ތައުލީމު އުނގެނުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ހުރަސްތަކެވެ. އެއްބަޔަކު މާލީ ހާލަތު ހުންނަ ގޮތުން ބޭނުންވާ މިންވަރަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ނުލިބެއެވެ. އަނެއް ބަޔަކު ޅައުމުރުގައި އާއިލީ ޒިންމާގެ ސަބަބުން އާމްދަނީ ލިބޭ މަސައްކަތެއްކޮށް ދިރިއުޅުން އާރާސްތު ކުރުމަށްޓަކައި މަސައްކަތް ކުރަންޖެހެއެވެ. މައިންބަފައިން ނެތުމުގެ ސަބަބުން އެފުރުސަތު ފަހިކޮށްދޭނެ މަގެއް ނެތުމާއި، ކިޔެވުމަކީ މާބޮޑު ކަމެއް ކަމަށް ނުދެކި އުޅޭ މީހުންވެސް އުޅެއެވެ. ދެން އުޅެނީ މައިންބަފައިންގެ ލޯބިން ދަރީން ބޭނުންވާ ކަންކަން ފުދި އެކަމުގެ ސަބަބުން ކިޔެވުމުގެ މުހިއްމު ކަން ނޭންގޭ ކުދިންނެވެ.
ތައިލެންޑުގެ ސުރައްތާނީ ޕްރޮވިންސްގެ "ރަޖަބަތް ޔުނިވަރސިޓީ" އިން ގްރެޖްއޭޓްވި އުމުރުން 27 އަހަރުގެ 'ޔިންގް' ނަމަކަށް ކިޔާ މި އަންހެން ކުއްޖާ ޝުކުރު އަދާ ކުރަނީ އުމުރުން 30 އަހަރުގެ އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަށެވެ. ގްރެޖްއޭޓްވި ދުވަހުގެ ވީޑިއޯއެއް ޓިކްޓޮކް ގައި ވައިރަލްވެގެން ދިޔައެވެ. މިވީޑިއޯ އަށް ވަނީ 11 މިލިއަން ވިއުސް ލިބިފައެވެ. "ތައި ޕީބީއެސް އޮންލައިން" ނޫހަށް އިންޓަވިއު ދެމުން މިކުއްޖާ ބުނީ މިއަދަކީ އޭނާ އެންމެ އުފާވާ އަދި އެނާގެ ބޭބެ އާއިމެދު އެންމެ ފަޚުރުވެރިވާ ދުވަސްކަމަށެވެ.
ސައުތު ތައިލެންޑްގެ ސުރައްތާނީގައި ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ޔިންގް އަދި އޭނާގެ ބޭބެ 'ނަޓަޕޮންގ ޗަނަޕޮލް' އަކީ ވަރަށް އެކީގައި ބޮޑުވަމުން އައިސް މަންމަ އަށް އެހީވުމުގައި ވަގުތު ހޭދަކުރި ދެކުދިންނެވެ.
މިދެމީހުންގެ މަންމައަކީ ރަބަރުގަސް ހައްދައިގެން ރަބަރު ވިއްކަމުންދާ މީހެކެވެ. ދެކުދިންނަށް ތައުލީމު އުނގައްނައިދިނުމަށް މާލީ ތަނަވަސްކަން ނެތުމުން ޔިންގްގެ ބޭބެ ނިންމީ އޭނާގެ ކިޔެވުން ދޫކޮށް އޭނާގެ ކޮއްކޮ ޔިންގްއަށް އެފުރުސަތު ހޯދައިދޭށެވެ. އެހެންވެ މީގެ 14 އަހަރު ކުރިން ޔިންގެ ބޭބެ ސެކަންޑަރީ ސްކޫލުން ފެށިގެން ކިޔެވުން ހުއްޓާލުމަށްފަހު އޭނާގެ މަންމައާއި އެކު ރަބަރު ހެއްދުމުގައި އެހީވާން ފެށިއެވެ. އޭރު ޔިންގްގެ އުމުރުން އެހާ ހަނގުވުމުން އޭނާގެ ބޭބެ އެކުރަންފެށީ ކިހާ ބޮޑު އަދި ކިހާ މުހިއްމު ކަމެއްކަން ނުވިސްނެއެވެ. އެކަމަކު މިއަދު ޔިންގް ބުނިގޮތުގައި އޭނާގެ ބޭބެ އޭނާއަށްޓަކައިވި ގުރުބާނީ އަގު ނުކުރެވޭހާވެސް ބޮޑެވެ.
ނަޓަޕޮންގ ބުނާގޮތުގައި އޭނާގެ ކޮއްކޮ ކިޔެވުމުގައި ދެއްކި ސާބިތު ކަމަށްޓަކައި ވަރަށް އުފާވެ އެކަމާމެދު ފަޚުރުވެރިވެއެވެ. އަދި އެދަތި ދަނޑިވަޅުގައި ކިޔެވުން ހުއްޓާނުލާ ކުރިއަށްގެންދިޔަ ކަމަށްޓަކައި ޝުކުރު ކުރެއެވެ. އޭރު އޭނާ ބޭނުންވީ އޭނާގެ ކޮއްކޮ ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމުގެ ހުވަފެން ދެކޭށެވެ. ނަޓަޕޮންގ ވަރަށް އުފާވެލާފައި ބުނެލިއެވެ. "މަންމައާއިއެކު ކުރި ބުރަ މަސައްކަތުން އެކަމުގެ ނަތީޖާވެސް ފެނިއްޖެއެވެ."
މިހާރު ނަޓަޕޮންގގެ ކޮއްކޮ ޔިންއަކީ ތައިލެންޑްގެ ރަނގަޅު ކުންފުންޏެއްގައި ރަނގަޅު ވަޒީފާއެއް އަދާކުރަމުން އަންނަ ކުއްޖެކެވެ. ޔިންގް ތައުލީމު ހާސިލްކުރީ ފެކަލްޓީ އޮފް ހިއުމަނިޓީސް އެންޑް ސޯޝަލް ސައިންސުންނެވެ. 2018 ވަނަ އަހަރު ޔިންގްގެ ކިޔެވުން ނިމުނު ކަމުގައި ވިޔަސް ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގްރެޖްއޭޓްވީ ހުސްވި ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. މިއަދު ޔިންގް ހުރިހާ ޝުކުރެއް އަދާކުރަން ބޭނުންވަނީ އޭނާގެ ލޯބިވާ ބޭބެ ނަޓަޕޮންގއަށެވެ. މިއީ ކޮއްކޮއަކަށްޓަކައ ބޭބެއަކަށް ވެދެވޭނެ ވަރަށް ބޮޑު ގުރުބާނީއެއްކަން ޔަގީނެވެ. ވަރަށް އަސަރާއެކު މިވާހަކަ ޔިންގް ފާހަގަކުރިއެވެ. ޔިންގް ބޭނުންވަނީ އާއިލާއަށް ތަނަވަސްކަމާއި ހިތްހަމަޖެހުން ހޯދައިދިނުމަށެވެ.
މައުލޫމާތު: ޔިންގްގެ ޓިކްޓޮކް އެކައުންޓް އަދި ތައި ޕީބީއެސް އޮންލައިން
ކިޔުންތެރިންގެ ހިޔާލު
This is a very good moral story
ކޮމެންޓްސް ބަންދުކުރެވިފައި