ކުޑަކަމުދާން އުދަގޫވުމަކީ ކުޑަކަމެއް ކަމުގައި ދެކޭ މީހުން މަދެއްނޫނެވެ. ކުޑަކަމުދާން އުދަގޫވެޔޭ ބުނުމުން އެއީ ވަރަށް އާދައިގެ ކަމެއް ކަމުގައި ދެކިގެން ފަރުވާނުކޮށް ފަރުވާ ކުޑަކޮށްލައިގެން ތިބޭ މީހުންވެސް އުޅެއެވެ. ޔޫރިން އިންފެކްޝަން އުފެދިދާނެ ތަފާތު ކަންތައްތައް ހުރެއެވެ.
އޭގެތެރޭގައި 'ލޯވަރ ޓްރެކް'ގެ އިންފެކްޝަން އުފެދިފައިވާނަމަ ފެންނަ އަލާމާތްތަކަކީ:
- ކުޑަކަމުދާއިރު ވަރަށް ގަދައަށް ދިލަނެގުން
- ކުޑަކަމުދާއިރު ލޭއައުން
- އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން
- ކުޑަކަމުދިއުމަށްފަހު ބްލެޑާ އެއްކޮށް ހުސްނުވުން
- ދަށްބަނޑުގައި ވަރަށް ގަދައަށް ރިއްސުން
- ކުޑަކަމުދާއިރު އާދަޔާޚިލާފު ވަހެއް ހުރުން
ތިރީ 'ޓްރެކް'ގައި އިންފެކްޝަން އުފެދިފައިވާނަމަ ބްލެޑާ ނުވަތަ ޕްރޮސްޓްރޭޓް އަށް އަސަރުކުރެއެވެ. މިގޮތަށް ދިމާވެގެންގޮސް މިކަމުގައި ފަރުވާކުޑަކޮށްލައިފިނަމަ ބޮޑުވަރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގައި އަވަސް ފަރުވާ ހޯދުމަށް ޑޮކްޓަރެއްގެ ލަފާގެމަތިން ބޭސް ބޭނުންކުރުން ވަރަށް މުހިއްމެވެ.
'އަޕާ ޓްރެކް' އިންފެކްޝަންއަކީ މިކަމުގައި އެންމެ ނުރައްކާތެރިކަމެވެ. މިކަމުގެ ސަބަބުން ކިޑްނީއަށް ޖަރާސީމުގެ އަސަރުކޮށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިގެންވެސް ދެއެވެ. މިކަމުގެ ސަބަބުން ބައެއްފަހަރަށް ބްލެޑް ޕްރެޝަރ ދަށްވެ ނުވަތަ ޝޮކެއްޖެހުން ފަދަ ކަންތައް ދިމާވެއެވެ.
މިކަމުގެ އަލާމާތްތަކުގެ ތެރޭގައި:
- ވަރަށް ގަދައަށް އުނަގަނޑުގައި ރިއްސައި އަރިކަށިމަތީގައި ރިއްސުން
- މީހާ ފިނިވެލާފައި ނުވަތަ ހަށިގަނޑު ބަރުވެލާފައި ހުރުން
- ހުންއައުން
- ބޯއެނބުރުން
- ހޮޑުލަވާގޮތްވުން
ޔޫރިން އިންފެކްޝަންގެ މައްސަލަ ދިމާވާ އާއްމު ސަބަބުތައް:
- އަންހެނަކުނަމަ ކުޑަކަމުދާ ނިމުމުން ރަނގަޅަށް ސާފުތާހިރުކޮށް ނުވަތަ ކުރިމަތިފަރާތް ހިއްކާފައި ނުބެހެއްޓުން
- އާއްމުކޮށް ޕަބްލިކް ފާޚާނާތައް ބޭނުންކުރުމުން
- ކުޑަކަމުދާންވެފައި ހުރެއްޖެނަމަ ގިނައިރު ހިފަހައްޓައިގެން ހުރުން
- މާބޮޑަށް ފެންމަދުވުން
ކުޑަކަމުދާ މައްސަލަ އާއްމުކޮށް ދިމާވަނީ ކޮންބަޔަކަށް؟
ކުޑަކަމުދާ މައްސަލަ އާއްމުކޮށް ފަސޭހައިން ދިމާވަނީ އަންހެނުންނަށް ކަމުގައި ވީނަމަވެސް މިކަމުގެ ވޭނުގައި އުޅޭ ފިހިނެނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ވަރަށް ގިނައެވެ. އާއްމުކޮށް ހަރަކާތްމަދުވެ ހެލިފެލިވެ ނުއުޅެވޭ އުމުރަށް ދިއުމުން މިމައްސަލަ ދިމާވާކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ހަކުރުބަލި ހުންނަ މީހުންނަށް ކުޑަކަމުދާ ހޮޅީގައި ޖަރާސީމު އަށަގަތުމަށްފަހު ރަނގަޅުކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ. ސަބަބަކަށްވަނީ އެމީހުންގެ އިމިއުން ސިސްޓަމުގައި ބެކްޓީރިއާއާއި ފައިޓްކުރާނެ ބާރު ނެތުމެވެ.
އުމުރުން ދުވަސްވުމުން އެނދުމަތިވުމުގެ ސަބަބުން ކުޑަކަމުދާ ހޮޅި ރަނގަޅަށް ސާފުނުވެ ނުވަތަ ހުސްނުވެ ހުރުމުގެ ސަބަބުން ކުޑަކަމުދާ ހޮޅީގައި ބެކްޓީރިއާ އުފެދި ކިޑްނީއަށް އަސަރުކުރުމުން ދެން އޮންނާނީ ގިނަފަހަރަށް ނުރައްކާތެރި ހާލަތަށް ގޮސްފައެވެ. ކިޑްނީގައި ހިލައުފެދި އެކަމަށް ފަރުވާނުކޮށް ލަސްވެއްޖެނަމަވެސް ދެން ދިމާވާ ކަންކަމުގެ ސަބަބުން އުމުރު ދުވަހު އެކަމުގެ ވޭނުގައި އުޅެންޖެހިދާނެއެވެ.
ކުޑަކަމުދާ މައްސަލައިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:
- އާއްމުގޮތެއްގައި ގިނައިން ފެން ބޭނުންކުރުން
- ކުރިމަތީފަރާތް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
- ކުރިމަތީފަރާތުގައި އެއްވެސް ބާވަތެއްގެ ސެންޓެއް ނުވަތަ ސެންސިޓިވް ވަހެއް ހުންނަ އެއްޗެއް ބޭނުން ނުކުރުން
- އެއްދާންކޮށް ނިންމުމަށްފަހު ކުޑަކަމުދިއުން
- ބްލެޑާ ރަނގަޅަށް ހުސްވަންދެން ކުޑަކަމުދިއުން
ގޭގައި ދެވިދާނެ ފަރުވާ:
ކުޑަކަމުދާ މައްސަލަ ދިމާވެއްޖެނަމަ އަދި ބޮޑުވަރު ނުވާނަމަ ގޭގައި އަމިއްލައަށް ފަރުވާކޮށްގެންވެސް ރަނގަޅުކުރެވިދާނެއެވެ. މިގޮތުން ގޭގައި ދެވިދާނެ ބައެއް ފަރުވާތަކަކީ:
ފުރަތަމަ ކަމަކަށް ފެން ބޭނުން ކުރުން ނުވަތަ ދިޔާއެއްޗެހި ބޭނުންކޮށްގެން އަވަސް އަވަހަށް ކުޑަކަމުގޮސް ހޮޅި ސާފުކުރުން
ރަނގަޅަށް އަރާމުކުރުމާއި ނިދި ހަމަކޮށް މީހާގެ ހަށިނގަޑު ވަރުބަލިވިޔަނުދީ ހިފެހެއްޓުން
ކުޑަކަމުދާ މައްސަލަ ދިމާވެ އެކަމުގައި ފަރުވާކުޑަކޮށްގެން ހާލަތު ގޯސްވެ ވަރަށް ވޭނުގައި އުޅޭ މީހުން މިމުޖުތަމައުގައި އުޅެއެވެ. ވީމާ މިކަމަކީ ފަރުވާކުޑަނުކޮށް އަވަހަށް ފަރުވާ ހޯދައި ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭސްފަރުވާ ކުރަންޖެހޭ ކަމެކެވެ.
މައުލޫމާތު: ހެލްތްލައިން، ވެބް އެމްޑީ ޑޮޓް ކޮމް
ކިޔުންތެރިންގެ ހިޔާލު
Warah mihinmu mauloomaathu kolheh thiya hihsaakohlii sukurihyaa
ކޮމެންޓްސް ބަންދުކުރެވިފައި