އަހަރެމެންގެ ތެރެއިން އެކި މީހުން ދެކެން ބޭނުންވާ ހުވަފެނާއި ހާސިލް ކުރަން ބޭނުންވާ ކަންތައްތައް ވަރަށް ތަފާތެވެ. އެއްބަޔަކު ފައިސާ ހުރެ ކިޔަވަން ފުރުސަތު ލިބި އެފުރުސަތުގެ ބޭނުން ނުހިފައި ހަޔާތުގެ ދުވަސްތައް ބޭކާރުގޮތުގައި ދުއްވާލައެވެ. އަނެއްބަޔަކު ކިޔަވަން ބޭނުންވެ އެފުރުސަތު ނުލިބި އެކަމުން މަހްރޫވެއެވެ.
ކިޔެވުމަށް ފައިސާ ހޯދަން މަސައްކަތް ކުރަމުން އާއިލީ ޒިންމާ ނަގަމުން ދިރިއުޅޭ މީހުންވެސް މަދެއް ނޫނެވެ. މިގޮތުން މެލޭޝިއާގެ 'ސެކޯލާ ކެބަންސާން ތެރިއަން' އަށް އުފަން އުމުރުން އެންމެ 13 އަހަރުގެ އަޔޯންއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ 7 ކުދިންގެ ތެރެއިން 4 ވަނަ ކުއްޖާއެވެ. އަޔޯންގެ މަންމައަކީ ވަޒީފާ އަދާކުރާ މީހެއް ނޫނެވެ. ބައްޕައަކީ ކުރިން ދަނޑުވެރިކަން ކުރި ނަމަވެސް މިހާރު އެމަސައްކަތް ހުއްޓާލުމަށްފަހު ވަރަށް ފަހުން ސެކިއުރިޓީ ގާރޑެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާ މީހެކެވެ.
އަޔޯންގެ ޕްރައިމަރީ ސްކޫލް ޓީޗަރެއް ކަމަށްވާ ފެރާ އާނަރ ބޮނިސް އަކީ މިވިލެޖަށް ނިސްބަތްވާ މީހެއް ކަމުގައިވިޔަސް މިހާރު ސަބާ ޕްރޮވިންސްގައި ޓީޗަރެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. އެހެންނަމަވެސް ފެރާގެ މަންމަ އުޅެނީ އަޔޯންމެންގެ ގެއާއި ވަރަށް ކައިރީގައި ކަމުން އެއްދުވަހަކު ފެރާގެ ހިތަށް އެރީ އަޔޯން ކޮބައިތޯ ބަލާލުމަށެވެ. މައުލޫމާތު ލިބުނުއިރު އަޔޯން ސްކޫލަށް ފޮނުވައިދެވޭނެ މާލީ ތަނަވަސްކަން އާއިލާގައި ނެތުމުން އަޔޯން ހުންނަނީ ގޭގައެވެ. އަޔޯން އަކީ ކިޔެވުމަށް ވަރަށް މޮޅު އަދި އެހާމެ އަޚްލާގު ރަނގަޅު ދަރިވަރެއްކަމުން ފެރާ ބޭނުންވީ އަޔޯން އަށް ކިޔެވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އަޔޯން އާއި ވާހަކަ ދައްކާށެވެ. އެއްދުވަހަކު އަޔޯން އާއި ވާހަކަ ދައްކާލުމަށްފަހު ފެރާ ކުރީ އެންމެ ސުވާލެކެވެ. "ކިޔަވަންދާން އަދި ބޭނުންތަ؟" ވަގުތުން އަޔޯންގެ ޖަވާބަކަށްވީ އާއެކެވެ. އަޔޯން އަށް ލިބުނު އުފަލެއްގެ ވާހަކަ ބުނެދޭންވެސް ނޭނގުނެވެ.
އޭގެ ދުވަސްކޮޅެއްފަހުން ފެރާ ބޭނުންވީ އަޔޯންއަށް ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމަށްފަހު އަޔޯން ގެނެސް ބޯޑިންގައި ބެހެއްޓުމަށެވެ. މިޚަބަރު އަޔޯންއަށް ލިބުމުން އަޔޯން ބޭނުންވީ ވަގުތުން ކިޔަވަންދާށެވެ. އޭގެ އިރުކޮޅެއްފަހުން ފެރާގެ މަންމަގެ ފޯނުކޯލެއް ފެރާއަށް ލިބުނެވެ. ފެރާގެ މަންމަ ފަރާތުން އެނގުނުގޮތުގައި އަޔޯންއަށް ސެކަންޑަރީ ސްކޫލަށް ދިއުމުގެ ހުރިހާކަމެއް ހަމަޖެހުނުކަން އެނގުމުން ގެންގުޅޭ ސާމާނާއި ފޮތްކޮޅު ދަބަހަކަށް އަޅައިގެން ހިނގާފައި ގެއިން ނުކުމެގެންދިޔައީއެވެ. އަޔޯންގެ ވިލެޖުން ފެރާ އުޅޭ ވިލެޖަށް ހިނގާފައި ދިއުމަށް 3 ގަޑިއިރު ހޭދަވެއެވެ. އަދި އެހިސާބަކީ ފަރުބަދަމަތީ ހިސާބެއް ކަމުން ހިނގާފައި އަންނަން އޮންނަ މަގުތަކަކީވެސް ވަރަށް އުދަގޫ މަގުތަކެކެވެ. އެޚަބަރު ލިބުމުން ފެރާއަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. ކިޔެވުމަށްޓަކައި ފެންބޮވައިގަނެފައިވާ އުމުރުން 13 އަހަރުގެ ކުއްޖަކު ކުރަމުންދާ މަސައްކަތް ފެނިފައެވެ. ވަގުތުން ފެރާ ކާރަށް އަރައިގެ އަޔޯން ހޯދުމަށް ދަތުރުފެށިއެވެ.
ފެރާއާއި އަޔޯން ދިމާވީ ހިލްއެއްގެ މަތިން ހިނގާފައި އަންނަނިކޮށެވެ. އޭރު ގާތްގަޑަކަށް ދެބައިކުޅައެއްބަޔާއި ހަމައަށް އަޔޯންވަނީ ފައިމަގުގައި ދަތުރުކޮށްފައެވެ. ފުދޭވަރަކަށް ބަރު ދަބަހެއް ކޮޑުގައި އަޅުވައިގެން އަޔޯން ހިނގާފައި އަންނަތަން ފެނުމުން ފެރާއަށް ވަރަށް ހިތްދަތި އަސަރުތަކެއް ކުރުވިއެވެ. އަޔޯންއާއި ފެރާ ދިމާވި ހިލް މަތީގައި ނަގާފައިވާ ފޮޓޯ ފެރާ ސޯޝަލް މީޑިއާގައި ޝެއާ ކުރުމަށްފަހު "ދަ ސްޓަރ ނިއުސް" އަށް ވެސް މިޚަބަރާއި ގުޅޭގޮތުން އިންޓަވިއު ދިނެވެ.
މިވާހަކަ ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިއުމުން ވަރަށް ގިނަ މީހުންގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ. އެންމެބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ މެލޭޝިއާގެ އެކްޓަރެއް ކަމުގައިވާ އެޑްރިއަން އެޑީގެއެވެ. އޭނާއަށް މިޚަބަރު ލިބުމުން ތެރިއަންއަށް ގޮސް އަޔޯންގެ އާއިލާއާއި ބައްދަލުކޮށް އަޔޯން ހޯދައި އަޔޯން ގޮވައިގެން ސްކޫލަށް ބޭނުންވާ އެއްޗެހި ގަންނަން ދިޔައެވެ. އަދި އަޔޯން ގޮވައިގެންގޮސް އަޔޯން ބޭނުންވާ ކޮންމެ އެއްޗެއް ނަގާށޭ ބުނުމުން އަޔޯންގެ ޖަވާބަކަށްވީ "މިވަރުން ފުދޭނެ، ދެން އޯކޭވާނެ" ވަރަށް ލަދުރަކި ކަމާއެކު ބުނެލިއެވެ. އެޑްރިއަން އެޑީ އަޔޯންއަށް ބައިސްކަލެއްވެސް ގަނެދިނެވެ. އެއީ އަޔޯންގެ ވަރަށް ކުރީގެވެސް ހުވަފެނެކެވެ. އަދި ބައިސްކަލް ގަނެދިނުމަށްފަހު އެޑްރިއަންގެ ނަސޭހަތަކަށް ބުނެލީ ފަޔާ ފައިޓަރ އަކަށް ވުމަށްޓަކައި މޮޅު މީހަކަށް ވުމުގެ މަގްސަދުގައި ކިޔަވާށެވެ. އަޔޯންއަކީ ވަރަށް ނަސީބު ރަނގަޅު ދަރިވަރަކަށް ވުމުން ފެރާވެސް އެކަމާ ވަރަށް އުފާކުރިއެވެ. ސޯޝަލް މީޑިއާގެ އެޕޯސްޓްގެ ސަބަބުން ވަރަށް ގިނަ މީހުންގެ ފަރާތުން އެހީ އަޔޯންއަށް ލިބުނެވެ. މިހާރު އަޔޯންއަކީ މޮޅަށް ކިޔަވަމުން އަންނަ ދަރިވަރެކެވެ.
މައުލޫމާތު: ސްޓަރ ނިއުސް އަދި ފޭސްބުކް