November 24, 2024 05:49
Advertisement

-Advertisement-

ޑރ. ޝިފާންގެ ލިޔުއްވުމެއް: ކޮލޮނޮސްކޯޕީ އަކީ ކޮބާ؟

ތާރީހީ ނަޒަރަކުން: ބުނެވޭގޮތުގައި މި ވަސީލަތް އުފެއްދީ 1960 ގެ އަހަރުތަކުގެ ކުރީކޮޅުގައި ޖަޕާނުގެ ޓޮކިޔޯ ޔުނިވާސިޓީގެ ދެ ޑޮކްޓަރުން ކަމުގައިވާ ޑރ. ނިވާ އާއި ޑރ. ޔަމަގާޓާއެވެ. އަހަރުތަކަކަށް ފަހު މިވަސީލަތް ފުރިހަމަކޮށް ތަނަވަސްކޮށް ރައްކާތެރިކަމާއެކު ބޭނުންކުރުމުގެ ޝަރަފް ލިބިފައި ވަނީ ޑރ. ވިލިޔަމް ވުލްފް އަދި ޑރ. ހިރޯމީ ޝިންޔާ އަށެވެ.

ކޮލޮނޮސްކޯޕީ

ކޮލޮނޮސްކޯޕީ ހެދުމަކީ ޚާއްސަ އާލާތެއް ބޭނުންކޮށްގެން ބޮޑުގޮހޮރުގެ އެތެރޭގެ ފަށަލަ ބެލުމަށް ހަދާ ޓެސްޓަކަށް ކިޔާނަމެކެވެ. މި ޓެސްޓް ހަދާނީ މިކަމުގެ ތަމްރީން ލިބިގެންވާ ޑޮކްޓަރެކެވެ. މިޓެސްޓު ހެދުމުގެ ބޭނުމަކީ ބޮޑު ގޮހޮރުގެތެރޭގައި ދުޅައެއް، ފާރެއް، ނޫނީ ޓިއުމަރު ފަދަ ބަލިތައް ވޭތޯ ބަލާ ކަށަވަރު ކުރުމެވެ.

Advertisement

ކޮލޮނޮސްކޯޕް އަކީ އޭގައި ކެމެރާ އަކާ އަލި ކުރާނެ މަގަކާ އަދި ޓެސްޓުކުރަން އެތިކޮޅެއް ނެގޭ ފަދަ ވަސީލަތްތަކެއް ތަނަވަސް ކޮށްފައިވާ ހިމަ ހޮޅި އެކެވެ. މީގެ އިތުރުން އެތެރެއަށް ފެނާއި ވައި ދުއްވޭ އަދި ފެންކޮޅު ދެމޭފަދަ އާލާތެކެވެ. މިއީ ބޭރުން ކޮންޓްރޯލް ކޮށްގެން ލަންބައި ބޮޑުގޮހޮރުގެ ބަނޑިތަކުން ދަތުރުކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ވަސީލަތެކެވެ. އަދި މި ވަސީލަތް ބޭނުންކޮށްގެން ބައޮޕްސީ ނެގުމުގެ އިތުރުން ޕޮލިޕް ފަދަ މަސްކޮޅު އަންދާލުމަށްފަހު އެއްކޮށް ނެގުންވެސް ހިމެނެއެވެ. ގޮހޮރު ބެލުމަށް އެހީވުމުގެ ގޮތުން އެއްބައިފަހަރު ގޮހޮރުގެ އެތެރެއަށް ވައި ފޮނުވައެވެ. މިސަބަބަށްޓަކައި އެއްބައިފަހަރު މިކަމުގެ ތަކުލީފް (ގޮހޮރު ފުފޭކަމުގެ) އިހްސާސް ކުރެވެއެވެ.

މިޓެސްޓަށް ތައްޔާރު ކުރުމުގެ ގޮތުން ބޭހެއް ދީގެން ބޮޑުގޮހޮރު ހުސްކޮށްލައެވެ. މިމަސައްކަތް އާންމުކޮށް ފަށާނީ ޓެސްޓް ހަދާ ދުވަހުގެ ކުރީ ދުވަހުން ފެށިގެންނެވެ. (ގޮހޮރު ހުސްކޮށް ތައްޔާރު ކުރުމަށް ބޭސް އަދި ބޮޑުބުންބާފަދަ ވަސީލަތް ބޭނުން ކުރެއެވެ).

އާންމު ހާލަތްތަކުގައި މިޓެސްޓު ހަދާނީ ނިންދަވާލައިގެންނެވެ. މިޓެސްޓް ހަދަން ބާއްވާނީ އެއްއަރިއަކަށް ނޫނީ އުޑުތިލަމަތިންނެވެ. ކޮލޮނޮސްކޯޕް ލައްވާނީ ފުރަގަސްފަރާތުންނެވެ. ޓެސްޓް އާންމުކޮށް ނިއްމާލާނީ ބޮޑުގޮހޮރު އެއްކޮށް ބެލުމަށްފަހު، ކަނާތްފަރާތުން ބޮޑުގޮހޮރު ފެށޭ ހިސާބަށެވެ. (ސީކަމް) ސްކޯޕް ލައްވާއިރު އަދި ޚާއްސަކޮށް ނެރޭއިރު ބޮޑުގޮހޮރުގެ އެތެރެ ބަލަމުން ފޮޓޯ ނަގަމުން ގެންދާނެއެވެ. މިޓެސްޓް ހެދުމުގައި އާންމުކޮށް ހޭދަވާނީ ފަނަރަ މިނެޓާއި އެއްގަޑިއިރާ ދެމެދުގެ ވަގުތެކެވެ. އަދި ޓެސްޓް ހަދަމުންދާއިރު އެއްވެސް ޝައްކުކުރެވޭ ދުޅައެއް، ފާރެއް ފެނިއްޖެނަމަ، ބައޮޕްސީ ނަގާނެއެވެ.

  • ޓެސްޓް ހަދަމުންދާއިރު ބަނޑަށް އުނދަގުލެއް ނޫނީ ތަދެއް އިހްސާސް ކުރަންޖެހިދާނެތަ؟

މިޓެސްޓްހަދަމުން ދާއިރު ބަނޑަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެއެވެ. ނަމަވެސް އާންމުކޮށް މިޓެސްޓް ހަދާނީ ނިންދަވައިގެން ކަމަށް ވާތީ މިފަދަ ތަކުލީފުތައް ކުރާނީ ވަރަށް ކުޑަމިންވަރަކަށެވެ.

މިސަބަބަށްޓަކައި ޓެސްޓް ފެށުމުގެ ކުރިން ނިދާ އިންޖެކްޝަނެއް ޖެހުމަށްފަހު ނިންދަވާލައެވެ. އަދި ޓެސްޓް ނިމުމުން ކޮންމެވެސް ވަރަކަށް ނިމިގެންދިޔަ ޓެސްޓުގެ ކަންކަން ހަނދާން ނެތުމަކީ އާންމުކަމެކެވެ.

މިފަދަކަމެއްގައި ބޭނުންކުރާ "ނިދާ ބޭހަކީ" އާންމުކޮށް ވަރަށް ރައްކާތެރި ބޭހެކެވެ. ނަމަވެސް ކޮންމެ ބޭހެއްގައިވެސް ނޭދެވޭ އަސަރު ހުންނަފަދައިން މިބޭހުގައި ވެސް މިފަދަ އަސަރު ހުންނާނެއެވެ. މިފަދަ ކަމަކުން ދިމާވާ ނޭދެވޭއަސަރަކީ ގިނަފަހަރު ވަގުތީކަމެކެވެ. ނަމަވެސް ޚާއްސަ ހާލަތްތަކުގައި މިސާލަކަށް، ދުންފަތުގެ އިސްތިއުމާލް ކުރާނަމަ، ނޫނީ ހަށިގަނޑު މާބަރުނަމަ، ނޭވާހިއްލާނަމަ، ހިތުގެ ނޫނީ ކިޑްނީ ފަދަ ދާއިމީ ބަލިތައް ހުންނަނަމަ، ދާއިމީކޮށް މިފދަ ގެއްލުމެއް ފަހަރުގަ ދިމާވެދާނެއެވެ.

  • ކޮލޮނޮސްކޯޕީ އިން ދިމާވެދާނެ ކޮމްޕްލިކޭޝަން ތަކަކީ ކޮބާ؟

(ތިރީގައި ބަޔާން ކުރެވިގެން ވާނީ އާންމުކޮށް ދިމާވެދާނެ ކަންކަމެވެ. މިލިސްޓުގައި ނުވާ ހާދިސާއެއް ދިމާވެދާނެއެވެ. ނަމަވެސްއެއީ ވަރަށް ނާދިރުކަމެކެވެ.)

އާންމުކޮށް ދިމާވެދާނެ ކޮމްޕްލިކޭޝަން ތައް:

  • ޓެސްޓް ނިމުމަށްފަހު ކޮންމެވެސް ވަރަކަށް ބަނޑުގައި ރިއްސުމެއް (ނޫނީ އުނދަގުލެއް، ބަނޑު ފުއްޕާފައި ހުރުން) ކުޑަ ދުވަސް ކޮޅަކު ހުރުމަކީ އާންމު ކަމެކެވެ. މިހެން އެއްބައި ފަހަރު ދިމާވަނީ ޓެސްޓް ހަދަމުން ދާއިރު ފޮނުވާ ވައި އެތެރޭގައި ހުރުމުންނެވެ. ކޮޅަށް ތެދުވެ ހިނގަން ފެއްޓުމުން މި ކަމުން ލުއި ލިބެން ފަށާނެއެވެ.
  • މޭނުބައިކޮށް ހޮޑުލެވުން
  • ބޮލަށް އެނބުރުން އަރާފައި ހުރުން، ޚާއްސަކޮށް ހިނގާ އުޅެން ފެށުމުން.
  • ބޮލުގައި ރިއްސުން
  • ނިންދަވަން އިންޖެކްޝަން ޖެހިތަން ރަތްވެ، ނޫފައިގަތުން އަދި ތަދުވުން.
  • ގައިގާ ރިއްސުން
  • ބޭނުންކުރެވޭ ބޭހަކާ ނުގުޅުން (މިސާލަކަށް ނިންދަވަން ނޫނީ އައްސިކުރަން ބޭނުން ކުރެވޭ)

އާންމު ނޫން ކޮމްޕްލިކޭޝަން ތައް:

  • މިޓެސްޓް ހަދަމުން ދާއިރު ގޮހޮރަށް އަނިޔާވެ، ގޮހޮރު ފަޅައިގެން ދިއުމަކީ ދިމާވެދާނެކަމެކެވެ. މިއީ އެއްހާހުން އެކަކަށް ދިމާވެދާނެ ކަމެކެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ އެމަރޖެންސީ ކޮށް އޮޕަރޭޝަން ކުރަން ޖެހިދެއެވެ.
  • ސަތޭކަޔަކުން އެކަކުގެ މަސްކޮޅު އަންދާލާފަ ނެގިތަނުން ނޫނީ ބައޮޕްސީ ނެގިތަނުން ގިނައިން ލޭ އާދެއެވެ. މިސަބަބަށްޓަކާ އެއްބައިފަހަރު އަލުން ކޮލޮނޮސްކޯޕީ އެއް، ލޭ މަނާ ކުރުމަށް، ހަދަން ޖެހެއެވެ. އަދި ބައެއް ފަހަރު ލޭ އަޅަން ޖެހެއެވެ.
  • މުޅި ބޮޑުގޮހޮރު އެއްކޮށް ނުފެނުން؛ މުޅި ބޮޑުގޮހޮރު އެއްކޮށް ނަޖިސް ނުފިލާ ހުރެއްޖެނަމަ ނޫނީ ކޮންމެވެސް ސަބަބަކާހުރެ އެތެރެ ބެދިފައި ވާނަމަ ގޮހޮރު އެއްކޮށް ނުފެނިދާނެއެވެ. ސަބަބަކީ ނަޖިސް ނަމަ، އަލުން ބޭސްދީގެން ގޮހޮރު އެއްކޮށް ސާފުކުރުމަށްފަހު، އެހެން ދުވަހަކު މި ޓެސްޓް ތަކުރާރު ކުރަން ޖެހިދާނެއެވެ.
  • ޕޮލިޕެއް، ޓިއުމަރެއް ނޫނީ ފާރުކޮޅެއް ނުފެނި ދިއުން.
  • ހިތާ ފުއްޕާމެއަށް މައްސަލައެއް ދިމާވުން މިސާލަކަށް ހާޓް އެޓޭކް އެއްފަދަ ކަމެއް ދިމާވުން.
  • ޓެސްޓް ހަދަން އަރި އަކަށް ބޭއްވުމާއެކު ހަށިގަނޑުން ތަނެއް އައްސިވުން، މިއީ ވަގުތީ ކަމެކެވެ. ކުޑަ މުއްދަތެއްގެ ތެރޭގައި ފަރުވާއަކާ ނުލައި ފަސޭހަވާނެއެވެ.

އެންމެ ނާދިރު ކޮމްޕްލިކޭޝަން ތައް

  • ލޭގެތެރެއަށް އިންފެކްޝަން އެރުން (ބެކްޓިރީމިއާ). މިކަމުގެ ފަރުވާއެއްގެ ގޮތުން އެންޓިބައޮޓިކްސް ދެވެއެވެ.
  • ސްޓްރޯކެއް ދިމާވެ ސިކުނޑިއަށް ގެއްލުން ވުން.
  • މިޓެސްޓު ހަދަމުންދާއިރު ދެވޭ ބޭހަކާ ނުގުޅުން (އެނަފައިލެކްސިސް)
  • މިޓެސްޓުގެ ސަބަބުން މީހަކު ނިޔާވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ޓެސްޓް ހަދަން އައުމުގެ ކުރިން، ޓެސްޓް ހަދަން އަންނަ ފަރާތުން ޚާއްސަ ސަމާލުކަން ދޭންވީ ކަންކަން

(މަތީގައި ބަޔާން ކުރެވުނެފަދަ ކަމެއް ދިމާވުމުގެ ޗާންސް ކުޑަކުރުމަށްޓަކައި ތިރީގައި ބަޔާން ކުރެވޭ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުން)

  • އެއްވެސް ބޭހެއް މިވަގުތު ބޭނުން ކުރާނަމަ، ނޫނީ ދާއިމީކޮށް އެއްވެސް ބޭހެއް ބޭނުން ކުރާނަމަ ޓެސްޓް ހަދަން އެދިގެން އަންނަ ވަގުތު ޑޮކްޓަރުގެ ސަމާލުކަމަށް ގެންނާށެވެ. އެނގިގެން އެއްވެސް ބޭހަކާ ނުގުޅޭނަމަ މިމައުލޫމާތުވެސް ޓެސްޓް ހަދާ ޓީމުގެ ސަމާލުކަމަށް ގެންނަން ވާނެއެވެ.
  • އެއްވެސް ކަހަލަ 'މަސްތުވާފަދަ' އެއްޗެއް ބޭނުން ކުރާނަމަ ޑޮކްޓަރުގެ ސަމާލުކަމަށް ގެންނަން ވާނެއެވެ. އަދި ޓެސްޓް ހެދުމުގެ ސައުވީސް ގަޑި އިރު ކުރިން މިފަދަ އެއްޗެއް ބޭނުން ކޮށްގެން ނުވާނެއެވެ.
  • ލޭ ތުނި ކުރަން އެއްވެސް ބޭހެއް (މިސާލަކަށް ވޯފަރިން، ކޮލޯޕިޑޯގޮރެލް، އެސްޕްރިން ފަދަ) ބޭނުން ކުރާނަމަ ޑޮކްޓަރުގެ ސަމާލުކަމަށް ގެންނަން ވާނެއެވެ. ބައެއް ފަހަރު މިފަދަ ބޭސް ބޭނުން ކުރާނަމަ "ބައޮޕްސީ" ފަދަ "އިންވޭސިވް" ކަންކަން ނުކުރެވޭނެއެވެ.
  • ކުރިން ހިތުގެ ވޭލްވްއެއް ބަދަލުކޮށްފައިވާނަމަ، ނޫނީ ދަތެއް އުފުރުމުގެ ކުރިން އެންޓިބައޮޓިކްސް ނަގަންޖެހޭފަދަ މީހެއްނަމަ ޑޮކްޓަރުގެ ސަމާލުކަމަށް އެކަން ގެންނަން ވާނެއެވެ.
  • އަޔަން ބޭސް ބޭނުން ކުރާނަމަ އެ ބޭސް އެއްހަފްތާކުރިން ހުއްޓާލަން ވާނެއެވެ.

ފަހުބަސް

  • މިޓެސްޓް ކާމިޔާބުވުމެގެ އެއް އަސްލަކީ ބޮޑުގޮހޮރު އެއްކޮށް ސާފުވެފަހުރުމެވެ. އެހެންކަމުން ޓެސްޓް ހެދުމުގެ 24 ގަޑި އިރު ކުރިން ކެއުމަށް ބަދަލު ގެނެސް "ލުއި" އޮއްޓަރު ނުހުންނަ ދިޔާ އެއްޗެހި ބޭނުން ކުރުމުން ގޮހޮރު ސާފުވުމަށް އެހީ ވެދެއެވެ. ޓެސްޓަށް ތައްޔާރު ކުރުމުގެ ގޮތުން ގޮހޮރު އެއްކޮށް ސާފުކުރެއެވެ. މި ގޮތަށް ސާފުކުރާނީ ޚާއްސަ ބޭހެއް ދީގެންނެވެ. އަދި ބައެއް ފަހަރު ބޮޑުބުންބާ ކުރަންވެސް ޖެހިދެއެވެ. މިފަދަ ބޭހެއް ބޭނުން ކުރުމުން ވަރަށް ގިނައިން ބޭރަށް ހިންގާނެއެވެ. އަދި ވަރުދެރަވާނަމަ އައިވީ ނޫނީ ލޮނުޕެކެޓު ދޭނެއެވެ. އާންމުކޮށް މިފަދަ އަލާމާތްތައް ދުވަހެއް ގެ ތެރޭގައި އަމިއްލަ ޒާތުގައި ރަނގަޅު ވެއެވެ.
  • ޒަމާނާ ވަސީލަތަށް އައިސްފައިވާ ބަދަލާއެކު، މިއީ މިހާރު ލުއި ފަސޭހަކަމާ، ރައްކާތެރިކަމާއެކު މުޅިދުނިޔޭގައި ވެސް ހަދަމުންދާ، މުހިއްމު ޓެސްޓެކެވެ. ބައެއް ހާލަތުގައި ހަމައެކަނި ބޭނުންވާ ފަރުވާވެސްމެއެވެ.
ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ.ޝިފާން

ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
3
+1
2
+1
13
+1
3
+1
0
+1
0
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް