އަޟްޙާ ޢީދަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ މީހުން ތަންތަނަށް ޒިޔާރަތްކުރެއެވެ. އަޟްޙާ ޢީދަކީ މުސްލިމުންގެ ތެރޭގައި އަންނަ އެންމެ ފޯރިގަދަ އެއް ޢީދެވެ. އަޟްޙާ ޢީދަކީ ގިނަ ބަޔަކު އެއްތަނަކަށް ޖަމާވެ އެކިކަހަލަ ކަންކަން ބާއްވާ އީދެކެވެ. ކުރީ ޒަމާނާއި ބަލާއިރު މިޒަމާނުގައި ޢީދު ފާހަގަކުރާގޮތް ދަނީ ތަފާތުވަމުންނެވެ.
ކުރީ ޒަމާނުގައި ރަށްރަށުގައި ކުދި ކުދި އާއިލާތައް އެކުވެ އަވަށްޓެރިން އެކިކަހަލަ މުނާސަބަތުތައް ފާހަގަކުރެއެވެ. އަވަށްޓެރިން އެކުވެގެން އެއްގެއެއްގައި ކެއްކުން ކަހަލަ ކަންކަން ކުރި ނަމަވެސް މިކަންކަމަކީ ބައެއް ރަށްރަށުގައި އުވިގެންދާ ކަމެކެވެ. އާއިލާތައް އެކުއެކީގައި މަޖާކޮށް ޢީދު ނަމާދަށް ދިއުމާއި އެކިކަހަލަ ކުޅިވަރުތައް ކުޅުމުގެ ފޯރި މަދުންނަމަވެސް ނެތިގެންދެއެވެ. މިހާރަކަށް އައިސް ޢީދެއް އަތުވެއްޖެނަމަ ތިމާގެ އަމިއްލަ އުފަން ރަށަށް ދިއުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ދިއުމަށް ބައެއް މީހުން ޝައުގުވެރިކަން އުފައްދައެވެ. ދިރިއުޅުން ބިޒީވެގެންގޮސް ކަންކަން ކުރާނެ ވަގުތު ނެތި ޗުއްޓީ ނެތިގެން ކުރަންޖެހޭ ބައެއް މުހިއްމު ކަންކަން ހުރުމާއި ބޭސްފަރުވާ ކަހަލަ ކަންކަމުގައި ރާއްޖެއިން ބޭރަށް ދާންޖެހެއެވެ. ބައެއް މީހުންގެ މެދުގައި ޢީދު ޗުއްޓީ ވެގެންދަނީ ބޭސްފަރުވާގެ ޗުއްޓީއަކަށެވެ. މިކަންކަން މިހެން ދިމާވިކަމުގައިވިޔަސް އާދަކޮށް ޢީދަށް އެމީހެއްގެ އަމިއްލަ ރަށަށްދާ މީހުންވެސް އުޅެއެވެ.
ކުޑައިރު ޢީދު ޗުއްޓީ ފާހަގަކޮށް އުޅުނު މަޖާގޮތް ހަނދާންހުރެއެވެ. ޢީދެއް އަންނަނަމަ ވަރަށް ކުރިން ތައްޔާރުވެއެވެ. ލާނެ ރީތި ހެދުން ފަހައި ކުޅޭނެ ކުޅިވަރުތައް ރާވައެވެ. ކައިރީގައި އޮންނަ ފަޅުރަށްތަކަށް ގިނަބަޔަކު އެކީގައި ދަތުރު ދިއުމާއި މަޖާކުރުން ކުރިން އޮންނަހެން މިހާރު ނޯވެއެވެ. ބޮޑަށް ތަރައްގީވެފައިވާ ބޮޑެތި ރަށްރަށުގައި ޢީދު ފާހަގަކުރުމާއި ކުދި އާބާދީ އޮންނަ ރަށްރަށުގައި ޢީދު ފާހަގަކުރުން ވަރަށް ތަފާތެވެ. ކުދި ރަށްރަށުގައި އެއްބަޔަކު އަނެއްބަޔަކު ދަނެއެވެ. އެހެންވީމާ އެކުގައި ޢީދު ފާހަގަކޮށް އެކުގައި ކެއްކުމުގެ ކަންކަން ކުރިއަށްދެއެވެ.
ކުރީ ޒަމާނަކީ ދުއްވާ އެއްޗެހި މާގިނައިން އޮންނަ ޒަމާނެއް ނޫނެވެ. މަގުމަތީގައި ބޭނުން މީހަކަށް ގްރޫޕް ހަދާލާފައި ބޭނުން ކުޅިވަރެއް ކުޅުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް މިޒަމާނުގައި ބިމުގެ ދަތިކަން ކުރިމަތިވެފައިވާއިރު އަދި ޚާއްސަކޮށް ދުއްވާ އެއްޗެހި ގިނަވުމާއި ގުޅިގެން ބޭނުންގޮތަކަށް މަގުމަތީގައި ކުޅިވަރު ކުޅުން އެހާ ފަސޭހައެއް ނޫނެވެ.
" ކުޑައިރު އަބަދުވެސް ފެންނާނެ ގްރޫޕެއް ހަދާލާފައި ބައި ބަހާލައިގެން ކޮންމެވެސް ކުޅިވަރެއް ކުޅޭތަން. އެކަމަކު އެބައިވެސް މަޑުމަޑުން ނެތިގެންދޭ. ޢީދު ފާހަގަކުރުމަށް މިހާރު ގޭތެރެ ޒީނަތްތެރިކޮށް އެކިކަހަލަ ޑެކަރޭޝަންތައް ހަދާ. އަދި ތަފާތު ރީތި ބޮކިފަތިތަކުން ޒީނަތްތެރިކޮށްލާ. ކޭކު ފެޅުމާއިއެކު އާއިލާގެ މެމްބަރުން އެކުގައި ފޮޓޯނަގާ. އަދި މީގެ އިތުރުން ދުރުގައި ތިބޭ އާއިލާގެ މެމްބަރުންނާއި ވީޑިއޯ ކޯލް ކޮށްގެން އެކި މީހުން އެކި ތަންތާގައި ތިބެގެން ކޭކުފެޅުން ކަހަލަ ކަންކަން ބާއްވާ.
މިހާރުވެސް ޢީދެއް އަތުވެއްޖެނަމަ އުވިގެން ނުދާ ކުޅިވަރުތަކުގެ ތެރޭގައި ފުޓުބޯޅަ، ނެޓްބޯޅަ އަދި ވޮލީބޯޅަ ހިމެނެއެވެ. ފުޓުބޯޅައަކީ ދިވެހިންނާއި ގުޅިފައިވާ ވަރަށް ފޯރިއާއިއެކު ކުޅެމުންދާ ކުޅިވަރެކެވެ. ކުރީ ޒަމާނުގައި ބައިބަލާ ކުޅުމާއި ކޯޑި ޖެހުން، ބޮޑުމަސްކުޅުން، ފަލިޖެހުން، ވާދެމުން ކަހަލަ ފޯރިގަދަ ކުޅިވަރުތައް ކޮންމެ ރަށެއްގައި ކަހަލަ ގޮތަކަށް ކުޅުނު ކަމުގައިވިޔަސް މިހާރު އެކަހަލަ ކުޅިވަރުތައް ކުޅޭ ރަށްރަށް ނިސްބަތުން މަދެވެ.
ކޮންމެ އަހަރަކުވެސް ޢީދުގެ ފޯރި ކޮންމެވެސް ސިފައެއްގައި ބޭއްވުމަށް އަހަރެމެން އެންމެންވެސް ލޯބިކުރެއެވެ. މިއީ އާއިލާއާއި އެކުގައި މަޖާކޮށްލަން ލިބޭ ވަރަށް މުހިއްމު ޗުއްޓީއެކެވެ. މިކަމުން އާއިލާގެ މެދުގައި އޮންނަ އެކުވެރިކަމާއި ލޯބި ދެމެހެއްޓިގެންދެއެވެ. ތިމާގެ އަމިއްލަ ރަށަށްގޮސް އަމިއްލަ މައިންބަފައިންނާއެކު އުފާކޮށްލުމުން އެލިބޭ ހިތްހަމަޖެހުން އެތައްހާސްގޮތަކުން މުހިއްމުވެއެވެ.