November 22, 2024 18:06
Advertisement

-Advertisement-

އާދައިގެ ދިރިއުޅުމަކަށް އުންމީދުކުރާ ޔޫޢާންގެ ފަރުވާއަށް އެހީވަމާ!

އުމުރުން 9 އަހަރުގެ ޔޫޢާން މުހައްމަދު މުއާޒަކީ އުފެދުމުގައި މާބޮޑު މައްސަލައެއް ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް އުމުރުން 1 އަހަރާއި 6 މަހުގައި އޯޓިޒަމް ހުރިކަން ފާހަގަކުރެވުނެވެ.

ޔޫޢާންގެ ހަރަކާތްތައް ހުންނަގޮތުން ޝައްކުތަކެއް ކުރެވޭތީ އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދައްކާލުމުން އޯޓިޒަމް އަށް ޑައިގްނޯސް ކުރެވުނެވެ. އޭރު ޑޮކްޓަރ ލަފާދެއްވީ އަވަހަށް ސްކޫލަށް ވެއްދުމަށެވެ. ދުވަސްތައް ފާއިތުވެގެން ދިޔައިރު އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ޔޫޢާންގެ މަންމަ ބ. އޭދަފުއްޓަށް އުފަން އައިމިނަތު ސަމާހާ 'ޒީޓައިމްސް' އަށް މައުލޫމާތުދިންގޮތުގައި ވަރަށް ކަންބޮޑުވެއެވެ. ފުރަތަމަ ދަރިފުޅަށްވެފައި އެހާ ދުވަސްކޮށްފައި ލިބުނު ދަރިފުޅަށް ވީތީ އެއިރު އަބަދުވެސް ވިސްނެނީ ދަރިފުޅާއި މެދު އެވެ.

ޔޫޢާން މެދުގައި އަދި މަންމައާއި ބައްޕައާއި ކޮއްކޮމެން

އުއްމީދު ގެއްލުވާނުލާ ވަޒީފާއިން 'ނޯޕޭ ލީވް' ނަގައިގެން އެކަނިމާއެކަނި ސަމާހާ ދިރިއުޅުން ބަދަލުކުރީ ސްރީލަންކާއަށެވެ. ފިރިމީހާ މާލޭގައި މަޑުކުރުމަށްފަހު ތުއްތު ދަރިފުޅަށް ފަރުވާކުރުމަށްޓަކައި އެތަކެއް ގުރޫބާނީތަކެއް ސަމާހާ ވިއެވެ. 2017 ވަނަ އަހަރު ސްރީލަންކާގެ "އޯރަލް އޯރަލް" އަށް ދައްކައިގެން ތެރަޕީ ނަގަން ފެށިއެވެ. އެއަހަރުގެ ޖުލައި މަހުން ފެށިގެން އެއްއަހަރުގެ މުއްދަތަށް ތެރަޕީ ނެގުމަށްފަހު މާލީ ދަތިތަކާއި ހުރެ މާލެ ބަދަލުވީއެވެ. މާލެ ބަދަލުވުމަށްފަހު މާލޭގައި ހުންނަ ކުލިނިކަކުން ތެރަޕީ ނަގަން ފެށީއެވެ. އޭރު ތެރަޕީ ނަގަން އެންސްޕާ އިންވެސް އެހީ ލިބުނު ކަމުގައި ސަމާހާ ފާހަގަކުރިއެވެ. އަދި މިހާރު މާލެއިން ދަނީ ތެރަޕީ ނަގަމުންނެވެ.

Advertisement

" ޔޫޢާން އަށް ބުނެދޭކަށް ނޭނގޭ ބޭނުންވާ ކަންކަމެއް، އަމިއްލައަށް އެއްޗެހި ބަދަލުކުރާކަށް ނޭނގޭ. ކާންވެސް ދޭން ކައިރީގައި އަބަދު ހުންނަންޖެހޭ. ޚާއްސަކޮށް ނުރައްކާތެރި ކަންކަމަކީ ކޮބައިކަމެއް ނޭނގޭނެ. އަލިފާނުންވެސް ހޫނުވާ ކަމެއް ނޭނގޭ. މަގުމައްޗަށް ނެރުނަސް ދުއްވައިގަތީމަ ދުއްވާ އެއްޗެއްގައި ޖެހިދާނެ ކަމެއް ނުވިސްނޭ. ސްކޫލުގައިވެސް ކުދިންނާ އެއްކޮށް އުޅެން ނޭނގޭނެ. ކުޅޭ އެއްޗެހިވެސް ކުޅެންވާގޮތެއް ނޭނގޭނެ. ކިޔާދިނަސް އަނެއްހެން މާބޮޑަކަށް އަޅައެއް ނުލާނެ. ނަސީބަކުން އިރާދަކުރެއްވިއްޔާ އަމިއްލައަށް ގެއްލުންދީ ކުދިންގެ ގައިގައި ޖަހާ ނުހަދާނެ". ސަމާހާ ކިޔައިދިނެވެ.

މިހާރު ސަމާހާ އަކީ 3 ކުދިން ގޮވައިގެން އުޅޭ މަންމައަކަށް ވުމުން ޔޫޢާން އެކަނި ހުރިއިރު ދިން ސަމާލުކަން ދޭން ދަތިވާފަހަރު ވެސް އާދެއެވެ. ޔޫޢާން އަކީ ބަލާބެލުމަށް އޯޓިޒަމް ކުއްޖެއްހެން ހީނުވިއަސް ވަރަށް ގިނަ ކަންކަމުގައި އުދަގޫތަކެއް ހުންނަކަން ފާހަގަކުރިއެވެ. އަބަދުވެސް ކައިރީގައި ވާނުވާ ބަލަން ހުންނަންޖެހޭއިރު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމުގެ ބިރު އޮންނަކަމަށް ސަމާހާ އަސަރާއެކު ކިޔައިދިނެވެ.

" ޔޫޢާންގެ އުމުރުން 10 އަހަރުވާން ކައިރިވުމާއެކު ބޭނުންވަނީ ޔޫޢާން އަކީވެސް އެހެން ކުދިންނާ އެއްފަދަ އާދައިގެ ދިރިއުޅުމެއްގައި އަމިއްލަ ޒިންމާ ނަގައިގެން އުޅެވޭނެ ފަދަ ކުއްޖެއްގެ ގޮތުގައި ބޮޑުވާތަން ދެކޭށެވެ. ސްޓެމްސެލް ތެރަޕީ (ނިއުރޯ ރިޖެނެރޭޓިވް ރިހެބިލިޓޭޝަން ތެރަޕީ) ދިނުމުން ކުދިންނަށް އަންނަ ކުރިއެރުންތައް ފެންނާތީ އެފަރުވާ ހޯދަން ސަމާހާގެ އާއިލާއިން ވެސް ބޭނުންވެއެވެ.

ޔޫޢާންގެ ފަރުވާއާއި ގުޅޭގޮތުން ރާއްޖޭގެ ކުލިނިކަކުން ދީފައިވާ ލިޔުން

" ސްޓެމްސެލް ތެރަޕީ ދީގެން ރާއްޖެ އަންނަ ކުދިންގެ ބެލެނިވެރިން ކައިރިން މައުލޫމާތު ހޯދިއިރު އެކަމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް އަންނަކަމަށް ވަނީ ބުނެފައި. އަޅުގަނޑުމެން ބޭނުން ދަރިފުޅަށް ރަނގަޅު ފަރުވާދީގެން ރަނގަޅުވޭތޯ މަސައްކަތްކުރަން. ސްޓެމްސެލް ތެރަޕީގެ ފަރުވާ ހޯދުމަށް ބަލާއިރު، އަޅުގަނޑުމެންގެ އެވަރުގެ ފޯރުންތެރިކަމެއް ނެތް. މިފަރުވާއަށް 13900 ޑޮލަރު ބޭނުންވޭ".

ފަރުވާއާއި ގުޅޭގޮތުން އިންޑިއާއިން ދީފައިވާ ލިޔުން

 ސްޓެމްސްލް ފަރުވާގެ ފުރަތަމަ ބުރަށް އިންޑިއާގެ މުމްބާއީ އަށް ދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ސަމާހާގެ އާއިލާއިން ދަނީ ކުރަމުންނެވެ. މިފަރުވާއަށް އާއިލާއާއި ރައްޓެހިން އަދި އެންސްޕާއިން ދީފައިވާ އެހީއަށް ޔޫޢާންގެ މަންމަ ޝުކުރު އަދާކުރިއެވެ. އެހެންނަމަވެސް ފަރުވާ ފުރިހަމަކުރުމަށް ބޭނުންވާ އަދަދަށް ފައިސާ ހަމަނުވާތީ އާންމުންގެ އެހީއަށް އެދެން ޖެހުނީކަމަށް ވަނީ ބުނެފައެވެ. މައިންބަފައިންގެ އެދުމަކީ ވީހާވެސް ގިނަބައެއްގެ ފަރާތުން ދީލަތި އެހީއާއި ހެޔޮދުއާ ލިބުމެވެ. އަދި ޔޫޢާންގެ މައިންބަފައިން ތިބީ މިފަރުވާ ނިމިގެން އައިސް ޔޫޢާން އަށް އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ޔޫޢާން އަށް އެހީތެރިވުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 9993782

ބީއެމްއެލް ރުފިޔާ އެކައުންޓް 7703234842102 (އައިމިނަތު ސަމާހާ) އަށް ނުވަތަ ޔޫއާންގެ ބައްޕަގެ ޑޮލަރު އެކައުންޓް 7730000092946 (މުހައްމަދު މުއާޒު އަލީ)  އަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.  

+1
0
+1
0
+1
2
+1
0
+1
0
+1
1
+1
2

Advertisement

ގުޅުންހުރި ލިޔުންތައް