ތަފާތުބަލިތަކުން ރައްކާތެރިވުމަށް ކަސްރަތަކީ މުހިއްމުކަމެއްކަން ވަނީ ގިނަ ދިރާސާތަކުން ދައްކާފައެވެ. އަދިހަމަ މިމޭރުމުން، ހާއްސަކޮށް ގޮހޮރު އަދި އުރަމަތީގެ ކެންސަރު ޖެހުމުން ރައްކާތެރި ކޮށްދޭކަމަކަށް ކަސްރަތު ވަނީ އެތައް ދިރާސާއަކުން ދައްކާފައެވެ. އަދި ހަމަ ސައިންސުގެ ހޯދުންތަކުން ދައްކާގޮތުގައި ތިންބައިކޮށް އެއްބައި ކެންސަރާ ގުޅިފައިވާ މަރަކީ ފަލަވުމާ އަދި ހަރަކާތް މަދުވެ ސިއްހަތައް ނުރަނގަޅު ކާނާއާއި ގުޅިފައިވާ މަރެވެ.
އާންމު ގޮތެއްގައި ގިނަބަޔަކަށް ގަބޫލު ކުރެވިފައި އޮންނަނީ ކަސްރަތަކީ ހަމައެކަނި ހިތުގެބަލިން ރައްކާތެރި ވުމަށް މުހިއްމުރޯލެއް އަދާކުރާ ކަމެއް ކަމެވެ. ނަމަވެސް ކަސްރަތަކީ ކެންސަރުން ރައްކާތެރިވުމުގައި މުހިއްމުރޯލެއް އަދާކުރާ ކަމެކެވެ. ގިނަ ކެންސަރު ޖެހެނީ ދިރިއުޅުމުގައި ހިޔާރުކުރެވޭ އާދަކާދައިގެ ސަބަބުންނެވެ. "ޖީން" ގެ ސަބަބުންނެއް ނޫނެވެ.
ކަސްރަތުކޮށްގެން ކެންސަރ ޖެހުމުން ދުރުވާނީ ކިހިނެއް ހެއްޔެވެ؟
ހ. އުނަގަނޑުގެ ވަށަމިން ކުޑަކޮށްގެން އުރަމަތީގެ ކެންސަރ އާ ދުރުވުން
ކަސްރަތު ނުކުރާ އަންހެނުންނަށްވުރެ ގަވާއިދުން ކަސްރަތުކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރ ޖެހުމުން %40-30 ރައްކާތެރި ކޮށްދެއެވެ. މިކަމުގައި އަންހެން ހޯމޯން "އީސްޓްރޯޖަން" މުހިއްމު ރޯލެއް އަދާކުރެއެވެ. މިހޯމޯން ލޭގައި އިތުރުވުމުން އުރަމަތީގެ ކެންސަރ އަށް މަގުފަހިވެއެވެ. ކަސްރަތުކުރުމުން މިހޯމޯން ލޭގައި ދައުރު ކުރުން މަދުވެއެވެ. އަދި ކަސްރަތުގެ ސަބަބުން ކެންސަރ ޖެހުން މަގުފަހިވާ އިންސުލިން ހޯމޯން ލޭގައި ދައުރު ކުރާމިންވަރު މަދު ކޮށްދެއެވެ.
ކުރިން ހީކުރެވިފައިވާ ގޮތާ ހިލާފަށް އިއްދައިން ކެނޑުމަށްފަހުގައި ވެސް އަންހެނުން ގެ "ފެޓް" ސެލްތަކުން އިސްޓްރޯޖަން އުފައްދައި ދެއެވެ. މީގެ ނަތީޖާއަކީ އުރަމަތީގެ ކެންސަރ އަށް މަގުފަހިވުމެވެ. މިސަބަބަށްޓަކައި އިއްދައިން ކެނޑުމަށްފަހުވެސް ގަވާއިދުން ކަސްރަތު ކުރުމަކީ އުރަމަތީގެ ކެންސަރުން ރައްކާތެރިވުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.
ށ. ބޮޑުގޮހޮރުގެ ކެންސަރ ގެ ހަނގުރާމައިން ކާމިޔާބީ ހޯދުން
ބޮޑުގޮހޮރާ ފުރަގަސް ފަރާތު ދޮރަށްޖެހޭ ކެންސަރ އިން ރައްކާތެރިވުމަށް ގަވާއިދުން ކަސްރަތުކުރުމަކީ މުހިއްމުކަމެކެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކައިދޭގޮތުގައި ބޮޑުގޮހޮރާއި ފުރަގަސްފަރާތު ދޮރަށް ޖެހޭ ކެންސަރ އަކީ ދުނިޔޭގެ ތިން ވަނައަށް އެންމެގިނަ ކެންސަރއެވެ. އަދި 2016 ވަނަ އަހަރު 1.4 މިލިޔަން މީހުންނަށް މިބަލި އަލަށް ޖެހިފައި ވެއެވެ. އަދި މި އަދަދުގެ ތިންބައި ކޮށްފަ ދެބައި ޖެހެނީ ތަރައްގީގެ މިންގަނޑުތަކުން ކުރިއަރައިފައިވާ ނޫނީ ކުރިއަރަމުން އަންނަ ގައުމުތަކެވެ. މީގެތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
ދާއިމީކޮށް ކަސްރަތުކުރާ މީހުންނަށް ގޮހޮރުގެ ކެންސަރ ޖެހުން ގާތްގަނޑަކަށް ސައްތަޔަކުން 30 ޕަސެންޓް ދައްވެއެވެ. މިކަމުގެ ސަބަބަކަށް ބެލެވެނީ ހަށިގަނޑުން ސަރުބީ މަދުވުމުން، އިންސިއުލިން އަދި "ގްރޯތް ފެކްޓަރސް" ހަށިގަނޑުން މަދުވުން ފަދަ ސަބަބުތަކެވެ.
ކަސްރަތު ކުރުމުގެ މިންގަނޑުތަކަކީ ކޮބާ؟
މިކަމުގެ ގިނަ މާހިރުން އެއްބަސްވާގޮތުގައި، ހަފްތާއެއްގެ ގިނަ ދުވަހު 30 މިނެޓުގެ ކަސްރަތު، މަތީގައި ބަޔާން ކުރެވުން ރިސްކުތައް ދައްކުރުމަށް ފުދެއެވެ. ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރުމަށް، ދުވާލަކު އެއްގަޑިއިރު ބާރަށް ހިނގުން ފަދަ ކަސްރަތު ކުރުމުން ފުދެއެވެ.
ފުރަތަމަ ކަމަކަށް އަބަދު ގޮނޑީގައި ނުއިނދެ ތެދުވާށެވެ!
މިކަހަލަ ކަސްރަތު ތާވަލެއް ރާވައި ކުރިޔަށް ގެންދިއުމަކީ ހީކުރާ ވަރަށްވުރެ ފަސޭހަކަމެކެވެ. ދުވާލަކު އެއްގަޑިއިރު ހިނގުމަށް، ނޫނި ބައިސްކަލް ދުއްވުން ނޫނީ މަޑުން ފެތުންފަދަ މަދު ވަސީލަތާއެކު ފަސޭހައިން ކުރެވޭފަދަ ކަސްރަތުތައް، ގަވާއިދުން ކުރެވޭނަމަ ނަތީޖާ އެންމެ ރަނގަޅުވާނެއެވެ.
މަތީގައި ބަޔާން ކުރެވުނު ކަސްރަތުގެ އިތުރުން އިތުރަށް ހަރަކާތްތެރިވެ އުޅުމަށް ކުރެވިދާނެ ކަންކަން ތިރީގައި އެވަނީ ބަޔާން ކުރެވިފައެވެ.
- ލިފްޓުގެ ބަދަލުގައި ސިޑި ހިޔާރުކުރުން
- މަސައްކަތަށް ދިޔުން ނޫނީ އައުމުގައި އިންޖީނުލީ އުޅަނދެއްގެ ބަދަލުގައި ހިނގާފައި ނޫނީ ބައިސްކަލެއް ހިޔާރުކުރުން
- ކުޅޭހިއްވާ ކުޅިވަރެއް ރައްޓެހިންނާއެކު ގަވާއިދުން ކުޅުން
- ގޭގައި ޓީވީބަލަން ހުސްވަގުތު އިންނައިރު ގޮނޑިން ތެދުވެ ސިޓަޕް، ޕުޝްއަޕް ނޫނީ ލެގް ރައިސަސް ފަދަ ކަސްރަތުކުރުން
- ފިޔަވަޅު ގުނޭ ފަދަ " ޕެޑޯމީޓަރ" އެއް ބޭނުންކޮށް ދުވާލަކު އިތުރުވަމުންދާ ފިޔަވަޅު ފެނުމުން ޝައުގު އިތުރުވެ ކަސްރަތުކުރުމަށް އިތުރު ހިތްވަރެއް ލިބިދޭ
- ޓީވީ ބަލާ ވަގުތު ކަސްރަތުކުރާ ބައިސްކަލެއް ފަދަ ވަސީލަތެއް ބޭނުންކުރުން
ފަހުބަސް
ގިނަފަހަރު މީހުން ދެކެނީ ކަސްރަތު ކުރުމަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ނޫނީ ބަރުދަން ލުއި ކުރުމަށް ކުރާކަމެއްގެ ގޮތުގައެވެ. މި ބަޔާން ކުރެވުނު ދެ ކަންތަކަކީ ވެސް ކަސްރަތުކުރުމުގެ ރަނގަޅު މަގްސަދެކެވެ.
ނަމަވެސް ކަސްރަތުކުރުމުގެ މައިގަނޑު އަސާސްއަކަށް ވާން ވާނީ އަމިއްލައަށް ދުޅަހެޔޮކޮށް ހުރުމުގެ ގަސްތެވެ. ދާއިމީ ދިގު މުއްދަތެއްގައި ވޭތުކުރަންޖެހޭފަދަ ބަލިތަކުން ރައްކާތެރިވުމަށް އެންމެ ބޮޑު ސަމާލު ކަމެއް ދިނުމެވެ.
ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.