December 3, 2024 22:33
Advertisement

-Advertisement-

ކުޑައިރުގެ ހުވަފެން ހަޤީޤަތަކަށް- ފާހަގަކޮށްލެވޭ މޮޅު ނޫސްވެރިއެއް

"ޕްރައިމަރީގައި އިމާދުއްދީން ސްކޫލުގައި ކިޔެވިއިރު ސްކޫލަށް ދާން ޖެހެނީ ހަވީރު ނޫހުގެ އިދާރާ ކުރިމަތިން. އޭރުވެސް ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނާތީ ހިތަށް އަރާ ބޮޑުވެގެން ނޫސްވެރިއަކަށް ވެގެން މިތަނުގައި މަސައްކަތްކުރާނަމޭ." މިއީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސްގެ މުޙައްމަދު ހަމްދޫންގެ ކުޑައިރުގެ ވިސްނުމެވެ.

އެ ވިސްނުމުގައި އުޅެނިކޮށް 2008 ގައި ސުކޫލު ނިމުނުތަނާހެން އެއިރު މުޅިން އަލަށް އުފެއްދި 'ރާއްޖެ ނޫސް" ގައި މަސައްކަތް ކުރުމަށް ފުރުސަތު ހޯދައިދިނީ އޭނާގެ އެކުވެރި މުހައްމަދު ޝަޒްމީން އެވެ. ރާއްޖެ ނޫހުގައި މަސައްކަތް ކުރަން ފެށިތާ ދެތިންމަސް ފަހުން ކުޅިވަރަށް ހާއްސަ ނޫސްވެރިއަކަށްވި އެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި އެއިރު ރާއްޖޭގެ އެންމެ މަޤުބޫލު ހަވީރު ނޫހުން ގަބޫލު ކުރާ ފެންވަރުގެ ނޫސްވެރިއަކަށް ހަމްދޫން ވެގެންދިޔައެވެ.

ހަމްދޫން ފާހަގަ ކުރިގޮތުގައި ކުޑައިރުންފެށިގެން އެންމެ ބޮޑު ޝައުގުވެރިކަމެއް ހުންނަނީ ކުޅިވަރުގެ ދާއިރާއަށެވެ. ކުޅިވަރުގެ މައުލޫމާތާއި ޚަބަރުތައް ހޯދުމަށް ނޫސްތަކާއި މަޖައްލާތައް ދިޔައީ ކިޔަމުންނެވެ. 2009ވަނަ އަހަރު ހަވީރު ނޫހާއި ގުޅުނީވެސް ކުޅިވަރު ދާއިރާއަށް ހާއްސަ ރިޕޯޓަރެއްގެ ގޮތުގައެވެ. ހަވީރު ނޫހަށްފަހު 'މިހާރު' ނޫހުގެ އެސިސްޓެންޓް އެޑިޓަރ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހަމްދޫންގެ ކާމިޔާބީތަކުގެ ތެރޭގައި  މޯލްޑިވްސް މީޑިއާ ކައުންސިލްއިން ހޮވާ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމް 2014 ގައި، ކުޅިވަރުގެ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމް 2018 އާއި 2019 ގައި އަދި ފީޗާ ލިޔުމުގެ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ މަގާމް ވެސް ދެއަހަރު ލިބިފައިވެ އެވެ. ޖުމްލަ ފަސް އެވޯޑާ އެކު ހަމްދޫނަކީ މީޑިއާ ކައުންސިލުގެ ނޫސްވެރިކަމުގެ އެވޯޑްސްގެ ތާރީހުގައި އެންމެ ގިނަ އެވޯޑް ހާސިލްކޮށްފައިވާ ނޫސްވެރިޔާ އެވެ.

Advertisement

މީޑިއާ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާފައިވާ ހަމްދޫންވަނީ ނޫސްވެރިކަމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާރސް ޑިގްރީވެސް ހާސިލް ކޮށްފައެވެ. ކުޅިވަރުގެ އިތުރުން ހަމްދޫން އަންނަނީ ދިވެހި ރާއްޖޭގެ ކޮންޓެމްޕަރަރީ ހިސްޓްރީ ނުވަތަ މިދިޔަ ގަރުނުގެ މެދަކާ ހަމައިން ހިނގާފައިވާ ހާދިސާތައް ދިރާސާކޮށް ލިޔަމުންނެވެ. ހަމްދޫން ވަނީ އޭނާގެ ތާރީހީ ލިޔުންތަކުން ރާއްޖޭގެ އެންމެ މޮޅު ފީޗާ ލިޔުންތެރިޔާގެ މަގާމު ދެ އަހަރު ހޯދާފައެވެ.

"ނޫސްވެރިކަމުގެ މަސައްކަތް ކުރަންފެށިތާ ކުރީކޮޅު ކުޅިވަރުގެ ތާރީހީ އާޓިކަލްތަކެއް ދޭތެރެ ދޭތެރެއިން ލިޔަން. އެކަމަކު އޭރު މީހުންނަށް އެހާ ބޮޑަށް ފާހަގައެއްނުކުރެވޭ. މީހުންނަށް ފާހަގަވާންފެށީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކޮންޓެމްޕަރަރީ ހިސްޓްރީއާ ގުޅޭ ލިޔުންތައް ލިޔަން ފެށި ފަހުން. ބޭނުންވަނީ ދިވެހިރާއްޖޭގެ ތާރީހުގެ ތެރެއަށް ގެއްލިފައިވާ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ހަރަކާތްތަކާއި، އަދީބުންނާއި އަދަބީ އުފެއްދުންތަކާއި އެ ނޫން ވެސް ތަފާތު ޝަހުސިއްޔަތުންގެ ވާހަކަތައް މި ޒަމާނަށް ގެނެސްދިނުން. އަދި އެވާހަކަތައް ގެންނަން ބޭނުންވަނީ ނެރޭޓިވް ރައިޓިން ނުވަތަ މި ޒަމާނުގެ ސްޓޯރީ ޓެލިން މެތަޑްތައް ބޭނުންކޮށްގެން. ބޭނުމަކީ ޒުވާނުންވެސް ކިޔާހިތްވާނެ ގޮތަކަށް ތާރީހު ގެނެސްދިނުން،" އޭނާ ބުންޏެވެ.

ފޮތްކިއުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ހަމްދޫން ކުޑައިރުވެސް ހަވީރު ނޫސް އަދި ހުވާސް ފަދަ މަޖައްލާތައް ކިޔައެވެ. އަދި ނޫސްވެރިއަކަށް ވުމަށްފަހު އޭނާއަށް އެންމެ ބޮޑު ހިތްވަރަކަށްވީ އޭރުގެ އެންމެ ތަޖްރިބާކާރު ނޫސްވެރިންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމެވެ.

"އަޅުގަނޑު ކުޑައިރު މޫސާ ލަތީފާއި މުހައްމަދު ޝަހީބާއި އާދަމް ހަލީމާއި އިސްމާއިލް ނަސީރު މެން ފަދަ ނޫސްވެރިންގެ ލިޔުންތައް ކިޔަން. ދެން ނޫސްވެރިކަމަށް ވަދެ ހަވީރާ ގުޅުނުއިރު އެތަނުގައި މިތިބީ އެނޫސްވެރިން. އަލަށް ވަންނަ މީހަކަށް އެފަދަ ތަޖުރިބާކާރު ނޫސްވެރިންނާ އެކު މަސައްކަތްކުރަން ފުރުސަތު ލިބިފަ އެމީހުންގެ ގައިޑެންސް ލިބުނީމަ އެއީ އެންމެ ބޮޑު ހިތްވަރަކީ."

ހަމްދޫންގެ ނޫސްވެރިކަމުގެ ރަން ހަނދާންތައް ގުޅިފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގެ ފަހުގެ ރަން ހަނދާންތަކާއެވެ. "އެންމެ ހަނދާން ހުންނަނީ ރާއްޖެއަށް 2008 ގައި ސާފް ޗެމްޕިއަންޝިޕް ލިބުނުއިރު ކަވަރު ކުރަން ކޮލަމްބޯގައި ހުރި ހުރުން. އަދި 2015 ގަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި ސާއިދު ރަން މެޑަލް ހޯދި އިރު ހުރިން، 2019 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސްގައި ރާއްޖެއަށް ބެޑްމިންޓަން އާއި ޓީޓީ އިން ރަން މެޑަލް ލިބުނުއިރު އެތާ ވެސް ހުރިން. ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވަރަށް މުހިންމު އިވެންޓްތަކެއް ކަވަރު ކުރަން ލިބުން އެއީ ހަމަ ވަރަށް ހަނދާނުން ފޮހެލަން ދަތި ވަރަށް އުފާވެރި ފަހުރުވެރިވާ ކަމެއް." ނޫސްވެރިކަމުގެ ދާއިރާގެ އުފާވެރި ސަފްހާތައް ފާހަގަކުރަމުން ހަމްދޫން ބުންޏެވެ.

ހަމްދޫންގެ ކެރިއަރުގައި ވަނީ ސާފް ޗެމްޕިއަންޝިޕް ހަތަރު ފަހަރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ދެ ފަހަރު އަދި ސައުތު އޭޝިއަން ގޭމްސް އެއް ފަހަރު ކަވަރުކޮށްފަ އެވެ. އޭނާ އަކީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭން ދިޔަ މީޑިއާ ކޮންޓިންޖެންޓުގެ ހެޑެވެ.

ހަމްދޫން ވަނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ވެބްސައިޓް ގޯލް ޑޮޓް ކޮމް އަށް ވެސް ކުޅިވަރު އާޓިކަލްތަކެއް ލިޔެފައެވެ. އަދި އޭނާނެގި ފްރާންސްގެ ވޯލްޑްކަޕް ތަރި މާސެލް ޑެސައިލީގެ އިންޓަވިއުއަކުން ދުނިޔޭގެ ވަރަށް ގިނަ ވެބްސައިޓްތަކުން ޚަބަރު ހަދާފައިވެ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ހިމެނެ އެވެ. ޑެސައިލީގެ އިތުރުން ހަމްދޫން ވަނީ ބްރެޒިލަށް 1970 ގެ ވޯލްޑް ކަޕް ކާމިޔަބުކޮށްދިން ކެޕްޓަން ކާލޯސް އަލްބާޓޯ ޓޮރޭޒް އާއި އިޓަލީގެ މަޝްހޫރު ތަރި ރޮބާޓޯ ބާޖިއޯއާ ވެސް އިންޓަވިއުކޮށްފަ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އޭއެފްސީގެ ރައީސް ޝޭހް ސަލްމާން އާއި އިޓަލީގެ ވޯލްޑް ކަޕް ކޯޗު މާސެލޯ ލިއްޕީ އާއި ޕޯޗުގަލްގެ ކުރީގެ ކޯޗު ކާލޯސް ކުއިރޯޒްއާ ވަނީ ސުވާލުކޮށްފަ އެވެ.

ހަމްދޫންއަކީ ކުޅިވަރު ދާއިރާގެ މީހުންގެ އިތުރުން ހަވީރުގެ އަދި މިހާރު ނޫހުގެ ކިއުންތެރިންގެ ލޯބި ހޯދާފައިވާ ތަޖްރިބާކާރު ނޫސްވެރިއެކެވެ. އަދި ނޫސްވެރިކަމުގައި މިހާ ހިސާބަށް ހަމްދޫން ގެނެސްދިނީ ކުޅިވަރުގެ އާއިލާ އާއި ހަވީރު ނޫހާއި މިހާރު ނޫސް އަދި ނޫސްވެރިއަކަށް ހަމްދޫން ހަދައިދިން ރާއްޖެ ނޫހުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދިވެހި ކުޅިވަރު އާއިލާ އިންކަން ފާހަގަކޮށް ހަމްދޫން ވަނީ އެ ފަރާތްތަކަށް  ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން މަންމަ ހައްވާ ރަޝީދާ އާއި ބައްޕަ އަހުމަދު ވަހީދާއި އާއިލާގެ އެހެން މެމްބަރުންނާއި ހުރިހާ އެކުވެރިންނަށް ވެސް ހާއްސަ ޝުކުރެއް އޭނާ އަދާކުރިއެވެ. ނޫސްވެރިކަން ދޫކޮށް އެހެން ދާއިރާއަކަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅެއެވެ.  

ހަމްދޫން ޤަބޫލުކުރާ ގޮތުގައި މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އެވޯޑެއް ތައާރަފް ކުރުމުން ރާއްޖޭގެ ނޫސްވެރިކަން ވަރަށް ބޮޑަށް ދަނީ ކުރިއަރައިގެންނެވެ. ޚަބަރުގެ އިތުރުން އިތުރު އުފެއްދުންތައް އުފެއްދުމަށް ނޫސްވެރިން އިސްކަންދީ ފެންވަރު ރަނގަޅު ލިޔުންތައް ނޫސްތަކުން ފެންނަން ފަށައިފިއެވެ.

ނޫސްވެރިންގެ ހައްގުތައް ދިފާއުކޮށް ކަށަވަރު ކުރުމުގެ ޒިންމާގެ މުގުލުގައި ހުރި ހަމްދޫން ޤަބޫލުކުރާ ގޮތުގައި ނޫސްވެރިންނަކީ ކުރާ މަސައްކަތުގެ ސަބަބުން ހަމަ ފްރަންޓް ލައިންގެ ބައެކެވެ. ނޫސްވެރިންނަށް ފާޑުކިއުންތައްވެސް އަންނާނެ ކަމަށެވެ. އަދި ނޫސްވެރިންނަކީ ވަރަށް ޒިންމާދާރު ބަޔަކަށް ވާއިރު ނޫސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރަން އަޑު އުފުލާނެ ޖަމްއިއްޔާއެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އަލުން ހިނގައިގަތީމާ ބޭރުގެ ގިނަ ފަރާތްތަކުން އެސޯސިއޭޝަނަށް އެހީވާން ބޭނުންވެފައި ތިބިކަން ފާހަގަކުރެވޭ ކަމަށާއި، އެމްބަސީތަކާއި ޖަމްއިއްޔާތަކުންވެސް އެހީތައް ލިބެން ފަށައިފި ކަމަށެވެ. މި އަހަރުތެރޭގައި އެ އެސޯސިއޭޝަނުން ގިނަ ކަންތައްތަކެއް ކުރަން ރާވަމުން އަންނަ ކަމަށްވެސް ހަމްދޫން  ފާހަގަ ކުރިއެވެ.

ނޫސްވެރިންގެ ތޮފި އަޅައިގެން މިދާއިރާއަށް ނިކުންނަ ފަރާތްތަކަށް ހަމްދޫން ދިން ނަސޭހަތަކީ ހަމައެކަނި ވަޒީފާއެއްގެ ގޮތުގައި ނުދެކި މި މަސައްކަތަށް ލޯބި ހުރެގެން ދާއިރާގައި ދެމި ތިބުމަށެވެ. އެހެން ވަޒީފާއެއް ލިބެންދެން ނޫސްވެރިއެއްގެ ގޮތުގައި އުޅުމަށްވުރެ ބޮޑަށް ކަމަށް ގަޔާވެގެން ވަކި އަތަކަށް ނުޖެހި ކެރިއަރެއްގެ ގޮތުގައި މިކަން ކުރުމަށެވެ.

"މިއީ ވަރަށް ގިނަ ވަގުތު ހޭދަވާ، ވަރަށް ދިރާސާކުރަންޖެހޭ ކަމެއް. އެހެންވީމަ މިކަން ކުރާހިތުން އުޅުން ވަރަށް މުހިންމު އަދި އެތިކްސް ފޮލޯ ކުރުން ވަރަށް މުހިންމު" އިންޓަވިއު ނިންމާލަމުން ހަމްދޫން ބުނީ މިގޮތަށެވެ.  

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ރަނގަޅު އެކުވެރިއެއް. މޮޅު ލިޔުންތެރިއެއް. މިހާރުގެ ޖީލު ޝައުގުވެރިވާ ގޮތަށް ތާރީހީ ލިޔުންތައް ހަމްދޫން ގެނެސްދޭ ގޮތަށް ގެނެވޭ ދެ ވަނަ މީހަކު މިހާރު ނެތް. ކަންނެތް ނޫސްވެރިކަމެއް އޮތް މި ޒަމާނުގައި ހަމްދޫން ފަދަ ކަމަށް ލޯބި ހުރި ދިރާސާކޮށްގެން ލިޔާ ނޫސްވެރިން މިހާރު ނޫޅޭ. ވަރަށް ފަހުރުވެރިވޭ ދިރިއުޅުމުގެ ކޮންމެ ވެސް ހިސާބެއްގައި އެކުގައި މަސައްކަތްކޮށް އަދި ހަމްދޫންގެ ކުރިއެރުމުގައި އެހީތެރިކަން ފޯރުކޮށްދެވުނީތީ

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް