މަސައްކަތުގެ މާހައުލަކީ ދުވާލުގެ ގިނަ ވަގުތު ހޭދަކުރާ ދެވަނަ ގެއެވެ. އަމިއްލަ ގެއަށްދޭ ސަމާލުކަމާއި ލޯބި މަސައްކަތްކުރާ ތަނާ މެދު އޮތުން މުހިއްމެވެ. ހަފްތާގެ 5 ނުވަތަ 6 ދުވަހުގެ ގިނަ ވަގުތު އެތަނެއްގައި ހޭދަކުރާ އެމާހައުލަކީ ސާފުތާހިރުކަމާއި ރައްކާތެރިކަން އޮންނަންޖެހޭ މާހައުލެއްކަން ވިސްނުންވެސް މުހިއްމެވެ. ގިނަ މީހުންނަކީ އެމީހެއްގެ މަސައްކަތް ހުންނަގޮތުން ހެނދުނު ދާގޮތަށް ރޭގަނޑު ވަންދެންވެސް އޮފީހުގައި ތިބޭ ބައެކެވެ. އެމީހަކު ކުރާ މަސައްކަތެއްގެ ގޮތުންނާއި މަސައްކަތަށް ދެވިފައިވާ ލޯތްބެއްގެ ސަބަބުން އެތަނެއްގައި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރާ މީހުންވެސް ތިބެއެވެ.
މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ ތެރޭގައި ހިމެނޭ ކަންކަން ވަރަށް ގިނައެވެ. ގިނަ އޮފީސްތަކަކީ ހެނދުނު މަސައްކަތްކުރަންޖެހޭ ތަންތަން ކަމަށްވާއިރު ހެނދުނު ހޭލުމާއެކު އަވަސްވެގަންނާނީ މަސައްކަތަށް ދިއުމަށެވެ. ހެނދުނު ހޭލުމަށްފަހު ފުރަތަމަ ކަމަކަށް މީހާގެ ހަށިގަނޑު ސާފުތާހިރުކުރުމަށް ވިސްނާށެވެ. ރަނގަޅަށް ފެންވަރާ ސާފުކޮށް މީރުވަސްދުވާ އެއްޗެހި ހަށިގަނޑުގައި ހޭކުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް "ޑިއޮޑޮރަންޓް" ބޭނުންކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ގިނަވަގުތު އޮފީހުގައި ހޭދަކުރާއިރު ކިރިޔާ ދާހިއްލިއަސް ގައިން ނުބައިވަސްދުވާ މީހުންވެސް ތިބެއެވެ. މިކަހަލަ މީހުން މިކަންކަމުގައި ޚާއްސަ ސަމާލުމަށް ދޭންވާނެއެވެ. އެއަރކޯން ޖައްސާފަ ހުންނަ ތަންތަނުގައި ތިބޭއިރު ޖެހިގެން އިންނަ މީހާގެ ގައިން ނުބައިވަސް ދުވާނަމަ އެމީހާގެ މަސައްކަތަށް ބުރޫ އަރައެވެ. އެކަމުގެ ސަބަބުން އުދަގޫވާ މީހާ ބޯއަނބުރާގޮތްވެ މަސައްކަތްކުރަން ފޫހިވެއެވެ. ނަތީޖާއަކަށްވަނީ ގައިން ނުބައިވަސްދުވާ މީހާ އެކަހެރިކޮށްލެވެއެވެ. ލަދުގަނެފާނެތީ ބުނަން ނުކެރި އެތައް ދުވަހަކު ނުސީދާކޮށް ބުނެދެވޭތޯ މަސައްކަތްކުރުމުންވެސް އެދެވޭ ނަތީޖާ ނުފެނިދެއެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުދެކެ ބައެއް މީހުން ފޫހިވެސްވެއެވެ.
ބައެއް މީހުންނަކީ އުފެދުމުގައިވެސް ގިނައިރުވުމުން އަނގައިން ނުބައިވަސްދުވާ މީހުންނެވެ. ހެނދުނު އޮފީހަށްދާއިރު ރަނގަޅަށް ދަތް ނުއުނގުޅާނަމަ އެކަމުގެ ސަބަބުން އޮފީހުގައި އުޅޭ އެހެންމީހުންނަށް އުދަގޫވެއެވެ. މިކަހަލަ ކަމެއް ހުންނަކަން އަމިއްލައަށް ފާހަގަކުރެވޭނަމަ "މައުތުވޮޝް" އެއް ކަހަލަ އެއްޗެއް އަތްދަބަހުގައި ގެންގުޅުން މުހިއްމެވެ. ނޫންނަމަ 'މިންޓް' ނުވަތަ ކަރަންފޫ އަނގައިގަ ބާއްވާލުމުންވެސް އެކަމަށް ހައްލު ލިބިދެއެވެ. މިކަހަލަ ކަންކަމަކީ މަސައްކަތުގެ މާހައުލުގައި ވިސްނަންޖެހޭ ވަރަށް މުހިއްމު މައްސަލަތަކެވެ. ބައެއް ފިރިހެނުން އަދި މިހާރަކަށް އައިސް މަދުންނަމަވެސް އަންހެނުންވެސް ދުންފަތުގެ އިސްތިއުމާލުކުރެއެވެ. މިކަހަލަ މީހުންވެސް އޮފީހަށް ވަންނައިރު ގައިން ސިގިރެޓުގެވަސް ދުވުމުން އުދަގޫވާ ބަޔަކު އޮފީހުގައި އުޅޭނެކަން ވިސްނަންވާނެއެވެ. ޚާއްސަކޮށް މާބަނޑު އަންހެނުންނަކީ އެކަހަލަަ ވަސްތަކަށް ވަރަށް ނާޒުކު ބައެކެވެ. މިހުރިހާ ކަމަކަށް ވިސްނައިގެން އޮފީސް މާހައުލުގެ ސާފުތާހިރުކަން ބެހެއްޓުން ވަރަށް މުހިއްމެވެ.
އޮފީހެއްގައި ވިޔަސް އަދި އެހެން ތަނެއްގައިވިޔަސް އަނެކާއަށް އުދަގޫވާނެހެން ކަންކަން ނުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ބައެއް މީހުންނަކީ އޮފީހަށް އަންނައިރު ރީތިކޮށް ތިބޭ ބައެއްނޫނެވެ. ބޮލުގެ އިސްތަށިގަނޑު ހާވާލާފައި ރީތިކޮށް ނުބެހެއްޓުމުން އޮފީސްތެރެއަށް އިސްތަށި ފައިބައި އިށީންނަ ގޮޑީގައިވެސް އިސްތަށިތައް ހަރުލާފައި ހުރެއެވެ. މިއީ މީހާގެ ސާފުތާހިރުކަން ކުޑަވުމުން ދިމާވާ މައްސަލައެކެވެ. ލައިގެން އަންނަ ހެދުމަކީ ރީއްޗަށް އިސްތިރި ކުރެވިފައިވާ ހެދުމަކަށްވުމާއި އަރައިގެން އަންނަ ފައިވާން ނުވަތަ ބޫޓަކީ ރީއްޗަށް ސާފުކޮށްފައި ނުބައިވަސް ނުދުވާ އެއްޗަކަށް ވާންޖެހެއެވެ. ބައެއް ފަހަރު މަސައްކަތުގެ މާހައުލުގައި އުޅޭއިރު ނޭފަތްފޮޅާފައި ޓިޝޫކޮޅު އެމީހެއްގެ މޭޒުމަތީގައި ބޭއްވިފައިވެސް އޮވެއެވެ. މީގެ ސަބަބުން އޮފީހުގެ އެހެންމީހުންގެ ގަޔަށް ބެކްޓީރިއާ ފެތުރި ބަލި ގިނަވުންވެސް ދިމާވެއެވެ. ބައެއްފަހަރު ކޮފީ ބޮއެެފައި ނުދޮވެ ގިނައިރު ތަށި ބެހެއްޓުން ކަހަލަ ކަންކަންވެސް ކުރެއެވެ. އޮފީހުގައި އައިސްއަލަމާރިއެއް އަދި ބަދިގެއެއް ހުންނަނަމަ އެތަނަކީވެސް ސާފުތާހިރު ތަނެއް ކަމުގައި ހަދައި ފާޚާނާއަކީވެސް ސާފުތާހިރުކޮށް ބަހައްޓަންޖެހޭ ތަނެކެވެ.
އޮފީހުގެ މާއަހުލަކީ ތިމާ އެންމެ ލޯބިވާ ސާފުތާހިރުކޮށް ބެހެއްޓުމަށް ސަމާލުކަންދޭންވީ އެއްތަނެވެ. އެންމެ މީހަކު ކުރާ ކަމަކުން އެތައް ބަޔަކަށް އުދަގޫވެ އަރިދަފުސް ރޯގާފަދަ ބަލިތައް ފެތުރުމުގެ ފުރުސަތުވެސް ބޮޑުވެދާނެއެވެ. އޮފީހަށް ދާއިރު މީރުވަސްދުވާ ބޮޑީސްޕްރޭ ނުވަތަ ސެންޓް ޖަހައިގެން ދިއުމަކީ މީހުން ތިބާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވެ އެތައްބަޔަކު ތިބާ ދެކެ ލޯބިވާނެކަމެކެވެ. ސާފުތާހިރު މީހަކަށް ނުވެއްޖެނަމަ އެހެން މީހުން ތިބާ އެކަހެރިކޮށްލުމުގެ ފުރުސަތު އޮވެދާނެއެވެ. މިހުރިހާ ކަމަކަށްޓަކައި އަމިއްލަ ސާފުތާހިރުކަމަކީ ވަރަށް މުހިއްމު އެއްޗެކެވެ. އަދި ޚާއްސަކޮށް ބަލިތަކުން ރައްކާތެރިވުމަށްޓަކައިވެސް މެއެވެ.