ރ. ރަސްމާދޫ ވަލުތެރޭގައި ވަޅުގަނޑެއް ކޮނެގެން ރާޅާ އަޅާ މަޅުތަކެއް ފޮރުވައިގެން އުޅުނު ކުޑަކުދިންތަކެއްގެ ހަނދާން އެރަށުމީހުން ހުރެދާނެއެވެ. އޭރު ކުޑަކުދިން މޫދަށް އެރި އުޅުމަކީ ސުކޫލުން ހުއްދަދޭ ކަމަކަށް ނުވާތީ، އެކުދިން މޫދަށް އެރެނީ ވަރަށް ސިއްރުންނެވެ. އެއީ ރާޅާ އަޅާ ހިތުންނެވެ. އެކަމަށް އޮތް ލޯތްބާއި ޝައުގެއްގެ ބޮޑުކަމުންނެވެ. 2020 ވަނަ އަހަރުގެ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުން ކުޅިވަރުގެ ދާއިރާއިން ގައުމީ އިނާމު ހާސިލްކުރި ޢަބުދުﷲ އަރީފަކީ މިބުނާ ކުދިންގެ ތެރެއިން ހިމެނުނު މީހެކެވެ.
ޅައިރުގެ އެހަނދާންތައް 'ޒީޓައިމްސް' އާއި ހިއްސާ ކުރަމުން ޢަބުދުﷲ އަރީފް، (އެކުވެރިން ކިޔާ ނަމުން ނަމަ ފުކޫ) ބުނީ ރާޅާ އަޅަން ފެށުނީ އުމުރުން އެންމެ ހައެއްކަ އަހަރުގައި އުފަން ރަށުގައި ކަމަށެވެ. "އޭރު ބޯޑަކީ ހުންނަ އެއްޗެއްކަމެއްވެސް ނޭނގެ، އެހެން އުޅެނިކޮށް އަހަރެމެންގެ އިބޫ (ފުކޫގެ ބޭބޭ ހުސެއިން އަރީފް) އާއި ސުޖާ މާލޭގައި ކިޔަވަން ތިބެފައި ރަށަށް ދިޔަ އިރެއްގައި ގެނައި ބޯޑުތަކެއް، އެމީހުން ބޯޑުގައި ކޮޅަށް ތެދުވެފަ ރާޅާ އަޅާތަން ފެނުނީމަ ހައިރާންވި، ދެން އެހިސާބުން ބޯޑެއް ހޯދަން މަސައްކަތް ފެށީ، ފުރަތަމަ ބުނީ ސުޖާ ކައިރި. 1997 ހިސާބުގައި އުމުރުން 10 ނޫނީ 11 ވަރަކަށް އަހަރުން ފެށިގެން ބޯޑެއްގައި ރާޅާ އަޅަންފެށީ، އޭރުން ފެށިގެން ހުއްޓައެއް ނުލަން" މިއީ ރާޅާ އެޅުމުގެ ކުޅިވަރު ފެށުނު ގޮތެވެ.
މިކަން ފަށައިގަތުމުގައި އަދި ކާމިޔާބީތަކާއި ހަމައަށް ދިއުމުގައި ފުކޫއަށް އެންމެ އެހީތެރިކަން ފޯރުކޮށްދިން ދެމީހުންނަކީ ބޭބެ އިބޫ އާއި އަލްމަރްޙޫމް ހުސެއިން ސުޖާއު ކަމަށް ފުކޫ ބުނެއެވެ. ފުކޫ ބުނީ އޭރު ރާޅާ އެޅުމަކީ އޭނާގެ މަންމަ އާއި ބައްޕަ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް "މާލޭގައި މުބާރާތްތަކުގައި ބައިވެރިވެގެން ވަނަތައް ލިބެން ފެށީމާ މަންމަ އާއި ބައްޕަވެސް ތިބެނީ ވަރަށް އުފާވެފަ" ކަމަށެވެ.
އޭނާވަނީ ދުނިޔޭގެ ފެންވަރު ގިނަ ރާޅާ އެޅުންތެރިންނާ ބައްދަލުވެ، ރާޅާ އެޅުންތެރިންނާ ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދީފައެވެ.
