November 23, 2024 00:07
Advertisement

-Advertisement-

ދިގުދަތުރަކަށް ތައްޔާރުވާނަމަ ސަމާލުކަންދޭންވީ ކަންކަން

ދަތުރެއް ދާން ރާވާފައިވާނަމަ އެކަމާ ދުރާލާ ތައްޔާރުވުން މުހިއްމެވެ. އެންމެ ފަހުވަގުތު ކަންކަން ކުރަން އުޅެފިނަމަ ލިބިދާނެ ގެއްލުން ގިނައެވެ. އަބަދުވެސް ދުރާލާ ކަންކަން ރާވާލުމަކީ އެހެން ކަންކަމަށްވެސް އެޅޭ ރަނގަޅު ފާލެކެވެ. ވަގުތު ޖެހުމުން ޓިކެޓް ނަގަން އުޅުމުން އަގުބޮޑުވެ ބޭނުންވާ ދުވަހަކަށް ސީޓް ލިބުން ދަތިވާތަންވެސް އާދެއެވެ. ދުރުތަންތަނަށް ނުވަތަ ދުރުގައުމުތަކަށް ގިނަދުވަހަށް ދާނަމަ ވާންޖެހޭ ތައްޔާރީތައް އިތުރަށް ގިނައެވެ. ޚާއްސަކޮށް ދިގު ދަތުރެއް ކުރާއިރު ގިނަވަގުތު ދަތުރުގައި އުޅެންޖެހޭނަމަ ވިސްނަންޖެހޭ ކަންކަންހުރެއެވެ.

ގަޔަށް ފަސޭހަ ހެދުމެއް ލައިގެން ހުރުން

ދިގުދަތުރު ކުރާނަމަ ގަޔަށް ފަސޭހަ އަދި އަރާމު ހެދުމަކާއި އަރާމު ބޫޓެއް ޚިޔާރުކުރާށެވެ. ގިނަވަގުތު ފުލައިޓުގައި އިންނަނަމަ ގަޔަށް މާބާރު ހެދުމެއްލައިގެން އިނުމުން އުދަގޫވާނެއެވެ. ބާރު ޖީންސެއްގެ ބަދަލުގައި ފަސޭހަ ހަރުވާޅެއް ރަނގަޅުވާނެއެވެ. ރޭގަނޑުގެ ވަގުތުގައި ދަތުރުކުރާނަމަ ޖެކެޓެއް ލައިގެން އުޅުން ބުއްދިވެރިއެވެ. އެއީ ފުލައިޓްތެރެއާއި އެއަރޕޯޓްވެސް ފިނިވާނެތީއެވެ. ދިގުދަތުރު ކުރާއިރު އިތުރު ހެދުމެއް އަތްދަބަހުގައި ބޭއްވުން ބުއްދިވެރިއެވެ. މިގޮތަށް ތައްޔާރުވެއްޖެނަމަ ދަތުރު ތަންކޮޅެއް ފަސޭހަވެގެންދެއެވެ.

Advertisement

އަމިއްލަ ބާލީސް ނުވަތަ ރަޖައެއް ގެންގުޅުން

ދިގުދަތުރުތަކަށް ދާނަމަ އަމިއްލަ ބާލީހެއް ގެންދިއުން ބުއްދިވެރިއެވެ. ބައެއްފަހަރު ބައެއް އެއަރލައިން ތަކުން ދޭ ބާލީސް އެހާ އަރާމު ނުވެދާނެއެވެ. ނޫންނަމަ އެކި މީހުން ބޭނުންވާ ވައްތަރުގެ ބާލީސް ވެސް ތަފާތުވެގެންދެއެވެ. 'ނެކްޕިލޯ' އެއް ގެންދިއުންވެސް ބުއްދިވެރިއެވެ. ބައެއް މީހުންނަކީ މާބޮޑަށް ފިނިވާ މީހުން ކަމަށްވާތީ އިތުރު ރަޖައެއްވެސް ގެންދެވިދާނެއެވެ. ލޮލުގައި އަޅާ އައި މާސްކެއްވެސް އޮތުން މުހިއްމެވެ. ހެޑްސެޓެއް ބޭނުންވާ މީހެއްނަމަ އަމިއްލަ ހެޑްސެޓެއް ގެންދިއުންވެސް ބުއްދިވެރިއެވެ. ފަހަރެއްގައި ފުލައިޓުގައި ދޭ ހެޑްސެޓް ކަންފަތަށް އެހާ ފަސޭހަ ނުވެދާނެއެވެ.

އާ ޓައިމް ޒޯން އަކަށް ތައްޔާރުވުން

ދުރުގައުމަކަށް ދާނަމަ ޓައިމް ޒޯން ތަފާތުވެ ބައެއް މީހުންނަށް ނިދަން އުދަގޫވެދާނެއެވެ. 'މެންޓަލީ' އެކަމަށްވެސް ތައްޔާރުވުން މުހިއްމެވެ. ކުއްލިއަކަށް ގަޑި ތަފާތުވުމުން ބައެއް މީހުންނަށް އުދަގޫވެއެވެ.

ރަނގަޅު ސީޓެއް ޚިޔާރު ކުރުން

ޓިކެޓް ނަގާއިރު ނުވަތަ ޗެކްއިން ވާއިރު ރަނގަޅު ސީޓެއް ހޯދުން ވަރަށް މުހިއްމެވެ. ފުލައިޓުގެ މާކުރިން ނުވަތަ މާފަހަތުންވެސް ސީޓު ހޯދުން އެހާ ރަނގަޅެއް ނޫނެވެ. މެދުތެރެއިން ކުޑަދޮރާއި ކައިރިން ސީޓެއް ނެގުމުން ތަންކޮޅެއް ފަސޭހަވެއެވެ. އެންމެ ފަހުވަގުތު ޗެކްއިން ވާން މަޑުނުކުރާށެވެ. އޭރުން ރަނގަޅު ސީޓެއް ނުލިބިދާނެއެވެ. ގްރޫޕަކާއެކު ދާނަމަ އެންމެން އެކުގައި ކައިރިން ސީޓް ހޯދަން ފަސޭހަވާނީ ކުރިން ޗެކް އިން ވުމުންނެވެ.

މެންޓަލީ އަދި ފިޒިކަލީ ތައްޔާރުވުން

ދަތުރެއް ދާނަމަ މެންޓަލީ މީހާ ވަރަށް ބޮޑަށް ތައްޔާރުވާން ޖެހެއެވެ. އޮފީހެއްގައި ނަމަ ކުރަންހުރި ކަންކަން ނިންމައި އެކަންކަމުން ދުރުވެލައި ޗުއްޓީ ހޭދަކުރަންދާ ނަމަ އޮފީހުގެ ކަންތައްތަކާ ނުވިސްނުން  މުހިއްމެވެ. ގޭތެރޭގެ ކަންކަން ހަމައަކަށް އަޅުވާލާ މީހާ ވަރަށް ބޮޑަށް ތައްޔާރުވެލަން ޖެހެއެވެ. ފުރަން އޮންނަ ދުވަހު މާބިޒީކޮށް ނޫޅެ ކުރިއާލައި ފޮށި ތައްޔާރުކޮށްލާ ކުޑަކޮށް އަރާމުކޮށްލާ ރަނގަޅަށް ނިދާލާށެވެ. އެހެންނޫނީ މީހާ މާބޮޑަށް ސްޓްރެސްވެ ބޮލުގައި ރިހުންވެސް އެކަށީގެންވެއެވެ.

+1
0
+1
1
+1
3
+1
0
+1
0
+1
2
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ލޭންޑުކުރާ ހުރިހާ އެއަރޕޯޓަކުން ކެވޭވަރަށް އަތުގައި ލާރި ބެހެއްޓުން. އޮޅިގެން ނަމަވެސް އެހެން މީހެއްގެ ލަގޭޖް ނުގެންދިއުން.

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް