ރީތި މާމެލާމެލިން ޒީނަތްތެރިވެފައި ހުންނަ ތަންތަނުގެ މަންޒަރު ފެނުމަކީ ހާދަހާބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. ހިތަށް ގެނެސްދޭ ފިނިކަމާއި ތާޒާކަން އެހާމެބޮޑެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ ތަފާތު ރީތި ތަންތަން ހުންނައިރު، ކޮންމެ މީހަކުވެސް ބޭނުންވަނީ ހަމަލޮލަށް މިމަންޒަރު ބަލާލުމަށެވެ.
ތަފާތު ރީތި ދަނބުކުލައެއްގެ މަލެއް އަޅާ "ޖަކަރަންޑަސް" ކިޔާ ގަހެއްގައި ހުންނަ މާތަކުން މަގުގެ ދެފަރާތުގައި އެފެންނަ ޒީނަތްތެރިކަމަކީ ސައުތު އެފްރިކާގެ "ގައުޓެންގް" ޕްރޮވިންސުގެ "ޖޮހަނެސްބަރގް" ސިޓީއިން ފެންނަ މަންޒަރެކެވެ.
އެގަހުގެ ރީތިކަން ފެނިފައި އަޖައިބުނުވާންވީ ސަބަބެއްވެސް ނެތެވެ. އެހާވެސް ޗާލުވެފައި ރީއްޗެވެ. މިގަހުގެ މާތައް ދަނބުކުލައިގައި ފެންނަނީ "ސްޕްރިންގ" ނިމޭ ހިސާބުގައެވެ. އެއީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. މިކުޑަކުޑަ ރީތި ސިޓީއަކީ ތަރައްގީކޮށްގެން ހަދާފައިވާ ސިޓީއެކެވެ. މިސިޓީގެ 16 ޕަސެންޓް ވަނީ އެކިކަހަލަ ގަސްގަހާގެހިން ޒީނަތްތެރިކޮށްފައެވެ. މިސިޓީއިން އެކަނިވެސް އެކި ވައްތަރުން 10 މިލިއަނެއްހާ ގަސް ހައްދާފައި ހުރެއެވެ.
ކުރީގައި މިގަހުގެ މާތައް ފޮޅެނީ އާއްމުގޮތެއްގައި ސެޕްޓެމްބަރު މަހުގައެއް ނޫނެވެ. 1920–1930 އާއި ހަމައަށް މިގަހުގެ މާތައް ފޮޅެނީ ނޮވެމްބަރުމަހުގެ މެދުތެރޭގައެވެ. އަނެއްކާވެސް މާތައް ފޮޅެންފަށާ ދުވަސްތައް ބަދަލުވަމުން ދިޔައެވެ. އޭގެ 10 ވަރަކަށް އަހަރު ފަހުން ދެން ބަދަލުވީ އޮކްޓޯބަރު މަހަށެވެ. އެއަށްފަހު ދެން ސެޕްޓެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން އަނެއްކާވެސް ސެޕްޓެމްބަރުގެ ފަހުކޮޅަށް ބަދަލުވެގެންދިޔައެވެ. މިގޮތަށް އަންނަ ބަދަލުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުންވާ ކަމެއްކަމަށް ލަފާކުރެވެއެވެ.
މީގެ ކުރިން އެންމެނަށްވެސް އާއްމު މިކަހަލަ މޫސުމީ މަލަކަށް ފޮޅިފައި ހުންނަނީ ޖަޕާނުގެ މަޝްހޫރު "ޗެރީ ބްލޮސަމް" އެވެ. އެއީ ޖަޕާނުގައި އެޕްރީލްމަހު ފެންނަން ހުންނަ މިކަހަލަ ޗާލުމަލެކެވެ. މަޑުމަޑު ފިޔާތޮށި ކުލައެއްގައި ފޮޅިފައި ހުންނަ "ޗެރީ ބްލޮސަމް" ގޮތަށް "ޖަކަރަންޑަސް" ގައި އަޅާ ދަނބުކުލައިގެ މިމަލަކީވެސް އަޖައިބުކުރުވަނިވިހާ ރީތި މަލެކެވެ.

"ޖަކަރަންޑަސް"ގެ މާ އަޅާ ދުވަސްތައް ކޮންމެ 10 އަހަރަކުން އެއްފަހަރު 2.1 ދުވަސް ތަފާތުވެއެވެ. އެއީ މޫސުމަށް އަންނަ ބަދަލަކުންވާ ކަމެކެވެ.

"ޖަކަރަންޑަސް" އަކީ ސައުތު އެފްރިކާއަށް މަޝްހޫރު ގަހަކަށްވިޔަސް މިގަހުގެ ރީތިކަމާއި މައުތަކުގެ ޒީނަތްތެރިކަން ފެންނަ އެހެން ގައުމުތައްވެސް ހުރެއެވެ. އޭގެތެރެއިން އޮސްޓްރޭލިއާގެ "ނިއު ސައުތުވޭލްސް" ގައި އޮކްޓޯބަރު ނޫނީ ނޮވެމްބަރު މަހުގައި މިގަހުގެ މާތައް ފޮޅިފައި ހުރެއެވެ. މިސިޓީގައި "ޖަކަރަންޑަސް" ފެސްޓިވަލްވެސް އޮވެއެވެ. އެމެރިކާގެ ކެލިފޯނިއާ، ސައުތުވެސްޓް، ޓެކްސަސް އަދި ފްލޮރިޑާގައިވެސް ހުރެއެވެ. މީގެ އިތުރުން މެކްސިކޯގައިވެސް ހުރެއެވެ. މިގަހުގެ ރީތިކަން ދެކިލުމުގެ ނަސީބު ބޭނުންވާނެ އެތައްބަޔަކު އުޅޭނެ ކަމަކީ ޝައްކެއްވެސް ނެތްކަމެކެވެ.
މަައުލޫމާތު: ދަކޮންވަޒޭޝަން ޑޮޓް.ކޮމް