ފުކޫގެ ކާމިޔާބީތަކުގެ ތެރޭގައި ރާއްޖޭގައި ބާއްވާ ގައުމީ ސާފިން ޗެމްޕިއަންޝިޕް "ރަންނަމާރި ޗެލެންޖް" ގައި 2004 އަދި 2005 ގައި ހަތަރުވަނަ ހޯދިއެވެ. އަދި 2006 ގައި އެއްވަނަ ހޯދިއެވެ. އަދި ހަމަ އެއަހަރު ހުދުރަންފުށީގައި އޮތް މުބާރާތެއްގެ ޗެމްޕިއަންކަންވެސް ހޯދިއެވެ. 2007 ގައި ސްރީލަންކާގައި އޮތް މުބާރާތެއްގައި 3ވަނަ އަދި މާލޭގަ އޮތް މުބާރާތެއްގައި ޗެމްޕިއަންކަން ހޯދިއެވެ. އަދި ހަމަ އެއަހަރު މާލޭގައި އޮތް ރެދަން ސާފް ޗެމްޕިއަންޝިޕްގައި 2ވަނަ ހޯދިއެވެ. 2008 ވަނަ އަހަރު އިންޑޮނޭޝިއާގައި އޮތް އޭޝިއަން ބީޗް ގޭމްސްގެ ޓީމު އިވެންޓުން ލޯ މެޑަލް ހާސިލް ކުރިއެވެ. އަދި 2010 ގައި މެލޭޝިއާގައި އޮތް ބައިނަލްއަގްވާމީ މުބާރާތަކުން 5ވަނަ ލިބުނެވެ. 2011 ގައި މާލޭގައި އޮތް ރަންނަމާރި ޗެލެންޖްގައި 3ވަނަ ހޯދިއެވެ. އަދި 2012 ގައި މެލޭޝިއާގައި ބޭއްވި މުބާރާތެއްގައި 3ވަނަ ހޯދިއެވެ. އަދި "ބެސްޓް އިންޓަނޭޝަން ސާފާ" ގެ މަގާމު ހޯދާފައިވެއެވެ. 2012 ގައި މާލޭގައި އޮތް މުބާރާތަކުން 2ވަނަ އަދި އިންޑިއާގައި އޮތް މުބާރާތަކުންވެސް 2 ވަނަ ހޯދިއެވެ. ފުކޫ އަކީ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރޭންކިންގައި 2012ވަނަ އަހަރު 35 ވަނައިގައި ރޭންކް ކުރެވިފައިވާ ރާޅާ އެޅުންތެރިއެކެވެ.
ފުކޫ އެންމެ ބޭނުންވީ 2005ވަނަ އަހަރު ކައިރި ހިސާބުތަކަށް ދަތުރުކޮށް ތަފާތު ސާފިން ޕޮއިންޓްތަކުގައި ތަޖްރިބާކާރުންނާއެކު ތަޖްރިބާ ކޮށްލުމެވެ. އަދި އޭޝިއަން ޗެމްޕިއަންޝިޕަށް ގޮސް އެންމެ އުހަށް ދިއުމަށެވެ. އަދި މިސަރަހައްދުގެ އެންމެ ވަރުގަދަ ރާޅާ އެޅުންތެރިން ކަމަށް ފުކޫއަށް ފާހަގަ ކުރެވުނު އިންޑޮނޭޝިއާގެ މީހުންނާއި ވާދަކޮށްލުމަކީ އޭނާ ދެކުނު ހުވަފެނެކެވެ. އޭރު ފައިސާގެ ދަތިކަން ހުރުމާއި ސްޕޮންސަރެއް ނެތުމުގެ ސަބަބުން އެއަމާޒަށް ވާސިލް ނުވެވުނީއެވެ.
