ކެންސަރު ބައްޔާއި ދެކޮޅަށް ފުރާނަ ސަލާމަތްކުރުމަށް ކުރަމުންދާ ހަނގުރާމައިގެ ވާހަކައަކީ ދުނިޔޭގައި ވަރަށް އާއްމު ވާހަކައެކެވެ. ކެންސަރުގެ ވޭނުގައި އުޅެމުންދާ ގިނަބަޔަކު ދަނީ އެމީހުންނަށް ދިމާވި ކަންކަމުގެ ވާހަކަ ހިއްސާކޮށް މިބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް މިކަމުގައި ހިތްވަރު ދޫނުކޮށް އުޅުމަށް ނަސޭހަތްތެރިވެފައެވެ. ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހުންނަށް ހިތްވަރަކަށް ވެގެންދަނީ ބަލި ތަހައްމަލުކޮށްފައިވާ މީހުންގެ ވާހަކައިންނެވެ. މިގޮތުން މިލިޔުމުގައި މިހިމަނާލަނީ އުރަމަތީ ކެންސަރާއި ހަނގުރާމަކޮށް އެބަލިން ރަނގަޅުވެ އޭގެ އުދަގުލާއި ނުލައި 19 އަހަރު އުޅެފައިވާ މީހެއްގެ އަސަރުން ފުރިގެންވާ ވާހަކައެކެވެ.
މެލޭޝިއާ އަށް އުފަން އުމުރުން 41 އަހަރުގެ ބެޓީ އަށް އުރަމަތީ ކެންސަރު ޖެހުނުކަން އެނގުނީ 2003 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާއަށް މިބަލި ހުރިކަން ދެނެގަނެވުނީ އާދައިގެ މަތިން 'ރޫޓިން ޗެކްއަޕް' އަކަށް އަންހެންނުންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމުންނެވެ. ޑޮކްޓަރުގެ ލަފާގެ މަތިން މެމޮގްރާމެއް ހެދުމުން އެނގުނީ އުރަމަތީގައި 'ލަމްޕެއް' ކަހަލަ އެއްޗެއް އިންކަމެވެ. އޭގެ ކުރިން މިކަމުގެ އެއްވެސް އިޝާރާތެއް ބެޓީ އަކަށް ވެފައެއް ނެތެވެ. އެހެންނަމަވެސް ކަންދިމާވީ ވަރަށް ދެރަކޮށެވެ. ޑޮކްޓަރގެ ރިޕޯޓް ލިބުމުން ބެޓީ ފުރަތަމަ ހީކުރީ ވަރަށް އާދައިގެ ކަމެއް ކަމަށެވެ. އުރަމަތީގައި ލަމްޕެއް އިންކަން ބެޓީއަށް ފާހަގަވެސް ކުރެވިފައިނުވެއެވެ. ޑޮކްޓަރުގެ ފަރާތުން ބެޓީ އަޑުއަހަންޖެހުނު ވާހަކައަކީ ބެޓީގެ ހިތަށް ބަރުދާސްތު ކުރަން އެހާ ފަސޭހަ ވާހަކައަކަށް ނުވިއެވެ.
ނަތީޖާ ލިބުނު އިރު ބެޓީ މިވަނީ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައެވެ. ބެޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އުރަމަތި ނަގަންޖެހިދާނެ ކަމެވެ. އޭނާގެ ފިރިމީހާ ބުނީ ބެޓީގެ ގުނަވަނެއް ނެތްކަމުގައިވިޔަސް ބެޓީއާއެކު އުމުރަށް އުޅެން ތައްޔާރަށް ހުރިކަމަށެވެ. އެކަމަކުވެސް ބެޓީ ބުނިގޮތުގައި އޭނާގެ ގުނަވަނެއް ނެތުން އެއީ އޭނާގެ އަމިއްލަ ހަށިގަނޑަށް ލިބޭ އުނިކަމެކެވެ. ބެޓީގެ ހިތަށް ފުރަތަމަވެސް އެރީ "އަހަރެން ދެން އެހާ ގިނަދުވަހަކު ދުނިޔެއަކު ނުހުންނާނެ" މިހެންނެވެ. އެހެންވީމާ މިކަމުގައި ދެވެންހުރި ހުރިހާ ފަރުވާއަކަށް ބެޓީ ހުރީ ތައްޔާރަށެވެ. ބެޓީގެ ހަޔާތުގައި އޭނާގެ ލޯބި ލޯބި 'ޓިމަތީ' އަކީ އުމުރުން 7 އަހަރުގެ ފިރިހެން ކުއްޖެކެވެ. ދެން ހުރީ ޚާއްސަ އެހީއަށް ބޭނުންވާ 'ނަދިން' ކިޔާ އުމުރުން އެންމެ 5 އަހަރުވެފައިވާ އަންހެން ކުއްޖެކެވެ. ބަލީގެ ވާހަކަ އޭނާގެ 7 އަހަރުގެ ޓިމަތީއަށް ކިޔައިދީ މިކަމުގައި ފަރުވާއަށް ކުރަންޖެހޭނެ ކަންކަންވެސް ކިޔާދިނެވެ. އުމުރުން އެހާ ހަގުވުމުން ކެންސަރަކީ ކޮންކަހަލަ ކަމެއްކަން އެހާ ބޮޑަކަށް ނޭންގެއެވެ. އެހެންނަމަވެސް ބެޓީ ބޭނުންވީ މިވާހަކަ އޭނާގެ ދަރިފުޅާއި ހިއްސާކުރާށެވެ.
ދެން އޮތީ ބެޓީގެ ކީމޯ ތެރަޕީގެ ހިތްދަތި ވާހަކައެވެ. ކީމޯ ނަގަން ޖެހުމުން ބެޓީ އަށް ހީވީ އެހެން ދުނިޔެއަކަށް އާދެވުނުހެންނެވެ. ކެއިން ބުއިމާއި ދުރުވެ މުޅި މީހާގެ ހަޔާތް އެފުށް މިފުށަށް ޖެހުނެވެ. "ކާއެއްޗެހީގައިވެސް ލަނީ ހަމަ ހިތި ރަހަ.. ފެނުގައިވެސް ލަނީ ހިތި ރަހަ" ވަރަށް އަސަރާއެކު ބެޓީ ކިޔައިދިނެވެ. ކާއެއްޗެއް ކޭނަމަވެސް ފެން ބުއި ނަމަވެސް އެއެއްޗެއް ލެވެނީ ހޮޑަށެވެ. ބަތްކޮޅެއް ކާލައިގެން ނަމަވެސް ބެޓީ ބޭނުންވީ ގައިގައި ހަކަތަ ބަހައްޓާށެވެ. ބެޓީ ބުނާ ގޮތުންނަމަ ގައިގައި ހަކަތަ ނެތްނަމަ ދެން އޮންނަ ޓްރީޓްމެންޓަށް ދާންވާއިރަށް ބްލަޑް ކައުންޓް ހަމަކުރަންޖެހެއެވެ. އެހެން ނޫނިއްޔާ އެޓްރީޓްމެންޓެއް ނުނެގެއެވެ. ކީމޯގެ ސަބަބުން ތަޖުރިބާކުރަންޖެހުނު ކަންކަމުގެ ސަބަބުން ބެޓީގެ ސިކުނޑިއަށް ކެތްނުވާވަރުގެވެގެން ހުއްޓާލުމަށްވެސް ޑޮކްޓަރު ކައިރިން އެދުނެވެ. އެހެންނަމަވެސް އެޓްރީޓްމެންޓަކީ ފެށުމަށްފަހު ހުއްޓާލެވޭނެ އެއްޗެއް ނޫންކަންވެސް ބެޓީއަށް އެނގެއެވެ. އަދި ދުނިޔޭގައި ހުންނަން ބޭނުންނަމަ މިކަމުން އަރަގަނެވޭނީވެސް ކީމޯ ފުރިހަމަކޮށް ޑޮކްޓަރުންގެ އިރުޝާދުން ކަން ބެޓީއަށް ވިސްނި އަނެއްކާވެސް އާ ހިތްވަރަކާއެކު ކުރިއަށް ދިޔައެވެ. އޭނާގެ ހިތަށް ކެތްނުވާ ހިސާބަށް ދިޔައީ މީހާގެ ބަލީގެ ސަބަބުން ކީމޯ ދިނުމުން ހަށިގަނޑަށް އައި ބަދަލާއި، ތަހައްމަލު ކުރަންޖެހުނު ވޭނުގެ ސަބަބުންނެވެ.
އަނެއްކަމަކަށް ދިމާވީ ބޮލުން އިސްތަށި ފޭބުމެވެ. ސެލޫނަކަށްގޮސް ބޯބޭލުމަށްފަހު ވިގެއް ޖަހައިގެން އުޅެން ފެށީ މީހުންގެ ތެރެއަށް ނިކުމެ އުޅެން ލަދުންނެވެ. އެއްދުވަހަކު ވިގު ނައްޓާލާފައި ބެޓީ ލޯގަނޑުން އޭނާގެ ސިފަ ބަލާލުމަށްފަހު ރޮވުނެވެ. އަދި އޭނާގެ ފިރިހެން ދަރިފުޅު ބުނެލިއެވެ. "މަމީ ޔޫ ލުކް ލައިކް އެން އޭލިއަން" މިހެންނެވެ. ބެޓީ ކަރުނަތައް ފޮރުވަމުން މަޖާވެލަމުން ބުނެލިއެވެ. "ދަރިފުޅު ވަރަށް އޭލިއަންސް ބަލާހިތްވެއެއްނު. ދަރިފުޅުގެ މަންމަ މިހުރީ އޭލިއަން އަކަށް ވެގެން އައިސްފައެއްނު" މިހެންނެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅެން ހިތްވަރު ހޯދީ ވިގު ޖަހައިގެންނެވެ. އޭރު ބެޓީ މަސައްކަތް ކުރަނީ އެމެރިކާ ކުންފުންޏެއްގައެވެ. އެތަނުގައި މަސައްކަތް ކުރާއިރު ވަރަށް ގިނައިން ދަތުރު ކުރަންޖެހެއެވެ. މިކަމުގެ ސަބަބުން އޭނާގެ ކެއިއަރަށް ބުރޫއަރައި ވަޒީފާ ގެއްލިދާނެ ކަމަށް ޖެހިލުންވިއެވެ. އަދި ޚާއްސަކޮށް އޭނާގެ ޚާއްސައެހީއަށް ބޭނުންވާ ދަރިފުޅަށް އަޅާނުލެވި އެދަރިފުޅު ބާކީވެދާނެތީ އެކަމާވެސް ހިތާމަކުރިއެވެ.
މިހާރު ބެޓީއަކީ ކެންސަރ ބަލިން ރަނގަޅުވެ ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި އުޅެމުން އަންނަ އުފާވެރި މީހެކެވެ. ކެންސަރުގެ އެއްވެސް އުދަގުލެއް ނެތްތާ 19 އަހަރުވެފައިވާ ބެޓީގެ ނަސޭހަތަކީ މިކަމުގައި ހިތްވަރުކޮށްފިނަމަ އައު ހަޔާތެއް ލިބިދާނެކަމެވެ. ކެންސަރު ބަލީގެ ސަބަބުން އޭނާގެ ހުރިހާ ރައްޓެހިން ގެއްލި އެކަނިވެ ބާކީވި ކަމުގައި ވީނަމަވެސް އޭނާގެ ވަޒީފާ އޭނާއަކަށް ނުގެއްލެއެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ އެއްޗެހި ދަސްވެ ދިރިއުޅުމުގެ އުފާވެރިކަން އިހްސާސްވިއެވެ. ބެޓީއަކީ އޭނާގެ ކެރިއަރު ދޫކޮށް ކެންސަރު ޖެހިފައިވާ މީހުންނަށް ޚިދުމަތްކުރުމުގައި "ނެޝަނަލް ކެންސަރ ސޮސައިޓީ އޮފް މެލޭޝިއާ"ގައި ވޮލެންޓިއަރެއްގެ ގޮތުން 16 އަހަރު މަސައްކަތުގައި ދެމިހުރި ހީވާގި ކަނބަލެކެވެ.
އަންހެނުންނަށް ޚާއްސަކޮށް 'ޕިންކް ޔުނިޓީ' ކިޔާ ގްރޫޕެއް އުފައްދައިގެން މަސައްކަތްކޮށް އެކި ކަހަލަ ކެންސަރާއި ހަނގުރާމަ ކުރަމުން އަންނަ މީހުންނަށް އެކި އެކި ހަރަކާތްތައް ބާއްވައިދީ އެމީހުންނަށް ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމުގައި ބެޓީ އަކީ ނަމޫނާ ކަނބަލެކެވެ. އެމީހުންގެ ވާހަކަތައް އަޑުއަހައި އެމީހުންނަށް ހިތްވަރުދީ 'މޯޓިވޭޝަނަލް ސްޕީކަރ' އެއްގެ ގޮތުގައި ބެޓީ އިސްވެ ހުރެ ކުރިއަށްގެންދާ އެތައް ޕްރޮގްރާމެއް ހުރެއެވެ. ކެންސަރު ބަލީގެ މީހުންގެ ހިތުގެ އުދާސްތައް އަޑުއަހައި އެމީހުންނަށް ހިތްވަރު ދިނުމަށް އެހީއަކަށްވެއެވެ. ކެންސަރަކީ ފަސޭހަ ނުވާނެ ބައްޔެއް ކަމުގައި ނުދެކި ކުރިއަށް ދިއުމަށް ބެޓީ އިލްތިމާސް ކުރިއެވެ. ބެޓީގެ ނަސޭހަތަކީ ކެންސަރުޖެހުނަސް ދިރިއުޅުން ނިމުނީ ނޫންކަން ގަބޫލުކޮށްގެން ކުރިއަށް ދިއުމެވެ.
ނޯޓް: މައުލޫމާތު ނަގާފައިވަނީ އިންސްޓަގްރާމް/ ސްޓަރ ނިވްސް/ ސޭސް