މޫދުގައި ހުންނަ ވިނަ ނުވަތަ 'ސީވީޑްސް' އަކީ ކިހާ މުހިއްމު އެއްޗެއްކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ. އަހަރެމެންގެ ތެރޭގައި މިއީ ކެއުމަށް އާއްމު އެއްޗަކަށް ނުވި ނަމަވެސް އެހެން ގައުމުތަކުގައި މިވައްތަރުގެ ވިނަ ކައި އުޅެއެވެ.
ވިނަ އަކީ މޫދުގައި ހުންނަ ގާތަކުގައި އުފެދޭ އެއްޗެކެވެ. މޫދުވިނަ އާއްމުކޮށް ކައި އުޅެނީ އޭޝިއާގެ ގައުމުތަކުގައެވެ. ތަފާތު ކުލަތަކަކުން އުފެދިފައި ހުރެއެވެ. ރަތްކުލައިން ފެހިކުލައަށް، ފެހި ކުލައިން މުށިކުލައަށް ދެން ކަޅުކުލައަށް ބަދަލުވެފައި ހުންނަ ވިނަވެސް ހުރެއެވެ.
ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރާ މޫދުވިނަ އަކީ ޖަޕާނުގެ މަޝްހޫރު ސޫޝީ އިން ފެށިގެން ސޫޕް، ސެލެޑް އަދި ސްމޫތީ ކަހަލަ އެއްޗެހީގައިވެސް ބޭނުންކުރާ އެއްޗެކެވެ. މިއީ ނިއުޓްރިޝަން ވަރަށް ބޮޑަށް ލިބިދޭ ކާނާއެކެވެ.
ތައިރޮއިޑްގެ ކަންކަމަށް އެހީވެދޭ
ތައިރޮއިޑް މައްސަލަ ހުންނަ މީހުންނަށް މޫދުވިނަ އަކީ މުހިއްމު ކާނާއެއް ކަމަށް ވެއެވެ. މި ވިނަ ކެއުމުން ތައިރޮއިޑް އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ. ސަބަބަކީ މޫދުވިނައިން އައޮޑިން ލެވެލް އެއްވަރެއްގައި ބަހައްޓައި ދިނުމަށް އެހީވެދޭތީއެވެ. އެހެންނަމަވެސް މާގިނައިން މޫދުވިނަ ކެއުމުން ގެއްލުން ވެދާނެތީ ސަމާލުކަންދޭން ވާނެއެވެ.
ހަކުރުބަލި ނުވަތަ ޑައިބެޓިކް ހުންނަ މީހުންނަށް އެހީއެއް
ފައިބަރ ހުންނަ ކާނާއަކީ ހަކުރުބަލި ހުންނަ މީހުންނަށް ވަރަށް މުހިއްމު އެއްޗެކެވެ. ފައިބަރ ގިނައިން ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައެވެ. 2018 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާގޮތުގައި މޫދުވިނަ ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވެފައިވެއެވެ.
ބަރުދަން ލުއިކޮށްދިނުމަށް އެހީއެއް
ފައިބަރގެ މާއްދާ އެހާބޮޑަށް އެކުލެވިފައިވާ މޫދުވިނަ ކެއުމުގެ ސަބަބުން ހަށިގަނޑުގެ ބަރުހެލިކަން ކުޑަކޮށްދެއެވެ. މޫދުވިނަ ކާނަމަ މީހާގެ ހަށިގަނޑަށް އުދަގޫނުވެ އެހާވަރަށް ފުރިފައި ހުންނަހެން ހީނުވެއެވެ. ބަނޑުހައިވުމުގެ އިހްސާސްވާކަމުގެ ސިގްނަލް ސިކުނޑިއަށް ފޯރުކޮށްދިނުން ލަސްވެއެވެ. ފައިބަރުގެ މާއްދާއަކީ ހުރިހާ ގޮތަކުންވެސް ވަރަށް މުހިއްމު އެއްޗެކެވެ.
ހިތުގެ މައްސަލަތަކަށް ލުއިލިބިދޭ
ފައިބަރގެ މާއްދާ މޫދުވިނައިގައި އެކުލެވުމުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދެއެވެ. މޫދުވިނަ ކެއުމުގެ ސަބަބުން ހައިޕަރޓެންޝަންވެސް ދަށްކޮށްދެއެވެ. ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ގޮތުގައިވެސް ވަނީ ފާހަގަކޮށްފައެވެ.
ނިއުޓްރިޝަންގެ މާއްދާ އެކުލެވިގެންވުން
ވިޓަމިންސް އަދި މިނަރަލްސް ހިމެނިގެންވާ މޫދުވިނަ އަކީ ނިއުޓްރިޝަންސްވެސް އެކުލެވިގެންވާ ގިނަގުނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ.
މައުލޫމާތު: މެޑިކަލް ނިއުސް ޓްޑޭ