November 22, 2024 12:12
Advertisement

-Advertisement-

ތިބާގެ ގައިގައި ކުރިން އަށަގަނެފައި ނެތް އާދައެއް ހަރުލައިފިނަމަ ބަދަލުކުރާނަންތަ؟

ދިރިއުޅުމުގައި މީހާގެ އުމުރުން ދުވަސްވާ ވަރަކަށް ވަރަށް ގިނަ ކަންކަން ބަދަލުވެއެވެ. ކުޑައިރު މައިންބަފައިން ތަރުބިއްޔަތު ކުރިގޮތަކަށް ހޭނޭ މީހުންވެސް އުޅެއެވެ. ބައެއް މީހުންނަށް ކަންކަން ދަސްވަނީ މީހުންގެ ތެރޭގައި އުޅެންފެށުމުންނެވެ. އަދި އެކީގައި އުޅޭ ބައެއްގެ އާދަތަކާއި އެއްގޮތަށް ބަދަލުވާ މީހުންވެސް އުޅެއެވެ. އެއީ ބައެއްފަހަރަށް ރަނގަޅު އަދި ގޯސް އާދައަކަށްވެސް ވެދާނެއެވެ. 

މީހުންގެ ތެރޭގައި އުޅޭއިރު އެނގެންޖެހޭ ރަނގަޅު އާދަތައް ދަރިންނަށް ދަސްކޮށްދޭން މަސައްކަތްކުރަން އެބަޖެހެއެވެ. ބައެއް މައިންބަފައިންނަކީ 'މާބޮޑަށް ލޯބިންގޮސް' ކުދިންކުރާ އެއްވެސް ގޯސްކަމެއް ނުހުއްޓުވާ ކުދިންނެވެ. އެފަދަ ކުދިންނަށް ރަނގަޅު އާދަތަކަކީ ކިހާމުހިންމު ކަމެއްކަން ނުވިސްނިދާނެއެވެ. 

ކުދިން ބޮޑުވެގެން އަންނައިރު ގޭތެރޭގެ ކަންކަން ކުރަން ދަސްކޮށްދިނުމަކީ މައިންބަފައިން ކޮށްދޭންޖެހޭކަމެކެވެ. އެއާދަ އަށަގަނެފައި ނެތުމުން ބޮޑުވެގެން އެކުދިން އަމިއްލައަށް އެއާދަ އަށަގަނުވަން އުދަގޫވެއެވެ. ސްކޫލު ނިމިގެން ވަޒީފާއަކަށް ދާންފަށާއިރު ދިރިއުޅުމުގެ ގިނަކަންކަން ދަސްނުވެ ހުރުމުން އެކުދިންނަށް ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކާއި ދިމާވެއެވެ. ވަޒީފާއަކަށް ދިޔަކަމުގައިވިޔަސް ކައްކައިގެން ކެއުމަކީ އެހާ މުހިންމު ކަމަކަށް ނުވެދާނެއެވެ. ގިނަ ފަހަރު ކައްކާ ހިތްނުވެގެން ކާއެއެއްޗެހި އޯޑަރުކޮށްގެން ފުއްދާލައެވެ. ނަތީޖާއަކަށްވަނީ ތަކުރާރުކޮށް އެގޮތަށް އަމަލުކުރުމުން އެ އާދަ ކަނޑުވާލަން އުދަގޫވުމެވެ. ބޭރުން ތަކުރާރުކޮށް ކެއުމަކީ ބޮޑު ޚަރަދެކެވެ. އަދި އެއީ ސިއްހީގޮތުން އެންމެ ރައްކާތެރި ފައިދާހުރި ގޮތަކަށްވެސް ނުވެދާނެއެވެ. މިފަދަ ކަންތައްތައް ވިސްނައިދޭންތިބީ މައިންބަފައިންނެވެ. 

Advertisement

ގޯސް އާދަތަކާއި ރަނގަޅު އާދަތައް ދެނެގަނެ އެކަންކަން ދަސްކުރަންޖެހެއެވެ. ގޯސް އާދައަކީ ކޮބައިކަން އެނގޭނީ މީހަކު ބުނެދިނުމުންނެވެ. މިސާލަކަށް ރޭގަނޑު އަވަހަށް ނިދާ ފަތިހު ހޭލުމުގެ މުހިންމުކަންވެސް ކިޔައިދޭން ޖެހެއެވެ. ބައެއް ކުދިންނަކީ ރޭގަނޑުގެ ބޮޑުބައި ހޭލާއުޅޭ ކުދިންނެވެ. ޚާއްސަކޮށް ސްކޫލު ނިމޭ ދުވަސްވަރު މި އާދަ އަށަގަންނަ ކުދިން ގިނައެވެ. އެކުދިން ގިނަވަގުތު ހޭދަކުރަނީ ވީޑިއޯ ބެލުމާއި ގޭމް ކުޅުމުގައެވެ.

މީހެއްގެ ގައިގައި ހިފާފައި ހުންނަ އާދައަކީ އެހާ ފަސޭހައިން ބަދަލުކޮށްލެވޭނެ އާދައެއް ކަމުގައިވެސް ދެކިގެން ނުވާނެއެވެ. މިސާލަކަށް ދުންފަތުން އިސްތިއުމާލު ކުރާ މީހެއްނަމަ އެމީހެއްގެ ގައިގައި ހުރި އެއާދަ އެންމެ ދުވަހަކުން ކަނޑުވާލަން މަސައްކަތްކުރި ނަމަވެސް އެއީ އެހާ ފަސޭހަ ކަމަކަށްވެގެން ނުދެއެވެ. ކޮންމެ އާދައަކީވެސް ކޮންމެވެސް ވަރަކަށް އެމީހަކަށް ވަގުތު ދިނުމުން ނޫނީ ބަދަލުކުރެވޭނެ އާދައެއް ނޫނެވެ.

ކައިވެނިކޮށްގެން ދިރިއުޅުމެއް ފަށާއިރު ދެމީހުންގެ ގައިގައިވެސް އެކަކު އަނެކަކު ހިތްހަމަނުޖެހޭ އާދަތަކެއް ހުރެދާނެއެވެ. ދެން އެއާދަތަކުގެ ސަބަބުން މައްސަލަޖެހި މަޖުބޫރުކޮށްގެން އެކަންކަން ބަދަލުކުރަން މަސައްކަތްކޮށްފިނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވުމުން އެއާދަތައް ބަދަލުކުރަން ވަގުތުދީ ބައެއް ހާލަތްތަކުގައި އެކަންކަމާމެދު މާބޮޑަށް އަޅާނުލުންވެސް ރަނގަޅެވެ. މިސާލަކަށް ރައްޓެހިންނާއެކު މާގިނައިން ކޮފީއަށްގޮސް ގޭގައި ވަގުތުހޭދަނުކުރާ މީހެއްނަމަ އެމީހާއަށް ވިސްނޭނެފަދަ ގޮތަކަށް ވާހަކަދައްކާ އޭނަގެ އެއާދަ ބަދަލުުކުރުމަށް ބާރުއެޅިދާނެއެވެ. 

ބައެއް މީހުންނަކީ އުމުރާ ގުޅޭގޮތުންވެސް އާދަތަކަށް ބަދަލުއަންނަ މީހުންނެވެ. އުމުރުން 30 އަހަރު ނުވަތަ 40 އަހަރުވާއިރު ވަރަށް ގިނަ އާދަތަކަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ކުރީގައި ތަރުތީބެއްނެތި އެއްޗެހި ބަހައްޓާ އަދި ނިދާ ކޮޓަރި ސާފުނުކޮށް އުޅޭ މީހަކު ނަމަވެސް އެއުމުރަށް ދިއުމުން ކަންކަން ބަދަލުކުރަން ފަށައެވެ. ބޮޑަށް އެކަންކަން އެގޮތަށް ކުރަން ދަސްވަނީ ސާފުތާހިރު މީހުންނާއެކު އުޅޭނަމައެވެ.

ތިމާގެ ސަބަބުން އެހެންމީހަކަށް އުދަގޫނުވެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައެއްފަހަރަށް ހަރުލާފައި ހުންނަ އާދައެއްގެ ސަބަބުން އެހެންމީހުންނަށް އުދަގޫވާފަހަރުވެސް އާދެއެވެ. މިސާލަކަށް މީހުންގެތެރޭގައި ހުރެ ދުންފަތުން އިސްތިއުމާލު ކުރުމުން އޭގެވަސްޖެހި ބޯއަނބުރާ މީހުންވެސް އުޅެއެވެ.

އަމިއްލައަށް ބޭނުންވެގެން ގަވާއިދުން ކަމެއްކުރަން ރާވާފައި އެކަމެއް ނުވެ އެތައް ޒަމާނަކަށް ދިގުދެމިގެންދެއެވެ. އެއީ ކޮންމެ ދުވަހަކު ކުރަން އާދަވެފައި ނެތް ކަމަކަށް ވުމުން އަލަށް ފަށާނަމަ އެކަންކަމަށް ވަގުތު ހޭދަވާތީއެވެ. ތިބާގެ ގައިގައި ކުރިން އަށަގަނެފައި ނެތް އާދައެއް ފަހުން ހަރުލައިފިނަމަ ބަދަލުކުރާނަންހެއްޔެވެ؟ އަމިއްލަ ނަފްސާއި މިސުވާލު ކުރެވިދާނެއެވެ. އަދި ބަދަލުކުރަން ނުވަތަ ރަނގަޅުކުރަން ހުރީ ކޮންކަމެއްތޯބަލައި އެކަން ރަނގަޅު ކުރެވިދާނެއެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
1
+1
0

Advertisement

ގުޅުންހުރި ލިޔުންތައް