ކައިވެންޏަކީ ވަރަށް އުއްމީދާއެކު ހަޔާތުގައި އަޅާ ވަރަށްބޮޑު ބިންގާއެކެވެ. ކޮންމެ މީހަކުވެސް ކައިވެނި ކުރަނީ މުޅި އުމުރު ދުވަހު އެކީގައި އުޅުމަށެވެ. ހަޔާތުގެ ބައިވެރިއަކު ޚިޔާރުކުރާއިރު ކޮންމެ މީހަކުވެސް ބަލަނީ އެމީހަކު އެންމެ ގަޔާވާ ސިފަތަކެއް ހުރި މީހަކު ހޯދުމަށެވެ. އެހެންނަމަވެސް އުންމީދާއެކު ކުރެވޭ ކައިވެނިތައް ރޫޅޭމިންވަރު މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.
ދިވެހި ރާއްޖެވެސް ފާހަގަކުރެވެނީ ވަރަށް ވަރި ގިނަ ގައުމެއްގެ ގޮތުގައެވެ. އެކިކަހަލަ ސަބަބުތަކާހުރެ ނަމަވެސް މިކަން މިހެން ދިމާވުމުން މިކަމުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ކުރަނީ ލިބިފައިވާ ދަރިންނަށެވެ. ކައިވެންޏެއް ހަރުދަނާ ގޮތުގައި ދެމެހެއްޓޭނީ ވަރަށް ގިނަ ކަންކަން ގުރުބާން ކޮށްގެންނެވެ. އެކަކު އަނެކަކަށް އަޅާލާ އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަނެގެންނެވެ. ތެދުވެރިކަމާއި ލޯތްބާއި އިހްތިރާމަކީވެސް ވަރަށް މުހިއްމު ކަންކަމެވެ. ދިރިއުޅުމުގައި މައްސަލަޖެހޭހާ ފަހަރަކު އެކަކު އަނެކަކަށް ވަކިވުމަށް ނުވިސްނާ ދިމާވާ މައްސަލަތައް ހައްލުކުރަން ދަސްކޮށް އެކަކު އަނެކަކަށް ދޫދީގެން އުޅުމަށް އާދަކޮށްފިނަމަ އުފާވެރި ހަޔާތަކަށް ބަދަލުވެގެންދެއެވެ. މުއްސަނދިކަމާއި ފަގީރުކަމާއި ދަތިހާލަތްތައް މެދުވެރިވިކަމުގައިވިޔަސް އެކަކު އަނެކަކަށް އެއްބާރުލުންދީގެން ދިރިއުޅުން އާރާސްތުކުރަން ނިންމައިފިނަމަ ކައިވެނީގައި ދެމިހުރުން އުދަގޫ ނުވެދާނެއެވެ.
ދުނިޔޭގައި އެންމެ ދުވަސްވަންދެން އެކުގައި ދެމިހުރި ކައިވެންޏަށް 86 އަހަރު ވަނީ ވެފައެވެ. އެމެރިކާއަށް އުފަން ހާބަޓް ފިޝަރ އާއި ޒެލްމައިރާ ފިޝަރ އުމުރުދުވަސް ހޭދަކުރީ އެކުގައެވެ. ކައިވެނި ކުރިއިރު ޒެލްމައިރާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެމީހުން ކައިވެނި ކުރީ 13 މެއި 1924 ވަނަ އަހަރުގައެވެ. އެމީހުންނަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދަތި ދުވަސްތައްވެސް ތަޖުރިބާކޮށްފައިވާ ދެމަފިރިންނެވެ. އަދި އެމެރިކާގެ އެންމެ ފުރަތަމަ ރައީސްއެއް އައްޔަން ކުރިއިރު އެދުވަސްތައްވެސް ދެކިފައިވާ ދެމަފިރިންނެވެ.
ލޯބިވެރިންގެ ދުވަހު 2010 ވަނަ އަހަރު "އަ ފްރެންޑް އިސް ފޯ ލައިފް" ޓްވިޓަރގައި ފާހަގަކޮށްފައިވެއެވެ. މި ދެމީހުންގެ ނަސޭހަތަކީ، ކަމެއް ދިމާވުމުން ނުވަތަ މައްސަލައެއް ދިމާވުމުން ވަރިވާން ވިސްނުމަކީ ހައްލެއް ނޫންކަމަށާއި، އެކަކު އަނެކަކަށް އިތުބާރުކުރުމާއި ކޮންމެކަމެއް ދިމާވިކަމުގައިވިޔަސް އުއްމީދު ގެއްލުވާނުލާ ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅުމެވެ. އެކަކު އަނެކަކުދެކެ ހަގީގީ ލޯބިވެ ދަތި ވަގުތުގައި ކެތްތެރިކަން އިސްކޮށްފިނަމަ ކައިވެނި ދެމެހެއްޓުމަކީ އެހާ އުދަގޫކަމަކަށް ނުވާނެކަމަށް މިދެމަފިރިން ވަނީ ބުނެފައެވެ.
މި ދެމީހުންގެ އުފަލަކީ އެމީހުންގެ މާމަ އަދި ކާފަކުދިންނާއި މުނިމާމަ އަދި މުނިކާފަކުދިންނާ ހަމައިން އަދި ހޫރުމާމަ ހޫރުކާފަ ކުދިންވެސް ދުނިޔެއަށް އުފަންވިއިރު އެމަންޒަރު ފެނުމެވެ. 5 ކުދިން ލިބި އެކުދިންގެ ދަރިންގެ ދަރީންގެ ދިރިއުޅުން ފެނި އެހުރިހާ ތަޖުރިބާއެއް އެކުގައި ކުރަން ލިބުންވީ އެމީހުންގެ ހަޔާތުގައި ކުރެވުނު އުފާވެރި ތަޖުރިބާއަކަށެވެ.
މައުލޫމާތު: ޖީނިއަސް ވަރލްޑް ރެކޯޑް