ކޮވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުމަކީ، ކޮންމެ ދުވަހަކު ސުކޫލަށް ގޮސް، ސުކޫލު މާހައުލުގައި އެހެނިހެން ހިޔާލުތަކާއި ދުރުގައިތިބެގެން ތަޢުލީމީ ހަޔާތް އާރާސްތު ކުރަމުން ގެންދިޔަ ކިޔަވާ ކުދިން ގޭގައި ބަންދުވެގެން ތިބެ ކިޔަވަން ޖެހުމެވެ.
ދަރިވަރުންނާއި ބެލެނިވެރިންނަށް މީގެކުރިން ދުވަހަކުވެސް ޓެކްނޮލޮޖީގެ ބޭނުން އަންދާޒާ ކުރެވިފައިނުވާ މިންވަރަށް ޓެކްނޮލޮޖީ އާއި، އެއާއި ގުޅުންހުރި އާލާތްތަކުގެ ބޭނުން ހިފަން ޖެހިއްޖެއެވެ. އެތަކެއްޗަށް އަހުލުވެރިވުމުގެ މުހިންމުކަން ކޮވިޑް-19 އިން ބުނެދީފިއެވެ. ގޭގައި ތިބެގެން ސްމާޓް ފޯނެއް، ޓެބްލެޓެއް ނުވަތަ ޓީވީއެއްގެ އެހީގައި ކިޔެވުމަށް ކުދިންނަށް މަޖުބޫރުވެ ޓީޗަރުންނަށްވެސް އިތުރު ތަކްލީފުތަކެއް އުފުލަން ޖެހިއްޖެއެވެ. ދަރިވަރުންނަށް ފިލާވަޅުތައް ނަންގަވައިދެއްވީ ގޫގުލް ކުލާސް ރޫމާއި ޒޫމް އެޕްލިކޭޝަނާއި ގޫގުލް މީޓް އަދި ވައިބާ ފަދަ އެޕްލިކޭޝަންތަކުގެ އެހީގައެވެ. ސުކޫލުގެ ތަރުތީބު ކުރެވިފައިވާ ވެށިން ނިކުމެ ތޮއްޖެހިފައިވާ ގޭގޭގައި ކުޑަ ސިޓިންރޫމެއް ނުވަތަ ކޮޓަރިއެއްގައި އިންނަވައިގެން ދަރިވަރުންނަށް ކިޔަވައިދޭން ޖެހުނު ޓީޗަރުންވެސް ތިއްބެވިއެވެ. އެހެންނަމަވެސް އެ ޓީޗަރުން އެބުރަ އުފުއްލެވީ ބުރަ ހިތަކައިގެންނެއް ނޫނެވެ. ލޯތްބާއި އޯގާތެރިކަމާއި އެކު ދަރިވަރުންނަށް އުގަންނައިދިނުމުގެ ހެޔޮ ނިޔަތުގައެވެ.
'ޒީޓައިމްސް' އިން ވާހަކަ ދައްކާލި ބައެއް ޓީޗަރުން ހިއްސާކުރެއްވި ދަތިތަކުގެ ތެރޭގައި އިންޓަނެޓްގެ ސްޕީޑް ލަސްވުމާއި އިންޓަނެޓްގެ އަގުބޮޑުވުމަކީ ކޮވިޑްތެރޭގައި އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވި އެންމެބޮޑު ގޮންޖެހުމެވެ. ބިލަބޮންގ ހައި އިންޓަނޭޝަނަލް ސުކޫލުގެ ހިސާބު ޓީޗަރު އައިޝަތު ހަލީމް ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެރަނގަޅު ގޮތުގައި ހިފުމަށް ވަރަށްގިނަ ދަތިތަކާއި ކުރިމަތިވި ކަމަށެވެ. އަދި ކިތަންމެ ބައިވަރު ކަންތައްތަކެއް ދަސްވިނަމަވެސް ޓެކްނޮލޮޖީގެ އާލަތްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ފުރުސަތު ނުލިބުނީ އިންޓަނެޓްގެ އަގުބޮޑުވެ ސްޕީޑް ލަސްކަމުން ކަމަށެވެ. އެހެންވުމުގެ ސަބަބުން ބައެއްފަހަރު ކިޔަވައިދިނުމުގެ ފޯރި ގެއްލޭ ކަމަށާއި ދަރިވަރުންވެސް ފޫހިވާކަމަށް ފާހަގަކުރެވުނު ކަމަށެވެ. އެހެންނަމަވެސް އޮންލައިންކޮށް ކިޔަވައިދިން އިރުވެސް ސުކޫލުގެ މެނޭޖްމެންޓާއި ބެލެނިވެރިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށެވެ.
