November 22, 2024 22:30
Advertisement

-Advertisement-

ހަކުރުބަލި ހުންނަ މީހުން ރޯދަމަހު ކެއުން ބަހައްޓަންވީ ގޮތް

ހަކުރުބަލި ހުންނަ މީހުން ރޯދަމަހު ކެއުމުގައި ބޭނުންކުރާ ބާވަތްތަކާމެދު ވިސްނާލުމަކީ ވަރަށް މުހިއްމުކަމެކެވެ. ހަކުރުބަލި ހުންނަ މީހުން ކެއުމުގެ އާދަކާދަތައް ބަހައްޓަންވީ ގޮތާއިމެދު ބައެއް ޑައިޓީޝަނުންގެ ލަފާގެ މައްޗަށް މިލިޔުން ޚާއްސަ ކޮށްލާނަމެވެ. 

މިގޮތުން ޑައިޓީޝަން އިޢާޝާ ހުސެއިން އިރުޝާދު ދެއްވިގޮތުގައި ހަކުރުބަލި ހުންނަ މީހުން ކެއުމުގައި ސަމާލުކަންދޭންޖެހޭ މިންގަނޑުތަކެއް ހުރެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ކާންވީ އެންމެ ފައިދާހުރިގޮތަށެވެ.

Advertisement

ހަކުރު މައްޗަށް ދަނީ ކީއްވެ؟

ހަކުރު މައްޗަށް ދަނީ އިންސިއުލިން ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުތައް ހަށިގަނޑުގެ ސެލްތަކަށް ނުވަދެ ލޭގައި ޖަމާވާތީއެވެ.

ހަކުރު ހުންނަ ބާވަތްތަކުގެ ތެރޭގައި މޭވާ އަދި ކިރުގެ ބާވަތްތައް ހިމެނެއެވެ. ހަޖަމުވެގެން ހަކުރަށް ބަދަލުވާ މުގުގެ ބާވަތްތަކާއި ބައެއް ކަހަލަ ތަރުކާރީ މިސާލަކަށް ފަލަމަޑީގެ ބާވަތްވެސް ހިމެނެއެވެ. ބަތާއި ރޮށި ވެސް ހަޖަމުވެގެން ހަކުރަށް ބަދަލުވެގެންދެއެވެ. މިކަހަލަ ކާނާ ކެއުމުގައި ސަމާލުކަންދޭންވީ ކާންވީ މިންވަރު މަދުކުރުމަށެވެ. ތަރުކާރީގެ ތެރެއިން ޗިޗަންޑާ، ތޮރާފަދަ ބާވަތްތަކަކީ ކެއުމުގައި ހިމަނަން ރަނގަޅު ތަކެތި ކަމަށް ޑައިޓީޝަން އާސިޔާ އިރުޝާދު ދެއްވައެވެ. ކެއުމުގައި ކިރުގެ ބާވަތާއި މޭވާގެ ބާވަތް އެއްވަގުތެއްގައި ބޭނުން ނުކުރުމަށް އިރުޝާދުދެއްވިއެވެ. އެއީ މިދެބާވަތުގައި 'ސިންޕަލް ޝުގަރ' އެކުލެވިގެންވާތީ މިދެބާވަތް އެކުގައި ބޭނުންކޮށްފިނަމަ ހަކުރު މާބޮޑަށް މައްޗަށް ހިގައިދާނެތީއެވެ.

ހަކުރު ކޮންޓްރޯލް ކުރުމަށް އެންމެ ފަސޭހަ ކާނާތަކަކީ ކޮބާ؟

ހަކުރު ކޮންޓްރޯލް ކުރުމަށް ބޭނުންކުރަން އެންމެ އެދެވިގެންވަނީ ބްރައުންރައިސް، ރެޑްރައިސް، އާޓާރޮށި އަދި ބްރައުން ބްރެޑް ކަހަލަ އެއްޗެހި ކަމަށް އާސިޔާ ވިދާޅުވެއެވެ. އަދި ކާވަގުތު ތަކަކީވެސް ވަރަށް މުހިއްމު އެއްޗެއްކަމުގައި ވިދާޅުވިއެވެ. ރޯދަމަހު ހާރު ކާގަޑީގައި މިންހެޔޮ ކެއުމެއް ކެއުމުންވެސް ހަކުރު ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެއެވެ. ގޮވާމާއި ފަލަމަޑި އަދި މަސްވެސް ހިމަނައިގެން ކެއުން ބައްޓަން ކުރުމަކީ މިންހެޔޮ ކެއުމަކަށް އެކަށީގެންވާނެ ކެއުމެކެވެ.

ރޯދަމަހު ހަކުރު ކޮންޓްރޯލް ކުރަން އެހާ މުހިއްމުވަނީ ކީއްވެ؟

ބައެއް މީހުން ރޯދައަށް ހުންނައިރު ހަކުރު މާބޮޑަށް މަތިވެ ނުވަތަ މާބޮޑަށް ދަށްވެގެންދާފަހަރު ދިމާވެއެވެ. މިދެކަމަކީވެސް ނުރައްކާވެދާނެ ދެކަމަށްވާއިރު މިދެކަމަށްވެސް ސަމާލުކަންދޭންޖެހެއެވެ. ހަކުރު މާބޮޑަށް ދަށްވުމަކީ ފުރާނައަށްވެސް ނުރައްކާވާފަދަ ކަމެއްކަމުގައި ޑައިޓީޝަން އިޢާޝާ ވިދާޅުވިއެވެ. ރޯދަމަހު ހަކުރު ދަށަށްދާ މައިގަނޑު ސަބަބުތައް ކަމުގައި ވިދާޅުވީ މާކުރިން ހާރުކެއުމުގެ ސަބަބުން ހުސްގޮހޮރާއި ހުންނަ ވަގުތު ގިނަވުމެވެ.

ހަކުރު ދަށަށް ދިއުމުގެ އަލާމާތްތައް:

ހާސްވުން

ދާހިއްލުން

ތުރުތުރުއެޅުން

ވާނުވާނޭނގުން

ބަނޑުހައިވުން

ހިތުގެ ވިންދު އަވަސްވާހެން ހީވުން

ހަކުރު ދަށަށް ދިއުމުން ދެން ހަދާނީ ކިހިނެއް؟

ހަކުރު ދަށަށް ދާހެން ހީވާން ފެށުމުން އަވަހަށް ހަކުރު ހުރި މިންވަރު ބަލާށެވެ. އަދި 70 އިން ދަށުގައި ހަކުރު ހުރިނަމަ ހަކުރު މަތިކުރުމަށް ބައިތަށި ޖޫސް، 1 މޭޒުމަތީ ސަމުސާ ހަކުރު ނުވަތަ މާމުއި ކަހަލަ އެއްޗެއް ބޭނުންކުރާށެވެ. އެހެން ނޫންނަމަ ކަދުރަކީވެސް ވަރަށް ރަނގަޅު އެއްޗެކެވެ. މިގޮތުން ޕާނަކީވެސް ހަކުރުމައްޗަށް ޖައްސާލުމަށް ވަރަށް ރަނގަޅު އެއްޗެކެވެ.

ރޯދަވީއްލައިގެން މާގިނައިން ކެއުމަކީވެސް އެހާ އެދެވިގެންވާކަމެއް ނޫނެވެ. މާއަވަސް އަވަހަށް ކާނަމަވެސް ހަކުރު މައްޗަށް ދިއުމުގެ ފުރުސަތު އޮވެއެވެ.

ހަކުރުމައްޗަށް ދިއުމުގެ އަލާމާތްތައް:

ވަރުބަލިވުން

ބަނޑުހައިވުން

ވަރަށްބޮޑަށް ކަރުހިއްކުން

އަވަސްއަވަހަށް ކުޑަކަމުދާންޖެހުން

ބަނޑަށްތަދުވުން

ބޯއަނބުރާ ހޮޑުލެވުން

ވާނުވާނޭނގުން

ހަކުރުބައްޔާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެއް/ ފޮޓޯ: އައިޖީއެމްއެޗް އެފްބީ ޕޭޖް

ހަކުރު ކޮންޓްރޯލް ނުވުމުގެ ސަބަބުން ނުރައްކާތެރި ފައްތަރަކަށް ހުށަހެޅިގެން ދިއުންވެސް ހިމެނެއެވެ. މިގޮތުން ލޮލުގެ ފެނުން ފުސްވުން، ނާރުގެ އެކި ކަހަލަ މައްސަލަތައް ދިމާވުން ކަހަލަ ކަންކަމަށް ހުށަހެޅެއެވެ.

ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް ރޯދަމަހު ކުރެވިދާނެ ބައެއް ކަންކަން:

ރޯދަ ވީއްލާގަޑީގައި 2 ތަށި ފެންބުއިން

ރޯދަވީއްލުމާއި ހާރުކެއުމާއި ދޭތެރޭ ފެންބުއިން

އެއްފަހަރާ މާގިނައިން ފެންބުއިމަކީ ރަނގަޅުކަމެއް ނޫން

ރޯދަމަހު ހަކުރު ކޮންޓްރޯލް ކުރުމުގައި ބަލަންޖެހޭ ކަންކަން

މައިގަނޑު 2 ކެއުމެއް ކެއުމަށްފަހުގައި 2 ލުއި ކެއުން ކާންވާނެއެވެ. ރޯދަވީއްލާވަގުތު ބަނޑުފުރާ ކެއުމުގެ ބަދަލުގައި މަދުއެތިކޮޅެއް ކެއުމަށްފަހު ތަރާވީސްގަޑީގައި ކެއުންވެސް އެދެވިގެންވެއެވެ. ނޫންނަމަ ރޯދަވީއްލާ ގަޑީގައި މިންހެޔޮ ކެއުމެއް ކެއުންވެސް ރަނގަޅުވާނެއެވެ. ފޮނިކާނާ ބޭނުން ނުކުރުމާއި ހާރުކާގަޑި ލަސްކުރުމަށްފަހު ހާރުކާގަޑީގައި ރަނގަޅަށް ކެއުން އެއީ ވަރަށް މުހިއްމު ކަމެކެވެ. ދެކެއުންދޭތެރޭ ހަށިގަނޑަށް ބޭނުންވާވަރަށް ފެންބުއިމާއި ފައިބަރ ގިނަ ކާނާ އަށް އިސްކަންދިނުމަކީ ވަރަށް މުހިއްމުކަމެއްކަމުގައި ޑައިޓީޝަން އިޢާޝާ އިރުޝާދު ދެއްވައެވެ.

ރޯދަވީއްލާގަޑީގައި މޭވާއަކުން ރޯދަ ވީއްލުމަށް ޑައިޓީޝަން އާސިޔާ ވަނީ އިރުޝާދު ދެއްވާފައެވެ. އެއަށްފަހު ފެންތައްޓެއް ބޯލުމަށްފަހު އޭގެ 15 މިނިޓް ފަހުން މިންހެޔޮކެއުމެއް ކެއުން ރަނގަޅުވާނެއެވެ. ރޯދަ ވީއްލަން ބޭނުންކުރާ އެއްޗަކީ ހަކަތަ ލިއްބައިދޭ އެއްޗަކަށް ވާންޖެހެއެވެ. މޭވާއިން ގޮހޮރު ހިންގާލުމަށް އެހީތެރިވެދެއެވެ. އެއިން ލިބިދޭ ހަކަތަ ވަރަށްގިނައެވެ. އަދި ހަމަ އެހެންމެ ގޭހުގެ މައްސަލައާއި ހަކުރު ކޮންޓްރޯލް ކުރަން ފަސޭހަވެގެންދެއެވެ.

 

ނޯޓް: ހަކުރުބައްޔާއި ގުޅޭގޮތުން އައިޖީއެމްއެޗް އިން އާންމުކޮށްފައިވާ ވީޑިއޯތަކުން ވެސް ބައެއް މައުލޫމާތު މިލިޔުމުގައި ވާނީ ހިމަނާފައެވެ. 

+1
3
+1
7
+1
7
+1
4
+1
3
+1
1
+1
3

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. އަޅުގަނޑަކީވެސް ޑައެބެޓިކުމީހެއް މިރޯދަމަހަކީމިކަމެއްލައެގަންފަހުން އަޅުގަނޑާލައްވާލި ފުރަތަމަރޯދަމަސް ހާރުކަނީ4ޖަހާއިރު ވަރައްރަނގަޅައްހާާރުކެއުމުގެކަންތައްހުންނާނީ ކެއުމައްފަހުގިނައިންފެންބޮމު ފެން ރޯދަވީއްލާގަޑީގަ 10ވަރަކައްކަދުރުބޭނުންކުރަން އަޅުގަނޑައް ބުނެވޭނީ އިރާދަކުރެއްވިއްޔާމައްސަލައެއްނުޖެހި ހުރިހާރޯދައެއްމިހިފެނީއަޅުގަނޑުގެ އަންހެނުންގެ ރަނގަޅުކަމުންނޭ ކާންވާއެޗިއްސައްވަރައްވިސްނާދޭ ވަރައްރަނގަޅޭ ބުނެވޭނީ ޝުކުރުއަދާކުރަން އަންހެނުންނައް

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް