ކޮންމެ ކުއްޖަކީ ދުނިޔެއަށް އުފަންވާއިރު ފިތުރަތުގެ ސާފުކަންމަތީގައި އުފަންވާ ކުދިންނެވެ. އެކުދިންނާއެކު ދިރިއުޅުމުގެ ދުވަސްތަކަށް މަރްހަބާ ކިޔަނީ ހިނިތުންވުމާއި އުފާވެރިކަމާއެކުގައެވެ. އެކުދިންގެ ކޮންމެ ހަރަކާތަކީ އުފަލުން ފުރިގެންވާ ހަރަކާތެކެވެ.
އާންމުކޮށް ނުފެންނަ ތަފާތުބަލިތައް ތަހައްމަލުކުރާ ކުދިން އުޅޭވާހަކައަކީ އަޑުއިވޭ ވާހަކަތަކެކެވެ. މިއީ އެފަދަ ބައްޔެއް ތަހައްލަމު ކުރަމުންދާ ކުއްޖެއްގެ ވާހަކައެވެ.
ކެނެޑާ އަށް އުފަން 'އެވާ ހިޝްކޮ' އަކީ ދުވާލެއްގެ މައްޗަށް ގަޑިއެއްހާއިރު ނިދައިގެންއުޅޭ އުފާވެރި ކުއްޖެކެވެ. 'އޭންޖެލްމެން ސިންޑްރޯމް' ކިޔާ ވަރަށް މަދުން ފެންނަ ބައްޔެއްޖެހިފައިވާ މިކުއްޖާއަކީ އަބަދުވެސް ހިނިތުންވެ އުފާވެފައި ހުންނަ ކުއްޖެކެވެ.
މިބަލީގެ ސަބަބުން ނިދަން އުދަގޫވެ ދުވާލެއްގެމައްޗަށް 1 ގަޑިއިރު ނުވަތަ 1:30 މިނިޓް ނިދައިގެން އުޅޭ މިކުއްޖާއަކީ ވާހަކަދެއްކުމުން މަހުރޫމުވެފައިވާ ކުއްޖެކެވެ. ވާހަކަދެއްކުމުގައި ފޮޓޯ އިން ދައްކައިގެން އެއްޗެހި ކިޔައިދިނުމުން ދޭހަވާކަމަށް މިކުއްޖާގެ މައިންބަފައިން ކަމުގައިވާ 'ރޮބިން އުޑެޓީ' އާއި 'ކްރިކް ހިޝްކޮ' ބުނެއެވެ. މިދެމަފިރިންނަށް ނިދަން އުދަގޫވަނީ ދަރިފުޅުގެ ނިދި ހުންނަގޮތުން ކަމުގައި ބުނެ އެކަމާ ވަރަށް ކަންބޮޑުވާ ކަމުގައި ވަނީ ފާހަގަކޮށްފައެވެ. ދެމީހުން ގަޑި ބަހާލައިގެން ނިދާ އުޅޭއިރު، ދަރިފުޅުގެ ހިނިތުންވުން ފެނިފައި އަބަދުވެސް ތިބެނީ ހިތްހަމަ ޖެހިފައި ކަމަށް ވަނީ ބުނެފައެވެ. އެވާ އަށް މިއަށްވުރެ ތަންކޮޅެއް ގިނައިރު ނިދައި އުޅެވޭނަމަ ދިރިއުޅުން ވަރަށް ފުރިހަމަވީސް ކަމުގައި އެމީހުން ފާހަގަކުރެއެވެ.
ކޮންމެ އިންސާނަކީވެސް ދިރިއުޅުމަށްޓަކައި ނިދި ބޭނުންވާނެ ބައެކެވެ. "އަބަދުވެސް ފެންނާނީ ވަރަށް އުފާވެރި ކުއްޖެއްގެގޮތަށް، އުޅޭ އުޅުމުގައި އެހެން ކުދިންނެކޭ އެއްވެސް ތަފާތެއް ހުރި ކުއްޖެއް ކަމަކަށް ނުދައްކާ. އެވާއަކަށް އިހްސާސްއެއް ނުވޭ އެހެން ކުދިންނާއި ތަފާތުކަމެއް ހުންނަ ކަމަށް.. ވަރަށް އެމޭޒިން ކުއްޖެއް މީ...." އުފަލުންހުރެ އެވާގެ މަންމަ ކިޔައިދިނެވެ.
" ފެންނަ ކޮންމެ މީހަކުވެސް ވަރަށް ލޯބިން އުޅޭނެ، ވަރަށް ލޯބިން ވާހަކަދައްކާނެ. އެހެން މީހުންނަށް އެވާ ފެނުމުން ލިބޭ އުފަލާއި ހިތްހަމަޖެހުން އެތައް ގުނައަކަށް ބޮޑު.. އެވާ ކުރަން ބޭނުން ކޮންމެ ކަމެއް އެވާއަށް ކުރެވޭ. ކުޅެ އުޅޭއިރުވެސް ވަރަށް އުފަލާއެކު މަޖާވެފައި ހުންނާނީ. ސްކޫލަށްވެސް ދާނީ ވަރަށް އުފަލުންހުރެ". އެވާގެ މަންމަ އޭނާގެ ޝުއޫރުތައް ފާޅުކުރަމުން ކިޔައިދިނެވެ.
އެވާގެ އުމުރުން މިއަހަރު 8 އަހަރުވާއިރު އެވާގެ ހުރިހާކަމަކަށް މަންމައާއި ބައްޕަ ވަގުތު ހުސްކޮށް މިބައްޔަށް ފަރުވާ ކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
ފިޒިއޮތެރަޕިސްޓަކަށް ދެއްކުމުން ފުރަތަމަ ހީކުރީ އިހްސާސްވުމުގެ މައްސަލައެއް ހުންނަކަމަށެވެ. ނުވަތަ މަސްތަކުގައި ވަރު ނުހުންނަ ކަމަށެވެ. މިކަމަށް ފަރުވާ ކުރުމުން އެވާއަށް މަޑުމަޑުން ހިނގެން ފެށުނެވެ. ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމުން 'އޭންޖެލްމެން ސިންޑްރޮމް' ކިޔާ މިބަލީގެ ވާހަކަ ފުރަތަމަ ފަހަރަށް ބެލެނިވެރިންނަށް އެނގުނެވެ. މިބައްޔަކީ "ޖެނެޓިކް އެންޑް ނިއުރޮލޮޖިކަލް ޑިސްއޯޑަރ"އެއްގެ ސަބަބުން ދިމާވާ ބައްޔެއްކަމަށްވެސް ޑޮކްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ނިދުމަށް އުދަގޫވެ ނިދުމަށް ހަށިގަނޑު ބޭނުން ނުވެއެވެ.
ފުރަތަމަ މިބަލީގެ ވާހަކަ ޑޮކްޓަރު ވިދާޅުވުމުން ރޮވުނު، ނަމަވެސް މިއީ ހަގީގަތްކަމަށް ގަބޫލުކޮށް ހަގީގަތާއި ކުރިމަތިލައިގެން ކުރިއަތްއޮތް ދުވަސްތަކުގައި އުޅެން ދަސްކުރަން އަޒުމު ކަޑައަޅައިގެން ދިރިއުޅޭކަމަށް އެވާގެ ބައްޕަ ކިޔާދިނެވެ. ދިރިއުޅުމުގެ އެތައްކަމެއް ބަދަލުވެގެން ދިޔަ ނަމަވެސް ބަދަލުވެގެން ގޮސްފައިވަނީ ރަނގަޅަކަށް ކަމުގައި އެވާގެ މައިންބަފައިން ގަބޫލުކުރެއެވެ.
އެންމެ ހިތްހަމަޖެހެނީ ބައްޔަކީ ކޮބައިކަން އެނގި މިބައްޔާމެދު ރިސާޗް ހަދައި ދެން ކުރިއަށް ދިއުމަށް ކުރެވެން ހުރީ ކޮންކަމެއްތޯ ބެލޭނެގޮތް މަގުފަހިވެފައިވާތީއެވެ. ޑޮކްޓަރުންގެ ލަފާގެމަތިން އެވާގެ ބައްޔަށް ފަރުވާ ކުރަމުންދާ ކަމުގައިވެސް އެވާގެ މައިންބަފައިން ފާހަގަކުރިއެވެ. އެވާއަކީ އުފާވެރި ކުއްޖަކަށް ހެދުމަށް މިދެމަފިރިން ކުރާ މަސައްކަތް ކާމިޔާބު ވާނެކަމުގެ އުއްމީދު އަބަދުވެސް އޮވެއެވެ. ކުރިން ނޭންގޭ އެތައްކަމެއް އެނގި އެކަންކަމުން އިބްރަތް ހާސިލްކޮށް ކަންކަމާއި މެދު ޕޮޒިޓިވްކޮށް ވިސްނައިގެން ދިރިއުޅުމުން ކަންކަން ރަނގަޅު ވާނެކަމަށް އެވާގެ މަންމައާއި ބައްޕަ ދެކެއެވެ.
މައުލޫމާތު: ޑެއިލީމެއިލް