November 23, 2024 05:01
Advertisement

-Advertisement-

ބުޅާ ގެންގުޅޭ މިމީހާ ޢީދުގައި 61 ބުޅާ ބައިވެރިކުރި ވާހަކަ

މެލޭޝިއާ އަށް އުފަން އުމުރުން 32 އަހަރުގެ ރަޒެއިލިއާ ނޯ ސާފިރް އަކީ ބުޅަލަށް ޚާއްސަ ލޯތްބެއް ޖެހިފައިވާ 61 ބުޅާ ބަލަހައްޓަމުން އަންނަ ޒުވާނެކެވެ. މިއީ 'ޕެޝަން'އެއްގެ ގޮތުން ކުރިކަމުގައިވިޔަސް އެހާ ފަސޭހަ ކަމަކަށް ނުވާނެކަން ޔަގީނެވެ. ކޮންމެ ދިރޭއެއްޗެއް ގެންގުޅުނު ކަމުގައިވިޔަސް އަޅާލުމާއި ލޯބި އަދި ވަގުތުވެސް ދޭންޖެހެއެވެ. މިކަން ކުރަނީ ހަމަގައިމުވެސް ފޫހި ފިލުވާލުމަކަށް ނޫނެވެ. ބުޅަލަށް ދެވިފައިވާ ލޯބި ޚާއްސަވެފައި މުހިއްމުވީމައެވެ. ރާއްޖޭގައިވެސް ބުޅާ ގެންގުޅޭ މީހުން ކުރިއާއި އަޅާބަލާއިރު ވަރަށް ގިނައެވެ.

ރަޒެއިލިއާގެ ޓިކްޓޮކްގައި ވަރަށް ފަހުން ވީޑިއޯއެއް އާންމުވެގެން ދިޔައެވެ. އެއީ މީނާ ގެންގުޅޭ 61 ބުޅަލަށް ފިތުރު ޢީދުގައި އެއްކުލައިން ހެދުން ފަހާފައި ލައްވާފައިވާ ވީޑިއޯއެކެވެ. ޢީދު ދުވަހު ބުޅާތަކަށްވެސް ޢީދުގެ އުފަލުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނީއެވެ.

ޢީދު ދުވަހު ރައިޒިލިއާ ލައިފައި ހުރި ވައިލެޓްކުލައިގެ ރީތި ހެދުމުން އޭނާގެ މޫނަށް އުފާވެރިކަން ގެނެސްދީފައިވާކަން ފާހަގަވެގެންދިޔަ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައެވެ. ޓިކްޓޮކުގައި ވައިރަލްވެގެން ދިޔަ ވީޑިއޯގައި ފެންނަނީ އޭނާ ލައިގެން ހުރި ހެދުމުގެ ފޮތިން އޭނާގެ ބުޅާތައްވެސް ހެދުން ފަހާފައި ލައްވާލާފައި ހުރިތަނެވެ. އެގޮތަށް އެއްކުލައިން ހެދުން ލައްވާލާފައި ނަގާފައި ހުރި ފޮޓޯތައް ފެނިފައި އެތައްބަޔަކު ހައިރާންވެ އަދި ބުޅަލަށް ލޯބިޖެހިފައިވާ މީހުން އެކަން ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ނެގިއެވެ.

Advertisement

ރަޒެއިލިއާ ބުނިގޮތުގައި ބުޅާތަކަށް ހެދުން ފަހައިދިނީ އޭނާގެ ލޯބިވާ މަންމައެވެ. މެލޭޝިއާގެ "ހަރިއަން މެޓްރޯ" އަށް ދިން އިންޓަވިއުއެއްގައި މީނާ ބުނެފައިވަނީ 17 މީޓަރަށް މިންއަޅައިގެން ކޮންމެ ހެދުމެއް ވަކިވަކިން ފެހުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށެވެ. ކޮންމެ މީޓަރަކަށް ޚަރަދުވީ 2 މެލޭޝިއަން ރިންގިޓެވެ. އަދި މި ހެދުންތައް ފެހުމަށް ވަރަށް ގިނަ ދުވަސްވެސް ހޭދަވިއެވެ. ހުރިހާ ބުޅަލެެއް ހެދުންތައް ލެއްވުމަށް ހޭދަވީ އެންމެ 30 މިނިޓެވެ. އަދި ހެދުންތައް ލައްވާފައި މާގިނައިރު ނުބައިތިއްބައެވެ. އެއީ އެހާ ހޫނުގަދައިރު ބުޅާތަކަށް އުދަގޫވެދާނެތީއެވެ.

މިބުޅާތަކަކީ އޭނާ ގަނެގެން ގެނެސް ބަލަހައްޓާ ބުޅާތަކެއް ނޫންކަމުގައި އިންޓަވިއުގައި ބުނެފައިވެއެވެ. މަގުމަތީގައި އުޅޭ ބުޅާ ގެނެސްގެން އިންޖެކްޝަން ޖަހައިގެން ގަވާއިދުން ޑޮކްޓަރަށް ދައްކައިގެން ބަލަހައްޓަނީއެވެ. މީގެ ތެރޭގައި އަގުބޮޑު ބުޅާވެސް ހިމެނޭއިރު، މިބުޅާތަކަކީ އޭނާގެ އާއިލާގެ މެމްބަރުންގެ ގޮތުގައި ދެކޭ އެއްޗިއްސެވެ. އެހެންވުމުން ބުޅާތައްވެސް އިސްތިސްނާ ނުވާގޮތަށް ޢީދުގެ އުފާ ކަހަލަ ޚާއްސަ ދުވަސްދުވަހު ބައިވެރި ކުރަން ތަފާތު ރީތިގޮތެއް ވިސްނާފައި މިކަން ކުރިކަމަށް ރަޒެއިލިއާ ބުންޏެވެ. އަދި މީގެ އިތުރުން މިކަމަކީ މީނާ އަބަދުވެސް ކުރަން ބޭނުންވެ ދެކެމުން އައި ހުވަފެނެއް ކަމުގައިވެސް ބުންޏެވެ. އެތައް ދުވަހެއްގެ އުއްމީދަށްފަހު އެއުއްމީދު ހާސިލްވުމުން ރަޒެއިލިއާގެ މޫނުމަތިން ފެނުނު އުފާވެރިކަން ވަރަށްވެސް ބޮޑެވެ. އެކި މީހުން ކަންކަމާއި ދޭތެރޭ ދެކޭ ގޮތާއި ދެކޭ ހުވަފެންތައްވެސް ތަފާތެވެ. 

+1
3
+1
0
+1
5
+1
0
+1
0
+1
0
+1
2

Advertisement

ގުޅުންހުރި ލިޔުންތައް