ފްރާންސްގެ 'އޮ ޕުއާ ގޮއުމަން' ރެސްޓޯރެންޓުގެ ޖޫނިއާ ޝެފް މަލީހާ އާދަމް އަކީ އެންމެ ހަތަރު އަހަރު ތެރޭގައި އެ ރެސްޓޯރެންޓްގެ ކެއުންތަކުގެ ސްޓައިލަށް ބޮޑު ބަދަލެއް ގެނެސްދިން ކުޅަދާނަ ޝެފެކެވެ. ދިވެހި ކެއުންތަކުން 'އިންސްޕަޔަރ'ވެގެން އޭނާ ހޯދި ރަހަތައްވެސް އެ ރެސްޓޯރެންޓްގެ މެނޫގައި ހިމަނައިފިއެވެ. 'ވެޖިޓޭރިއަން ޑިޝް'ތައް އެ މެނޫއަށް ތައާރަފްކޮށްދިނުމުގައި މުގުލުގަ ހުރީ އޭނާއެވެ. ދިވެހިރާއްޖެއާ ދުރުގައި ދިރިއުޅުނު ނަމަވެސް ދިވެހި ރަހަތައް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
އެގޮތުން ދިވެހިންގެ ރަހަމީރު 'މަޖާ' އާއި އެއްފާޑެއްގެ ކެއުމެއް މަޖާގެ ނަމުގައި އެމެނޫގައި ހިމަނައިފިއެވެ. މިއީ މަލީހާގެ ކެރިއަރުގައި އޭނާ އެންމެ އުފާވި ދުވަހެވެ. "ދިވެހި މަޖާއިން އިންސްޕަޔަރ ވެގެން ފްރާންސް ރެސްޓޯރެންޓްގެ މެނޫއަށް އައި ދުވަސް އެއީ ވަރަށް ޕްރައުޑް މޫވްމެންޓެއް" މަލީހާ ބުންޏެވެ.
ޝެފް މަލީހާއަކީ ކުރިން ރޭޑިއޯގެ ހިތްގައިމު އަޑެކެވެ. ނޫސްވެރިކަމުގައި ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގައި 4 އަހަރާއި 9 މަސް ދުވަހު މަސައްކަތް ކުރިއެވެ.
ޝެފަކަށް ވީ ކީއްވެ؟
މަލީހާ ޤަބޫލުކުރި ގޮތުގައި 2013 ގައި ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއެކު އޭނާގެ މީޑިއާ ކެރިއަރުގައި ކުރިމަގެއް ފެންނާކަށް ނެތެވެ. އެހެންކަމުން މީޑިއާ ދޫކޮށް އޭރު އެންމެ ކުރާހިތްވި ކަންތައްކަމުގައިވި ކެއްކުމާ ދިމާއަށް ދަތުރު ފެށީއެވެ. މި ދަތުރުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ މުހައްމަދު ވަހީދުއްދީންކަން އޭނާ ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ. ކެއްކުމުގެ ޕްރޮފެޝަނަލް އުކުޅުތައް ދަސްކޮށްދިނީ މެލޭޝިއާގެ ޓެއިލާސް ޔުނިވާސިޓީންނެވެ. އެ ޔުނިވާސިޓީގައި ޑިގްރީއަށް ކިޔަވަމުން ދިޔައިރު ތަފާތު ވައްތަރުގެ ކެއްކުމުގެ ޖާދޫތައް އޭނާ ދަސްކުރިއެވެ.
މަލީހާގެ އެ ޖާދޫގައި ފްރާންސް ޖެއްސީ ކިހިނެއް؟
މެލޭޝިއާއިން ކިޔަވާ ނިންމާލުމަށްފަހު ބޮންޑެއް އޮތުމުން އިންޓާންޝިޕްގައި މަސައްކަތްކުރީ ބަނޑޮސް އައިލެންޑް ރިސޯޓްގައެވެ. ދެން މަސައްކަތް ކުރީ މާލޭގައި އޭރު އަލަށް ހުޅުވަން ތައްޔާރުވަމުން ދިޔަ ރެސްޓޯރެންޓެއްގައެވެ. އެހެންނަމަވެސް އެ ރެސްޓޯރެންޓް ނުހުޅުވަނީސް އެތާނގެ ވެރިންނާ މަލީހާގެ ހިޔާލު އެއްގޮތް ނުވުމުން އެކަން ހުއްޓާލީއެވެ. އޭރުވެސް ފްރާންސުން މަލީހާއަށް ވަޒީފާގެ ފުރުސަތު އޮތެވެ.
