November 22, 2024 23:08
Advertisement

-Advertisement-

ތަރުތީބުކޮށް ބެހެއްޓުމުން ލިބޭ ހިތްހަމަޖެހުން ބޮޑު!

ބައެއްފަހަރު ތިމާގެ އަމިއްލަ ގޭގައި އެއްޗެހި ތަރުތީބުކޮށް ބަހައްޓަން މަސައްކަތްކުރި ނަމަވެސް ގިނަފަހަރަށް އެކަން އޮންނަނީ ނުވެފައެވެ. އަވަސްއަރުވާލައިގެން ތަނަކަށްދާނަމަ ގޭތެރޭގައި ނުވަތަ ކޮޓަރި ތެރޭގައި ހުންނަ އެއްޗެއް ތަރުތީބެއްނެތި އަވަސްއަވަހަށް ބަހައްޓާފަ ދިއުމުގެ އާދައަކީ ބައެއް މީހުންގެ ކިބައިގައި ހަރުލާފައި ހުންނަ އާދައެކެވެ. ފަހުން ކުރަންހުންނަ އެތައްކަމެއް ނުކުރެވި ވަގުތު ފާއިތުވެގެން ދިއުމުން ދެންހުންނަ ކަންކަމަށް ވަގުތު ހުސްކުރަން އުދަގޫވެއެވެ. ގަޑިޖެހިގެން ތަނަކަށްދާނަމަ އެންމެ ކުޑަމިނުން އަލަމާރި ހުޅުވާލާއިރު ލާން ގެންގުޅޭ ހެދުމުން ފެށިގެން ބުރުގާއާއި ހަމައަށް ހޯދަން އުދަގޫވެއެވެ. މާގިނަ ހެދުން ހުރުމުގެ ސަބަބުން ލާނެ ހެދުމެއް ނޭނގިފައި ހުންނަންޖެހޭފަހަރުވެސް އާދެއެވެ. 

އަހަރެންގެ އެކުވެރިއަކު ބުންޏެވެ. "އަތުގައި މިހާރު ލާނެ ހެދުމެއްވެސް ނޯވޭ، ހިނގާބަލަ މަށާއެކު މިރޭ ޝޮޕިންއަށް ދާން." އެހެން ބުނި އެކުވެރިޔާގެ އަލަމާރި ހުޅުވާލިއިރު އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހެދުމޭ ބުނީމަ އަލަމާރި ފުރެންދެން ހުރީ ހުސް ހެދުމާއި ޖީންސެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. "މިއޮތީއެއްނު އޮތްހާ ހެދުން. ދެންކީއްވެ ތިބުނީ ހެދުމެއް ނެތޭ". އެކުވެރިޔާ ހީލާފައި ބުންޏެވެ. "މިހާރު އަސްލުނެތޭ ލެވޭ ހެދުމެއް، އެއީއެއްނު މައްސަލައަކީ..." ނުލެވޭ ހެދުންތަކުން ނުވަތަ ބޭނުން ނުކުރެވޭ ހެދުންތަކުން އަލަމާރި ފުރާލުމުން ދެން އެވާ އުދަގޫ އިހްސާސް ކުރަންޖެހޭ ފަހަރު އާދެއެވެ. އޭގެތެރެއިން ގަޔަށް ހޮޔޮވަރު ނުވަތަ ތިމާއަށް ކަމުދާ ހެދުމެއް ހޯދުންވަނީ ބޮޑު ބުރައަކަށެވެ. ނުވަތަ ބޮލުގައި ރިހުމަކަށެވެ. ބައެއް މީހުންނަކީ ހޮބީއެއްގެގޮތުން އަންނައުނު ގަނެ ގިނަކުރާ ބައެކެވެ. އެހެންނަމަވެސް ތަރުތީބުން އެއްޗެހި އަތުރާފައި ހުރުމުން އެލިބޭ ހިތްހަމަޖެހުމާއި ވާފަސޭހަ މާބޮޑެވެ.

މޭޒުމަތީގައި އަތުރާލާފައި ހުންނަ ބޭކާރު ކަރުދާހާއި ފޮތުންވެސް ބޮލަށް އުދަގޫވާފަހަރު އާދެއެވެ. ކޮންމެވެސް މުހިންމު ކަމެއް ޖެހިދާނެޔޭ ހިތާ އެއްލާނުލެވޭހެން ހީވާ ކަރުދާސްކޮޅެއް ނުވަތަ ފޮތެއް އޮވެދާނެއެވެ. މިހެންގޮސް އެއްޗެހި ގިނަކުރެވެނީއެވެ. މިގޮތަށް އެއްޗެހި ގިނަވެފައި ހުރުމުން ބޮލަށް އުދަގޫވެއެވެ. ބައެއް މީހުން މަސައްކަތް ކުރާހިތް ނުވެއެވެ. ނުވަތަ ބޮލުގައި ރިހެއެވެ. މިސަބަބުތަކަށްޓަކައި ބޭކާރު އެއްޗެހި މަދުކުރަން ޖެހެއެވެ.

Advertisement

މިސާލެއްގެ ގޮތުން ބަލާނަމަ އެއްޗެހިލެވޭ ތަންތަން ނޭނގުމުގެ ސަބަބުން އެމަޖެންސީ ހާލަތެއްގައި ބޭނުންކުރަންޖެހޭ އެއްޗެއް ހޯދަންޖެހޭ ވަގުތުގައި އެއްޗެއް ނުފެނުމުން ދެން ހާސްވެއެވެ. ކުއްލިއަކަށް ވިއްސާރަވެއްޖެނަމަ ވިއްސާރަކޯޓް ލެވުނުތަނެއް ނޭނގިގެން ހޯދަންޖެހުމުން އެގެއްލެނީ ކިހާ ވަގުތެއްކަން އިހްސާސް ކުރެވެނީ ކިތައް މީހުންނަށްތޯއެވެ.

ގޭގެ ހުރިހާ ދިމާލެއް އެއްޗެހިން ފުނިޖެހިފައި އޮންނަ އޮތުން ބަދަލުކޮށްލެވޭނީ ބޭކާރު އެއްޗެހި އެއްކުރުން ހުއްޓިގެންނެވެ. ހެދުމެއް ހަމަ ފެންނައިރަށް ގަންނަން ވެއްޖެއްޔާ އޭގެއިން އެލިބެނީ ދެގެއްލުމެވެ. އެއްގެއްލުމަކީ ބޭކާރު ޚަރަދު ކުރެވުމެވެ. އަނެއް ގެއްލުމަކީ އަތުގައި ބައިވަރު ހެދުން ހުންނައިރު އަނެއްކާވެސް އައު ހެދުމެއް ގަތުމުން އަލަމާރީގައި ހުންނަ ތަރުތީބުކަން ގެއްލުމެވެ.

ގޭތެރެ ތަރުތީބުކޮށް ބެހެއްޓުމުން ހިތްހަމަޖެހުން ލިބުމުގެ އިތުރަށް ގޭގައި އުޅޭ ކުޑަކުދިންނަށް ވެސް އެދަސްކޮށްދެވެނީ ރީތި އާދައެކެވެ. އެކުދިން ކުޑައިރުއްސުރެ ތަރުުތީބުކުރަން ދަސްކޮށްދިނުމުން ރަނގަޅުގޮތް ދަސްވެއެވެ. އަދި އަމިއްލައަށް އިސްނަގައިގެން ގޭތެރެ ރީތިކުރުމަށް ކުދިން މަސައްކަތްކުރެއެވެ. 

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް