November 23, 2024 07:53
Advertisement

-Advertisement-

ގަރޑެންސް ބައި ދަ ބޭ / ފޮޓޯ: ޓްރެވެލް ޓްރެއިންގަލް

ބޭނުންވާ މަންޒިލަށް ޚަރަދު ކުޑަކޮށް ދަތުރުކުރުމަށް ވިސްނަންވީ ކަންތައް

މިދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރު ކަމަށްވެފައި ކުދިން ގޮވައިގެން ރީތި އުފާވެރިކަން ގެނެސްދޭ މާހައުލަކަށް ދިއުމަށް ބޭނުންވާނެއެވެ. ސްކޫލު ޗުއްޓީ ދުވަސްވަރު އާއްމުކޮށް ކައިރި ރަށެއް, ރިސޯޓެއް ނުވަތަ އެހެން ގައުމަކަށް ދާން ރާވާފައިވާނަމަވެސް ދަތުރަކަށް ބޭނުންވާ މިންވަރަށް ބަޖެޓް ކުރުން އެއީ ވަރަށްވެސް މުހިއްމު ކަމެކެވެ. ބައެއް އާއިލާތަކުން ބޭނުންވަނީ ތަފާތު ރީތި ގައުމުތަކަށް ގޮސް ފޮޓޯ ނަގާލުމަށެވެ. މިގޮތަށް ދާނަމަ ދަތުރަށް ދާނެ ޚަރަދުތައް އަންދާޒާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިކަމަށްޓަކައި ކުރެވިދާނެ ދިރާސާތަކަކީ ކޮބައިތޯ ބަލާލުންވެސް ބުއްދިވެރިއެވެ.

1. އެއަރ ޓިކެޓް ބުކް ކުރުން

ދާން ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ޓިކެޓް ބުކިން ހަދަން އެންމެ ރަނގަޅުވާނީ ދާން ބޭނުންވާ މަންޒިލަށް ޓިކެޓް އެންމެ އަގުހެޔޮކަމަށް ފެންނަ ދުވަސްވަރާ ދިމާކޮށެވެ. ޓިކެޓް ބުކް ކުރާއިރު ޓިކެޓުގެ އަގު ބޮޑަށް ހެޔޮވާނީ ހަފްތާގެ މެދު ތެރެއިންނެވެ. ހަފްތާގެ ބަންދު ދުވަސްތަކަކީ ޓިކެޓްގެ އަގު ބޮޑުކަމަށް ފާހަގަ ކުރެވޭ ދުވަސްތަކެކެވެ. ތަންކޮޅެއް ކުރިން ދަތުރު ރާވާނަމަ ކުރިން ޓިކެޓް ނެގުމަކީވެސް ޓިކެޓް އަގުހެޔޮކޮށް ލިބޭނެ ގޮތެކެވެ. ޚާއްސަކޮށް ބަޖެޓް އެއަރލައިނެއް ނަމަ 2 ނުވަތަ 3މަސް ކުރިން ޓިކެޓް ނަގައިފިނަމަ އަބަދުވެސް އަގުހެޔޮކޮށް ޓިކެޓް ލިބެއެވެ. ޓިކެޓް ނަގަން އަގުހެޔޮކޮށް ހުންނަ އެޕްލިކޭޝަންތަކުގެ ތެރެއިން "ސްކައި ސްކޭނަރ" "ޓްރެވެލް ލޮކާ" ހިމެނެއެވެ.

Advertisement

2. ދާނެ ތަންތަން ޚިޔާރު ކުރުން

ބަލާލަން ދާން ބޭނުންވާ ތަންތަނުގެ ލިސްޓެއް ހަދާލާށެވެ. އެތަންތަނުގެ ތެރެއިންވެސް އެންމެ ޚާއްސަ ތަންތަން ފާހަގަކޮށްލާށެވެ. އެއަށްފަހު އެތަންތަނުގެ ދުރުމިން ބަލާލުމަށްފަހު އެންމެ އެކަށޭނަ ގޮތަކަށް ރާވާލާށެވެ. މިގޮތަށް ރާވާލުމުން ވަގުތު ސަލާމަތްވާނެއެވެ. އެއީ މިސާލަކަށް 7 ދުވަހުގެ ދަތުރެއްނަމަ ދުވާލަކު 2 ނުވަތަ 3 ތަނަށް ދިއުމުން ވަރަށް ގިނަ ވަގުތު ސަލާމަތް ކުރެވޭނެއެވެ. ދާން ބޭނުންވާ ތަންތަނުގެ ތެރެއިންވެސް އެންމެ އަގުހެޔޮކޮށް 'އެންޓްރީ ފީ' ހުރި ތަންތަން ފާހަގަކޮށްލާށެވެ. އޭރުން ބަޖެޓް ކުޑަކުރެވޭނެއެވެ. އަދި އަމިއްލައަށް އަގުހެޔޮކޮށް ދާނެ ތަންތަންވެސް ހޯދިދާނެއެވެ. ބަސް ދަތުރުކުރާ ގޮތް ބެލުމަށްފަހު ބަހުގައި ދަތުރުކޮށްފިނަމަ އަގުހެޔޮކޮށް ދަތުރުތައް ނިންމާލެވިދާނެއެވެ.

3. ޚަރަދުވާނެ ބަޖެޓެއް އަންދާޒާކުރުން

ފުރަތަމަ ކަމަކަށް ހުންނާނެ ހޮޓަލެއް ބުކްކުރުން މުހިއްމެވެ. ހޮޓަލެއް ބަލާއިރު އެހާ އަގުބޮޑު ހޮޓަލެއްގައި ހުރުން އެހާ މުހިއްމެއް ނޫނެވެ. ސަބަބަކީ ގިނަވަގުތު ހޭދަކުރާނީ ހޮޓަލުގައި ކަމަށް ނުވާތީއެވެ. ހޮޓަލަށް ވަދެލެވޭނީ ގިނަފަހަރު ނިދަންވީމައެވެ. އެންމެ އާދައިގެ އަގުހެޔޮ ހޮޓަލެއް ބުކްކޮށްލާށެވެ. "އެއަރ ބީ އެންބީ" ފަދަ ތަންތަނުން ވަރަށް އަގުހެޔޮކޮށް ރަނގަޅު ތަންތަން ލިބެން ހުރެއެވެ. ހޮޓަލެއް ނަމަ އަގޯޑާ އަދި ބުކިން ޑޮޓްކޮމް އިންވެސް ލިބެން ހުރެއެވެ. ރައްޓެހިންނާއެކު ދަތުރުކުރާނަމަ ރޫމް ޝެއަރ ކޮށްލުމުންވެސް ވަރަށް ގިނަ ލާރި ރައްކާކުރެވިދާނެއެވެ.

ދެން އޮންނާނީ ކެއުމަށް ދާނެ ބަޖެޓެއް އަންދާޒާކުރުމެވެ. ބަޖެޓް ދަތުރުތަކުގައި ގޮސްއުޅޭއިރު އާއްމުގޮތެއްގައި '7 އިލެވަން' ކަހަލަ ތަންތަނުން ލިބެން ހުންނަ އާދައިގެ އެއްޗަކުން ބަނޑުފުރާލެވިދާނެއެވެ. ހެނދުނުގެ ނާސްތާއަށް ސޭންޑްވިޗް އަދި ކޮފީ އިން ނިންމާލެވިދާނެއެވެ. ބޭރު ގައުމުތަކުގައި އުޅޭއިރު "ސްޓްރީޓް ފުޑް" މިއީ ވަރަށް ހެޔޮއަގެއްގައި މީރުކޮށް ކާލެވިދާނެ ގޮތެކެވެ. ކުޑަކުދިން ގޮވައިގެން ދަތުރުކުރާނަމަ ފާސްޓްފުޑް ތަންތަނުންވެސް ކާލެވިދާނެއެވެ. ނޫންނަމަ ބައެއްފަހަރު އެގައުމެއްގައި ހުންނަ ކެއުން ނުކެވިދާނެ ހާލަތެއްގައި އެމީހެއްގެ ގައުމެއްގެ ކާއެއްޗެހި ހިފައިގެން ދަތުރު ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިހެން އުޅޭއިރު ރަނގަޅު އެއް މީލް ނެގުމަށްފަހު ދެން ކުދިކުދި އާދައިގެ ކެއުމުން ހަމަޖައްސާލެވިދާނެއެވެ. ކެއުމަށް މާގިނަ ވަގުތު ހޭދަކޮށްފިނަމަ ބަލާލަން ދާން ބޭނުންވާ ހުރިހާ ތަނަކަށް ނުދެވުންވެސް އެކަށީގެންވެއެވެ.

ދެންއޮތީ ދަތުރަށް ދާނެ ޚަރަދު އަންދާޒާކޮށްލުމެވެ. ހޮޓަލެއް ނަގާއިރު އަބަދުވެސް ބަލަންވާނީ ފަސޭހައިން ދެވެންހުންނަ ތަނެކެވެ. ޓްރެއިން ސްޓޭޝަނެއް ކައިރިން ހޮޓަލެއް ނެގުމަކީވެސް ވަރަށް ބުއްދިވެރި އަދި ވަގުތު ސަލާމަތްވާނެ ކަމެކެވެ.

4. ދަތުރަށްޓަކައި ފައިސާ ރައްކާކުރަން ދަސްކުރުން

ދަތުރެއް ދާން ރާވާނަމަ ވަކިން ފައިސާ ރައްކާކުރުމަށް ސަމާލުކަން ދެވިއްޖެނަމަ ވަރަށް ފަސޭހަވެގެންދާނެއެވެ. މަހުން މަހަށް ކުރާ ބައެއް ޚަރަދުތައް މަދުކޮށްލުމަށްފަހު ފައިސާ ރައްކާކުރުމަށް ސަމާލުކަންދޭށެވެ. އޮފީހެއްގައި އުޅޭނަމަ އިތުރުގަޑީގެ މަސައްކަތްކޮށްގެން އިތުރު ފައިސާ ހޯދިދާނެއެވެ. ކޮންމެ މަހަކު ވަކި މިންވަރެއް ރައްކާކުރުމަށް އަޒުމް ކަނޑައަޅާށެވެ.

+1
0
+1
0
+1
7
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް