November 23, 2024 03:52
Advertisement

-Advertisement-

ކެއްކުމަށް ކުޑަކުދިން ޝައުގުވެރިކޮށް ދަސްކޮށްދެވިދާނެ ގޮތްތަކެއް

ބަދިގޭގައި ކައްކަން އުޅޭއިރު ބައެއްފަހަރަކަށް ކައިރީގައި އެމަންޒަރު ބަލަން ކުދިން ތިބެއެވެ. ކުދިންނަށް ކައްކަން ދަސްކޮށްދޭއިރު ޝައުގުވެރި ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއް ކަމުގައިވިޔަސް ހެވެވެ. ކެއްކުމަކީ ކިހާ މުހިއްމު ކަމެއްކަމާއި ގޭގައި ކައްކައިގެން ކެއުމަށް އާދަކުރުވުމަކީވެސް ހަމަ އެހާމެ މުހިއްމު ކަމެކެވެ.

ތައްޔާރީ ކާނާ ކަހަލަ ސިއްޙަތަށް ގެއްލުންހުރި ކާނާއިން ދުރުވުމަށް އާދަކޮށްދޭންޖެހެއެވެ. އަދި ޚާއްސަކޮށް މަންމަ ކައްކާނަމަ ބައްޕަވެސް އެކަމުގައި އެހީތެރިވާތަން ކުދިންނަށް ފެނުމުން، ކެއްކުމަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ކަމެއް ނޫންކަންވެސް ކުދިންނަށް ދަސްވެއެވެ.

ކުއްޖާ އެންމެ ކުޑައިރު ބަދިގެއަށް އައިސް ބަދިގޭގައި ހުންނަ އެއްޗެހީގައި އަތްލާނަމަ އެކަންކަން މަނާކުރާ މައިންވެސް އަހަރެމެންގެ ތެރެއިން ފެނެއެވެ. އެގޮތަށް އެކަންކަން މަނާނުކޮށް އެކަންކަމުގައި ބައިވެރިކޮށްގެން ކުރިއަށް ގެއްދިއުމަށް ދަސްކޮށްދިނުން މުހިއްމެވެ.

Advertisement

ކެއްކުމުގައި ކުޑަކުދިން އެކުދިންގެ އުމުރާއި ގުޅޭގޮތަށް އަހުލުވެރިކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާލާނަމެވެ.

އެންމެ ތުއްތުއިރު އުމުރުން 1 އަހަރާއި 2 އަހަރާއި ދެމެދު ކުދިންނަށް ދަސްކޮށްދޭންވީ ކަންކަން:

ކައްކާއިރު ހައިޗެއަރއެއް ނުވަތަ ބައުންސާއެއް ކަހަލަ އެއްޗެއްގައި ކުއްޖާ ބަދިގެތެރޭގައި ބައިންދާށެވެ. އަދި ކައްކަން ބޭނުންކުރާ ލަކުޑި އުދުޅި ނުވަތަ ސަމުސާ ކަހަލަ އެއްޗެހި ކުދިން އަތަށް ދޭށެވެ. ޕްލާސްޓިކް ތަށިފަދަ އެއްޗެހި ދޭށެވެ. ކައްކާތަން ފެންނަހެން ކައިރީގައި ބައިންދާށެވެ. ތަރުކާރީ ނުވަތަ މޭވާ ކަހަލަ އެއްޗެހި އެކުދިން އަތަށް ދޭށެވެ. އެއްޗެހި ދޮވެގެން ކާންޖެހޭކަންވެސް ދައްކުވައިދޭށެވެ. އަމިއްލައަށް ކާން ދަސްކުރަން މަޑުމަޑުން ކާއެއްޗެހިވެސް އަތަށް ދޭށެވެ.

2 އަހަރާއި 3 އަހަރާއި ދެމެދު

މިއުމުރަކީ ކުއްޖާއަށް ކޮންމެވެސް ވަރަކަށް ކަންކަން އަމިއްލައަށް ކުރެވެން ފަށާ އުމުރެވެ. ކައްކަން ބޭނުންކުރާ ބައެއް އެއްޗެހި ތައްޓަކަށް އަޅާފައި ކުއްޖާ އަތަށް ދޭށެވެ. އަދި ކައްކާއިރު ކައިރީގައި އަތްގާތްކޮށްދެން ބަހައްޓާށެވެ. ކާއެއްޗެހީގައި ބުރުހަކުން ތެޔޮ ހާކަންވެސް ދޭށެވެ. ކައި ނިމިގެން ތަށި ސިންކަށް ލާންވެސް އާދަކޮށްދޭށެވެ. ޓިޝޫފަދަ އެއްޗެހިން ތަށިފޮހެންވެސް މަޑުމަޑުން ކިޔައިދޭށެވެ.

4 އަހަރާއި 5 އަހަރާއި ދެމެދު

މިއުމުރަކީ ވަރަށް ބައިވަރު ސުވާލު ކުރާ އުމުރެކެވެ. މިއުމުރަކީ ޕްރީސްކޫލަށް ކުއްޖާ ދާންފަށާ އުމުރަށްވެފައި ސްކޫލަށްގޮސް ވެސް ވަރަށް ގިނަ ކަންކަން ދަސްކުރަން ފަށައެވެ. މިއުމުރުގައި ކުދިންނަށް ކޭކު އެއްޗެހި ހަދާނެގޮތް ކައިރީގައި ބަހައްޓައިގެން ކިޔައިދޭން ފަށާށެވެ. އެންމެ ރައްކާތެރިކޮށް (ވަޅި ކަހަލަ އެއްޗެހި ބޭނުން ނުކޮށް) ކެއްކުމުގައި ޝާމިލް ކުރަން ދަސްކުރުވޭނެއެވެ. ތައްޓަކަށް ބިސް އެޅުމަށްފަހު ބިސް ގިރަން ކިޔާދޭށެވެ. އެއްޗެހި މެޝަރކޮށްގެން ފަހަރަކު އެއްޗެއް އަޅަންޖެހޭ މިންގަނޑު ކިޔައިދޭށެވެ. އަދި ކޭކު ފިހަންޖެހެނީ ކިހާ ހޫނު މިނެއްގައި ކަމާއި ކިތައް މިނިޓުންކަންވެސް ކިޔައިދޭށެވެ. ކޭކު އެއްޗެހި އަޅާއިރު ކުދިން ޝައުގުވެރިވާ ކަހަލަގޮތަށް އެކި ކުލަކުލަ ޖައްސައިގެން ކަޕްކޭކް ކަހަލަ އެއްޗެހިވެސް ހަދާށެވެ. އަދި އެކުދިންނަށް އެއްޗެހި ހަދާފައި ފޮޓޯ ނަގާފައި ވައިޓް ބޯޑެއްގައި ހިއްޕާށެވެ. އެކި ދުވަސްމަތިން އެކިކަހަލަ އެއްޗެހި ފިހާނެގޮތް ކިޔާދޭށެވެ. އަދި ޕްލާސްޓިކް ވަޅިއަކުން އެއްޗެހި ކޮށަންވެސް ދޭންފަށާށެވެ.

6 އަހަރާއި 9 އަހަރާއި ދެމެދު

މިއުމުރުފުރައަކީ އަމިއްލައަށް ކައްކަން ފަށާ އުމުރެވެ. ޕާން އެއްޗެހީގައި ކްރަންޕީ ކަހަލަ އެއްޗެހި ހާކައިގެން އަމިއްލައަށް ކާން ދަސްކުރަން ފަށައެވެ. ޖޫސް ޕެކެޓް އަމިއްލައަށް ނަގައިގެން ބޮއި ނިމިގެން ޑަސްޓްބިނަށް އަޅަން ދަސްކުރެއެވެ. ކައިރީގައި ބަހައްޓައިގެން ރޮށިދަމާނަމަ ފިހަންވެސް ދޭށެވެ. ބަތް ކައްކަންވެސް މަޑުމަޑުން ކިޔައިދޭން ފަށާށެވެ. މިހެންގޮސް ކުދި ކުދި އެއްޗެހި ތައްޔާރުކުރާނެގޮތް އަމިއްލައަށް ދަސްކުރަން ފަށައެވެ. ބައެއްކަހަލަ ރެސިޕީތައް ކިޔަން ފޮތެއް ދިނުން ނުވަތަ ޔޫޓިއުބު ބަލައިގެން ދަސްކުރަން އާދަކޮށްދޭށެވެ.

ކުޑައިރުއްސުރެ ދަރިފުޅަށް ކައްކާނެގޮތް ދަސްކޮށްދެވިއްޖެނަމަ ދަރިފުޅުގައިގައި އެއާދަ އަށަގަތުމަށް ފަސޭހަވެގެންދެއެވެ. 

+1
0
+1
4
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް