November 23, 2024 01:55
Advertisement

-Advertisement-

ގޯނި ރޭސް/ ފޮޓޯ: އެފްބީ ޕޭޖް، ރަސްމާދޫ ސްކޫލް

ޢީދުގައި ކުޑައިރު ކުޅޭ މަޖާ ކުޅިވަރުތައް ހަނދާން އެބަހުރިތަ؟

މިއަދަކީ މިއަހަރުގެ އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހަށްވާއިރު، ޢީދުގެ އުފަލަކީ ކޮންމެ މުސްލިމަކަށްވެސް ލިބޭ ވަރަށް ޚާއްސަ ކަމެކެވެ. އެކި މީހުން ޢީދަށް ތައްޔާރުވަނީ ތަފާތު ގޮތްގޮތަށެވެ. ބައެއް މީހުން ޢީދު ހެދުން ހޯދުމުގައި އަވަދިނެތި އުޅޭއިރު އަނެއްބަޔަކު އުޅެނީ ޢީދުގައި ކުޅޭ ތަފާތު ކުޅިވަރުތައް ފަރިތަކުރުމުގަ އެވެ. ޢީދު ދުވަހުގެ ހެނދުނުގެ ސައިގެ އިތުރަށް މެންދުރު ކެއުމުގައި އަވަދިނެތި އުޅޭ މީހުންވެސް މަދެއް ނޫނެވެ. 

ކުޑައިރުގެ ހަނދާންތައް އާކޮށްލާއިރު އެންމެ ފާހަގަކުރެވެނީ އާއިލާގެ ކުދިވެރިންނާއެކު އެއިރު އެކުޅޭ މަޖާ ކުޅިވަރުތަކެވެ. މިގޮތުން ކުދިންގެ މެދުގައި ކުޅުވިދާނެ ތަފާތު ކުޅިވަރުތަކާއި ބޮޑެތި މީހުން ބައިވެރިވެގެން ކުޅެވިދާނެ ކުޅިވަރުތައްވެސް ހުރެއެވެ.

މި ރިޕޯޓުގައި މިހިމަނާލަނީ ޒަމާނުއްސުރެ ދިވެހިން ކުޅެމުން އަންނަ ބައެއް ކުޅިވަރުތަކެވެ. މިކުޅިވަރުތައް ވެސް ތަފާތު ގޮތްގޮތަށް އެކި ރަށްރަށުގައި ކުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.

Advertisement

ފައިގަތަޅާ
މިކުޅިވަރުގައި ދެބަޔަކަށް ބައިބަހާލާނީއެވެ. ދެން އެއަށްފަހު ކޮއްޓެއް ހަދާފައި އެކޮށިތެރޭގައި ޓީމުގެ މެމްބަރުން ތިބޭނީއެވެ. ކޮށީގެ ބޭރުން ބޯޅަ އުކަން ތިބޭނީ އިދިކޮޅު ޓީމުގެ މެމްބަރުންނެވެ. މިގޮތަށްގޮސް ބޯޅަ އެއްލައިގެން ބޯޅައިގައި ޖެހޭ މީހަކު ނުބައިވީއެވެ. އެހެންގޮސް އެންމެ ފަހު މީހާއާއި ޖެހެންދެން ކުޅޭނީއެވެ. ފަހު މީހާ ބޯޅައިގައި ނުޖެހި 12 އާއި ހަމައަށް ގުނައިގެން މޮޅުވެއްޖެނަމަ އެޓީމް އެހެން މީހުންނަށް އަނެއްކާވެސް ކޮށިތެރެއަށް ވަންނަން ފުރުސަތު ލިބޭނެއެވެ. އޭރުން އެޓީމަށް ޕޮއިންޓް އިތުރުވީއެވެ. މިއީ ވަރަށް މަޖާ ވަރަށް ފޯރިގަދަ ކުޅިވަރެކެވެ.