އެހެންނަމަވެސް ޝުކުރުވެރިކަމާއެކު އޭނާ ފާހަގަކޮށްލަން ބޭނުންވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދުއްދީން، ދެއްވި ސްޕޮންސާއެކެވެ. "ބައިނަލްއަގްވާމީ މުބާރާތްތަކުން ކާމިޔާބީ ލިބެން ފެށީމަ، 4 އަހަރުގެ އެއްބަސްވުމެއް ހަދާފަ ބަނޑޮސް އައިލެންޑް ރިސޯޓްގެ ފަރާތުން ހަތަރު ދަތުރާއި ރާޅާ އަޅާނެ ބޯޑާއި އެއްޗެހި ދިން، އެއީ ލިބުނު އެންމެ ބޮޑު ސްޕޮންސާ، ރާޅާ އެޅުމުގެ ހަޔާތުގައި އެންމެ ބޮޑު ހިތްހަމަޖެހުން" ފުކޫ ބުންޏެވެ.
ފުކޫގެ އުންމީދަކީ އޭނާގެ ދެ ދަރިން، އުމުރުން 11 އަހަރުގެ ދަރިފުޅު ކަޔާން ޢަބުދުﷲ އަރީފް އާއި އުމުރުން 10 އަހަރުގެ އިދާން ޢަބުދުﷲ އަރީފް ފުކޫއަށް ނުދެވުނު ހިސާބަށް ގެންދިއުމަށް މަސައްކަތް ކުރުމުވެ. ކަޔާން އާއި އިދާންވެސް ބައްޕައެކޭ އެއްގޮތަށް ރާޅާ އަޅަންދެއެވެ. ފުކޫ ބުނީ ބޮޑު ދަރިފުޅު މިހާރު ބޯޑުގައި ރާޅާ އަޅާ ކަމަށާއި، ކުޑަ ދަރިފުޅުވެސް ބޯޑު މައްޗަށް ތެދުވެ ދުއްވާލާނެ ކަމަށެވެ. އަދި މިހާރު މި ކުޅިވަރައިގެން ކުރިޔަށް ދެވެނީ އަންހެނުން ނުހާގެ ސަޕޯޓް ލިބޭތީކަމަށެވެ.
ގައުމީ އެވޯޑް ހާސިލްކުރެވުމުން އުފެދޭ ޝުއޫރަކީ "ގައުމީ އިނާމު ލިބުނީމަ ވަރަށް އުފާވޭ، މިއޮތް ހުރިހާ ދުވަހު ކުރި ހުރިހާ ކަމެއް ބަލައިގަތީތީވެ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާއަށް އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުން" ފުކޫ ބުންޏެވެ.
ފުކޫ އަކީ އޭނާގެ ތަޖްރިބާއާއި ރަންވަނަތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާ ޒުވާނެކެވެ. ކުޑަކުދިންނާއި ރާޅާ އަޅަން ފަރިތަކުރަމުން އަންނަ ކުދިންނަށްވެސް ކޯޗު ކޮށްދޭ ފަރާތެކެވެ. ރާޅާ އެޅުމަކީ އެހެން ކުޅިވަރުތަކަށް އިސްކަންދޭހެން ހަމަހަމަ ކަމާއިއެކު ކުޅެވެން ޖެހޭނެ ކުޅިވަރެއް ކަމަށް ފާހަގަކޮށް އޭނާ ބުނީ މިހާރު މުޖުތަމައުގެ ބައިވެރިވުން މިކުޅިވަރަށް ލިބެން ފަށައިފި ކަމަށެވެ. "ކުރިން ކުޅިވަރެއްގެ ގޮތުގައި މުޖުތަމައުން އެހާ ބަލައިގަންނަ ކަމެއް ނޫން މީ. ކުރިން ބުނާނެ މިއީ އެހާ ރަނގަޅު މާހައުލެއް ނޫނޭ. އެއީ ހަމަ ދައްކާ ވާހަކަ. އޭރު އެހެން ކިޔަސް މިހާރު ވަރަށް ގިނަ ބެލެނިވެރިން އެބަ އާދޭ ވަރަށް ކުޑަކުދިން ގޮވައިގެންވެސް މިކަން ދަސްކޮށްދޭން. ގިނަ ކުދިންތަކެއް ދަސްކުރަން އަންނާތީ ވަރަށް އުފާވޭ. އަދި ބެލެނިވެރިން އެ ކުޅިވަރު ބަލަން ތިބޭ މަންޒަރު ފެނުމަކީ މުސްތަގްބަލަށް ރަނގަޅު ނިޝާނެއް" ފުކޫ ބުންޏެވެ.
ކުޅިވަރެއްގެ ގޮތުގައި ރާޅާ އަޅާހިތްވާ ކުދިންނާއި މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ކުދިންނަށް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރައީސް ފުކޫ ދޭ ނަސޭހަތަކީ "މީ ވަރަށް ހިތްވަރާއެކު ކުރަންޖެހޭ ކަމެއް. ހަމައެކަނި މޫދެއްގައި ނޫން ކުރިމަތިން އަންނާނެ ބޮޑެތި ރާޅުތައް. އެއްގަމުންވެސް އާދޭ ވަރަށް ގިނަ ގޮންޖެހުން. މިސާލަކަށް އެއީ ވަކަރުގޭ ކުއްޖެކޭ. ޕާޓޭ އެކޭ ބުނެފާނެ. އެކަމަކު އެ ބުނާ އެއްޗެއް އަޑު އަހާލާފަ އެކަމާއި ހިތްބުރަނުކޮށް، އެ ކުއްޖަކަށް ގޯސްކަމެއް ކުރެވޭނަމަ އެކަން އިސްލާހުކޮށްލާފަ ކުރިޔަށްދާށޭ. އަސްލު ރާޅާ އަޅަންފަށާފަ މީގެތެރޭގައި އުޅެމުން ވަރަށްގިނަ އެހެނިހެން ބޭކާރު ކަންތަކުން ދުރުވެވިފަ އެބަހުރި ގިނަ ކުދިންނަށް. ގޯސްކޮށް އުޅެފަތިބި ކުދިންވެސް އެބަތިބި ހަމަ ރަނގަޅުވެފަ" މިއެވެ.
ސާފިން އެސޯސިއޭޝަންގައި 6 އަހަރު އަދި ބޮޑީ ބޯޑިން އެސޯސިއޭޝަންގައި 5 އަހަރު މަސައްކަތް ކުރުމަށްފަހު އަނެއްކާވެސް 2 ވަނަ ދައުރަކަށް އިންތިހާބުވެ އެ އެސޯސިއޭޝަނުގެ ރައީސްކަމުގެ ޒިންމާ އަދާކުރަމުން އަންނަ ފުކޫ މިދާއިރާގައި ދެމިހުންނަނީ ލިބޭ އާމްދަނީއަކަށް ބަލައިގެންނެއް ނޫނެވެ.
"މިކަމަށް އޮތް ލޯތްބެއްގެ ސަބަބުން އެކަން ކުރިއަރުވަން ބޭނުންވާތީ. ހިލޭ ސާބަހަށް ގިނައިން މިކަން ކުރެވިފަ ހުންނާނީ. މިހާރު ޔޫތް މިނިސްޓްރީގެ ފަރާތުން އެކްސްކޯ އަށް މުސާރަ ލިބޭ. އަދި ނޭޝަނަލް ޓީމަށްވެސް މުސާރަލިބޭ ގޮތަށް އޮއްވާ ދެން ކޮވިޑްގެ ހާލަތާއި ގުޅިގެން އެކަން ހުއްޓިފައި އޮތީ. ރޭޓިން އަށް ބަލާއިރު ވަރަށް ދަށް ކުޅިވަރެއް މީ. އަދިވެސް ހިތްހަމަޖެހޭ ވަރެއް ނުވޭ" ފުކޫ ބުންޏެވެ.
މިހާރު ފުކޫ އަމާޒު ހިފާފައިވަނީ ރާޅާ އެޅުމުގެ ވޯލްޑްކަޕް ރާއްޖޭގައި ދާއިމީ ގޮތެއްގައި ބޭއްވޭނެ މަގު ތަނަވަސް ކުރުމަށެވެ. 'ޒީޓައިމްސް' އިން އެދެނީ މި މަސައްކަތުގެ ކާމިޔާބީއަށެވެ. އަދި ރާޅާއެޅުމުގެ ދާއިރާ ރާއްޖޭގައި އިތުރަށް ފުޅާވެ މިހާރަށްވުރެ މަތީ ހަރުފަތަކަށް ގެންދިއުމަށް ފުކޫއާއި އޭނާގެ ޓީމުން ކުރާ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަރައިގެން ދިއުމަށެވެ.