ވާރޭވެހޭއިރު އެއްގަމުއުޅަނދު ދުއްވާނަމަ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހެއެވެ. ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވާން ވިސްނަންޖެހެއެވެ. ސަބަބަކީ ވާރޭވެހޭއިރު ވެހިކަލް ދުއްވުމަކީ އެހާ ފަސޭހަކަމަށް ނުވާތީއެވެ. ވާރޭވެހޭނަމަ މުހިއްމު ކަމެއްގައި މެނުވީ ތަންތަނަށް ދަތުރުނުކުރުމަށް ވިސްނަންޖެހެއެވެ. ވާރޭގައި ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޑްޓް ހިނގާމިންވަރު ރާއްޖޭގައިވެސް ގިނަކަން ފާހަގަކުރެވެއެވެ. ތިރީގައި މިވަނީ ވާރޭވެހޭއިރު އެއްގަމު އުޅަނދު ދުއްވާނަމަ ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ.
ދުވެލިމަޑުކޮށް ދުއްވުން
ވާރޭވެހޭނަމަ އާއްމުކޮށް ދުއްވާވަރަށްވުރެ ދުވެލިމަޑުކޮށް ދުއްވުމަށް ވިސްނާށެވެ. ވާރޭވެހޭއިރު މަގުމަތި ހުންނާނީ ފެންހެދިފައެވެ. މިހެންވުމުގެ ސަބަބުން ކަހާލާފަ ވެއްޓުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ވާރޭވެހޭއިރު ގަޑިއަކަށް ތަނަކަށް ދާނަމަ ތަންކޮޅެއް ކުރިއާލައި ގެއިން ނުކުމެ މަޑުމަޑުން ވެހިކަލް ދުއްވުމަށް އާދަކުރާށެވެ.
ދުރުމިން ބަހައްޓައިގެން ދުއްވުން
ކައިރިންދާ އެހެން ވެހިކަލްތަކާއި ދުރުމިން ބަހައްޓައިގެން ދުއްވަން ސަމާލުކަން ދޭންވާނެއެވެ. އެއީ ކައިރީގައި އޮންނަ ވެހިކަލް ކުއްލިއަކަށް ބުރަކި ޖައްސައިފިނަމަ ނުރައްކަލާ ކުރިމަތިނުވެ އެކްސިޑެންޓްތައް މަދުކުރުމަށެވެ. ކައިރިންދާ އެހެން ދުއްވާއެއްޗެހި ދުއްވާ މިންގަނޑު ބަލައި އެއަށް ވިސްނައިގެން ތިމާގެ ދުއްވުން ބަހައްޓާށެވެ.
ހެޑްލައިޓް ދިއްލުން
ވާރޭވެހޭނަމަ ހެޑްލައިޓް ދިއްލައިގެން ދުއްވުމަކީ ރައްކާތެރިކަމެކެވެ. ވާރޭވެހި އުޑުމަތި ބަނަވެފައި އޮންނައިރު ދުވާލު ގަޑީގައިވެސް މަގުމަތި ފެންނާނީ އަނދިރިކޮށެވެ. ހެޑްލައިޓް ދިއްލައިގެން ދުއްވާނަމަ އެހެން ވެހިކަލްތަކަށްވެސް ފަސޭހަވެފައި އަލިކަން ހުރުމުން އުޅަނދުތައް ފާހަގަކުރަން ފަސޭހަވެގެން ދެއެވެ.
ބުރަކި ޖައްސާއިރު ވިސްނުން
މާބާރަށް ދުއްވަމުންދަނިކޮށް ކުއްލިއަކަށް ބުރަކި ޖައްސައިފިނަމަ ދުއްވާއުޅަނދު ކޮންޓްރޯލުން ނެއްޓިގެން ހިގައިދާނެ ކަމަށް ވިސްނަންވާނެއެވެ. އަދި ކުއްލިއަކަށް ބުރަކި ޖައްސައިފިނަމަ ފަހަތުން އަންނަ ދުއްވާއެއްޗެއްގައި ޖެހުމުގެ ފުރުސަތުވެސް ބޮޑުވާނެއެވެ.
އުޅަނދު ރަނގަޅަށް ހުރިތޯ ޔަގީންކުރުން
ކާރު އަދި ސައިކަލް ދުއްވާއިރުވެސް އެއުޅަނދަކަށް އެއްވެސް މައްސަލައެއް ދިމާވެފަވޭތޯ ގަވާއިދުން ޗެކްކުރަންވާނެއެވެ. ކާރުގެ ވައިޕަރުގެ މައްސަލައެއް ދިމާވެފައިވާނަމަ ވާރޭވެހޭގަޑީގައި ކާރުގެ ފެން ސާފު ނުކުރެވުމުން ދުއްވަން އުދަގޫވެއެވެ. އަވިންވެސް ބައެއް ފަހަރު ވައިޕަރުގައި މައްސަލަތައް ދިމާވެއެވެ. ހަމަ މިގޮތަށް ޓަޔަރުތައްވެސް ޗެކްކޮށް އެއްވެސް މައްސަލައެއް ދިމާވެފައިވާނަމަ ސަރވިސް ކުރަން ހަނދާން ކުރާށެވެ. ޓަޔަރުގައި މައްސަލަ އުޅޭނަމަ ދުއްވާފައިދާއިރު ވެހިކަލް ކަހާލައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވެއެވެ.