ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުންނަ ލަގްޒަރީ ޝޮޕިން މޯލެއްގައި މިދިޔަ އަންގާރަ ދުވަހު ދިން ބަޑީގެ ހަމަލާގެ ސަބަބުން ބެންކޮކް ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދެއެވެ. ބެންކޮކަކީ އާއްމުގޮތެއްގައި ވަރަށް އަމާން އުޅެން ފަސޭހަ ތަނެއްގެ ގޮތުގައި ގިނަ މީހުން ސިފަކުރެއެވެ. ބެންކޮކްގައި ދިރިއުޅޭ ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް ސިފަވަނީ އަމާން ސަރަހައްދެއްގެ ގޮތުގައެވެ. އެހެންނަމަވެސް ބަޑީގެ ހާދިސާއަށްފަހު މިތަނުގައި ދިރިއުޅޭ މި ގައުމުގެ މީހުންނާއި ބިދޭސީންގެ މެދުގައި ބިރުވެރިކަން އުފެދި ނުތަނަވަސްކަމާއި ކުރިމަތިލާން ޖެހުނެވެ. ބެންކޮކްގެ މިޝޮޕިން މޯލަކީ އާއްމުގޮތެއްގައި ބިދޭސީންނާއި އަދި ބެންކޮކްގެ ރައްޔިތުން ކޮންމެ ދުވަހަކުހެން ގޮސްއުޅޭ މޯލެކެވެ. މިމޯލް ހުންނަނީ ސެންޓަރގައި ކަމަށްވާތީ މިތަން އިންނަނީ ޓްރެއިން ސްޓޭޝަންގެ މެއިން ހަބާއިވެސް ގުޅުވާލާފައެވެ.

މިހާދިސާ ހިގީ އަންގާރަ ދުވަހު ހަވީރު ބެންކޮކް ގަޑިން 4:50 ހާއިރުއެވެ. އެގަޑިއަކީ ގިނަބަޔަކު އޮފީސްތައް ނިންމާލުމަށްފަހު ރޭގަނޑުގެ ކެއުމާއި ކޮފީ ބޯންވެސް ވަރަށް ގިނައިން ގޮސްއުޅޭ ވަގުތެކެވެ. ޚަބަރުތައް ބުނާގޮތުގައި އެވަގުތު މޯލްތެރޭގައި ތިބި މީހުންނަށް ކުއްލިއަކަށް އިވެންފެށީ ބަޑީގެ އަޑެވެ. އެއަޑު އިވުމާއެކު މީހުންތައް އެކި ދިމަދިމާލަށް ދުއްވައިގަންނަތަން ފެންނަ ވީޑިއޯވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެއްބަޔަކު ނިކުމެގެންދާއިރު އަނެއްބަޔަކު ތިބީ އެތެރޭގައި ތާށިވެފައެވެ.
ބަޑީގެ ހަމަލާދީފައިވަނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިކުއްޖާއަކީ ސިކުނޑީގައި މައްސަލައެއް ހުންނަ ކުއްޖެއްކަމާއި އަދި އެކަމަށް ބޭސްވެސް ކުރަމުންދާ ކުއްޖެއްކަމަށް މައުލޫމާތު ލިބެއެވެ. މިވަގުތު މީނާ ވަނީ ބޭސް ކެއުން ހުއްޓާލާފައި ކަމަށްވެސް ޚަބަރުލިބެއެވެ. މީނާގެ މިބައްޔަށް ފަރުވާ ހޯދަމުންދަނީ "ކްއީން ސިރިކިޓް ނެޝަނަލް އިންސްޓިޓިއުޓް އޮފް ޗައިލްޑް ހެލްތް"އިންނެވެ. ކުރިން މީނާއަކީ "ރަޗްވިތީ ހޮސްޕިޓަލް" އިން ފަރުވާ ހޯދި ކުއްޖެކެވެ. މީނާ ކިޔަވަމުންދަނީ ބެންކޮކްގެ އިންޓަނޭޝަނަލް ސްކޫލެއް ކަމަށްވާ "ދަ އެސެންސް"ގައެވެ. ބަޑީގެ ހަމަލާއަށްފަހު މީނާ ފުރަތަމަ ގެންދެވުނީ ޕަތުވާމް ޕޮލިސްޓޭޝަނަށް ކަމުގައި ވިޔަސް ފަހުން ހުރީ ސެންޓްރަލް ޖުވެނައިލް އެންޑް ފެމިލީ ކޯޓުގެ ބެލުމުގެ ދަށުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިކުއްޖާ އަކީ "ޝޫޓިން ރޭންޖް"އަށް ގޮސް ބަޑިޖަހާ އަދި މިކަހަލަ ކަންކަން އެނގޭ ކުއްޖެއް ކަމަށްވެއެވެ. މިކަން މީނާ ކުރީ އެއްވެސް މަގްސަދެއްގައި ނޫންކަމަށްވެސް ޚަބަރު ފަތުރާ ފަރާތްތަކުން ހާމަވެއެވެ. ބައެއް ޓްވީޓްތަކުން އެނގިފައިވާ ގޮތުގައި މީނާއަކީ ބަޑިޖަހަން ޕްރެކްޓިސްވެސް ކުރާ ކުއްޖެކެވެ. އަދި މީނާ މިކަން ބޮޑަށް ކުރަން 'އެޑިކްޓްވީ' ގޭމް ކުޅެ އޭގެ އަވާގައި ޖެހިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ޕޮލިހުން މިކުއްޖާ ހައްޔަރު ކުރީ އެމޯލްގެ 3 ވަނަ ފަންގިލާއިންނެވެ. އޭގެފަހުން "އެމް" ފްލޯގައި ހުންނަ ފާޚާނާއިން އޭނާގެ ބެކްޕެކް ކަމަށް ޝައްކުކުރެވޭ ބެކްޕެކެއްވެސް ފެނުނެވެ. ބެލެވޭގޮތުގައި މިއީ އެއްޗެހި ބަދަލުކުރަން ގެންގުޅުނު ބެކްޕެކެކެވެ. މި ބެކްޕެކް އަޅުވައިގެން މީނާ މިމޯލްއަށް ވަދެފައިވާ ކަމަށް ބެލެވެނީ 'ޓްރެއިން'ގައި އައިސް މޯލްތެރެއަށް ވަދެގެންނެވެ. ޓްރެއިން އިން ފައިބައިގެން އިންނަނީ މޯލްއަށް ވަދެވޭގޮތަށް ވުމުން މިތަނަށް ވަންނަން ވަރަށް ފަސޭހަވާނެއެވެ.

މިބަޑީގެ ހަމަލާގައި ދެމީހަކު ވަނީ މަރުވެފައެވެ. އެއީ ޗައިނާ މީހަކާއި ބަރުމާ މީހެކެވެ. މިކަމުގެ ހިތާމާގައި ތައިލެންޑުގެ ޕްރައިމް މިނިސްޓަރ އެމްބަސީއަށް ގުޅުއްވައި ތައުޒިޔާ ވިދާޅުވިއެވެ. ބަޑީގެ މިހަމާލާގައި އިތުރު 3 މީހަކު ޒަޚަމްވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި ހާދިސާއަށްފަހު ޝޮޕިން މޯލްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ. މިހާދިސާ ހިގި ވަގުތު އެތަނަށްދާން އިންނަ ޓްރެއިންވެސް ބަންދުކުރިއެވެ. އެހެންނަމަވެސް ފަހުން ޓްރެއިން ސްޓޭޝަން ހުޅުވިއެވެ. މިހާދިސާއަށްފަހު ގިނަ މީހުންނަށް ލިބުނު ޝޮކުން އަދިވެސް އަރައިނުގަނެވެއެވެ.

ބަޑީގެ މިހަމަލާއަށްފަހު އެދުވަހުގެރޭ އެސަރަހައްދަށް އަޅުގަނޑު ދިޔައިރު ފެނުނީ މުޅިސަރަހައްދު ވަރަށް ހަމަހިމޭންކޮށެވެ. ކުރިން ގިނައަދަދެއްގެ މީހުން ގޮސްއުޅޭ ޝޮޕިންމޯލް ސަރަހައްދުން މަދުންނޫނީ މީހުން ނުފެނެއެވެ. ކޮންމެއަކަސް މިހަމަލާގެ ސަބަބުން ހިތަށް ބިރުވެރިކަން އިހުސާސްވިއެވެ. އަދި މިއީ ވަޒީފާއިން ގެއަށް އަންނަ މަގުމަތީގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްރެއިން މަޑުކުރާ ޝޮޕިންމޯލް އަށް ވުމުން މިހާދިސާ ހިގިއިރު އެސަރަހައްދުގައި ނުހުރެވުން މިއީ ލިބުނު ވަރަށްބޮޑު ނަސީބެކެވެެ.
މައުލޫމާތު: ސޯޝަލް މީޑިއާ، ކޮކްނަޓްސް.ކޯ ބެންކޮކް ޕޯސްޓް