ކުރަފީގެ ވާހަކަ ދެއްކުމުން އެކަމާ ފަކުރުގަންނަ މީހުން އުޅެއެވެ. އެއީ ފައިދިގުކޮށް ފަތިކޮށް ހުންނަ ކަޅުރަތްކުލައިގެ އުދުހޭ ކުރައްޕަކީ ވަރަށް ނުބައިވަސް ދުވާ އެއްޗަކަށް ވާތީއެވެ.
ސައިންސުގެ ހޯދުންތަކުން ދައްކާގޮތުގައި ސޫފީގެ ތެރެއިން ކުރައްޕަކީ އެންމެ ގިނަ ދުވަހު ދިރިއުޅޭ އެއްޗެވެ. އޭގެ ތެރެއިން ބައެއް އެއްޗިއްސަކީ 320 މިލިއަން އަހަރު ކުރިންވެސް އުޅުނު ސޫއްޕެކެވެ. މިއީ ޑައިނަސޯވެސް އުފެދުމުގެ މާކުރިން އުފެދިފައިވާ އެއްޗެކެވެ. ގިނަފަހަރަށް ކުރައްޕަކީ ހީވެސް ނުކުރާކަހަލަ މާހައުލެއްގައި އުޅޭ އެއްޗެކެވެ. ކޮންމެ ގެއެއްގައިވެސް އެކަތި ނޫނީ ދޭތިވަރު އުޅެއެވެ. ކުރަފި ދުވެފައި އަދި އުދުހިފައި އުޅޭ ކޮންމެ ތަނެއްގައި ޖަރާސީމު އުފައްދައެވެ. އެހެންވުމުން އަބަދުވެސް ސަމާލުކަންދޭންވީ ކުރަފި ނުވަންނާނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަންކަމުން ދުރުވެގެން ހުރުމެވެ.
ކުރަފީގެ އުދަގުލުން ސަލާމަތްވުމަށް ތަފާތު ކަންތައްތައް ކުރެއެވެ. ކާއެއްޗެހި ގެންގުޅޭ ތަންތާގައި ކުރައްޕަކީ ފިލައިގެން އުޅޭ އެއްޗަކަށް ވާތީ އޭގެ އުދަގޫ ބޮޑުވުން މިއީވެސް ކުރަފީގެ އުދަގުލުން ސަލާމަތްވުމަށް މީހުން މަސައްކަތްކުރާ ސަބަބެކެވެ.
ކުރަފި އަންނަ ބައެއް ސަބަބުތަކާއި އެކަންކަމުން ސަލާމަތްވެވިދާނެ ގޮތްތައް:
ބަދިގޭގެ ތަޅުންމައްޗައް ކާއެއްޗެހީގެ އެތިއެތިކޮޅު ނޭޅޭގޮތަށް ސަމާލުކަންދިނުމާއި ފާރުތައްވެސް ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދޭށެވެ. ބަދިގޭގެ ސިންކަކީ އެއްވެސް ވަރަކަށް ކާއެއްޗެހި ހަރުނުލައި ސާފުކޮށް ގެންގުޅޭ އެއްޗަކަށް ހެދުން މުހިއްމެވެ. ކައިގެން ގިނައިރު ތަށިތައް ނުދޮވެ ސިންކުމަތީގައި ބަހައްޓައިފިނަމަ ކުރަފި އައިސް އޭގެތެރޭގައި ދުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކައްކާ ނިމިގެން އުނދުންމަތި ސާފުނުކޮށް ގިނައިރު ބަހައްޓަން އާދަނުކުރާށެވެ. އަދި ކެއްކުމަށްފަހު އުނދުނަށް ތެޔޮ ނުވަތަ ތަތްލަވާ ޒާތުގެ އެއްޗެހި އެޅުނަ ނުދިނުމަށްވެސް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. ކައްކާ ނިމުމަށްފަހު ލަސްނުކޮށް ސާފުކޮށްލުމުން ކުރަފި ކަހަލަ ސޫފާސޫއްޕަށް ދެވޭ ޖާގަ ހަނިވެގެންދެއެވެ.
ކާއެއްޗެހި މަތިނުޖަހާ ބަހައްޓާނަމަ ކުރަފި އުޅުމަށް މަގުފަހިވާނެއެވެ. އަދި ޚާއްސަކޮށް ކާއެއްޗެހީގެ ތެރޭގައިވެސް ފޮނި ބާވަތްތައް، ހަކުރު މާމުއި ފަދަ އެއްޗެހިވެސް ބެހެއްޓުމުން ދުރުވެލާށެވެ. ވަސްގަދަ ކާއެއްޗިއްސާއި ފޮނިއެއްޗެހީގެ ސަބަބުން ކުރަފީގެ އުދަގުލުން ސަލާމަތްވުމަކީ ވަރަށް އުދަގޫކަމަކަށްވެއެވެ. ކައިނިމިގެން ކާއެއްޗެހީގެ މަތި ރަނގަޅަށް ޖެހުމަށްފަހު ރައްކާކުރަން އާދަކުރާށެވެ. މަތި ބާރުކުރެވޭ ފަދަ ތަށީގައި ކާއެއްޗެހި ރައްކާކޮށްފައި ބެހެއްޓުމުން ޖަރާސީމު ނުވަދެ ހުރުމުގެ ފުރުސަތު ބޮޑެވެ. އަދި ތަރުކާރީ އާއި މޭވާ ކަހަލަ އެއްޗެހިވެސް ހާމައަށް ނުބަހައްޓައި އެއްޗެއްގެ ތެރޭގައި މަތި ޖަހާފައި ބަހައްޓާށެވެ.
ކުނިއަޅާ ޑަސްބިނަކީވެސް ކުރަފި ހާލި ހަދައިގެން އުޅޭއެއްޗެކެވެ. ކުރަފީގެ ހާލި ހެދުމަށްފަހު ދެން އެކަމުން ސަލާމަތްވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ޑަސްބިނުގައި މާވަސްގަދަހެން ހީވާ ކުނިވާ ޒާތުގެ އެއްޗެއް ހުރެއްޖެނަމަ އަވަހަށް ޑަސްބިން ސާފުކޮށް ކުނި ބޭރުކުރަން އާދަކުރާށެވެ. ނުބައި ވަހުގެ ސަބަބުންވެސް ކުރަފި އައުން އިތުރުވެއެވެ.
ބަދިގޭގެ ކަބަޑުތަކުގެ ތެރޭގައިވެސް ކުރަފި އުޅުމަކީ ވަރަށް އާއްމު ކަމެއްކަމުގައި ބައެއް މީހުން ބުނެއެވެ. ހަލާކުވެފައި ނުވަތަ ފީވެފައި ހުންނަ ފިލާ ހުންނަ ތަނެއްގައިވެސް ކުރަފި އުޅޭނެއެވެ. ކަބަޑުގެ އެތެރޭގައި އުޅުމަށް ފަސޭހަވެ އެއެއްޗިއްސަށް ލިބެންވާ އަނދިރިކަން ލިބުމުގެ ސަބަބުންވެސް ފިލާ ތިބެއެވެ. ބައެއްފަހަރު ގިނަ ދުވަސްވެފައިވާ ފޮތް ހުންނަ ކަބަޑު ތަކުގައިވެސް ކުރަފި އުޅެއެވެ. ކަރުދާސް ފޮށިގަޑުތަކުގައި ގިނަދުވަސްވީ ފޮތް ނުވަތަ އެކި ޒާތުގެ އެއްޗެހި ނުބެހެއްޓުމަށް ސަމާލުވާންޖެހެއެވެ.
ސިންކުކަހަލަ ނުވަތަ އެއަރކޯން ކަހަލަ އެއްޗަކުން ފެން ލީކުވާ ހޮޅިއެއް ފެނިއްޖެނަމަ ކުރަފި ރަސްކަން ކުރާނެއެވެ. އެންމެ ގިނައިން ކުރަފި އުޅެނީ ބަދިގޭގައި ހުންނަ ސިންކުގެ ހޮޅިދަށުގައެވެ. ކިރިޔާވެސް ހަނި ޖާގައެއް ލިބިއްޖެނަމަ ކުރަފި އައިސް ވެރިވެގަންނާނެއެވެ. އެއްވެސް ތަނެއްގައި ފެން ހަރުލާފައި ހުރެއްޖެނަމަ އެދިމާލަކަށް ދިއުން އަވަސްވާނެއެވެ. ބައެއްފަހަރު ސްޕޮންޖު އެއްޗެހީގައިވެސް ފެން ހަރުލާފައި ހުރެއްޖެނަމަ އެދިމާލަކަށް ދަތުރުކުރެއެވެ. އެއްވެސް ދިމާލެއްގައި ހޮޅިއަކުން ފެން ލީކުވާނަމަ އަވަހަށް އެކަމަށް ހައްލު ހޯދާށެވެ.