November 23, 2024 08:26
Advertisement

-Advertisement-

ކުދިންނާމެދު ބެލެނިވެރިންނަށް ވެވޭ އިހުމާލު

ދަރިންދެކެ ވަރަށް ލޯބިވާ އަދި އެދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރާ ބެލެނިވެރިން އުޅެއެވެ. އެހެންނަމަވެސް ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގި ބޮޑެތި އިހުމާލުތަކެއް ކުދިންނާމެދެ ވެވޭ ފަހަރުތައް އާދެއެވެ. މިކަމުގެ ސަބަބުން ކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމުން ކުދިން ގޯސްކޮށް ކުދިންނާ ދިމާލަށް ބައެއް ކަހަލަ ނޭދެވޭ ބަސްތައް ބުނެވޭ ފަހަރުވެސް އާދެއެވެ. މިކަންކަން ދިމާވާން މެދުވެރިވާ ސަބަބުތަކަކީ ކޮބައިތޯ ވިސްނާލުމަށްފަހު އިސްލާހުކުރުމަށް މަސައްކަތްކުރުން މުހިންމެވެ. 

ފޮޓޯ: ޕޭރެންޓިންގ ފޮރ ބްރެއިން

ކުރެވޭ ގޯސް ކަންތައްތައް

1- ކުދިން ލައްވާ ކުރުވަން ނުވާ ބައެއް ކަންކަން ކުރުވާ ބެލެނިވެރިން އުޅެއެވެ. މިގޮތުން ދަރިފުޅު ފޮނުވައިގެން ސިގިރެޓް ގަންނަނަމަ އެކުއްޖާއަށް އެދަސްކޮށްދެވެނީ ގޯސް އާދައެކެވެ. ފިހާރައަކަށް ފޮނުވައިގެން ސިގިރެޓް ގަންނައިރު އޭގަ ދޭ ރަހައެއް ބަލާލުމަށް ކުއްޖާ ބޭނުވެއްޖެނަމަ ދެން ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ ސިގިރެޓް ބުއިން ތަޖުރިބާ ކޮށްފާނެ ކަމަށް ހީކުރާނަމަ އެކަންކަމުގެ ތެރޭގައި ކުއްޖާ ބައިވެރި ނުކުރާނެއެވެ. މިކަމުން ގޯސް ނަތީޖާ ފެނިގެންދާ ފަހަރުވެސް އާދެއެވެ.

Advertisement

2- މަންމަ އާއި ބައްޕަ ވަރިވެފައި ތިބޭއިރު ކުދިން ގެންގުޅުމުގައި ވިސްނާނުލާ ކުރެވޭ ބައެއް ކަންކަމުން ކުއްޖާއަށް ނުރަނގަޅު އަސަރުތައް ކުރެއެވެ. ބައެއްފަހަރު ދަރިން ކުރިމަތީގައި ބައެއް ބެލެނިވެރިން އެމީހުން ހިތާވެގެން އުޅޭ މީހާ ގެއަށް ގެނެސްގެން ގޭގައި އެއްކޮށް ވަގުތު ހޭދަކުރަން ފެށުމުން ކުދިންނަށް އެދަސްކޮށްދެވެނީ ވަރަށް ގޯސް އާދައެކެވެ. ކައިވެނި ނުކޮށް ލޯބިވެރިއާއެކު ގައިގޯޅިވެ އުޅޭ މަންޒަރު ދަރިންނަށް ފެންނަނަމަ އެކުދިންނަށް ހީވާނީ އެއީ މާބޮޑު ކަމެއް ނޫންކަމަށެވެ. "ކޫލް" ކަމެއްގެ ގޮތުގައި އެކަން ބަލައިގަނެ އެކުދިންވެސް އެކަންކަން ކޮޕީކޮށް އެގޮތަށް އުޅެން ފަށައެވެ. އެކަމުގެ ސަބަބުން ކުދިންގެ ދިރިއުޅުމަށް ކުރާނެ އަސަރު ވިސްނާނުލާ ބެލެނިވެރިންވެސް މިމުޖުތަމައުގައި އުޅެއެވެ. ކަމެއް ދިމާވުމުން ބެލެނިވެރިން ގޯސްކުރަނީ ކުދިންނެވެ.

ރައްޓެއްސެއްގެ ދަރިއަކު އަހަރެންގެ ކުރިމަތީގައި އެކުއްޖާގެ މަންމަ އާއި ދިމާލަށް ހުތުރު ބަހުން މުޚާތަބު ކުރުމުން އަހަރެން ނަސޭހަތެއްގެ ގޮތުން ކުއްޖާގާތުގައި ބުނީމެވެ. "މަންމަ އަށް ގަދަރުކޮށް މަންމަ ކުރިމަތީގައި ބަސްނުބުނާށެވެ. ޖަވާބުގައި އޭނަގެ ދަރިފުޅު ބުނީ "މަންމަ އުޅެނީ އެކި ދުވަހު އެކި ބިޓުން ގޮވައިގެން ގޯސްކޮށްނެވެ. މަންމަ އަހަރުމެންނަށް ނުކުރި އިހްތިރާމެއް މަންމައަކަށްވެސް ނުކުރެވޭނެއެވެ." މިޖުމްލައިން އަހަރެންގެ ހިތަށް ވަރަށް ފުންއަސަރު ކުރިއެވެ.

އެހެން ހާދިސާއަކަށް ބަލާއިރު ކުއްޖަކު އެކުއްޖާގެ ޓީޗަރަށް ކިޔާދިން ވާހަކައެކެވެ. އެއަށްފަހު ޓީޗަރު ކައިރިން އަހަނީ ބައްޕަ ނޫން މީހަކާއެކު މަންމަ "ސްލީޕް އޯވާ އަކަށް ދިއުމަކީ ގޯސްކަމެއްތަ؟" ޓީޗަރަށް އެސުވާލަށް ޖަވާބުދޭން ވަރަށް އުދަގޫވިއެވެ. ކުޑަކުއްޖަކަށް އެފަދަ ކަންތައްތަކުގެ ރަނގަޅުގޮތް ވިސްނައިދޭއިރު އެކުއްޖާގެ މަައިންބަފައިންނާމެދު އެކުއްޖާ ދެކޭގޮތް ބަދަލުވެދާނެތީއެވެ. ކުދިން ވަރަށް ކުޑައިރުވެސް މިކަހަލަ ކަންކަން ދެނެގަނެ އެއީ ރަނގަޅު ކަމެއްތޯ ސުވާލު އުފައްދައެވެ.

3- ދަރިންދެކެވާ ލޯބިން ބައެއް ކަންކަމަށް ހުއްދަ ދެވެއެވެ. މިސާލަކަށް ލައިސަންސް ނެތި ކާރު ނުވަތަ ސައިކަލު ދުއްވަން ބައެއް ބެލެނިވެރިން ހުއްދަ ދެއެވެ. އެއްދުވަހަށް ނަމަވެސް އެކަހަލަ ކަމަކަށް ހުއްދަ ދީފިނަމަ ދެވަނަ ދުވަހުވެސް މިކުށް ތަކުރާރު ކުރެއެވެ. މިއީވެސް ނުރަނގަޅު އާދައެކެވެ. ލައިސަންސް ނެތި ދުއްވައިގެން ގެއްލުމެއް ލިބިއްޖެނަމަ އޭގެ ޒިންމާ އުފުލޭނެތޯއެވެ؟

4- މައިންބަފައިންނަށް ދަރިން ލައްވާ ދޮގުހެދުވެއެވެ. މިސާލަކަށް މީހަކު ހޯދަން އައިސްފިނަމަ މަންމަ ގޭގައި ނޫޅެޔޭ ނުވަތަ ފޯނުކޮށްފިނަމަ ޖަވާބު ނުދޭންވެގެން ދަރިފުޅު ލައްވާ ފޯނު ނަގުވާފައި މަންމަ ނިދާފައޭ ބުނުންފަދަ ދޮގު ހަދުވައެވެ. މިއީ ދަރިފުޅުލައްވާ ދޮގުހެދުވުމުގެ ނިޔަތުގައި ކުރާކަމަކަށް ނުވިނަމަވެސް މިކަމުން ނޭދެވޭ އަސަރުތަކެއް ދަރިންނަށް ކުރެއެވެ. މިކަންކަމަކީ ނޭނގި ތިބެ މައިންބަފައިންނަށް ވެވޭ އިހުމާލެއްކަންވެސް މައިންބަފައިންނަށް ނޭނގެއެވެ.

5 ދަރިން ކުރިމަތީގައި މަންމައާއި ބައްޕަ ޒުވާބުކޮށް އަނިޔާކުރާނަމަ ކުދިންނަށް އެދައްކުވައިދެވެނީ ރީތި ނަމޫނާއެއް ނޫނެވެ. މިކަހަލަ ކަންކަމުން ދަރިން އެއްކިބާ ކުރުވައި ދަރިންނަށް މިފަދަ ކަންކަމުން އަސަރު ނުކުރާނެ ގޮތަކަށް އުޅެން ވިސްނަންޖެހެއެވެ.

+1
6
+1
2
+1
18
+1
3
+1
1
+1
3
+1
31

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ވަރަށްވެސް ފުރިހަމަ މިފަފަ ލިޔުންތެރިންނާ މުޖްތަމަޢުގައި ހުރި ނޭދެވޭ ކަންތައްތައް އިސްލާހުކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރަންޖެހޭ

    3
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް