ހިތިފަތުބުމައެކޭ ބުނެލުމުން ސިފަވަނީ ވަރަށް ރީތި ބުމައެއްގެ ގޮތުގައެވެ. އެއީ ކުރީޒަމާނުއްސުރެ ރީތި ބުމައެކޭ ބުނުމަށް މިސާލެއްގެ ގޮތުގައި ބޭނުންކޮށް އުޅޭ ބަހެކެވެ. ރީތި ބުމައެއް ހުރުމަކީ މީހާގެ ރީތިކަން އިތުރަށް ދައްކުވައިދޭ ކަމެކެވެ. ބައެއް މީހުންނަކީ އުފެދުމުގައިވެސް ރީތި ބުމަ ހުންނަ މީހުންނެވެ. އަނެއްބައި މީހުންނަކީ ބުމަ ރީތިކޮށް ބެހެއްޓުމަށްޓަކައި މަސައްކަތްކުރާ ބައެކެވެ. ޒަމާނަށް އައި ބަދަލާއެކު ރީތިވުމަށް ކުރެވިދާނެ ކަންތައްތައް ހުރެއެވެ. މިގޮތުން ބުމައިގައި ހުންނަ އިސްތަށިތައް ގިނަކޮށް ވަރުގަދަކޮށް އަދި ކުލަ ރީތިކުރުމަށް ކުރެވިދާނެ ކަންތައްތައް ހުރެއެވެ. ހިތިފަތުބުމައެއް ނުވަތަ ރީތި ބުމައެއް ބެހެއްޓުމަށް ކުޑަ ޚަރަދަކުން ގޭގައި އަމިއްލައަށް ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެއެވެ.
ކާސްޓްރޯ އޮއިލް
މިއީ ވަރަށް ރަނގަޅު ކަމަށް މަޝްހޫރުވެފައިވާ ތެލެކެވެ. މިތެލުގެ ކުޑަމިންވަރެއް ބުމައިގައި އުނގުޅާލުމަށްފަހު އިނގިލިތަކުން މަޑުމަޑުން މަސާޖުކޮށްލާށެވެ. އެއަށްފަހު 30 މިނިޓްވަރު ބަހައްޓާށެވެ. އެއަށްފަހު މޭކަޕް ރިމޫވަރ ކަހަލަ އެއްޗަކުން ރަނގަޅަށް ބުމަ ސާފުކޮށްލުމަށްފަހު މޫނާއެކު ދޮވެލާށެވެ. މިގޮތަށް ކޮންމެ ދުވަހަކު އަމަލުކުރަން ފަށައިފިނަމަ ވަރަށް އަވަހަށް ބޭނުންވާގޮތަށް ބުމައިގެ ރީތިކަން ފެންނަން ފަށާނެއެވެ.
ކާށިތެޔޮ
ކާށިތެލަކީ ދިވެހީންގެ ތެރޭގައި ވަރަށް އާއްމުކޮށް ބޭނުންކޮށް އުޅޭ ތެލެކެވެ. ކަފަބުރެއްގައި ކާށިތެޔޮކޮޅެއް ލުމަށްފަހު ތެންމާލާށެވެ. އެއަށްފަހު ބުމައިގައި ހާކާލާށެވެ. މިގޮތަށް ހާކާލުމަށްފަހު ރޭގަނޑު ނިދާށެވެ. ހެދުނު ހޭލުމަށްފަހު މޫނާއެކު ދޮވެލާށެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން މިގޮތަށް އަމަލުކުރުމުންވެސް ބުމަ ރީތިވާކަން ފާހަގަވާނެއެވެ.
އޮލިވް އޮއިލް
އޮލިވް އޮއިލް އަކީ އިސްތަށި ފެޅުމާއި ދިގުވުމަށްވެސް ބޭނުންކުރާ ފައިދާ ހުރި ތެލެކެވެ. އޮލިވް އޮއިލްވެސް އިނގިލި ކުރީގައި ހާކާލުމަށްފަހު ބުމަ މަސާޖުކޮށްލާށެވެ. އެއަށްފަހު 2 ނުވަތަ 3 ގަޑިއިރު ބަހައްޓާފަ ދޮވެލާށެވެ.