ރީނދޫ މިއީ ވަރަށް ގިނަ ކަންކަމަށް ބޭނުންކުރާ އެއްޗެކެވެ. ސިއްހީ އެތަކެއް ފައިދާއެއް ލިބިދޭ ރީނދޫ އާންމުކޮށް ބޭނުންކުރަނީ ކެއްކުމަށެވެ. މީގެ އިތުރުން ހަމުގެ އެކިކަހަލަ މައްސަލަތަކަށްވެސް ރީނދޫ ބޭނުންކޮށް އުޅެއެވެ. ކުރީޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމަށްވެސް ރީނދޫ އެއީ ވަރަށް ގިނައިން ބޭނުންކޮށް އުޅުނު އަދި މިހާރުވެސް ބޭނުންކުރަމުންދާ އެއްޗެކެވެ. ރީނދުލަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާއެއްޗެކެވެ. އަންހެނުންނަށް ދިމާވާ ބައެއް ސިއްހީ މައްސަލަތަކުގެ ހައްލަކަށް ރީނދޫ މިއީ ވަރަށް ރަނގަޅު ބާވަތެކެވެ. މިކަމުގެ ހަގީގަތް ބަލާލާ ތަޖުރިބާ ކޮށްލުން މުހިއްމެވެ.
ހަށިގަނޑުގެ ތަދުތަކާއި ދުޅަވެފައިވާ ތަންތަނަށް ހައްލު
ހަށިގަނޑުގެ ގުނަވަނެއްގައި ވޭނެއް އަޅާނަމަ އަބަދުވެސް ބަލަނީ ބޭހެއް ހޯދައިގެން ތަދު ކަނޑުވާލެވޭތޯއެވެ. ބޭހަކީ ކިހާ ބާރުގަދަ ބޭހެއްތޯ ބެލުމެއް ނެތިވެސް ބައެއް ފަހަރު ބޭނުންކުރެއެވެ. ކާބަފައިންގެ ޒަމާނުގައި ބޮޑަަށް ބަލާނީ ދިވެހި ބޭހެއް ހަދައިގެން ފަރުވާއެއް ހޯދޭތޯއެވެ. ނޫނީ ފަތްޕިލާވެލީގެ ބާވަތެއް ބޭނުންކޮށްގެން ބޭހެއް ތައްޔާރުކޮށްލެވޭތޯއެވެ. މިގޮތުން ރީނދުލަކީ ބައެއްކަހަލަ ތަދުތަކާއި ދުޅަވެސް ތިރިކޮށްދޭ ބާވަތެކެވެ. ރީނދޫ ބޭނުންކޮށްގެން ތަފާތު ބޭސްތައް ހަދައި އުޅެއެވެ. ބަނޑުގެ ތަފާތު މައްސަލަތަކަށްވެސް ރީނދުލަކީ ވަރަށް ރަނގަޅު އެއްޗެކެވެ.
ހަމުގެ މައްސަލަތަކަށް ހައްލު ހޯދައިދޭ
ހަމުގެ ތަފާތު މައްސަލަތަކުގެ ތެރެއިން މޫނުގައި އޮށާޅަ ނެގުމާއި، އިރުގެ އަލިން ހަންގަނޑު ރައްކާތެރިކުރުމާއި އެކްޒިމާ ފަދަ ކަންކަމަށް ހައްލު ހޯދައިދެއެވެ. މޫނުގައި ހުންނަ ބޮޑެތި ބިހިތަކުގައި ގަވާއިދުން ރީނދޫ އުނގުޅާނަމަ ބިހިތައް ފަސޭހަވެ މޫނުގެ ހަންގަނޑުވެސް ސާފުކޮށްދެއެވެ. ގަވާއިދުން މޫނުގައި ރީނދޫއާއި މާމުއި އެއްކޮށްގެން އުނގުޅުމުންވެސް ހަންގަނޑު ސާފުކޮށްދީ ހަމުގައި ހުންނަ ކަޅުތަންތަން ފިލައިގެންދެއެވެ. މީގެއިތުރުން ހަށިގަނޑުގައި ހުންނަ ފާރުތައް ފަސޭހަކޮށްދެއެވެ.
އާތްރައިޓިސް ބަލީގެ ފަރުވާއަށް ހައްލު ހޯދައިދޭ
އާތްރައިޓިސްގެ ސަބަބުން ދިމާވާ ތަދުތަކަށް ހައްލު ހޯދައިދެއެވެ. އާއްމުގޮތެއްގައި ރީނދޫ ބޭނުންކޮށްގެން ހަދާފައި ހުންނަ ކެޕްސޫލް ބޭނުންކުރާނަމަ އާތްރައިޓިސްގެ ތަދަށް ލުއިލިބިގެންދެއެވެ. ކަށިތަކުގައި ހުންނަ ތަދާއި އޭގެ ސަބަބުން ވާއުދަގޫ ކޮންމެވެސް ވަރަކަށް ލުއިވެގެންދެއެވެ. ކެއުމުގައިވެސް ރީނދޫ ބޭނުންކޮށް އަދި ރީނދޫ އަޅައިގެން ސައިވެސް ބޭނުންކުރެވިދާނެއެވެ.
ޑިޕްރެޝަންގެ މައްސަލަތައް ހައްލު ހޯދައިދިނުމަށް އެހީވެދޭ
ޑިޕްރެޝަންގެ މައްސަލަތަކަކީ ސިކުނޑިއަށް ބާރުބޮޑުވުމުގެ ސަބަބުންނާއި މާބޮޑަށް ފިކުރުބޮޑުވުމުން ދިމާވާ މައްސަލައެކެވެ. ރީނދޫ ބޭނުންކުރަން ފެށުމުން ސިކުނޑިއަށް ލުއިލިބި މީހާގެ މޫޑަށް ބަދަލު އާދެއެވެ. ސިކުނޑީގެ ނާރުތަކަށް ލުއިލިބި މީހާ ރިލެކްސްވުމަށް ފުރުސަތުލިބެއެވެ. މިކަމުގެ ސަބަބުން ޑިޕްރެޝަންގެ މައްސަލައަށްވެސް ކޮންމެވެސް ވަރެއްގެ ލުއެއް ލިބިގެންދެއެވެ.
ޒުވާންކަން އިތުރުކޮށްދޭ
އާއްމުގޮތެއްގައި ރީނދޫ ބޭނުންކޮށްގެން ކާއެއްޗެހި އަދި ބުއިންތައް ތައްޔާރުކުރުމަށް އިސްކަންދިނުން މުހިއްމެވެ. ހަށިގަނޑުގެ އެތެރެއަށް ރީނދޫގެ އަސަރުކުރާނަމަ ހަށިގަނޑުގެ އެތެރޭގައި ހުންނަ ޖަރާސީމުތައް ސާފުކޮށްލައެވެ. މިގޮތަށް ހަންގަނޑުގެ ބޭރުގައިވެސް ރީނދޫ ބޭނުންކުރެވެއެވެ. މިދެގޮތުންވެސް ރީނދޫ ބޭނުން ކުރުމުން ހަށިގަނޑު ޒުވާންކަމަށް ދައްކައެވެ.