެއެވެ. އެކަމަކީވެސް ހަމަ މިބުނިކަހަލަ އަލިފާނުގެ ހާދިސާ ހިނގަން ދިމާވެދާނެ މައްސަލައެކެވެ.
މޮބައިލް ފޯނު ނުގެންގުޅުން
ޕެޓްރޯލް ސްޓޭޝަނަކަށް ދާނަމަ އެންމެ ބުއްދިވެރީ ފޯނު ނިއްވާލުމެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ޕެޓްރޯލް ސްޓޭޝަނުގައި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ފޯނު ގެންގުޅުމުގެ ސަބަބުންނެވެ. ޕެޓްރޯލް ޝެޑުގައި ހުއްޓާ ފޯނެއް އަތުވެއްޖެނަމަ ފޯނަށް ޖަވާބު ނުދީ ބަހައްޓާށެވެ. މިކަމުގެ ސަބަބުން ދެން ދިމާވެދާނެ ކަންތައް ނުރައްކާވެދާނެތީއެވެ.
ވެހިކަލްގެ ދޮރު ލައްޕާފައި ބެހެއްޓުން
ޕެޓްރޯލް ޝެޑަކަށް ގޮސް ޕެޓްރޯލް އެޅުމުގެކުރިން ކާރު ނުވަތަ އެހެން ވެހިކަލެއް ނަމަވެސް ދޮރު ލެއްޕުމަށް އާދަކުރާށެވެ. ބައެއްފަހަރު ކުޑަކުއްޖަކު އެތެރޭގައި އިންނަނަމަ ނުދަންނަ މީހެއްގެ ފަރާތުން ގެއްލުމެއް ދިމާވުންވެސް އެކަށީގެންވެއެވެ. އަދި ބައެއްފަހަރު ކާރުގައި އެއްޗެހި ބަހައްޓާފައި ހުއްޓާ ވަގަކު އައިސް އެއެއްޗެހި ނަގާފާނެތީއެވެ.
ސްޓެޓިކް އިލެކްޓްރިކުގެ ސަބަބުން ކަރަންޓް އައުން
ބައެއްފަހަރު ޕެޓްރޯލް އެޅުމުގައި ޕެޓްރޯލް އަޅާ ދިމާލުގައި އަތްލުމުން ކަރަންޓް އަންނަހެން ހީވެދާނެއެވެ. މެޓަލްއިން ހަދާފައި އިންނަ ބައިގައި އަތްހޭކުމުން ކަރަންޓް ޝޮކް އަންނަގޮތް ދިމާވެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވެދާނެއެވެ.
ޕެޓްރޯލް އެޅުމުގައި ކުޑަކުދިން ޝާމިލް ނުކުރުން
ޕެޓްރޯލް އަޅަންގޮސް ކުޑަކުދިން ލައްވާ ޕެޓްރޯލް އެޅުވުމުގެ ބަދަލުގައި ބޮޑު މީހަކު އެކަން ކުރާށެވެ. އުމުރުން 16 އަހަރު ނުވާނަމަ އެއްގޮތަކަށްވެސް މިކަމާ ކައިރި ނުކުރުވާށެވެ.