December 3, 2024 22:16
Advertisement

-Advertisement-

ބުޅަލުގެ ދިރިއުޅުން ލަގްޒަރީ ފުލެޓުތަކަށް

ހުޅުމާލެއިން މާލެއަށް އޮފީހަށް ދާންޖެހޭތީ އަލީ ރެނާޓަސް އެޕާޓްމަންޓްއިން އެނުކުތީ އަވަހަށް އޮފީހަށް ދިއުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ކަމަކުދާކަށް ނެތެވެ. ގަރާޖުގައި ބަހައްޓާފަހުރި ސައިކަލްގައި އެހެރީ ބުޅާ އަރާފަހުރި ކަމުގެ ނިޝާން ފެންނާށެވެ. ސައިކަލްގެ މަޑީގައި ހުރީ ހިރަފުސް ހޭކިފައެވެ. ވަށިގަނޑުގައި އޮށޯވެގެން އެއޮތީ ބަލާބެލުމަށް ރީތި ބުޅަލެކެވެ. އެކަމަކު އެބުޅަލުގެ ސާފުތާހިރު ކަމާއިމެދު ސުވާލު އުފެދެނީ ގަރާޖުގެ އެކިތަންތަނުގައި ކޮންމެ ދުވަހަކުކަހަލަ ގޮތަކަށް ފެންނަން ހުންނަ ބުޅަލުގެ ނަޖިހުގެ ސަބަބުންނެވެ. އަވަހަށް އޮފީހަށްދިއުމުގެ ބޭނުމުގައި ނުކުންނަ މީހާ މިޖެހެނީ ސައިކަލް ދޮންނާށެވެ. އެއަށްފަހު ނޫނީ ދާންބޭނުންވާ ތަނަކަށް ސައިކަލުގައި ދެވޭކަށްނެތެވެ.

މިއީ މިއަދު ހުޅުމާލޭގެ ފިތުރޯނުމަގުގައި ހުރި ލަގްޒަރީ ބައެއް ފުލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. މީގެއިތުރުން ހުޅުމާލޭގައި ބުޅާ ގިނަވުމުގެ ސަބަބުން އޭގެ އުނދަގޫ ކުޑަކުދިން ގޮވައިން ޕާކުތަކަށްދާ ފަރާތްތަކަށްވެސް ދަނީ ކުރިމަތިވަމުންނެވެ. ޕާކުގެ އެކިހިސާބުތަކުގައި ބުޅާ އުޅެމުންދާ މަންޒަރު ފެންނަނީ މަދެއްކޮށެއް ނޫނެވެ. އަދި ކުޑަކުދިން ގޮވައިގެން އާންމުކޮށް ގޮސް އުޅޭ ހިސާބުތަކުން ބުޅަލުގެ ނަޖިސްވެސް ދަނީ ފެންނަމުންނެވެ. ހުޅުމާލޭގައި ދިރިއުޅޭ އައިޝަތު 'ޒީޓައިމްސް' އަށް މައުލޫމާތުދިން ގޮތުގައި ކުޑަކުދިން ގޮވައިގެން ބީޗަށް ދާންވެސް މިހާރު ފަސްޖެހެއެވެ.

" ބީޗްކައިރީގައި ކާއެއްޗެހި ހިފައިގެންގޮސް އިށީދެވެން ނޯވޭ. ބުޅާ އަންނާނެ. ކުޑަކުޑަ ކުދިން ގޮވައިގެން އުޅޭއިރު ބައެއްފަހަރަށް ބިރުން ކުދިން ވަރަށް ރޯނެ. އަދި ބުޅަލުގެ ނަޖިސް އެކިހިސާބުތަކުގައި ފެންނަންހުރުން އެއީ ކަންބޮޑުވުމެއް" އައިޝަތު ބުންޏެވެ.

