ބަދިގޭގައި ގެންގުޅޭ ތަކެއްޗަކީ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ތަކެއްޗަށްވާއިރު، އައިސްއަލަމާރިއަކީވެސް ވަރަށް ސާފުކޮށް ބަހައްޓަންޖެހޭއެއްޗެކެވެ. ކާއެއްޗެހި ގިނަދުވަހު އައިސްއަލަމާރީގައި ބެހެއްޓުމުގެ ސަބަބުން ތަޣައްޔަރުވެގެން ވަސްހިފާގޮތްވެއެވެ. މިކަންކަމަކީ ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭ ކަމެކެވެ. 2 ދުވަހަށްވުރެ ގިނަދުވަހު އައިސްއަލަމާރީގައި ކާއެއްޗެހި ރައްކާކޮށްފައި ބެހެއްޓުމަކީ ސިއްހީގޮތުން ބަލާއިރުވެސް ގެއްލުންހުރި ކަމެކެވެ. ގިނަމީހުން ކަންބޮޑުވާ އެއްކަމަކީ އައިސްއަލަމާރީގައި ހިފާފައި ހުންނަ ވަހެވެ. އައިސްއަލަމާރި ހުޅުވާލާއިރު ދުވާވަހުން އޭގައި ހުންނަ ފެންވެސް ބޯހިތް ނުވާފަހަރު އާދެއެވެ. ބައެއްފަހަރަށް މިކަހަލަ ވަސް ހިފަން މެދުވެރިވާ ސަބަބުތަކަކީ ކަރަންޓްކެނޑި ގިނައިރުވުމާއި، ކިރުކަހަލަ ވަސްހުންނަ އެއްޗެހި އެޅުމުން ނުވަތަ ގިނައިރު ކާއެއްޗެހި ބެހެއްޓުން ކަހަލަ ކަންކަމެވެ. އައިސްއަލަމާރީގައި ދުވާވަސް ކެނޑުވުމަށް ގޭގައި ކުރެވިދާނެ ކަންތައްތައް މިލިޔުމުގައި ހިމަނާލާނަމެވެ.
ބޭކިން ސޮޑާ
ބޮޑު ބޯތައްޓެއް ކަހަލަ އެއްޗަކަށް ބޭކިން ސޮޑާ އެޅުމަށްފަހު އައިސްއަލަމާރިތެރޭގައި ބަހައްޓާށެވެ. މިގޮތަށް އެއްދުވަސްވަންދެން ނުވަތަ އެއްރޭވަންދެން ބަހައްޓާށެވެ. މިގޮތަށް ބެހެއްޓުމުން އެހުންނަ ވަސް ކެނޑިގެންދެއެވެ.
ވިނެގަރ
ވިނެގަރ އަކީ އޭގެ ޒާތުގައި ނުބައިވަސްތައް ދުއްވާލުމަށް ބޭނުންކުރެވޭ ވަރަށް ބާރުގަދަ ވަހެއް ހުންނައެއްޗެކެވެ. ބޯތައްޓަކަށް ވިނެގަރ އަޅާލުމަށްފަހު ނުހުޅުވާ 3 ގަނޑިއިރުވަރު ބަހައްޓާށެވެ. މިއީވެސް ވަސް ކެނޑުމަށް ހައްލު ލިބިގެންދާނެ ގޮތެކެވެ.
އޯޓްމީލް
އެލްމިނިއަމް ތައްޓަކަށް އޯޓްމީލް އެޅުމަށްފަހު އައިސްއަލަމާރީގައި ބަހައްޓާށެވެ. އެއަށްފަހު ދޮރު ނުހުޅުވައި 3 ނުވަތަ 4 ގަޑިއިރު ބަހައްޓަން ވާނެއެވެ.
ލުނބޯ
ލުނބޯ ފޮތިފޮތްޗަށް ކޮށާލުމަށްފަހު ޓްރޭއެއްކަހަލަ އެއްޗަކަށް އަޅާލުމަށްފަހު އައިސްއަލަމާރީގައި އަތުރާލާށެވެ. އޭރުން އޭގެވަހުން އައިސްއަލަމާރީގައި ހުންނަ ނުބައިވަސް ކެނޑިގެން ދިއުމަށް އެހީތެރިވެދެއެވެ.
އެސެންޝިއަލް އޮއިލް
ފެންތައްޓަކަށް ކަފަކޮޅުތަކެއް އެޅުމަށްފަހު އޭގެތެރެއަށް އެސެންޝިއަލް އޮއިލްގެ މިންވަރެއް އަޅާލާށެވެ. އެއަށްފަހު އެއްދުވަސް ވަންދެން އައިސްއަލަމާރި ނުހުޅުވައި ބަހައްޓާށެވެ.
ޗާކޯލް
ޗާކޯލްއަކީ މިކަމަށް އެހީތެރިވުމަށް ވަރަށް ރަނގަޅު އެކައްޗެވެ. ތައްޓަކަށް ޗާކޯލް އެޅުމަށްފަހު އެންމެދަށް ޓެމްޕަރޭޗަރގައި އައިސްއަލަމާރީގައި ބަހައްޓާށެވެ. 3 ދުވަސްވަންދެން ނުހުޅުވައި ބަހައްޓާށެވެ.
ކޮފީ ބީންސް
މުގުރާފައި ހުރި ކޮފީ ބީން ކޮޅެއް ހޯދާލުމަށްފަހު ބޭކިން ޝީޓެއްގެ މައްޗަށް އަޅާލާށެވެ. އެއަށްފަހު އެއްދުވަސްވަންދެން ބަހައްޓާށެވެ.
މިއިން ކޮންމެ އެއްޗެއް ބޭނުންކުރުމުންވެސް އައިސްއަލަމާރީގައި ހުންނަ ނުބައިވަސް ކެނޑުމަށް އެހީތެރިވެދެއެވެ. މިކަންކަން ތަޖުރިބާކޮށްލާ އަޖުމަ ބަލާލާށެވެ.