November 24, 2024 02:36
Advertisement

-Advertisement-

ފޮޓޯ: ލަންގެ ކެންސަރ ސެންޓަރ

ޑރ. ޝިފާންގެ ލިޔުއްވުމެއް: ފުއްޕާމޭގެ ކެންސަރ

ތައާރަފް

ފުއްޕާމޭ މައިގަނޑު ގޮތެއްގައި އެކުލެވިގެން ވަނީ އިސްޕަންޖުގަނޑެއް ފަދަ ދެގުނަވަނަކުންނެވެ. މިގުނަވަން ހިމެނެނީ މޭގެ ދެފަރާތުގައެވެ. ކަނާތްފަރާތު ފުއްޕާމޭ ބެހިގެން ވަނީ 3 ބަޔަކަށެވެ (3 ލޯބްސް އަށެވެ). އަދި ވާތް ފަރާތު ފުއްޕާމޭ ބެހިގެން ވަނީ 2 ލޯބަށެވެ. ވާތް ފަރާތު ފުއްޕާމޭ ކަނާތްފަރާތަށް ވުރެ ކުޑަވާނެއެވެ. ސަބަބަކީ މޭގެ ވާތްފަރާތުގައި ހިތް އެކުލެވިގެން ވާތީއެވެ.

ނޭވާލާއިރު، އަނގައިން ނޫނީ ނޭފަތުން ވައި ދަތުރުކުރާނީ ނޭވާ ހިނގާ ހޮޅި(ވައި ނޮޅިން) ގޮސް ފުއްޕާމެއަށެވެ. ފުއްޕާމެއަށް ވަންނަ ވަރަކަށް މި ހޮޅި އިތުރުބައިތަކަށް ބެހިގެންދެއެވެ. މިނިޒާމުގެ އެންމެ ކުދި ހޮޅިއަށް "ބްރޮންކިއޯލް" ގެ ނަމުން ނަންދެވިފައި ވެއެވެ. މިފަދަ ބްރޮންކިއޯލް ނިމޭހިސާބުގައި ނާޒުކު ފަށަލައެއް ލެވިފައިވާ ކުދި، ތުނި ކޮތަޅެއް ފަދަ ވަސީލަތެއް ހިމެނެއެވެ(އެލްވިއޮލައި).

Advertisement

މި އެލްވިއޮލައިގެ މައިގަނޑު މަސައްކަތަކީ ނޭވާއިން ގެނެސްދިން ވައިގައި ހިމެނޭ އޮކްސިޖަން ލޭގެތެރެއަށް ވާސިލް ކޮށްދީ، އަދި ހަށިގަނޑުގައި ބޭނުންކުރެވި ތަޣައްޔަރުވެފައިވާ "ކާބަންޑައި އޮކްސައިޑް" ހަށިގަނޑުން ބޭރަށް، ނޭވާ ބޭރަށް ލާ ވަޔާއެކު ބޭރުކޮށް ލުމެވެ.

މިސަބަބަށްޓަކައި ފުއްޕާމޭގެ މައިގަނޑު މަސައްކަތަކީ، އޮކްސިޖަން ހަށިގަނޑުގެ އެތެރެކުރުމާ ކާބަންޑައި އޮކްސައިޑް ގޭސް ބޭރުކުރުމެވެ. މިނޫނަސް ފުއްޕާމެއިން ހަށިގަނޑުގެ އެތެރޭގައި، ފުރާނަޔަށް މުހިއްމު، މާއްދާތައް އެއްހަމައެއްގައި ބެހެއްޓުމުގައި ވަރަށް މުހިއްމު ދައުރެއް ކުޅެއެވެ.

ފުއްޕާމޭގެ ކެންސަރު އާންމުކޮށް ފަށަނީ ވައިނޮޅިޔާ، ކުދި ހޮޅިތަކާ އަދި އަލްވިއޮލައި ގެ އެތެރެފަށަލައިގެ ހިމެނޭ ސެލްތަކުންނެވެ.

ފޮޓޯ: ހެލްތް ޝޮޓްސް

ފުއްޕާމޭގެ ކެންސަރުގެ ތަފާތު ވައްތަރުތައް:

ފުއްޕާމޭގެ ކެންސަރ މައިގަނޑު ގޮތެއްގައި ބެހިގެން ވަނީ ދެބަޔަކަށެވެ. އަދި މި ދެވައްތަރަށް ފަރުވާކުރުމުގައިވެސް ބޮޑު ތަފާތުތަކެއް ހުރެއެވެ.

"ނޮން-ސްމޯލް ސެލް ލަންގް ކެންސަރ" (އެން.އެސް.އެލް.ސީ)

މިވައްތަރަކީ ފުއްޕާމޭގެ ކެންސަރުގެ އެންމެ އާންމު ވައްތަރެވެ. ބުނެވޭގޮތުގައި ފުއްޕާމޭގެ ކެންސަރުގެ %85-80 އަކީ އެން.އެސް.އެލް.ސީ އެވެ. މިބައި އިތުރު މުހިއްމު ތިންބަޔަކަށް ބެހެއެވެ. "އެޑިނޯކާސިނޯމާ"، "ސްކުއޭމަސް ސެލްކާސިނޯމާ" އަދި "ލާރޖް ސެލް ކާސިނޯމާ" ހިމެނެއެވެ. މިއީ ފުއްޕާމޭގެ ތަފާތު ތިން ވައްތަރެއްގެ ސެލްތަކަކުން އަންނަ ވައްތަރުތަކެކެވެ. މިތިން ވައްތަރު އެއްގުރޫޕެއްގައި ހިމެނުމުގެ ހިކްމަތަކީ، ފަރުވާ ކުރުމުގައި އެއްގޮތްތަކެއް ހުރުމާއެކު ފަރުވާއަށްފަހު ޝިފާލިބޭ މިންވަރުގައި އެއްކަހަލަ ހަމަތަކެއް އެކުލެވޭތީއެވެ.

އެޑިނޯކާސިނޯމާ:  މިފަދަ ކެންސަރ ފަށަނީ "މިއުކަސް" ނޫނީ ވަކި ތެތް ކަމެއް ފުއްޕާމޭގައި އުފައްދައިދޭ ސެލްތަކަކުންނެވެ. މިވައްތަރު ގިނަފަހަރު ފެންނާނީ، ދުމާ ދުންފަތުގެ އިސްތިއުމާލު ކުރަމުންދާ ނޫނީ ދުމާ ދުންފަތުގެ އިސްތިއުމާލު ކުރި މީހުންގެއެވެ. އަދި މި ވައްތަރަކީ ދުންފަތުގެ އިސްތިއުމާލް ނުކުރާ މީހުންގެވެސް އެންމެ އާންމު ވައްތަރެވެ. މިވައްތަރު އާންމުވާނީ ޒުވާނުން ގެއެވެ. "އެޑިނޯކާސިނޯމާ" އާންމުކޮށް އުފެދޭނީ ފުއްޕާމޭގެ ބޭރުފަރާތުން (މެދަށް ވުރެ ބޭރުފަރާތާ ކައިރިން) ނެވެ. މިސަބަބަށްޓަކައި މިވައްތަރު ދުރުހިސާބުތަކަށް ފެތުރުމުގެ ކުރިން ދެނެގަންނަން ފަސޭހަވެއެވެ.

އެޑިނޯކާސިނޯމާ ގެތެރެއިން، "އެޑިނޯކާސިނޯމާ އިން ސިޓޫ" (ކުރިން ކިޔާގޮތުގައިނަމަ "ބްރޮންކޮ އެލްވިއޮލަ ކާސިނޯމާ")، އަކީ މިވައްތަރުގެ ތެރެއިން ފަރުވާއަށް ފަހު ފުރިހަމަ ޝިފާ ލިބޭ މިންވަރު، އެހެން ވައްތަރުތަކާ އަޅާކިޔާއިރު، އެންމެ އިތުރުވެގެން ވާ ވައްތަރެވެ.

ސްކުއޭމަސް ސެލް ކާސިނޯމާ: މިފަދަ ފުއްޕާމޭގެ ކެންސަރު އުފެދެނީ، ފުއްޕާމޭގައި ވައި ދަތުރު ކުރާ ހޮޅިތަކުގެ، އެތެރެ ފަށަލައިގާ ވާ ފަތި ސެލް ތަކަކުން (ސްކުއޭމަސް ސެލް) އިންނެވެ. މިވައްތަރަކީ ވެސް ދުމާ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާންމުކޮށް ފެންނަ ވައްތަރެކެވެ. މިވައްތަރު އާންމުކޮށް ފެންނާނީ ފުއްޕާމޭގެ މެދާ ކައިރިން، މައި ވައި ހޮޅިއެއްގެ ކައިރިންނެވެ.

ލާރޖް ސެލް ("އަންޑިފަރެންޝިއޭޓަޑް") ކާސިނޯމާ: މިއީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އުފެދި، ފެތުރޭ ވައްތަރެކެވެ. އަދި ފުއްޕާމޭގެ ކޮންމެހިސާބަކުން ވެސް އުފެދި ދާނެއެވެ. "އަންޑިފަރެންޝިއޭޓަޑް" އޭ ނަން ދެވެނީ މިބާވަތުގެ ކެންސަރ އިތުރު ވާލެއް އަވަސްވެ، މައިކްރޮސްކޯޕް އަކުން ބަލާއިރު، މި ވައްތަރު އުފެދެނީ ކޮން ވައްތަރެއްގެ ސެލް އަކުންކަން ބުނެ ނުދެވޭތީ އެވެ. މިސަބަބުތަކަށްޓަކައި ފަރުވާކުރުމަށް ވެސް އުނދަގޫ ވައްތަރެކެވެ.

މިބައިގާ ހިމެނޭ އަނެއް މުހިއްމު ވައްތަރަކީ "ލާރޖް ސެލް ނިއުރޯއެންޑޮކްރައިން ކާސިނޯމާ"، މިއީ ވެސް ވަރަށް އަވަހަށް އިތުރުވެ، ބާރަށް ފެތުރޭ ވައްތަރެކެވެ. ނަމަވެސް މިވައްތަރުގެ ކެންސަރުގެ  ގިނަވަނަވަރު ވައްތަރީ "ސްމޯލް ސެލް ލަންގް ކެންސަރ" އާއެވެ.

"ސްމޯލް ސެލް ލަންގް ކެންސަރ"

ބުނެވޭގޮތުގައި ފުއްޕާމެގެ ކެންސަރުގެ %15-10 އަކީ ސްމޯލް ސެލް ލަންގް ކެންސަރެވެ. އަދި ބައެއްފަހަރު މި ވައްތަރަށް "އޯޓް ސެލް ކެންސަރު" ގެ ނަމުން ކިޔެއެވެ.

މިވައްތަރަކީ ވަރަށް އަވަހަށް އިތުރުވެ ބާރަށް ފެތުރޭ ވައްތަރެކެވެ. ފަހުގެ ގިނަ ދިރާސާތަކުން ދައްކާގޮތުގައި މިވައްތަރުގެ ކެންސަރ ފުރަތަމަ ޑައިގްނޯސް ކުރެވޭއިރުވެސް، ގާތްގަނޑަކަށް %70  މީހުންގެ ހުންނާނީ ދުރުހިސާބަކަށް ފެތުރިފައެވެ. ނަމަވެސް މިފަދަ ފުއްޕާމޭގެ ކެންސަރ އަކީ ކީމޯތެރަޕީ އަދި ރޭޑިއޯ ތެރަޕީ ފަދަ ފަރުވާތަކުން ޝިފާލިބޭ ވައްތަރުތަކެވެ. ނަމަވެސް ބައެއްފަހަރު ބަލި އަނބުރާ އައުން ގާތް ވައްތަރެކެވެ.

ފުއްޕާމޭގެ ކެންސަރު؛ އިތުރު ވައްތަރުތައް

ފުއްޕާމޭގެ ކެންސަރުގެ މައިގަނޑު ވައްތަރުތަކުގެ އިތުރުން، ފުއްޕާމޭގައި އުފެދޭ ބައެއް މުހިއްމު ވައްތަރުތައް ތިރީގައި ބަޔާންކުރެވިފައި ވަނީއެވެ.

ލަންގް ކާސިނޮއިޑް ޓިއުމަރ

މިވައްތަރަކީ ފުއްޕާމޭގެ ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން ނިސްބަތުން %5 އަށް ވުރެ މަދު ވައްތަރެކެވެ. މިއީ ލަސްލަހުން ފެތުރޭ ވައްތަރެކެވެ.

ފުއްޕާމެއަށް ފެތުރޭ ކެންސަރ:

އެހެނިހެން (މިސާލަކަށް: އުރަމަތި، ޗިސްމޭ، ކިޑްނީ އަދި ހަންގަނޑު ފަދަ) ގުނަވަންތަކުގައި އުފެދޭ ކެންސަރ ތައް ދުރަށް ފެތުރޭއިރު، ފެތުރޭ އެންމެ ފުރަތަމަ މަންޒިލަކީ ވެސް ފުއްޕާމެއެވެ. އެހެންވެ މިފަދަ ކެންސަރ ތަކަކީ ފުއްޕާމޭގެ ކެންސަރ ކަމުގައި ނުބެލެވެއެވެ. ފަރުވާ ކުރުމުގައި މިފަދަ ކެންސަރ ބަލާނީ އެންމެ ފުރަތަމަ ކެންސަރ އުފެދުނު ގުނަވަނުގެ ކެންސަރ ކަމުގައެވެ.

ބަލި ޖެހެން މަގުފަހިވާ ސަބަބުތައް

ބަލިޖެހުން މަގުފަހިވާ ސަބަބުތައް، ނޫންނަމަ "ރިސްކްފެކްޓަރސް" މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެބަޔަކަށެވެ.އަމިއްލައަށް ބަދަލުކުރުމުގެ ބާރުލިބިފައިވާ ކަންކަމާއި، އަމިއްލަ އިހްތިޔާރުގައި ނުވާ ކަންކަމެވެ.

އަމިއްލައަށް ބަދަލުކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަންކަން

  • ދުންފަތާ ދުންފަތުގެ ދުން:

މިއީ ފުއްޕާމޭގެ ކެންސަރ ޖެހުމުގެ އެންމެ މުހިއްމު، މައިގަނޑު ސަބަބެވެ. ދިރާސަތަކުން ދައްކާގޮތުގައި ފުއްޕާމޭގެ ކެންސަރ ގައި ނިޔާވާމީހުންގެ %80 އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. އަދި މި އަދަދު، ކުރިން ބަޔާން ކުރެވިދިޔަ "ސްމޯލްސެލް ލަންގް ކެންސަރ" ގައި އިތުރު ވެދެއެވެ. ދިރާސަތަކުން ދައްކާގޮތުގައި، ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލް ނުކުރާމީހަކަށް "ސްމޯލް ސެލް ލަންގް ކެންސަރ" ޖެހުން ވަރަށް ނާދިރުވާނެއެވެ.

  • "ސެކަންޑް ހޭންޑް ސްމޯކް":

މިއީ ދުމާދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް، މިފަދަ ވަސީލަތްތައް ބޭނުންކޮށް ދޫކޮށްލާ ދުމުން ދިމާވާ ބަލިމަޑުކަމަށް ކިޔޭނަމެކެވެ.

މިފަދަ މާހައުލުގެތެރޭގައި ވާ ދުމުން ވެސް ފުއްޕާމޭގެ ކެންސަރ ޖެހުމުގެ ފުރުސަތު އެތައް ގުނަޔަކަށް އިތުރުވެއެވެ.

  • "އެސްބެސްޓޮސް" މާއްދާއަށް ހުށަހެޅުން

މިފަދަ މާއްދަތަކަށް ހުށަހެޅެނީ އާންމުކޮށް މަސައްކަތުގެ މާހައުލުންނެވެ. މިސާލަކަށް ބޯޓު ބަނުން، މައިންގެ ހޮހަޅައިގަ މަސައްކަތް ކުރުން، އަދި ފޮތި، ދަވާދު ފަދަ ބަންދުވެފައިވާ ކާރުހާނާ ފަދަ ތަންތަނުގައެވެ.

މި މާއްދާއަށް ގިނަ މުއްދަތަކަށް ހުށަ ހެޅޭ މީހުންނަށް "މިސޯތީލިއޯމާ" އޭ ކިޔޭ ވައްތަރުގެ ފުއްޕާމޭގެ ކެންސަރ ގިނައިން ފެނެއެވެ.

  • "ރޭޑަން" އޭ ކިޔާ ގޭހަށް ހުށަހެޅުން:

މިފަދަ ގޭސް އުފެދެނީ 'ޔުރޭނިއަމް" އޭކިޔޭ ރޭޑިއޯ އެކްޓިވް މާއްދާއިންނެވެ. މިއީ ފަރުބަދަ ފަދަ ހިސާބުތަކުގައި ފެންނަ މާއްދާއެކެވެ.

  • ބޯފެނުގައި "އާރސަނިކް" ހިމެނުން:

ދުނިޔޭގެ ބައެއް ހިސާބުތަކުގައި (މިސާލަކަށް، ދެކުނު އޭޝިޔާގެ ބައެއް ގައުމު ތަކުގައި، ދެކުނު އެމެރިކާގެ ބައެއް ހިސާބު ތަކުގައި) ބޯން ބޭނުން ކުރާ ފެނުގައި މި މާއްދާ އިތުރު، ގައުމުތަކުގައި ފުއްޕާމޭ ކެންސަރ އިތުރުވެދެއެވެ.

އަމިއްލަ އިހްތިޔާރުގައި ބަދަލު ކުރުމުގެބާރު ނެތް، ބަލި ޖައްސައިދޭ ކަންކަން:

  • ބައްޔެއްގެ ސަބަބުން ކުރިން މެޔަށް ރޭޑިއޭޝަން ދީފައިވުން، އަދިމިފަދަ މީހުން ދުންފަތުގެ އިސްތިއުމާލް ކުރާނަމަ ފުއްޕާމެއަށް ކެންސަރ ޖެހުމުގެ ފުރުސަތު އިތުރު ވެއެވެ.
  • ދިރިއުޅޭ މާހައުލުގެ ވައި ތަޣައްޔަރުވުން
  • ގިނަ ރިސަރޗަރުން ދެކޭގޮތުގައި ގާތްގަނޑަކަށް ފުއްޕާމޭގެ ކެންސަރ ގައި މަރުވާމީހުންގެ %5 އަކީ ދިރިއުޅޭ މާހައުލުގެ ވައި ތަޣައްޔަރު ވުމުގެ ސަބަބުން ޖެހޭ ފުއްޕާމޭގެ ކެންސަރ އެވެ.
  • މިމައްސަލަ އަކީ ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމުތަކުގައި، އިންޖީނުލީ އުޅަނދު އިތުރުވުމުގެ ސަބަބާހުރެ، އިތުރުވެފައިވާ މައްސަލައެކެވެ.
  • ކުރިން ފުއްޕާމޭގެ ކެންސަރ ޖެހިފައިވާނަމަ ނޫނީ އާއިލާގައި ފުއްޕާމޭގެ ކެންސަރ އުޅޭނަމަ
  • ކުރިން ފުއްޕާމޭގެ ކެންސަރ ޖެހިފައިވާނަމަ، އަލުން ފުއްޕާމެއަށް ކެންސަރ ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އެއް އާއިލާއެއްގައި، ޅައިރު ކޮއްކޮއަކަށް، ދައްތައަކަށް ނުވަތަ ބޭބެއަކަށް ފުއްޕާމޭގެ ކެންސަރ ޖެހިފައިވާނަމަ، އެއްބަނޑު އެއްބަފާ ކުދިންނަށް މިބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ.

ބަލީގެ އަލާމާތްތައް:

ގިނަފަހަރު ފުއްޕާމޭގެ ކެންސަރުގެ ކުރީކޮޅުގައި އަލާމާތެއް ނުފެނި ހުރެއެވެ. ގިނަފަހަރު ބަލީގެ އަލާމާތް ފެންނަނީ ބަލި އުފެދުމަށްފަހު ގިނަދުވަސްވާފަހުންނެވެ. ފުރަތަމަ އަލާމާތެއް ފެނުމުން، އެ އަލާމާތަކުން އުނދަގޫތަކެއް ދިމާނުވިޔަސް ޑޮކްޓަރަކަށް ދައްކައި ޓެސްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ގިނަ ކެންސަރ ފަދައިން، ފުއްޕާމޭގެ ކެންސަރުވެސް ކުރީކޮޅުގައި ފެނިއްޖެނަމަ އެއްކޮށް ޝިފާލިބުމުގެ ފުރުސަތު ބޮޑުވާތީ އެވެ.

އެންމެ އާންމު އަލާމާތްތައް:

  • ނުފިލާ ހުންނަ ކެއްސުމެއް، ނޫނީ ރަނގަޅުނުވެ ގޯސްވާ ކެއްސުމެއް
  • ކެއްސާއިރު ލޭއައުން (ގަދަ ކުލައެއްގައި ހުރުން، އެތިކޮޅު ތަކެއްހެން)
  • ފުންކޮށް ނޭވާލާއިރު މޭގައި ރިއްސުން، (ކެއްސާ އަދި ހީ ހަދާއިރު)
  • އަޑު ބަދަލުވުން، ކުރަކިވެ ވައިއަޑު، އަދި އަޑުބަދަލުވުން)
  • ކާހިތް ކެނޑުން
  • ވަރަށް ބޮޑަށް ބަރުދަން ލުއިވުން
  • ނޭވާ ކުރުވުން
  • އަބަދު ވަރުބަލިވެފައި ހަށިގަނޑު ވަރުދެރަވެފައި ހުރުން
  • ތަކުރާރުކޮށް ފުއްޕާމޭގައި ޖަރާސީމު އަށަގަނެ، އިންފެކްޝަން ނުފިލުން
  • އަލަށް ނޭވާހިއްލަން ފެށުން

ފުއްޕާމޭގެ ކެންސަރު ހަށިގަނޑުގެ އެހެނިހެން ހިސާބުތަކަށް ފެތުރުމަށްފަހު ދިމާވެދާނެ އަލާމާތްތައް:

  • ކަށީގައި ރިއްސުން (ބުރަކަށި، ޅިނދު އަދި އުނަގަނޑުގައި ރިއްސުން)
  • ސިކުނޑި އާއި ނާރުގެ ނިޒާމުގެ އަލާމާތްތައް (ބޮލުގައި ރިއްސުން، ވަރުދެރަވުން، އަތް އަދި ފައި އައްސިވުން، ބޯއެނބުރުން، ބެލެންސް ގެއްލުން އަދި ފިޓުޖެހުން)
  • ލޮލާއި ހަންގަނޑު ރީނދޫވުން (ޖޯންޑިސްވުން) މިއީ ފުރަމެއަށް ބަލި ފެތުރުމުން ދިމާވާ އަލާމާތެއް
  • ގޮށް ދުޅަވުން (މިސާލަކަށް ކަރުގާ އެކުލެވޭ ގޮށްތައް، ފާޅުވެ ބޮޑެތި ގޮށްތަކެއް ލުން)

މީގެ އިތުރުން އެތައް "ސިންޑްރޯމް" ތަކެއް ފުއްޕާމޭގެ ކެންސަރގެ އަލާމާތްތަކުގައި ހިމެނެއެވެ.

ފަރުވާ

ނޮންސްމޯލް ސެލް ލަންގް ކެންސަރ އަށް ފަރުވާކުރުމުގައި ބަލާ ހަމަތަކުގެ ތެރޭގައި ބަލީގެ ސްޓޭޖް (ބަލި ފެތުރިފައި ހުރިވަރު)، އަދި މައިގަނޑު ގޮތެއްގައި އެމީހެއްގެ ދުޅަހެޔޮކަން އަދި ފުއްޕާމޭ މަސައްކަތް ކުރާމިންވަރު ފަދަ ވަނަވަރުތަކަށް ބަލައެވެ. ގިނަފަހަރު ފަރުވާގައި އެއްވަސީލަތައްވުރެ ގިނަ ވަސީލަތްތައް ބޭނުންކުރެވެއެވެ.

ތިރީގައި ބަޔާން ކުރެވި ފައިވަނީ ބޭނުން ކުރެވޭ ތަފާތު ފަރުވާގެ ވައްތަރު ތަކެވެ.

  • އޮޕަރޭޝަން
  • ރޭޑިއޯ ފްރީކުއަންސީ ބޭނުން ކޮށްގެން ކެނސަރ ސެލް ނައްތާލުން
  • ރޭޑިއޭޝަން ދިނުން
  • ކީމޯތެރަޕީ ދިނުން
  • ވަކި ސެލްތަކަކަށް އަމާޒުކުރެވިގެން ދޭ ފަރުވާ (ޓަރގެޓަޑް ތެރަޕީ)
  • އިމިއުނޯ ތެރަޕީ (މިފަދަ ފަރުވާގެ ބޭނުމަކީ ހަށިގަނޑުގެ ދިފާއީ ސެލްތައް ވަރުގަދަކޮށް، ކެންސަރ ސެލްތައް ނައްތާލުން)
  • ޕެލިއޭޓިވް ކެއަރ

ސްމޯލް ސެލް ލަންގް ކެންސަރ އަށް ފަރުވާކުރުމުގައި ބަލާ ހަމަތަކުގެ ތެރޭގައި ބަލީގެ ސްޓޭޖް (ބަލި ފެތުރިފައި ހުރި ވަރު)، އަދި މައިގަނޑު ގޮތެއްގައި އެމީހެއްގެ ދުޅަހެޔޮކަން އަދި ފުއްޕާމޭ މަސައްކަތް ކުރާމިންވަރު ފަދަ ވަނަވަރުތަކަށް ބަލައެވެ. ގިނަފަހަރު ފަރުވާގައި އެއްވަސީލަތައްވުރެ ގިނަ ވަސީލަތްތައް ބޭނުންކުރެވެއެވެ. ސިއްހަތު ރަނގަޅުނަމަ، ސްމޯލް ސެލް ލަންގް ކެންސަރ ގައި ފުރަތަމަ ފަރުވާއެއްގެ ގޮތުގައި ކީމޯތަރަޕީ ދެއެވެ.

ތިރީގައި ބަޔާން ކުރެވިފައިވަނީ ބޭނުންކުރެވޭ ތަފާތު ފަރުވާގެ ވައްތަރު ތަކެވެ.

  • ކީމޯތެރަޕީ
  • އިމިއުނޯތެރަޕީ
  • ރޭޑިއޭޝަން
  • އޮޕަރޭޝަން
  • ޕެލިއޭޓިވް ތެރަޕީ

ފަހުބަސް:

  • ފަރުވާއަށްފަހު، ފަރުވާކުރި ޓީމާއެކު ތާވަލުގައި ވާގޮތަށް ދައްކަމުން (ޓެސްޓްކުރަމުން) ދިއުން މުހިއްމުވާނެއެވެ. އިތުރު އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާކުރި ޓީމްއާ މަޝްވަރާ ކުރުން މުހިއްމުވާނެއެވެ. ބަލި އަނބުރާ އައުން، ދެވަނަ އައު ކެންސަރެއް އައުން، ފަރުވާގެ ނޭދެވޭ އަސަރެއް، މިއީ އާންމުކޮށް ފަރުވާއަށްފަހު ޑޮކްޓަރުން ސަމާލުކަންދީގެން ކޮންމެ "ފޮލޯ އަޕް" އެއްގައި ބަލާ ކަންކަމެވެ.
  • ފަރުވާލިބުނު މީހާވެސް، ދިރިއުޅުމުގެ އާދަކާދައަށް ވަރަށް ސަމާލުވާންވާނެއެވެ. މިގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރި، ނޫނީ ކުރަމުން ދާނަމަ އެކަން ހުއްޓާލުމަކީ އެންމެބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަމެވެ. ގަވާއިދުން ކަސްރަތުކުރުން، ހެޔޮބަރުދަނެއްގައި ދެމިހުރުން، ހެޔޮކާނާ ބޭނުންކުރުމުގެ އިތުރުން ހަކުރު ކެއުންބުއިމުގައި ބޭނުންކުރާވަރު މަދުކުރުމަކީ އަލުން ބަލި އައުން، އިތުރު އާކެންސަރެއް ނޫނީ އިތުރު މެޑިކަލް މައްސަލައެއް ދިމާވުން ދުރުކޮށްދޭ ހެޔޮ ބަދަލުތަކެވެ.
ކެންސަރުބައްޔާއި ގުޅޭގޮތުން މި ރިޕޯޓް ލިޔެދެއްވި ޑރ. ޝިފާން/ ފޮޓޯ: އައިޖީއެމްއެޗް

ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
2
+1
1
+1
20
+1
2
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް