ތިބާއާމެދު އިހާނާތްތެރިކޮށް ނުބައިކޮށް ކަންތައްތައް ކޮށްފައިވާ މީހަކަށް މަޢާފުކުރާށޭ ބުނުމުން [ﷲ ގަންދީ ބުނަމެވެ. އޭނާއަށް އަހަރެން މަޢާފެއް ނުކުރާނަމެވެ.] މިހެން ބުނުމުން ﷲ ގަންދީ ހުވާކޮށްފައި މި ބުނަނީ ހެޔޮކަމެއް ނުކުރާނެ ވާހަކައެވެ. ﷲ މެދުވެރިކޮށް ކުރާ ހުވަޔަކާ އަޅުވައި ހެޔޮކަމެއް ކުރުމަށް ހުރަސްއަޅާ ވާހަކައެވެ. ތިމާއާ ތިމާ ކުރަން އޮންނަ ހެޔޮކަމަކާއި ތަޤްވާވެރިކަމަކާ ދެމެދު ހުރަހެއް ގެންނަނީއެވެ. މިފަދަ ހުވަޔެއްގެ މަތީގައި ދެމިހުރުން އެންމެ ރަނގަޅުތޯ އެވެ؟
ބަޤަރާ ސޫރަތުގައި މާތް ﷲ ވަޙީކުރައްވަނީ ﴿وَلَا تَجْعَلُوا اللَّهَ عُرْضَةً لِّأَيْمَانِكُمْ أَن تَبَرُّوا وَتَتَّقُوا وَتُصْلِحُوا بَيْنَ النَّاسِ ﴿٢٢٣﴾ މާނައަކީ، ތިޔަބައިމީހުންގެ ހުވާތަކުން ތިޔަބައިމީހުން ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް އެޅޭ ހުރަހެއްކަމުގައި، ﷲ ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ! މި އާޔަތުގައި ހުރަހެއްކަމުގައި އޮތުމުގެ މާނައަކީ އެކަމެއް ކުރުމަށް މަނާވެގަންނަ ސަބަބެއް މެދުވެރިކުރުމެވެ. އެހެންވުމުން ހެޔޮކަމެއް ކުރުމަށް ހުރަސްއަޅާ ކަމަކަށް ﷲ ގެ ނަންފުޅުގައި ހުވައެއް ގެނައުމަކީ އެކަލާނގެ އެދިވޮޑިގެންވާކަމެއް ނޫނެވެ.
މާތް ﷲ ގެ މި ބަސްފުޅުން އެނގެނީ ހެޔޮކަންތައް ކުރުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، މީސްތަކުންގެ މެދުގައި ޞުލްޙަކުރުން މަނާކުރާ އެއްވެސްކަމެއްގެ ގޮތުގައި ހުވައެއް ކުރުން ޖާއިޒެއް ނުވާނެކަމެވެ. މީހަކު ހުވައެއް ކޮށްފައި އެކުރި ހުވަޔަކީ ހެޔޮކަމެއް ކުރުމަށް ހުރަސްއަޅާ ހުވައެއްކަން އެނގޭ ހިސާބުން އެހުވައެއްގައި ދެމިހުންނާކަށް ނުޖެހޭނެއެވެ. އަދި އެ ހުވަޔަކުން ކައްފާރާ އަދާކުރުމަށްފަހު އޭނާ ކުރަމުންއައި ނުވަތަ ކުރަންއުޅޭ ހެޔޮކަމެއް ކުރަންވާނެއެވެ.
އެހެނީ މުއުމިނަކު އެއްވެސް ހެޔޮކަމެއް ނުކުރަން ހުވާކުރާ ހިނދު އޭނާ އެކުރާ ކަމަކީ ހެޔޮކަމަކާ އޭނާއާ ދެމެދު ހުރަހެއް މެދުވެރި ކުރަނީއެވެ. އަދި އެ ހުރަހަކީ ﷲ ގަންދީ ކޮށްފައިވާ ހުވަޔަކަށް ހަދަނީއެވެ. ހެޔޮކަންތައް ކުރުމަށާއި ތަޤްވާވެރިވުމަށާއި މީސްތަކުންގެ މެދުގައި ޞުލްޙަކުރުމަށް އަމުރުކުރެއްވި ފަރާތަކީ މާތް ﷲ އެވެ. އެހެންވެ، [ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް އެޅޭ ހުރަހެއްކަމުގައި، ﷲ ގެ ނަންފުޅު] ނުގެނުމަށް އަންގަވަނީއެވެ. އެކަލާނގެ އެދިވޮޑިގެންވަނީ ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށެވެ.
މުޖްތަމަޢުގެ ކޮންމެ ފަރުދަކު ހެޔޮކަންތައްކޮށް، ކުށްތައް ކުރެވޭ މީހުން ތަޤްވާވެރިވެ ﷲ އަށް ބިރުވެތިވެ، އެއްވެސް ބައެއްގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދޭ ހިނދު އެކަން އިޞްލާޙުކޮށްފިނަމަ އެއީ އެންމެން އެކުގައި އިސްލާމް ދީން އެދޭ ކިޔަމަންވުމުގެ ތެރެޔަށް ވަދެވުނީ ނޫންތޯއެވެ؟ ﷲ އެދިވޮޑިގެންނަވާ ގޮތަކީވެސް އެއީ ނޫންތޯއެވެ؟
އިންސާނުން ހެޔޮކަންތަކާއި ތަޤްވާވެރިވުމުން ދުރުހެލިވުމަށް ކޮންމެ ސަބަބެއްވެސް މެދުވެރިކޮށްފާނެއެވެ. އޭނާ ހިތްހަމަޖެހޭ ކަމެއްކޮށް އެކަމަކީ ދީނީ ސަބަބެއް އޮވެގެން ކުރާކަމެއްކަމުގައި ބަލައިގަތުން ނަފްސަށް ވަރަށް ފަސޭހަވާނެއެވެ. އަދި ހަމަ ހެޔޮކަމެއްގެ މާނައިގައިވެސް މިފަދަކަމެއް ކުރެވިދާނެއެވެ. މިތަނުގައި މި ބަޔާންކޮށްލަނީ ފުރަތަމަ ޚަލީފާ މާތް ޞަޙާބީ އަބޫބަކުރުގެފާނު ޢަމަލުކުރެއްވި ގޮތުގެ ވާހަކައެވެ.
މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެފާނަށް ތުހުމަތުކޮށް ދެއްކި އިފްކުގެ ދޮގު ޙާދިސާގައި މުޞްޠަޙު ބުން އަސާސާ ކިޔާ ބޭކަލަކު ބައިވެރިވެ ވާހަކަ ދެއްކިކަން އަބޫބަކުރުގެފާނަށް ވަނީ އެނގިވަޑައިގެންފައެވެ.
މިވާހަކައިގެ ޚުލާޞާއަކީ ކީރިތި ރަސޫލާގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ ރަސޫލާ (صلي الله عليه وسلم) އާއެކު ޣަޒްވަތު ބަނީ މުޞްޠަލަޤްގައި ބައިވެރިވެ ވަޑައިގަތެވެ. އެކަމަނާއަށް ޚާއްޞަކުރެވިފައިވާ ހޯދަޖުގައި އިންނަވަނިކޮށް ޢާއިޝާގެފާނަށް އެނގިވަޑައިގަތީ އެކަމަނާގެ ރަނުގެ ހާރުކޮޅެއް ގެއްލިއްޖެކަމެވެ. އެހެންވެ އެހާރުކޮޅު ހޯއްދެވުމަށް އެކަމަނާ ސަވާރުވާ އިންނަވާ ޖަމަލު މަތީ އިން ހޯދަޖުން ފައިބާ ވަޑައިގަތެވެ.
މި ހަނގުރާމައިން ނިމިގެން ކީރިތި ރަސޫލާއާއި އެހެން ބޭކަލުން އަނބުރާ އައުމަށް ދަތުރު ފެއްޓެވިއިރު ޢާއިޝަތުގެފާނުގެ މި ހާރުކޮޅު ގެއްލިގެން ހޯއްދެވުމަށް އެކަމަނާގެ ހޯޖަދުން ނުކުންނަވައިފިއެވެ. އެކަމަނާއަކީ ހަށިގަނޑުން ލުއި ބޭކަނބަލެކެވެ. އެހެނީ އެޒަމާނުގައި އެބޭކަލުން ފަރިއްކުޅުއްވާ އުޅުއްވަނީ ވަރަށް މަދުންނެވެ.
ޢާއިޝަތުގެފާނުގެ ހާރުކޮޅު ހޯއްދަވަން އުޅުއްވަނިކޮށް އެކަމަނާގެ ހޯދަޖު ޖަމަލުމައްޗަށް އަރުވައިގެން ދަތުރު ފައްޓަވައިފިއެވެ. އެކަމަނާއަކީ ލުއި ބޭކަނބަލަކަށްވާތީ އެ ހޯދަޖުގައި އެކަމަނާ ނެތްކަން އެބޭފުޅުންނަކަށް އެނގިވަޑައެއް ނުގެނެނެވިއެވެ. އެކަމަނާގެ ހާރުކޮޅު ފެނިގެން އެނބުރި ބެއްލެވިއިރު ރަސޫލާ (صلي الله عليه وسلم) ގެ ލަޝްކަރު އެކަމަނާ ހުރިތަނާ ވަރަށް ދުރަށް ހިނގައްޖެއެވެ. އެހެން ވުމުން އެކަމަނާއަށް ޖެހުނީ ލަޝްކަރާއެކު އެކަމަނާ ނެތްކަން އެނގިވަޑައިގެންނެވުމުން ހޯއްދަވަން ވަޑައިގަންނަވަންދެން މަޑުކުރައްވާށެވެ. އެޒަމާނުގެ އާދަކާދަ ހުންނަގޮތުން ލަޝްކަރުގެ އެންމެ ފަހަތުން ވަޑައިގަންނަވާ ބޭކަލަކު ހުރެއެވެ. އެފަހަރު އެއީ ޞަފްވާން ބުން މުޢްޠިލް އައްސަލަމީއެވެ. އެކަލާގެފާނަށް ޢާއިޝާގެފާނު ފެނިވަޑައިގަތުމާއެކު އެނގިވަޑައިގެން ޖަމަލު ތިރިކުރައްވައި އެކަމަނާ އެ ޖަމަލަށް އެރުއްވެންދެން މަޑުކުރެއްވިއެވެ. ދެން އެސަވާރީގެ ލަގަނުގައި ހިއްޕަވައިގެން މަދީނާއަށް ވަޑައިގަތެވެ. މި ޙާދިސާއާ ގުޅިގެން އެދެބޭކަލުންނަށް ނިސްބަތްކޮށް [ހުތުރުވެގެންވާ] އިފްކުގެ ވާހަކަ ދެއްކިއެވެ. އެވާހަކަ ދެއްކީ މުނާފިޤުންގެ ވެރިޔާ ޢަބްދުﷲ ބުން އުބައްޔު ބުން ސަލޫލެވެ.
މި މައްސަލައިގެ ޙައްޤު ފާޅުކުރެއްވުމުގެ ކުރިން އައްސައްޔިދާ ޢާއިޝާގެފާނު ތަޙައްމަލް ކުރެއްވީ ވޭނާއި ހިތާމައިގެ ދުވަސްތަކެކެވެ. ޢާއިޝަތުގެފާނާ ގުޅޭގޮތުން ފެތުރި މި ދޮގުވާހަކަ ރައްދުވާ ބޭކަނބަލަކީ އަބޫބަކުރުގެފާނުގެ ދަރިކަނބަލަކަށް ވުމުގެ އިތުރުން ރަސޫލާ (صلي الله عليه وسلم) ގެ އަނބިކަބަލުންނެވެ. މި ވާހަކައިގައި ބައިވެރިވި އެކަކު ކަމުގައިވާ މުސްޠަޙް ބުން އަސާސާއަކީ އަބޫބަކުރުގެފާނު އޭނާއަށް ހެޔޮފޯރުވާ ޚަރަދުކުރައްވާ ހައްދަވާ މީހެކެވެ.
އެކަން އަބޫބަކުރުގެފާނަށް އެނގިވަޑައިގަތުމުންވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް އެކަމަނާއަކީ ބަރީއަ ބޭކަނބަލެއްކަން ބަޔާންކުރައްވައި އެކަން ވަޙީގެ ޒަރީޢާއިން ބާވާލެއްވުމުން މުސްޠަޙް ބުން އަސާސާއަށް އަބޫބަކުރުގެފާނު ކުރައްވަމުން ގެންދެވި ޚަރަދު ހުއްޓަވާލެއްވިއެވެ. އަދި ހުވާކުރައްވާ ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ. ދެން ތިމަންކަލޭގެފާނު ކަލޭގެ މައްޗަށް ޚަރަދެއް ނުކުރައްވާހުށީމެވެ.] އެއީ އޭނާ ޢާއިޝަތުގެފާނާ ގުޅޭގޮތުން ދެއްކި އިފްކުގެ ދޮގުވާހަކައިގައި ބައިވެރިވިކަމަށްޓަކައެވެ. ބޭރުފުށުން ފެންނަ ފެނުމަށް އެކަލޭގެފާނު އެކުރެއްވީ ރަނގަޅު ކަމެއްކަމުގައި ފެންނަން އޮތަސް ﷲ ގެ ޙަޟްރަތުގައި އެކަން އޮތީ އެހެނަކުން ނޫނެވެ.
އަބޫބަކުރުގެފާނު މުސްޠަޙްއަށް ޚަރަދު ނުކުރައްވަން ނިންމެވީ އޭނާ އިފްކުގެ މައްސަލައިގައި ބައިވެރިވެ އެވާހަކަ ދެއްކީތީއެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުގައި މާތްކަމާއި މަތިވެރިކަން އޮތީ ނުބައިކޮށް ކަންތައް ކުރާ މީހާއާމެދުވެސް ހެޔޮކޮށް ހިތުމުގައެވެ. ދީނުގައި ރީތިކަންވަނީ ހެޔޮކަންތައް ކުރުމުގައެވެ. އަނެކާ ކުރިކަމެއް ބެލުމެއް ނެތިއެވެ. އެ ސަބަބަށްޓަކައި މާތް ﷲ ގެ ވަޙީ ބަސްފުޅުގައިވަނީ ﴿وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ اللَّهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ﴿٢٢﴾ މާނައަކީ، ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނަށާއި، މިސްކީނުންނަށާއި، ﷲ ގެ މަގުގައި ހިޖްރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާނުކުރާހުށިކަމެވެ! އަދި އެއުރެންނަށް ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ.
ﷲ އެކަލާނގެ އަޅުންގެ ފުށުން އެދިވޮޑިގެންވަނީ ހެޔޮކަންތައް ކުރުން ހުއްޓާނުލުމަށާއި އެކަންތައްތައް ކުރުމުގައި ދެމިތިބުމަށެވެ. އަޅުތަކުން ﷲ ގެ ޢަފޫއަށް އެދޭއިރު އެހެން މީހުންނަށްވެސް ވީވަރަކުން މަޢާފުކުރުން އެބައޮތެވެ. ޚާއްޞަކޮށް ﷲ ގަންދީ ކުރި ހުވަޔަކާ އަޅުވައި ހެޔޮކަމެއް ކުރުން ހުއްޓާލުމެއް ނެތެވެ. ހެޔޮކަންތައް ކުރުމަށާއި، ތަޤްވާވެރިވުމަށާއި، މީސްތަކުންގެ މެދުގައި ޞުލްޙަ މަސަލަސްކަން ޤާއިމްކުރުމަށް އެޅޭ ހުރަހެއްކަމުގައި، ﷲ ގެ ނަންފުޅު ތިޔަބައިމީހުން ނުލާށެވެ އޮތް އާޔަތުން މިކަން ރަނގަޅަށް ސާފުވެއެވެ.