Advertisement

ބުޅަލަކީ އަޅުގަނޑުމެން ގޭތެރޭގައި ލޯބިން ގެންގުޅޭ އެއްޗަކަށްވިއަސް އާންމުކޮށް މަގުމަތީގައާއި އެކިތަންތަނުގައި މިއުޅޭ ބުޅަލަކީ ސާފުތާހިރު އެއްޗަކަށް ނުވެދާނެއެވެ. ބުޅަލުގެ އުނދަގުލާއި ކުރިމަތިލާންޖެހުނަސް ބުޅަލަށް އަނިޔާކުރުމަކީ ގޯސްކަމެކެވެ. މަދުންނަމަވެސް ބުޅަލަށް އަނިޔާކުރާ މަންޒަރު މުޖުތަމައުން ފެންނަމުން ދިއުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. މާލެއާއި ހުޅުމާލޭގެ އާންމުތަންތަނުގައި ގިނަ އަދަދަކަށް ބުޅާ އުޅޭއިރު، ބުޅަލުގެ ސަބަބުން އަރާ ބަލިތަކާއިމެދު އަޅުގަނޑުމެން ހޭލުންތެރި ވާންޖެހެއެވެ. ބުޅަލުގެ ނަޖިހުގައި ހިމެނޭ ޖަރާސީމުގެ ސަބަބުން އިންސާނުންނަށް ބަލިޖެހޭކަން މިއީ ސިއްހީ މާހިރުން ބުނަމުންދާ ވާހަކައެކެވެ. ބުޅަލުގެ ޒަރީއާއިން ބަލިފެތުރިދާނެ ގޮތްތަކަށް ބަލާއިރު ބުޅަލުގެ ނަޖިހުގައި އަތްލެވުމުން ނުވަތަ ބުޅަލުގައި އަތްލުމުން، އަދި ބުޅާ ދަތްއަޅާ ވަކިއެޅުމުންވެސް ބައެއްފަހަރަށް ބަލިޖެހުމަށް މެދުވެރިވެއެވެ.  ބުޅަލުގެ ޒަރީއާއިން ޖެހޭ ބަލިތަކުގެތެރޭގައި 'ޓޮކްސޯޕްލާޒްމޯސިސް' އަދި 'ކެޓް ސްކްރެޗް ޑިޒީޒް' 'ސަލްމަނެލޯސިސް' ފަދަ ބަލިތައް ހިމެނެއެވެ. 'ރިންގްވޯރމް' ނުވަތަ ދަދަކީވެސް ބުޅަލުން ޖެހިދާނެ ބައްޔެކެވެ.

ބުޅަލުން ޖެހިދާނެ ބަލިތަކުން ސަލާމަތްވުމަށްޓަކައި ކުޑަކުދިން ޕާކުތަކަށްގޮސް ވެއްޔާ ކުޅެފިނަމަ، އަވަހަށް ރަނގަޅަށް އަތްދޮންނަން ހަނދާންކުރާށެވެ. އަދި އާންމުތަންތަނުގައި އުޅޭ ބުޅަލުގައި ކުޑަކުދިން އަތްލިޔަ ނުދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. ލަގްޒަރީ ފުލެޓުތަކުގެ ގަރާޖުގައި ހުންނަ ސައިކަލްގައި އަތްޖެއްސުމަށްފަހު ބޮޑެތިމީހުންވެސް މިހާރު މިވަނީ ރަނގަޅަށް އަތްދޮންނަން ޖެހިފައެވެ. އެއީ އެގަރާޖުތަކުގައި ބުޅާއުޅޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާތީ އެވެ.

ހުޅުމާލޭގައި ދިރިއުޅޭ ބުޅާތައް އާންމުކޮށް މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ގެންދިއުމަށްފަހު އެބުޅާތައް ބެލެހެއްޓޭނެ ގޮތެއް ހޯދުމަކީ މުހިއްމު ކަމެއްކަމަށް ބައެއްފަރާތްތަކުން ދެކެއެވެ. މިކަމާއިގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވުމަށް، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް ގުޅައިގެން އަދި ސުވާލުތައް އީމެއިލް ކުރުމަށްފަހު 10 ދުވަސްވީއިރު ވަނީ މައުލޫމާތު ލިބޭގޮތް ނުވެފައެވެ.

+1
1
+1
4
+1
0
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް