ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް މުޖުތަމަޢަށް މުހިއްމު ކުދިންނެވެ. ފަހަކަށްއައިސް ސޯޝަލް މީޑިއާއިން ވެސް ދަނީ މިފަދަ ކުދިންނާއި މީހުންގެ ހުނަރުވެރިކަން ފެންނަމުންނެވެ.
ޖޯޖިއާ އަށް އުފަން އުމުރުން 20 އަހަރުގެ ގްރޭސް ކީ އަކީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހެކެވެ. އުފަންވިއިރުވެސް މިއީ ޑައުންސިންޑްރޯމް ހުންނަ ކުއްޖެކެވެ. ގްރޭސްގެ މަންމަ ބުނިގޮތުގައި އޭނާގެ ދަރިފުޅުގެ ކުޅަދާނަކަމާއި ހުނަރު އެހެން މީހުންނަށް އަންގައިދިނުމުގަ ދިމާވި ބޮޑެތި ގޮންޖެހުންތަކާއި އެދަތި ދުވަސްތައް ހަނދާންވުމުން މިހާރުވެސް ދެރަވެއެވެ. ގްރޭސްގެ މަންމަގެ ހިތަށް އެރީ ގްރޭސްގެ އެހުންނަ ކުރެހުމުގެ ކުޅަދާނަ ހުނަރުން ރަނގަޅު މަސައްކަތެއް ދެއްކިދާނެ ކަމަށެވެ.
އެންމެ ކުޑައިރުވެސް ގްރޭސް ވަރަށް މޮޅަށް ކުރަހައެވެ. މޭކަޕާއި ގުޅޭ ޓިއުޓޯރިއަލްތައް ބަލައެވެ. އަމިއްލައަށް މޭކްޕްކޮށް ފޮޓޯ އާއި ވީޑިއޯ ނެގުމަށްފަހު އިންސްޓަރގްރާމަށް ލައެވެ. ގްރޭސް ދިޔައީ އެންމެ ކުޑައިރުއްސުރެވެސް ރީތިކަމަށް ލޯބިކުރަމުންނެވެ. އަބަދުވެސް އަމިއްލައަށް އެކިކަހަލަ ހެދުންއަޅައި މޭކަޕްކޮށްގެން މޮޑެލްކުރުމަކީ ލިބޭ ބޮޑު އުފަލެވެ. ގްރޭސް އައީ މަޝްހޫރުވާން ބޭނުންވެގެން މޮޑެލް ކުރަމުންނެވެ.
ކުރެހުމާއި އާރޓާއި ގުޅިފަހުރި ކަންކަން ވިސްނުމަށް އައުމުން ގްރޭސްގެ މަންމަ ދިން ޚިޔާލަކީ އަމިއްލައަށް ޑިޒައިންކޮށްގެން ޓީޝާޓް ކަހަލަ އެއްޗެއް އުފެއްދުމެވެ. މިޚިޔާލު ވެގެންދިޔައީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ކަމަކަށެވެ. މިކަމާ ވަރަށް ގަޔާވެ ގްރޭސްގެ އާރޓް ޓީޗަރ 'ރޮބިން ޕްރޮފިޓް'ގެ އެހީއާއެކު ފުރަތަމަ ފަހަރަށް އަމިއްލައަށް ޑިޒައިން ކުރި ޓީޝާޓްގެ ލޯގޯއަކަށް ޖަހާފަ އިންނަނީ 'ބީ ދަ ލައިޓް' އެވެ.
3 ބޮކި ކުރަހާފަ އިންނައިރު މިލޯގޯއިން ރަމްޒުކޮށްދެނީ އުފާވެރި ކަމާއި އަލިކަމެވެ. މިތިން ބޮކި ކުރަހާފަ އިންނަ ފޮޓޯ އޭނާގެ އަމިއްލަ އިންސްޓަގްރާމަށް ލުމުން އެއްވެސް ޕްރޮމޯޝަންއަކާ ނުލާ ވަރަށް ބައިވަރު ފޮލޯވާސް ލިބިގެން ދިޔައެވެ. މިކަމުގެ ސަބަބުން ގްރޭސް އަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
'ކެންޑިޑްލީ ކައިންޑް' މިބްރޭންޑްއަކީ ގްރޭސްގެ އަމިއްލަ ކްލޯތިން ލައިންއެއްގެ ގޮތުގައި އުފެދުނު ބްރޭންޑެކެވެ. މިއީ ވަރަށް ޚާއްސަވެގެން ދިޔަ ދުވަހެކެވެ. އެދުވަހަކީ ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސްކަމަށްވާ 21 މާރިޗް 2018 ވަނަ ދުވަހެވެ. ގްރޭސް ބުނާގޮތުގައި 'ކެންޑިޑްލީ ކައިންޑް' ރަމްޒުކޮށްދެނީ އޭނާގެ ޕާސަނަލިޓީއެވެ. އެއީ ގްރޭސް އަކީ އަބަދުވެސް ވަރަށް ހިތްހެޔޮ މީހެއްކަމެވެ.
މިބްރޭންޑް ތައާރަފް ވުމަށްފަހު ވަރަށް ގިނަ އޯޑަރތައްވެސް ލިބިގެން ދިޔަކަން ފާހަގަކުރިއެވެ. އަދި ހަމަ އެދުވަހު އިންސްޓަރގްރާމް މެދުވެރިކޮށް 40 އޯޑަރ ލިބުނު ކަމަށް ފާހަގަކުރިއެވެ. އެއަށްފަހު އިންސްޓަރގްރާމް މެދުވެރިކޮށް ގްރޭސްއަށް ވަރަށް ބައިވަރު ފުރުސަތުތައް ލިބެން ފެށިއެވެ. މަޝްހޫރު 'އާބަން ޑި ކޭ ކޮސްމެޓިކް ލައިން' އިން ގްރޭސްއަށް އެމީހުންގެ އިޝްތިހާރުތައް ކުޅުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެއަށްފަހު ސޯޝަލް މީޑިއާ އިން ވަރަށް ގިނަ ފުރުސަތުތައް ގްރޭސްއަށް ލިބެންފެށިއެވެ. އަދި މަޝްހޫރު 'ފެބްފިޓްފަން' ގެ މެގަޒިންގައި މޮޑެލް ކުރުމުގެ ފުރުސަތު ގްރޭސްއަށް ލިބިގެން ދިޔައެވެ.
2018 ވަނަ އަހަރު ފެށި ގްރޭސްގެ އަމިއްލަ ކްލޯތިން ލައިންއަށްފަހު 20 ވައްތަރެއްގެ އެއްޗެހި ޑިޒައިންކޮށް ބާޒާރަށް ނެރެފައިވެއެވެ. އެއީ ހޫޑީ، ޓޮޓް ބޭގްސް، ކުޑަކުދިންގެ ހެދުން މިހެންގޮސް ތަފާތު އެތައް އެއްޗެކެވެ. އަދިވެސް 'ބެސްޓް ސެލާ' އެއްގެ ގޮތުގައި ފާހަގަކުރެވުނީ 'ބީ ދަ ލައިޓް' ލޯގޯ ޖަހައިގެން ފުރަތަމަ ތައްޔާރުކުރެވުނު ޓީޝާޓެވެ.
އަމިއްލައަށް ތައްޔާރު ކުރި 'ލެޓް ޕީސް ބިގިން ވިތް މީ' ޖަހައިފައިވާ ފޭސް މާސްކެއް ބާޒާރަށް ނެރެ، އެވިއްކައިގެން ލިބުނު 100 ޕަސެންޓް ފައިދާއިން އެހީވީ ކޮވިޑްގެ ބަލިމަޑުކަމުގައި ހާލުގައި ޖެހިފައިވާ މީހުންނަށެވެ. ގްރޭސްގެ ކުޅަދާނަ ކަމަކީ އާދަޔާ ޚިލާފު ކުޅަދާނަ ކަމެއްކަން ފާހަގަކުރެވެއެވެ. ލިބޭ ކޮންމެ އޯޑަރަކާއެކު ގްރޭސްގެ އަމިއްލައަތުން ލިޔެފައިވާ ޝުކުރުގެ ކާޑެއްވެސް ތައްޔާރުކުރެއެވެ. ގްރޭސް ބުނާ ގޮތުގައި އެމަސައްކަތުގައި ރޭގަނޑު ވަރަށް ލަސްވަންދެން ހޭލާއިދެވެއެވެ.
މިމަސައްކަތުން ކުރިއެރުން ލިބެމުންދިޔަ ވަރަކަށް ގްރޭސް ބޭނުންވީ މިކަހަލަ ކުދިންނަށް އުގަންނައި ދިނުމުގަ ކޮންމެވެސް ވަގުތެއް ހޭދަކުރާށެވެ. އެގޮތުން ކުދިންނަށް ކްލާސް ނަގައިދޭން ފެށިއެވެ. އަދި ޓްރެއިނިންގ ސެޝަންތައްވެސް ނަގައިދޭން ފެށިއެވެ. ޑައުންސިންޑްރޯމް އެސޯސިއޭޝަނާއި ގުޅިގެން ގްރޭސް މިކަހަލަ އެތައް ހުނަރެއް ކުދިންނަށް ދަސްކޮށްދޭން ފެށިއެވެ. އެކުދިންނަކީ މުޖުތަމުއުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ހިތްވަރުދިނެވެ. ގްރޭސް ބުނިގޮތުގައި މިކަހަލަ ކުދިން ވަޒީފާއަކަށް ވެއްދިކަމުގައިވީނަމަވެސް ލިބޭ މުސާރައަކީ ވަރަށް ކުޑަ މުސާރައެކެވެ.
ގްރޭސްގެ އުއްމީދަކީ މިމަސައްކަތުން ލިބޭ ލާރި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ޚަރަދު ކުރުމެވެ. ގްރޭސްގެ މަންމަ ފާހަގަ ކުރިގޮތުގައި އޭނާ އުފާވެ އަދި ފަޚުރުވެރިވާ ކަހަލަ ދަރިއަކަށް ގްރޭސް ވަނީ ވެފައެވެ. ގްރޭސް އެދަނީ ނަމޫނާ ދައްކަމުންނެވެ. ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ހުރި ފެންވަރަކުން ހުނަރާއި ގާބިލުކަން ދައްކާ ކާމިޔާބު ކުއްޖަކަށް ވެވިދާނެ ކުއްޖެކެވެ. ގްރޭސްގެ "ބީ ދަ ލައިޓް" "ބީ ދަ ލަވް" އިން އެގެނެސްދެނީ ހާދަހާވާ ފުންމާނައެކެވެ. މި މާނައަށް ވިސްނާ މިފަދަ މީހުންގެ ހުނަރު ކުރިއެރުވުމަށް އަތުކުރި އޮޅާލަމާތޯއެވެ.