ގަނޑުފިއްލާ
ގަނޑުފިއްލާއަކީ ވަރަށް މަޖާ އަދި ވަރަށް ކުރީޒަމާނުއްސުރެ ކުޅެމުން އައި ކުޅިވަރެކެވެ. މިކުޅިވަރުގައިވެސް 2 ޓީމަކަށް ބައިބަހާލުމަށްފަހު ފޮތިގަނޑެއްގެތެރޭގައި ކާކުކަން ނޭންގޭ ގޮތަށް މީހަކު ބާއްވާނީއެވެ. އޭރުން ފޮތިގަނޑުތެރޭގައި އޮތީ ކާކުކަން އަނެއް ޓީމު މީހުންނަށް ބުނެ ނުދެވިއްޖެނަމަ އެޓީމަށް ޕޮއިންޓް މަދުވީއެވެ. މިގޭމް ކުޅޭއިރު ފޮތިގަނޑުތެރޭގައި މީހަކު ނުބާއްވާ އެކި އެއްޗެހިލުމަށްފަހުވެސް މަޖާކުރެއެވެ.
ބިސްރޭސް
މިކުޅިވަރަކީ ކުޑަކުދިންނަށް ޚާއްސަކޮށް ކުޅުވާ ކުޅިވަރެކެވެ. ރޮނގެއް ދެމުމަށްފަހު އެ ރޮނގުމަތީގަ ކުދިން އަތުރާނީއެވެ. އެއަށްފަހު ކޮންމެ ކުއްޖެއްގެ އަތަށް ސަމުސަލެއް ދޭނީއެވެ. އެސަމުސަލަށް ކުކުޅު ބިހެއް ލުމަށްފަހު ބިސް ހިފައިގެން ބިސް ވައްޓާނުލާ ދުވެފައި އަނެއް ރޮނގާ ހަމައަށް ދެވޭ ކުއްޖަކު މޮޅުވީއެވެ.

ގޯނި ރޭސް ކުރިއަށްދަނިކޮށް މީހަކު ވެއްޓެނީ/ ފޮޓޯ: އިސްމާޢީލް ޝަފީޢު

ގޯނި ރޭސް
މިއީ ތަފާތު އުމުރުގެ މީހުން ކުޅޭ ކުޅިވަރެކެވެ. މިކުޅިވަރުގައި ގޯނި ލައްވައިގެން ކޮށިތެރޭގައި ދުވެފައި އެއިންނަ ރޮނގަކާ ހަމައަށް ދެވޭ މީހަކު މޮޅުވީއެވެ. ގޯނި ތެރެއަށް ދެފައިލުމަށްފަހު ދުވެފައި ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާތީ ބައެއް ފަހަރަށް މީހުން ވެއްޓެއެވެ. ވެއްޓޭއިރަށް ތެދުވެ އެދުއްވައިގަންނަ ގޮތުން މިކުޅިވަރު ކުޅޭއިރު ވަރަށް މަޖާވެސް ވާނެއެވެ. 

މިކަހަލަ އެއްބައިވަންތަކަން އުފެދިގެންދާނެ މަޖާ އެތައް ކުޅިވަރުތަކެއް ޢީދުގަ ކުޅެވިދާނެއެވެ. އޭރުން ކުދިންނާއި މައިންބަފައިންނަށްވެސް އެކުގައި އެހޭދަކޮށްލެވެނީ ވަރަށް ތަފާތު ހިތްހަމަޖެހުމެއް ލިބޭނެ ވަގުތެކެވެ. މިގޮތަށް ލިބޭ ޗުއްޓީއެއްގައި ދަރިންނާ މައިންބަފައިން އަދި އާއިލާގެ އެހެން މެމްބަރުންނާއެކު އެލިބޭ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހޭދަކޮށްލެވިއްޖެނަމަ ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑުވެގެންދެއެވެ. އަދި މިއީ ގިނަ ދުވަހަށް ދެމިގެންދާނެ އުފާވެރި ހަނދާންތަކަކަށް ވާނެއެވެ. 

+1
0
+1
1
+1
0
+1
2
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް