ފޭސްބުކް 'ކްވީން ކޭކްސް' ޕޭޖް ބަލާލުމުން ފެންނަނީ ތަފާތު މުނާސަބަތުތައް ފާހަގަކުރުމަށް ތައްޔާރުކޮށްފައިވާ ވަރަށް ރީތި ކޭކުތަކެވެ. މި ރީތި ކޭކުތައް ތައްޔާރު ކުރުމުގެ ފަހަތުގައި ހުރީ ހުނަރުވެރި އާއިޝަތު ވަހީދާ އެވެ.

ޏ. ފުވައްމުލަކަށް އުފަން ވަހީދާ ކޭކު އަޅަން ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. އެންމެ ފުރަތަމަ ކޭކް އަޅަން ފެށުނު ގޮތް ވަނީ 'ޒީޓައިމްސް' އަށް ކިޔައިދީފައެވެ.
" އަޅުގަނޑުގެ ބޮޑުދައިތައެއް ކަމަށްވާ ވަސީމާއްތައަކީ ކޭކުއެޅުމުގެ މަސައްކަތްކުރާ މީހެއް. ވަސީމާއްތަގެ ފަރާތުން މިމަސައްކަތް ދަސްވީ. ހުރިހާވައްތަރެއްގެ ކޭކެއްވެސް އަޅަން. ފުވައްމުލަކުގައި ކޭކުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރިން".
ދެކުދިންނާއި އާއިލާގެ ޒިންމާ އަދާކުރަމުން ވަހީދާގެ މިމަސައްކަތް ދެން ކުރަން ފެށީ މާލޭގައެވެ. ދަރިންނަށް ތަޢުލީމް ދިނުމަށް މާލެ ބަދަލުވުމާއެކު މާލެ އިންވެސް އޭނާގެ ކޭކުތަކަށް އޮންނަ ތަރުހީބު ވަރަށް ބޮޑެވެ.

" ރަށުގައި އުޅުނުއިރު ދުވާލަކު 5 ނުވަތަ 8 ކޭކު އަޅަން. ދުވަސްކޮޅަކަށް ކޭކުއެޅުމަށް ޚާއްސަ ތަނެއް ރަށުގައި ހުޅުވިން. މާލެ ބަދަލުވުމަށްފަހުވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޭކު އަޅަން. މާލޭގައި ކޭކުގެ އަގު ބޮޑު. އަދި ބޭނުންވާތަކެތި ފަސޭހައިން ލިބެން ހުރޭ".
މާލޭގައި ވެސް ކޭކު އެޅުމުގެ މަސައްކަތުގައި އެންމެ ޑިމާންޑް ބޮޑު ދެދުވަހަކީ ހުކުރު ހޮނިހިރު ދެދުވަހެވެ. އެއީ އެ ދެދުވަހަކީ ބަންދު ދެދުވަހަށް ވުމުން ގިނަ އަދަދަކަށް ޕާޓީތައް ބާއްވާ ދެދުވަހަށް ވާތީއެވެ.
" ވަރަށް ގިނަ މީހުން ބުނޭ ކޭކު ވަރަށް މީރޭ. ތަކުރާރުކޮށް އެއްބައެއްގެ ފަރާތުން އޯޑަރު ލިބޭ. ޗޮކްލެޓް ކޭކް އާއި ބަޓަރ ކޭކް އަދި ވިޕިން ކްރީމް ވަރަށް މަޝްހޫރު. ވަރަށް އުފާވޭ ކޭކާއި މެދު ހިތްހަމަޖެހިގެން ކޮމެންޓް ކުރީމަ. ގޭގަ ހުރެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް މިއީ". އުފަލާއެކު ވަހީދާ ފާހަގަކުރިއެވެ.

މާލޭގައި ވެސް ކޭކަށް ޚާއްސަ އައުޓްލެޓެއް ހުޅުވަން ވަރަށް ގިނައިން މީހުން ބުނާ ކަމަށާއި އެހެންނަމަވެސް އެފަދަ ތަނެއް ހުޅުވުމަށް ވިސްނަނީ ދަރިން ކިޔަވައި ނިމުމުން ކަމަށް ވަނީ ބުނެފައެވެ. މާލޭގައި ފުޅާ ދާއިރާއެއްގައި ކޭކު އެޅިއަސް ޑެލިވަރީ ކުރަން އަދި ނުފަށައެވެ. ކުރިއަށް އޮތްތާގައި ޑެލިވަރީ އަށް މީހަކު ހޯދުމަށް ދަނީ ވިސްނަމުންނެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ވަހީދާ އަށް އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ފިރިމީހާކަން ވަނީ އުފަލާއި ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.

ވަހީދާ އެންމެ ފާހަގަކުރެވެނީ ކަސްޓަމަރުން ބޭނުންވާ ރޭންޖަކަށް ފެތޭގޮތަށް ކޭކު ތައްޔާރުކޮށްދޭތީ އެވެ. މިއީ ގިނަ ވަގުތު ހޭދަވާ ބުރަ މަސައްކަތަކަށްވިއަސް ވަހީދާ ތައްޔާރުކުރާ ކޭކުގެ އަގު އުޅެނީ 300 ރުފިޔާ އިން ފެށިގެން 5000 ރުފިޔާ އާއި ދެމެދުގައެވެ. އެއީ ކައިވެނި ޕާޓީ ހިމެނޭގޮތަށް ތަފާތު މުނާސަބަތުތަކަށް ޚާއްސަ ކޭކުތަކެވެ.
ވަހީދާ ތައްޔާރުކުރާ މި ރީތި ކޭކް ބޭނުންނަމަ ފޭސްބުކް ޕޭޖް Queen Cakes އަށް މެސެޖު ކުރެވިދާނެއެވެ.