"ކިޔަވަން އުޅުނުއިރު ފްރާންސްގައި އިންޓާންޝިޕް ހެދިއިރު އެތާނގެ ޝެފް ބުނެފަ އޮތީ ވަޒީފާއެއް ނުލިބިއްޖެއްޔާ އަންގާލާށޭ. ފްރާންސުން ވަޒީފާ ހަމަޖައްސަދޭނަމޭ. ކިޔަވާ ނިމުނުއިރު ޖޮބް އޮފާއެއް ލިބިފައި އޮތީ. ފުރަތަމަ އޮފާ ކުރީމަ އަޅުގަނޑު ބުނީ ރާއްޖޭގައި 7 އަހަރުގެ ބޮންޑެއް އޮތްވާހަކަ އާއި ރާއްޖޭގަ މަސައްކަތް ކުރަން ބޭނުންވާހަކަ" މަލީހާ ބުންޏެވެ.
މަލީހާ އެންމެ ބޮޑަށް ބޭނުންވީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރުމަށެވެ. އެފުރުސަތު ނުލިބި ރާއްޖެއިން ވަޒީފާއެއް ނުލިބި ހުންނަން ޖެހުމުން ފްރާންސުން ދެވަނަ ފަހަރަށް ލިބުނު އޮފާ ގަބޫލު ކުރީއެވެ. ބަނޑޮހުގައި އެދިގެން ބޮންޑުން ސަލާމަތްވެގެން ފްރާންސަށް ވަޒީފާއަށް ދިޔައީ 2 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެހެންނަމަވެސް ފްރާންސްވީ މަލީހާގެ ދިރިއުޅުން މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދިން މުހިންމު ބައިވެރިއަކަށެވެ. ކަލިނަރީ ދަތުރުގެ މިހިސާބުން އޭނާގެ މުޅި ދިރިއުޅުން ފްރާންސަށް ބަދަލުވީއެވެ.
"ފިރިމީހާ އަކީވެސް ކައްކާއެއް. ފްރާންސްގައި މި މަސައްކަތް ކުރާ ރެސްޓޯރެންޓްގެ އޯނަރު އެއީ. މިތަނުން ދިމާވީވެސް. ދެން މެރީކޮށްގެން މިހާރު މިކޮޅުގައި ދިރިއުޅުމެއް ފެށިފަ މިއޮތީ." މަލީހާ ބުންޏެވެ.
ޝެފް މަލީހާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިރިމީހާއާއެކު އިތުރު ރެސްޓޯރެންޓެއް ހުޅުވުމަށެވެ. އެހެންކަމުން ދެން މާލެއިން ވަޒީފާއެއް ލިބުނަސް މާލެ އައުމުގެ ހިޔާލެއް ނެތެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން އާރާސްތު ކުރުމަށް ހިތްވަރާއެކު ކުރާ މަސައްކަތުގައި ފިރިމީހާގެ ބައިވެރިވުން ވަރަށް ބޮޑަށް އޭނާ އަށް ލިބެއެވެ.
ތުއްތުއިރު މަންމަ ނިޔާވުމުން އުޅެން ޖެހުނީ ހިތްދަތި ދިރިއުޅުމެއް
އުޅެބޮޑުވީ ކުޑަ ރަށެއްގައެވެ. މަލީހާގެ އެއްބަނޑު އެއްބަފާ 6 ބެއިން ތިބެއެވެ. ތިން ދައްތައާއި ދެ ބޭބެ އެވެ. މަލީހާއަށް 2 އަހަރުވެސް ނުވަނީސް މަންމަ ނިޔާވެއްޖެއެވެ. އޭގެ ފަހުން ބައްޕަވެސް އުޅުނީ އެހެން ދިރިއުޅުމެއްގައެވެ. މަލީހާ އުޅެ ބޮޑުވީ އެންމެ ދޮށީ ދައްތަ ކައިރީގައެވެ. މަންމަ މަރުވިއިރު އެދައްތައަށް 15 އަހަރު ވަނީއެވެ. ކުޑައިރުގެ ހަނދާންތައް ޒީޓައިމްސް އާއި ހިއްސާ ކުރަމުން މަލީހާ ބުނީ "މަންމަވެސް ކިޔަނީ އެ ދައްތައަށް، މަންމަ ނިޔާވީމަ ވަރަށް ދަތިކޮށް އުޅުނީ. ފަގީރު ދިރިއުޅުމެއް. އޭރު އަވައްޓެރިންގެ ގޭގެއަށް ގޮސް މަސައްކަތް ކޮށްދީގެން މީހުން ލާރި ދޭ ހަނދާންވެސް އެބަހުރި. ހަނދާން ހުރޭ ވަރަށް ބަނޑުހައިވެގެން ހުރެވެސް ނިދާ ދުވަސް ވެސް." މިއީ އޭނާގެ މާޒީއެވެ.
މަލީހާ މަންމައެއް ގޮތަށް ބަލަމުން އައި ދައްތަ މަލީހާއަށް 6 އަހަރުގައި ކައިވެނި ކުރުމުން، އަމިއްލައަށް ޒިންމާތައް ނަގައިގެން އުޅެން އޭނާއަށް މަޖުބޫރުވިއެވެ. "ދައްތައަށް ވަރަށް އަވަހަށް ކުއްޖެއްވެސް ލިބުނު. އަބަދުވެސް ހަނދާންހުރޭ އޭރުގެ ހަނދާންތައް. އެންމެ ކުޑައިރުގެ ހާލަތު، އެ ދިރިއުޅުން މިހާރު މިހުރި ހިސާބަށް އަންނަން ވަރަށް ބޮޑު އެހީއަކަށްވި. އަބަދުވެސް ހަނދާން ހުރޭ އަޅުގަނޑަކީ ކޮންތާކުން އައި ކާކުކަން. އެއީ ކަންނޭނގެ ދިރިއުޅުމުގެ ލަނޑުދަޑިތައް ހާސިލް ކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ" މަލީހާ ބުންޏެވެ. އޭނާ އަބަދުވެސް ބޭނުންވީ މީހެއްގެ އެހީއެއް ނެތި އަމިއްލައަށް އުޅެވޭވަރުގެ ދިރިއުޅުމެއް ހޯދާށެވެ.
މިއަދު އެ ދިރިއުޅުން ހޯދިފައިއޮތަސް މަލީހާ ގަބޫލުކުރާ ގޮތުގައި ފަޅި ސިކުންތެއްގެ ތެރޭގައިވެސް ދިރިއުޅުން ބަދަލުވެދާނެއެވެ. އެފަދަ ބަލަކަށް އޭނާ ހުރީ ހުށިޔާރުވެ ތައްޔާރުވެގެންނެވެ.
މަލީހާ ބުނީ "އެ ބަދަލު އަޔަސް އަމިއްލައަށް އުޅެވޭ ވަރު ވާން ބޭނުން. ފިރިމީހާ އާއި އެކީގަ މިހާރު ހަމަޖެހޭ ދިރިއުޅުމެއްގައި އުޅުނު ކަމުގައިވިޔަސް އަބަދުވެސް ބަލަން އޭނާއަށްވެސް ޑިޕެންޑް ނުވެ އުޅެވޭތޯ."
ކުޑައިރު ބޭނުންވީ ސިއްހީ ދާއިރާގެ މީހަކަށްވާން
ސުކޫލުގައި އުޅުނުއިރު މަލީހާގެ ޝައުގުވެރިކަން ހުރީ ސިއްހީ ދާއިރާއަށެވެ. ސްޓްރީމެއް ނަގަން ލިބުނު ފުރުސަތުގައިވެސް އޭނާ ނެގީ ސައިންސެވެ. އޭރު ބޭނުންވީ ނަރުހަކަށް ނުވަތަ ޑޮކްޓަރަށްވާށެވެ. އެހެންނަމަވެސް މާލީ ތަނަވަސްކަމެއް ނެތުމުންނާއި އޯލެވެލްގެ ނަތީޖާވެސް ލިބުނު ގޮތުން އެ ދެ ދާއިރާއިން ކުރިޔަށް ދެވޭނެ މަގެއް ނުފެނުމުން އެހިޔާލު ދޫކޮށްލީއެވެ.
މަލީހާގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ވަރަށް ކުޑައިރުން ފެށިގެން ކައްކަން ޖެހުނެވެ. އެހެންނަމަވެސް ކުރާހިތުން ކައްކަން ފެށީ 20 އަހަރުވީފަހުންނެވެ. ރެސިޕީތައް ހޯދައިގެން ކެއްކުމުގެ ތަޖްރިބާތައް ކުރަންފެށީ އެހިސާބުންނެވެ.
"ރާއްޖެއިން އެންމެ ފާހަގަ ކޮށްލެވެނީ ޝެފް އާދިލް އާއި އައިމިނަތު ހަމީދު. އެ ދެ ޝެފުންގެ މަސައްކަތްތައް ސޯޝަލް މީޑިއާއިންވެސް ވަރަށް ބަލަން. ޝެފް ފަތީންގެ މަސައްކަތްތައްވެސް ވަރަށް ކަމުދޭ. ފަތީން އާއި އެކީ މަސައްކަތް ކޮށްލަން ފުރުސަތުވެސް ލިބުނު." މަލީހާ ފާހަގަ ކުރިއެވެ.
މިހާރު މަސައްކަތް ކުރާ ރެސްޓޯރެންޓަށް އަންނަ ކަސްޓަމަރުންގެ 'ފީޑްބެކުން' މަލީހާ ހުރީ ވަރަށް އުފާވެފައެވެ. "ފިރިމީހާގެ ރައްޓެހިންނާ އާންމުކޮށް އަންނަ ކަސްޓަމަރުންވެސް ބުނޭ ވަރަށް ބޮޑު ޗޭންޖެއް ފެނިއްޖެއޭ ރެސްޓޯރެންޓުން. ވަރަށް ހިތްހަމަޖެހެއޭ. ވަރަށް ރަނގަޅޭ މިހާރު ރެސްޓޯރެންޓްގެ މެނޫ." ހުރިހާ ހިޔާލެއްވެސް ޕޮޒިޓިވްކޮށް ނަގާ މަލީހާ ބުނީ ކަސްޓަމަރުންގެ ހިޔާލާ އެއްގޮތަށް ކަމެއް ރަނގަޅު ކުރަން ޖެހުނަސް އެކަމެއް ރަނގަޅުވެސް ކޮށްލާ ކަމަށެވެ.
ޝެފް މަލީހާގެ ހިޔާލު ހުރިގޮތުން ދެން ކިޔަވަން ބޭނުންވަނީ ޑައިޓީޝަން ކަހަލަ ދާއިރާއަކުންނެވެ. ކެއްކުމުގެ ދާއިރާއިން އިތުރަށް ކިޔަވާކަށް ހިޔާލެއް ނެތެވެ. ބޭނުންވަނީ ކެއްކުމުގެ ތަޖްރިބާ އަމިއްލައަށް ހޯދައިގެން އެހެން ރެސްޓޯރެންޓްތަކުގެ މެނޫ ތައްޔާރުކޮށްދިނުން ކަހަލަ ކަލިނަރީ ކޮންސަލްޓެންޓަކަށް ވުމަށެވެ. އަދި އަމިއްލަ ރެސްޓޯރެންޓެއް ހިންގުމަކީ އޭނާގެ އަމާޒެކެވެ.
"ލައިފްގައި މިހާ ހިސާބަށް އާދެވުމުގައި އޭރުވެސް މިހާރުވެސް އެންމެ ބޮޑު ސަޕޯޓެއް ދެނީ ދޮންބެ. އާއިލާގެ އެންމެންވެސް ވަރަށް ސަޕޯޓިވް. ވަހިއްދީންގެ އެހީތެރިކަމާއެކު ކިޔެވީ. ވަހިއްދީންގެ އެހީތެރިކަން ނުލިބުނުނަމަ މިއަދު މި ހުރި ހިސާބަކަށް ނާދެވުނީސް ކަންނޭނގެ." މިއީ މަލީހާ ޝުކުރު އަދާކުރަން ބޭނުންވާ ފަރާތްތަކެވެ.
ޖުމްލަ 5 ކިޔުންތެރިންގެ ހިޔާލު
ރަށަށްނިސްބަތްވާ ތިޔަފަދަ ދަރިޔަކު އުފެދުނީތީ ފަޚުރުވެރިވަން
އެކަމަކު ބަނޑުހައިޙާލުގައޮވެނިދާވާހަކަބުނުމުން ވަރށްދެރަވެ އަސަރުކޮށްފި. އެވަރުވީއިރު އަހަރެމެންވެސް މީ ތިބިބައެއްވިއްޔަ
އަހަރެންގެ ނަފުސު އަހަރެއްނަށް މަލާމާތްކޮއްފި
ވަރަށްދެރަ
Islam dheen othee kihaa hisaabegga baa. Ummeedhukuran rangalhu kamah. Falhi sikunthakun hurihaa kameh badhalu vedhaane.
Komme thaakah dheen laa. Jehaytha Eyee Emeehakaa aynage Rabbaa dhaythere vaa ehcheh
Konme thaakahves dheen laan jehey. Dhivehi rahathah promote kuraahen islam dheenves promote kuran jehey. Laa hedhumun, ulhey ulhumun. Hamaekani gaumudheke loabi vegen gaumah hidhumaiyy kuriyakas nuvaane. Ehme furathama dheenah iskan dhen jeheynee.
ﷲ އެއްވެސްއިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ!ދުނިޔޭގެ ކޮންމެތަނެއްގަ އުޅެންޖެހުނަސް ތިމާގެ ބަލަދުވެރިފަރާތަކީ ﷲކަން ހަނދާންނައްތާާ ނުލެއްވުމަށް ނަސޭހަތެއްގެގޮތުގަ ބުނެލަމުން މަލީހާއަށް އިތުރުކާމިޔާބަށް އެދެން.
ކޮމެންޓްސް ބަންދުކުރެވިފައި