ޓީޗަރުންނަށްވެސް ފަސޭހައިން ކިޔަވައިދެވޭނީ އެހެން ހިޔާލުތަކާއި ދުރުވެ ސުކޫލު މާހައުލުގައި އެކަމަށް ކަނޑައަޅާފައިވާ ޚާއްސަ ވަސީލަތްތަކާއި އެކުގައެވެ. އަދި ގިނަ ދަރިވަރުން ބޭނުންވާނީ ސުކޫލުގެ ހިތްފަސޭހަ ވެށީގައި އެއްއުމުރެއްގެ އެކުވެރި ކުދިންނާ އެކު ކުލާސްރޫމުގައި ކިޔެވުމެވެ.
ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސުކޫލްގެ ޤުރުއާން މުދައްރިސް މައުސޫމާ މުޙައްމަދު ވިދާޅުވީ ކޮވިޑް-19 އިން ބުނެދިން ފިލާވަޅަކީ ކޮންމެ ހާލަތަކަށްވެސް ދަރިވަރުންނާއި ބެލެނިވެރިން ކެތްތެރިވާން ޖެހޭނެކަމެވެ. އަދި އެ ހާލަތަކީ އެއްވެސް ހާލެއްގައި މީހަކު ކުރި ކަމެއް ނޫން ކަމަށާއި އެއީ ޤުދުރަތީ ކަމެއްކަމުން ކޮންމެފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެކަމާއި ޝަކުވާ ކުރުމުގެ ބަދަލުގައި ޕޮޒިޓިވްކޮށް ވިސްނުން މުހިންމު ކަމަށެވެ. އަދި ފާއިތުވި އަހަރަކީ ބޭކާރު އަހަރެއްގެ ގޮތުގައި ނުދެކުމަށެވެ.
"ބެލެނިވެރިންނާއި ސުކޫލުގެ މެނޭޖްމެންޓްގެ ފަރާތުން ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބުނު އޮންލައިންކޮށް ކިޔަވައިދިން އިރުވެސް. ދެވަނަ ޓާމު ފެށިގެން ކުރިއަށްދާއިރު ކުދިންނަށް ބުނެލަން ބޭނުންވަނީ ފުރަތަމަ ޓާމުގައި ބައެއް ކުދިންނަށް ކަވަރ ނުވި ބައިތަކެއްވެސް ހުރެދާނެއޭ، އެކަމަކު އެބައިތައް ލިބިގަތުމަށް ދެވަނަ ޓާމުގައި ހިތްވަރާއެކު މަސައްކަތް ކުރާށޭ. އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވާ ދައްޗަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް އެހާ ބޮޑަށް ބެލެނިވެރިންނާއި ދަރިވަރުން އަދި މުދައްރިސުންވެސް އަހުލުވެރި ނުވުން. އަނެއްކަމަކީ ބައެއް ބެލެނިވެރިންގެ ފަރާތުން ޝަކުވާ އައިސްފައި އެބަހުރި އޮންލައިންވާން ހުރިހާ ދަރިވަރުންނަކަށް ވަސީލަތްތަކެއް ނެތޭ. މިސާލަކަށް 3 ކުދިން އުޅޭ ގެއެއްގައި އެއްފަހަރާ 3 ކުދިން އޮންލައިންވާން ދަތިތަކާއި ދިމާވެފައި އެބަހުރި. އެކަމަކުވެސް ބެލެނިވެރިންނަށް ބުނެލަން ބޭނުންވަނީ ކޮންމެފަދަ ހާލަތެއްގައިވެސް ކުދިންނަށް ކިޔަވައިދޭން މަސައްކަތް ކޮށްދެއްވާތީ އުފާ ކުރަމޭ. ބެލެނިވެރިން ތިގޮތުގައި ދަރިވަރުންނާއެކު ދެމި ތިއްބަވާށޭ" މައުސޫމާ ވިދާޅުވިއެވެ.
ޒީޓައިމްސް އާއި މައުލޫމާތު ހިއްސާ ކުރައްވަމުން ބިލަބޮންހައި އިންޓަނޭޝަނަލް ސުކޫލުގެ ޓީޗަރު އައިޝަތު ހަލީމް ވިދާޅުވީ ދެވަނަ ޓާމު ފަށައިގަންނައިރު ކުދިންނަށް އެހާ ފަސޭހަ ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް ކޮންމެ ކުއްޖެއްވެސް ހިތްވަރާއި އެކު މަސައްކަތް ކުރުން މުހިންމު ކަމަށެވެ. "ބައެއް ކުދިން އެހާ ގިނަދުވަހު ގޭގަ ތިބެފައި ސުކޫލަށް އަންނަން ބޭނުން ނުވެފަތިބެދާނެ. އެކުދިންނަށް ގޭގައި އޮންލައިންކޮށް ކިޔެވުން މާފަސޭހަވާ ކުދިންވެސް އެބަތިބި. އެކަމަކު އަނެއްބައި ކުދިންނަކީ ސުކޫލު މާހައުލުގައި އެހެންކުދިންނާ އެއްތަންވެގެން ކިޔަވަން ބޭނުންވާ ކުދިން. އެހެންވިޔަސް ސުކޫލަށް އައިސް އެހާ ބޮޑަށް އެކުވެ އަދިވެސް ނޫޅެވޭނެތީ އެހާ ފަސޭހަ ނުވެދާނެ ދެވަނަޓާމްގެ ކުރީކޮޅު. ދެން ޓީޗަރުން ވަރަށް މަސައްކަތް ކުރަން ޖެހޭނެ އަނެއްކާވެސް ނޯމަލް ކުލާސްރޫމަށް ކިޔަވައިދޭން ފަށާއިރު ކުދިން ޝައުގުވެރިކުރުވަން. ފެށޭއިރު އުނދަގޫވިޔަސް މަޑުމަޑުން ދާނީ ފަސޭހަވަމުން" ކަމަށެވެ.
އޭނާ ވިދާޅުވީ "ކޮވިޑްގެ ހާލަތުގައިވެސް ތިކުދިންގެ ހުނަރާއި ގާބިލުކަން އެ ކުއްޖެއްގެ ފެންވަރުން ދައްކައިދީފީމު، ފަށައިގަންނައިރު ކުޑަކޮށް އުނދަގޫވިޔަސް ދެވަނަ ޓާމުގައި ކޮންމެ ކުއްޖަކުވެސް އެ ކުއްޖަކު ބޭނުންވާ މަގްސަދު ހާސިލް ކުރުމަށް އަމާޒެއް ކަނޑައަޅައި އެއަމާޒަށް ވާސިލްވުމަށް ހިތްވަރު ދެރަނުކޮށް ކިޔެވުމާއި، ހުނަރު ކުރިއެރުވުމަށް މަސައްކަތް ފެށުމަށް ނަސޭހަތްތެރިވަން" ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ދަރިވަރުންނަށް ފުރަތަމަ ޓާމުގައި އޮންލައިންކޮށް ކިޔަވައިދިން ކަމުގައިވިޔަސް 10 ޖެނުއަރީން ފެށިގެން ކުރިއަށްދާ ދެވަނަ ޓާމުގެ ކިޔެވުން މެދުނުކެނޑި ސުކޫލުގެ ވެށީގައި ކުރިއަށް ގެންދެވޭނީ ދަރިވަރުންނާއި ޓީޗަރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދީގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީ އާއި ސުކޫލުތައް ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުކުރުމަށް، ސުކޫލުން އަންގާ އެންގުންތަކާއި ގަވާއިދުތަކަށް ހުރިހާ ދަރިވަރުންވެސް އަމަލުކުރުން މުހިންމެވެ. ނޫންނަމަ އަނެއްކާވެސް ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ދަރިވަރުންގެ ކިޔެވުމަށް ތާށިކަމެއް ކުރިމަތިވެދާނެއެވެ.