November 23, 2024 08:24
Advertisement

-Advertisement-

ފޮޓޯ: ވިންޓޭޖް ސައިކަލް ބްލޮގް

ވަޒީފާ ދޭއިރު ސިޔާސީ ކުލައަކަށް ބެލުމެއްނެތި އެކަށީގެންވާ މީހާ ޚިޔާރުކުރުން މުހިންމު!

ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުން މަތީ ފާސްތައް ނަގައިގެން މަތީ ވަނަތައް ހާސިލް ކުރަމުންދާ މީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ކިޔަވައިގެން ވަޒީފާތަކަށް ނުކުންނަން ބަލާއިރު ރަނގަޅު ވަޒީފާއެއް ލިބެނީ ކިތައް މީހުންނަށްބާއެވެ؟ މިއީ ހިތާހިތާ ކުރެވޭ ސުވާލެކެވެ. 

ކިޔެވި ދާއިރާއާއި ގުޅުންހުރި ވަޒީފާއެއް ހޯދުމަކީ މާއުދަގޫ ކަމެކެވެ. ޚާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމަށްފަހު ވަޒީފާ ހޯދުން ވަނީ ވަރަށް ދަތިކަމަކަށް ވެފައެވެ. ކިޔަވައިގެން އައިސް މޮޅެތި ފަންނުވެރިން އަދާކުރަން ލިބެނީ ވަރަށް އާދައިގެ ވަޒީފާއެކެވެ. ލޯނު އެހީގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކަށްގޮސް އެކި ފަންނުގެ އިލްމު ހާސިލްކޮށްގެން އެނބުރި އައުމަށްފަހު ދައްކަންޖެހޭ ލޯނު ދެއްކޭނެ ގޮތް ނެތިފައި ތިބި އެތައް މީހުންނެއް އެބަތިއްބެވެ. ރަނގަޅު މުސާރައެއް ނުލިބި ނުވަތަ ކިޔެވި ދާއިރާ ނޫން ދާއިރާއެއްގެ ވަޒީފާއަށް ނުކުންނަން މަޖުބޫރުވާ މީހުން އެބައުޅެއެވެ. ނަތީޖާއަކަށް ވަނީ ދިރިއުޅުމުގެ ޚަރަދުތައް ކުރުމަށްފަހު ލޯނަށް ދައްކާނެވަރުގެ މުސާރައެއްވެސް ނުލިބުމެވެ. 

ރައްޓެއްސެއް ފާހަގަކުރިގޮތުގައި އޭނާގެ ދަރިފުޅު ސައިކޮލޮޖީ ކިޔަވައިގެން އައިސް ރާއްޖޭގައި އަދާކުރާނެ ވަޒީފާއެއް ނުލިބިގެން އެންމެފަހުން ޖެހުނީ ޕްރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާށެވެ. މިކަހަލަ ކަންކަމުގެ ސަބަބުން ކުއްޖާގެ ކެރިއަރ ގެއްލި އެހެން ކެރިއަރެއް ޚިޔާރު ކުރަންޖެހެއެވެ. ލިބޭ ކޮންމެ ދާއިރާއެއްގެ ވަޒީފާއަށް ނުކުންނަން މަޖުބޫރު ވަނީ ދިރިއުޅުމުގެ ޚަރަދު ދެކޮޅު ޖެއްސުމަށެވެ.

Advertisement

ބައެއް މީހުން ދެކޭގޮތުގައި އާދައިގެ ވަޒީފާއެއްގައި އުޅުމަކީ ލަދުވެތި ކަމެކެވެ. އެހެން ހީކޮށް ތިމާ ބޭނުންވާ ދާއިރާއަކުން ވަޒީފާ ނުލިބިއްޖެނަމަ ވަޒީފާއަކަށް ނުގޮސް ހުރެއެވެ. މިކަމުގެ ސަބަބުން މުޖުތަމުގައި ވަޒީފާ އަދާނުކޮށް ގޭގައި ތިބޭ މީހުން ގިނަވަމުންދެއެވެ.

މެލޭޝިއާ އަށް އުފަން އަމީރުލް ސައިގީރަކީ ނަމޫނާ ކުއްޖެކެވެ. މިދިޔަ އަހަރުގެ ޖޫންމަހު 'އެއަރ ކްރާފްޓް އިންޖިނިއަރިން' އިން ޑިގްރީ ހާސިލް ކުރުމަށްފަހު ވަރަށް ގިނަ ތަންތަނަށް ވަޒީފާއަށް ކުރިމަތިލިއެވެ. އެހެންނަމަވެސް ޖަވާބަކަށް ވަނީ 'ޔޫއާ އޯވާ ކޮލިފައިޑް' މިހެނެވެ. ވަޒީފާއަކަށް ނުގޮސް ހުރުމުގެ ބަދަލުގައި އަމީރު ޚިޔާރު ކުރީ ކޮންމެކަހަލަ ވަޒީފާއެއް ލިބުނަސް ގަބޫލު ކުރުމަށެވެ. އެއްވެސް ޖެހިލުމެއްނެތި ހަލާލު މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަކީ އަމީރު ދެކޭގޮތުގައި ވަރަށް މުހިއްމު ކަމެކެވެ. އޭނާގެ ޓްވިޓަރގައި ބުނާގޮތުގައި އަދާކުރާ ވަޒީފާއަކީ 'ފުޑް ޕެންޑަރ ޑެލިވަރީ މޭން' އެއްގެ ވަޒީފާއެވެ. އޭނާގެ ވަޒީފާއާއިމެދު ހިތްހަމަޖެހެއެވެ. މިވާހަކަ ޓްވިޓާގައި ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 6000 ރީޓްވީޓް ލިބުނެވެ. މީނާގެ މިޓްވީޓް ފެނިފައި ވަރަށް ގިނަ މީހުން އަމީރު އަށް 'ސެލިއުޓް' ކުރިއެވެ. އެފަދަ އެހެން މީހަކު ޓްވީޓް ކުރަނީ އޭނާއަކީވެސް ކިޔަވައިގެން ހުރި މީހެއް ކަމަށެވެ. ޑިޕްލޮމާއިން އިލެކްޓްރޯނިކް ޓެކްނޮލޮޖީ ހަދާފައިވީނަމަވެސް، 'ޝޮޕިން މޯލް' އެއްގެ ސެކިއުރިޓީގެ ވަޒީފާ އަދާކުރަމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މިކަހަލަ އެތައް ޓްވީޓްތައް ފެންނަމުން އަންނައިރު މިހުރިހާ ޓްވީޓަކީ އެކި މީހުންގެ އިހްސާސްތަކެވެ. ތިމާ ބޭނުންވާ ވަޒީފާއަށް ނުވިނަމަވެސް ވަޒީފާއެއް އަދާކުރުމަކީ މުހިންމު ކަމެކެވެ. 

ބޭނުންވާ ވަޒީފާ އަށް ތަކުރާރުކޮށް ކުރިމަތިލައިގެން ނުހޮވޭ ފަހަަރުވެސް އާދެއެވެ. އަދި މިފަދަ ވަޒީފާތަކަށް ތަޢުލީމެއް ތަޖުރިބާއެއް ނެތް މީހުން ނަގާ މަންޒަރުވެސް ފެނެއެވެ. މިގޮތަށް ތަކުރާރުކޮށް ކަންތައް ދިމާވާތީ ވަޒީފާއަށް ފޫހިވާ މީހުން އުޅެއެވެ. އެމީހުން ދެކޭގޮތުގައި އިއުލާން ކުރާއިރު ވަޒީފާ ދޭނެ މީހާ އޮންނަނީ ގިނަފަހަރަށް ހަމަޖެހިފައެވެ. ނުވަތަ ވަޒީފާއެއް ލިބޭނީ ކޮންމެވެސް ސިޔާސީ މީހެއްގެ ކައިރީގައި އާދޭސްކޮށްގެންނެވެ. މިގޮތަށް ވަޒީފާ ހޯދަން ބޭނުންނުވާ ތަޢުލީމީ ޒުވާނުންވެސް އެބަތިއްބެވެ. އަދި ތަކުރާރުކޮށް މިގޮތަށް ދިމާވާތީ ބުރަމަސައްކަތްކޮށްގެން ތަޢުލީމު އުނގެނުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ދެކޭ މީހުން މަދުންނަމަވެސް އެބައުޅެއެވެ. ތަޢުލީމު އުނގެނުމަކީ ބޭކާރުކަމެއް ނޫނެވެ. ދިރިއުޅުމުގައި ކޮންމެވެސް ގޮތަކަށް އެތަޢުލީމުގެ ބޭނުން ހިފޭނެއެވެ. 

އެންމެ އެކަށީގެން ނުވާ މީހާ އަށް ވަޒީފާ ދިނުމުން ދިމާވާ މައްސަލައަކީ އެ އޮފީހަކުން ދޭ ޚިދުމަތުގެ ފެންވަރު ދަށްވުމެވެ. މީގެ ސަބަބުން ދަތިތަކާއި ކުރިމަތިލާން ޖެހެނީ ޚިދުމަތް ހޯދަން ދާ މީހުންނަށެވެ. އަދި އެ އޮފީހަކާއި މެދު ދެކޭގޮތް ބަދަލުވެ ތަނުގެ ވެރިން ބަދުނާމުވާ ފަހަރު އާދެއެވެ. 

ވަޒީފާގެ ބާޒާރަށް މިހާރަށްވުރެ މުއްސަނދިކަމެއް އަންނަންވެއްޖެ އެވެ. އަދި ވަޒީފާ ދޭއިރު އެ މަގާމަކަށް އެންމެ އެކަށީގެންވާ މީހަކަށް ވަޒީފާ ލިބެން އެބަޖެހެއެވެ. ވަޒީފާ ދިނުމުގައި ވަކިބައެއްގެ ނުފޫޒެއް އޮވެގެން ނުވާނެއެވެ. މިކަމަކީ ސަރުކާރުންނާއި އަމިއްލަ ކުންފުނިތަކުން ވިސްނަންވެއްޖެ ކަމެކެވެ. ވަޒީފާ ދިނުމުގައި ހަމަހަމަކަން ގާއިމްކުރަން ޖެހެއެވެ. އެއީ މުޖުތަމައުގައި ދިރިއުޅޭ އަޚުންނާއި އުޚުތުންގެ ހައްގުތަކެއް ކަމަށްވާތީއެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ހީވާކަހަލަ އޭރުން ދެވަނަ ދައުރަކަށް އަންނަން ވޯޓު މަދުވާނޭކަމަށް
    ވީމާ އަބަދުވެސް ވަޒީފާ ލިބޭނީ ޕާޓީ ކުދިންނަށް.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް