ދުނިޔޭގެ އެކި ހިސާބުތަކުގައި ލޭއަޅަންޖެހޭ މީހުން ވަރަށް ގިނައެވެ. އެކިކަހަލަ ސަބަބުތަކަށްޓަކައި ލޭ ބޭނުންވާ މީހުންގެ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އޭގެތެރޭގައި ކޮންމެވެސް ކަހަލަ ބައްޔެއްގެ ސަބަބުން ލޭމަދުވާ މީހުންނާއި، އޮޕަރޭޝަން ކުރާ މީހުންގެ ގައިގައި ހުންނަންޖެހޭ މިންވަރަށް ލޭ ނެތުމުގެ ސަބަބުން ލޭއަޅަންޖެހުން ކަހަލަ އެތައް ކަމެއް ހިމެނެއެވެ. އާއްމުގޮތެއްގައި ލޭއަޅާ މީހުންނަށް ބޭނުންވަނީ ލޭގެ 450 އެމްއެލް އެވެ. އެއީ 8 ޕަސެންޓެވެ. މީހެއްގެ ހަށިގަނޑުން މިވަރަށް ލޭނަގައިފިނަމަ އެމީހާގެ ހަށިގަނޑަށް އެބައި އިއާދަވާން 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއް ހޭދަވެއެވެ. އާއްމުގޮތެއްގައި ލޭހަދިޔާ ކުރެވޭނީ އެމީހެއްގެ ހަށިގަނޑުގައި "ހިމަގްލޮބިން" ހުންނަ މިންވަރަށް ބަލާފައެވެ.
މީހުން ލޭހަދިޔާ ކުރަނީ ކީއްވެ؟
ލެއަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗަކަށްވެފައި ލޭދަށްވުމުގެ ސަބަބުން ދެން ދިމާވެދާނެ އިތުރު މައްސަލައަކަށްޓަކައި އަނެކާއަށް ވެދެވޭ އެހީއެއްގެ ގޮތުން ލޭހަދިޔާކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެއްގޮތަކުން ބުނާނަމަ އަނެކާގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ ގޮތުންވެސް ލޭހަދިޔާ ކުރުން މުހިންމެވެ. ބައެއް މީހުން ލޭހުސްވެގެން ފުރާނަ ދޫކޮށްދާތަންވެސް ފެނެއެވެ. މިކަހަލަ އެތައް ސަބަބުތަކަށްޓަކައި ލޭހަދިޔާ ކުރުމަކީ ކޮށްދެވޭ ވަރަށް މާތް ކަމެކެވެ. ލޭހަދިޔާ ކުރާ މީހާ އަކީ ރަނގަޅު ސިއްހަތެއްގައި ހުންނަ މީހަކަށް ވާންވާނެއެވެ. އާންމުކޮށް ލޭހަދިޔާކޮށް އުޅެނީ 18 އަހަރާއި 65 އަހަރާއި ދެމެދުގައެވެ. އަދި ބަރުދަނުގައި މަދުވެގެން 45 ކިލޯ ހުންނަންޖެހެއެވެ.
ލޭހަދިޔާކުރާ މީހާ ލޭދިނުމުގެ ކުރިން ވިސްނަންވީ ކަންތައް:
- ލޭހަދިޔާ ކުރުމުގެ ކުރީ ދުވަހު ރަނގަޅަށް ނިދުމަކީ ވަރަށް މުހިއްމުކަމެކެވެ. ނުނިދާ ހުރެ ލޭހަދިޔާކޮށްފިނަމަ އެމީހަކަށް އިތުރު ވަރުބަލިކަމެއް ދިމާވުން ނުވަތަ ބޯއެނބުރުން ފަދަ އުދަގޫތަކެއް ދިމާވުން އެކަށީގެންވެއެވެ.
- ލޭހަދިޔާ ކުރަން ދާން ޖެހޭނަމަ ދަގަނޑުގެ ބާވަތްތައް ކާންޖެހެއެވެ. އަދި ހިމަގްލޮބިން ލެވަލް ރަނގަޅަށް ބެހެއްޓުން މުހިންމެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެންވެސް ބުއިން ވަރަށް މުހިންމެވެ.
- ލޭހަދިޔާ ކުރުމުގެ 72 ގަޑިއިރު ކުރިން ރޯގާޖެހި ހުން އައިސްފައި ހުރެގެން ނުވާނެއެވެ.
- ލޭހަދިޔާ ކުރުމުގެ 2 ގަޑިއިރު ކުރިން ދުންފަތުގެ އިސްތިއުމާލު ކޮށްގެން ނުވާނެއެވެ.
ލޭހަދިޔާކުރުމަށްފަހު ވިސްނަންވީ ކަންކަން:
- ލޭދިނުމަށްފަހު އެތަނުގައި އިށީދެގެން 5 މިނިޓް މަޑުކޮށްލަންވާނެއެވެ.
- ލޭހަދިޔާކުރުމަށްފަހު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މިންހެޔޮ ކެއުމަށް އިތުރަށް ސަމާލުކަންދީ ރަނގަޅަށް ބަޑު ފުރިފައި ބެހެއްޓުން މުހިންމެވެ. ބަޑުހައިވިޔަ ނުދީ ރަނގަޅަށް ފެންބޯންވާނެއެވެ.
- އެއްވެސް ފިޒީ ބުއިމެއް ނުބޮއި 24 ގަޑިއިރު ހޭދަކުރުން މުހިންމެވެ.
- ލޭދިނުމަށްފަހު 5 ގަޑިއިރު ވަންދެން އެއްވެސް ބަރުއެއްޗެއް އުފުލުން ރައްކާތެރިއެއް ނޫނެވެ.
- ލޭދިނުމަށްފަހު އަރާމުކުރުން މުހިންމެވެ. އަދި ލޭދިނުމަށްފަހު މަޑުނުވެ ގިނައިރު ކޮޅަށް ހުރެގެން ނުވާނެވެ.
- ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވެލަންވާނެއެވެ.
މިހުރިހާ ކަންކަމަކީ ލޭހަދިޔާކުރުމަށްފަހު ވިސްނަންޖެހޭ ވަރަށް މުހިންމު ކަންކަމެވެ.
މައުލޫމާތު: އިންޑިއަން އެކްސްޕްރެސް