އަންހެނުންނަށް ދިމާވާ މައްސަރުކަންތަކާއި ގުޅޭގޮތުން އިހުޒަމާނުއްސުރެ ދެކެވޭ ބައެއް ވާހަކަތަކަކީ ތެދުކަމަށް ގަބޫލުކުރާ ބަޔަކާއި އެއީ ދޮގުކަމަށް ގަބޫލުކުރާ ބައެއް އުޅެއެވެ. އަންހެނުންގެ މައްސަރު ކަންތަކަކީ ބައެއް މީހުންނަށް ވަރަށް ވޭން އުފުލަންޖެހޭ ކަމެކެވެ. މިކަމާއި ގުޅޭގޮތުން ދެކެވޭ ބައެއް ބޯދާ ވާހަކަ މިލިޔުމުގައި ހިމަނާލާނަމެވެ.

އައިސްފެން ބުއިމުން ރިހޭ ރިހުން އިތުރަށް ގޯސްކޮށްދޭ؟
ސައިންސުގެ ހޯދުމާއި ޑޮކްޓަރީ ހޯދުންތަކަށް ބަލާލާއިރު އައިސްފެން ނުވަތަ އެއްވެސް ދިޔާއެއްޗެއް ބުއިމުގެ ސަބަބުން މައްސަރުކަންތަކުގެ ތަދަށް ބަދަލެއް ނައަންނާނެއެވެ. މައްސަރުކަންތައް ދިމާވުމުން އެއަންނަ ތަދު މިއީ މުޅިން ތަފާތު ކަމެކެވެ. ފެން ބޯންޖެހެނީ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށެވެ. ބޯން ބޭނުންވަނީ އައިސްފެންތޯ ނުވަތަ ހޫނުފެންތޯ ވިސްނާނީ އެމީހެއްގެ ހަށިގަނޑުގެ ހޫނުމިން ހުންނަ މިންވަރަކުންނެވެ. އައިސްފެން ބުއިމުން ތަދު އިތުރަށް ބޮޑުވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެކެވެ.
ބޯދޮވެގެން ފެންވެރުން އެއީ ސިއްހީގޮތުން ރައްކާތެރިކަމެއް ނޫން؟
މައްސަރު ކަންތައް ދިމާވެގެން އުޅޭއިރު ބޯދޮވެގެން ފެންވަރާނަމަ އެއީ ސިއްހަތަށް އެހާ ރަނގަޅު ކަމެއް ނޫންކަމަށް ދެކެވޭ ވާހަކައަކީ ސިއްހީ މާހިރުން ނުވަތަ އެއްވެސް ދިރާސާއަކުން ތެދުކޮށްފައިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މައްސަރުކަންތައް ދިމާވެގެން އުޅޭއިރު ހަށިގަނޑު އިތުރަށް ސާފުތާހިރުކޮށް ބެހެއްޓުމަކީ ރައްކާތެރިކަމެކެވެ. ތާފެނާފެނުން ފެންވަރައިފިނަމަ ހަށިގަނޑަށް ލުއިލިބި ތަދު ކުޑަވުންވެސް އިހްސާސްވާނެއެވެ.

މޫދަށް އެރުމާއި ފަތަން ނުދިއުން
މޫދަށް އެރި އުޅުމާއި ފަތަން ދިއުމަކީ އެހާ ރަނގަޅު ކަމެއް ނޫންކަމަށް ދައްކާ ވާހަކައަކީވެސް ކުރީޒަމާނުގައި ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށް ދެކެވޭ ވާހަކައެކެވެ. މިޒަމާނުގައި 'ޓެމްޕޮންސް' ކަހަލަ އެއްޗެހި ޖަހައިގެން މޫދަށް އެރުމަކީ ރައްކާތެރި ކަމެކެވެ. ފެތުމުގެ މުބާރާތްތަކުގައި ބައިވެރިވާ މީހުންވެސް މައްސަރުކަންތައް ދިމާވެގެން އުޅޭ ދުވަސްވަރު ފަތައެވެ.

ކަސްރަތުކުރަން ދާނަމަ ރަހިމު ހަލާކުވެދާނެ؟
ކަސްރަތު ކުރުމުން ރަހިމަށް ގެއްލުން ލިބިދާނެކަމަށް ދެކެވޭ ވާހަކައަކީ ބުއްދި ގަބޫލުކުރެވޭ ވާހަކައަކަށް ނުވެއެވެ. މީގެ ބަދަލުގައި މައްސަރު ދުވަސްވަރު ކަސްރަތު ކުރުމަކީ މިޒާޖު ރަނގަޅުވެ ތަދަށް ލުއި ލިބޭކަމެކެވެ. މިދުވަސްވަރު ބައެއް މީހުން ކަސްރަތު ކުރަން ބޭނުންވިއަސް އަނެއްބައި މީހުން ބޭނުންވަނީ ކަސްރަތާއި ދުރުވެ އަރާމުކޮށްލާށެވެ. އެއީ މައްސަރު ކަންތަކުގެ ވޭން އެކި މީހުންނަށް އިހުސާސް ކުރެވޭވަރު ތަފާތުވުމުން ކަމަށްވެސް ވެދާނެއެވެ.