September 20, 2024 04:11
Advertisement

-Advertisement-

އަންހެނުންގެ ދުވަސް ފާހަގަކުރަނީ: ފޮޓޯ: މޯލްޑިވްސް އިންސައިޑަރ

"ހެޕީ ވިމެންސްޑޭ" މިހެން ބުނުމަކުން ނުފުދޭ

"ހެޕީ ވިމެންސްޑޭ". ހެނދުނު އިރުއެރުމާއެކު ސޯޝަލް މީޑިއާ ފުރިގެންދިޔައީ ދުވަހުގެ ތަހުނިޔާގެ މެސެޖުތަކުންނެވެ. މިއީ މާރިޗު މަހުގެ 8 ވަނަ ދުވަހަށްވެފައި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ކަމަށްވީތީއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކަށްވެފައިވަނީ އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެއްގޮތުގައެވެ.

އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު މުޖުތަމަޢުތެރޭގައި އަންހެނުން ބާރުވެރި ކުރުމުގެ ވާހަކަ މިއީ ވަރަށް ފޯރިއާއެކު ދެކެވޭ ވާހަކައެކެވެ. އެއްބަޔަކު ސްޓޭޓަސްއެއް ލިޔެލާނެއެވެ. އަނެއްބަޔަކު ޓުވީޓެއް ކޮށްލާނެއެވެ. ވަރަށް ރަނގަޅެވެ. މިގޮތުންވެސް ހައްޤު ހޯދައިދޭން މަސައްކަތްކުރުން މުހިންމެވެ.

Advertisement

ކޮންމެއަކަސް އަންހެނުން ބާރުވެރި ކުރުވުމަށް މިނިސްޓްރީތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ތަފާތު އެންޖީއޯތަކުން ކެނޑިނޭޅި ގިނަ މަސައްކަތް ކުރަމުންދެއެވެ. ޤައުމީ ފެންވަރުގައާއި ބައިނަލްއަޤުވާމީ ފެންވަރުގައެވެ.

އަންހެނުން ބާރުވެރި ކުރުވުމަކީ ކޮބައިބާ؟

އަންހެނުން ބާރުވެރި ކުރުވުމޭ ބުނުމުން އުފެދޭ ބައެއް ސުވާލުތައް ހިމަނާލާނަމެވެ. މިއީ ވިސްނާލަން މުހިންމު ނުކުތާތަކެވެ. އަންހެނުން ބާރުވެރި ކުރުވުމަކީ ފުދުންތެރި، ހީވާގި، އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރެވޭނެގޮތްތައް މަގުފަހިކޮށްދިނުން ބާވައެވެ. ނޫނީ އިޖުތިމާއީގޮތުންނާއި އިޤްތިޞާދީގޮތުން އަންނަ ބަދަލުތަކާއިއެކީ ދިރިއުޅުމުގެ ކަންކަން ރާވާ އަމިއްލަ ފައިމައްޗަށް ތެދުވަން އެހީތެރިވުން ބާވައެވެ. ނޫނީ ދިމާވާ ހުރިހާކަމެއްގެ ހައްލު ހޯދައިދިނުން ބާވައެވެ.

އަންހެނުންތަކެއް ސާފުކުރުމުގެ މަސައްކަތުގައި، މުޖުތަމައުގައި އަންހެނުންގެ ދައުރު ބޮޑު

ފަރުދީ ޒިންމާ ނެގުން މުހިންމުވަނީ ކީއްވެ؟ 

އެކަނިވެރިމައިން މި މުޖުތަމަޢުގައިވެސް ގިނަވެ އެކަނިވެރިމައިންނަށް ދޭ އެލަވަންސެއް ދޭތާ އަހަރުތަކެއް ވެއްޖެއެވެ. މިގޮތަށް ދެވޭ އެލަވަންސުން ދަރިންގެ ޚަރަދުތަށް ހަމަޖައްސާ ގޭތެރޭގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން މަސައްކަތްކުރާ އަންހެނުންވެސް މިމުޖުތަމަޢުގައި މަދެއްނޫނެވެ. އާއިލާގެ އެހެން މެމްބަރުން ނުވަތަ ކުދިންގެ ބައްޕަ އަށް ބަރޯސާވާހިސާބަށްވެސް ދެއެވެ. އަދި ބައެއް މައިން އާއިލާ މެމްބަރުން ތިބިކަމުގައިވިޔަސް އެކަނިވެރިވާ ހިސާބަށްވެސް ދެއެވެ. ބަލަދުވެރިން ތިބިކަމުގައިވިޔަސް ސަލާންޖަހާ ހިސާބަށްވެސް ދެއެވެ. މީގެ ސަބަބުން ނަފްސާނީ އުދަގުލަކާއި ކުރިމަތިލާން ޖެހެއެވެ. ކުދިންގެ ބައްޕަ އަތުން ޚަރަދު ނުލިބިގެން މަހުގެ ޚަރަދު ދެކޮޅުނުޖެހޭ ފަހަރުވެސް ދެއެވެ. ނުދަންނަ މީހެއް ކައިރިން ޚަރަދުތަށް ހަމަޖައްސަން ލާރި ހޯދަންޖެހޭ ފަހަރުވެސް ދެއެވެ. މިހުރިހާ ކަމެއް މިހެން އޮތްއިރު އެބައެއްގެ ޒިންމާ އެބަޔަކު ނަގާނަމައޭ ހިތަށްއަރައެވެ.

ދެމަފިރިން ދުރުވިކަމުގައިވިޔަސް ކުދިންނަށް ދޭންޖެހޭ ޚަރަދު ކޯޓު މެދުވެރިކޮށް ހޯދަންޖެހެނީ ކޮންފަރާތަކުން ޒިންމާނުނެގީމަ ބާވައެވެ. ދަރިންގެ ހައްޤުގައި ގޭގައި މަޑުކުރަންޖެހުމުން ވަޒީފާއަކަށް ނުދެވި އެލާރިކޮޅުހޯދަން ކޯޓަށްދާންޖެހޭ އަންހެންމީހާގެ އިހުސާސްތަކާއިމެދު ވިސްނަމާތޯއެވެ. ކުދިން ސްކޫލަށް ފޮނުވަމުން ގޭތެރޭގެ ޒިންމާ ނަގަމުން އަދި މިޚަރަދުތައް ހޯދަން ކޯޓަށް ދިޔުން މިއީ ފަސޭހަކަމެއްބާވައެވެ.

ކޮންމެއަކަސް އަންހެނަކަށްވީތީ މުޖުތަމަޢުތެރޭގައި އެންމެ ކުރީއްސުރެ ހަމަޖެހިފައި އޮންނަ "ޖެންޑަރ ރޯލްސް" އާއި ހެދި އަންހެނުންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. މިގޮންޖެހުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އަދި އަންހެނުން ބާރުވެރިކުރުވުމަށް 1975 ވަނަ އަހަރު އދ. އިން މިދުވަސް ޝިޢާރަކާއި އެކު ފާހަގަކުރަން ފަށައި ކޮންމެ އަހަރަކަށްވެސް މުހިންމު ހޭލުންތެރިކުރުވާނެ ފަދަ މެސެޖުތަކެއް އެކުލެވޭ ޝިޢާރެއް ނެރެއެވެ. މިގޮތުން މިއަހަރުގެ ޝިޢާރަކީ "ޖެންޑަރ އީކުއަލިޓީ ޓުޑޭ ފޮރ އަ ސަސްޓެއިނެބްލް ޓުމޯރޯ" އެވެ. މާދަމާގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ގެންދިޔުމަށް މިއަދު ގިންތީގެ ހަމަހަމަކަން ޚިޔާރުކުރައްވާށެވެ. އަދި ތަފާތުކުރުންތައް ނައްތާލާށެވެ.

މި ތަފާތުކުރުންތައް ނައްތާލެވޭނީ ގޭތެރެއިން، ސްކޫލް މާހައުލުން، އޮފީސް މާހައުލުން، މުޖުތަމަޢުތެރެއިން އަންހެނުންނަށް ވަކި ޒިންމާތަކެއް ނުވަތަ ފިރިހެނުންނަށް ވަކި ޒިންމާތަކެއް ނެތް ދުވަހަކުންނެވެ. ފިރިހެނުންނަށް ވަޒީފާ އަދާކުރެވޭފަދައިން އަންހެނުންނަށްވެސް ވާނެކަން ޤަބޫލުކުރެވިގެންނެވެ. އަންހެނުންނަށް ދަރިން ބެލޭގޮތަށް ފިރިހެނުންނަށްވެސް ދަރިން ބެލޭނެކަން ޤަބޫލުކުރެވިގެންނެވެ.

ވީމާ، އަންހެނުންގެ ދުވަސް މިއަދު ފާހަގަކޮށް ނިންމާލުމުގެ ކުރިން ހައްޤު ނުލިބިފަ ތިބި އެތައް އަންހެނުންނެއް މިމުޖުތަމަޢުގައިވާކަން ޤަބޫލުކޮށް އެފަރާތްތަކަށް ޒިންމާދާރުކަމާއިއެކީ ހައްޤު ހޯދައިދޭން މަސައްކަތްކުރަމާތޯއެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް