ކޮރެއާގައި ޗޮޕްސްޓިކް ބޭނުންކޮށްގެން ކެއުމަކީ ޒަމާނުއްސުރެވެސް އާދައެކެވެ. މިއީ އޭޝިއާގެ ވަރަށް ގިނަ ގައުމުތަކުގައިވެސް ބޭނުންކުރާ އާދައެކެވެ. ތާރީޚު ބުނާގޮތުގައި މިކަން ފުރަތަމަ ފެށިގެން އައީ މީގެ 3000 އަހަރު ކުރިން ޗައިނާގައެވެ. އެއަށްފަހު އެހެންގައުމުތަކުގައިވެސް މިއާދަ ހަރުލާން ފެށިއެވެ. އާއްމުގޮތެއްގައި ބަތް ކަހަލަ އެއްޗެހި ކެއުމަށް އެއްވެސް ގޮތަކަށް ސަމުސާ އަދި އޫ ބޭނުން ނުކުރެއެވެ. ތާރީޚުގެ ތެރެއަށް ނަޒަރު ހިންގާލާއިރު ކޮރެއާ މީހުން ކެއުމުގައި ބޭނުންކުރަނީ މެޓަލް ޗޮޕްސްޓިކެވެ. ވަކިން ޚާއްސަކޮށް މެޓަލް ބޭނުންކުރަނީ ކީއްވެގެންތޯ ބަލާލާއިރު އޭގެ ބައެއް ސަބަބުތައްވެސް އެނގެން އެބަހުއްޓެވެ. ކޮރެއާގައި ޗޮޕްސްޓިކަށް ދެވިފައިވާ ނަމަކީ 'ޖިއޮޓްގަރަކް' އެވެ. ކޮރެއާގައި އެންމެ ކުޑައިރުއްސުރެވެސް ޖއޮޓްގަރަކް ބޭނުންކުރަން ދަސްކޮށްދެއެވެ. މިއީ ކެއުމުގެ ބައެއް ރީތި އާދަތައް ހިފެހެއްޓުމުގެ ގޮތުން ކުރާ ކަމެއްވެސް މެއެވެ. މޭޒުމަތީގައި ކާން އިށީންނައިރު ކެއުމުގެ ރީތި އާދަކާދަތަކަށް ބޯލެބުމަކީ ކޮރެއާގައި ވަރަށް ބަލާ ކަމެކެވެ. މިހާރަކަށް އައިސް ބޭނުންކުރާ ޗޮޕްސްޓިކް ޑިޒައިންތައް ހުންނަނީ ކޮރެއަން ސްޓައިލަކަށް އަދި ފަތިކޮށެވެ. ފަތިކޮށް ހުންނަނީ ހިފަން ފަސޭހައަކަށެވެ. އެހެން ނޫނީ ކާން ހިފަހައްޓައިގެން އިންނައިރު އަތުން ކައްސާލައިގެން ދާން ފަސޭހަވާނެއެވެ. މިގޮތުން މެޓަލް ޗޮޕްސްޓިކް ބޭނުންކުރާ ބައެއްސަބަބުތައް ތިރީގައި މިވަނީއެވެ.
ރަމްޒީ ނިޝާނެއްގެ ގޮތުން
ކޮރެއާގެ ތާރީޚަށް ބަލާއިރު އެންމެ ކުރީގެ ރަސްކަމުން ފެށިގެންވެސް ދަމަހައްޓަމުން އައި އާދަކާދައިގައި އުޅެން ދަސްކުރުމަށް އޭރުގެ ރަސްކަލުން ވަނީ އެދިވަޑައިގެންފައެވެ. އެމީހުންގެ ރަމްޒީ ނިޝާނެއްގެ ގޮތުން ކުރަމުން އައި އެތައް ކަމެއްވަނީ މިއަދުގެ ޖީލާ ހަމައަށް ފޯރުކޮށްދީފައެވެ. މެޓަލް ޗޮޕްސްޓިކުން ރަމުޒުކޮށްދެނީ އެމީހުންގެ ހައިބަތެވެ. މެޓަލްގެ ގޮތުގައި ހުންނަ ކުލަތަކުގެ ތެރެއިން ބޮޑަށް ބޭނުންކޮށް އުޅެނީ ރިހި ކުލައިގައި ހުންނަ ޗޮޕްސްޓިކެވެ. މިހާރަކަށް އައިސް ރަންކުލައިން ހުންނަ ޗޮޕްސްޓިކްވެސް ބޭނުންކުރެއެވެ. ޗޮޕްސްޓިކް ހަދާފައި ހުންނަނީ އަގުބޮޑު ރިހިން ކަމަށްވާތީ އެންމެންނަށް ބޭނުންކުރެވޭ ކަހަލަ ތަންކޮޅެއް ފެންވަރު ދަށްކޮށް ހަދާފައި ހުންނަ ރިހި ޗޮޕްސްޓިކްސް ވެސް ލިބެން ހުރެއެވެ.
ސާފުކުރަން ފަސޭހަވުމާއި ބެކްޓީރިއާ ހަރުނުލުން
މެޓަލްއިން ހަދާފައި ހުންނަ ޗޮޕްސްޓިކްތަކުގައި ހަރުލާފައި ހުންނަ ކާއެއްޗެހި ސާފުކުރަން ފަސޭހަވެފައި ގިނަ ދުވަހު ގެންގުޅެން ފަސޭހަވެއެވެ. ސްޓަރލައިޒްކުރަންވެސް ފަސޭހަވުމާއި ބަލާލަންވެސް ރީތިވުމުން މެޓަލް ގެންގުޅެން ބޭނުންވެއެވެ. ޕްލާސްޓިކް ނުވަތަ ބެނބޫ ކަހަލަ އެއްޗެހިން ހަދާފައި ހުންނަ ޗޮޕްސްޓިކު ބޭނުންކުރުން ސިއްހީގޮތުންވެސް އެހާ ރައްކާތެރިއެއް ނޫނެވެ.
ވިހައެއް ހުރިތޯ ފާހަގަކުރަން
ކުރީގެ ތާރީޚަށް ބަލާއިރު މުއްސަނދިންނާއި “ރޯޔަލް އާއިލާތަކުގައި ކުރި ހޯދުމަށް އަބަދުވެސް ވާދަވެރިކަން ގެންގުޅެއެވެ. މުއްސަނދިންގެ މެދުގައި އޮންނަ ހަސަދަވެރިކަމާއި ވާދަވެރިކަމުގެ ސަބަބުން މީހުންނަށް ގެއްލުންދީ އުޅުނުކަމަށްވެއެވެ. އެޒަމާނުގައި މީހުން މެރުމަކީ އެހާ އާއްމު ކަމަކަށް ނުވާތީ ކާއެއްޗިއްސަށް ވިހަލުމަކީ ކުރާ ކަމެކެވެ. ކުރީ ޒަމާނުގައި ބައެއް ރޯޔަލް އާއިލާތަކުގައި ކާއެއްޗެހި ޓެސްޓުކުރުމަށް ވަކި ޚާއްސަ މީހެއްވެސް ބަހައްޓާ އުޅުނެވެ. ނަމަވެސް މިހާރު ކާއެއްޗެހި ޓެސްޓުކުރުމަށް ރިހިން ހަދާފައި ހުންނަ ޗޮޕްސްޓިކުން ފުދެއެވެ. ކާއެއްޗަށް ވިހައެއްލާފައި ހުރިނަމަ ރިހި ޗޮޕްސްޓިކުން ކާއެއްޗެހީގެ ކުލައަށް ބަދަލު އާދެއެވެ. މިއީ އެމީހުންގެ މެދުގައި މިކަން ފާހަގަކުރުމަށް އެންމެ ރައްކާތެރިގޮތްވެސް މެއެވެ. އަދި ރިހި ޗޮޕްސްޓިކު ބޭނުންކުރުމުގެ މައިގަނޑު ބޭނުމަކީވެސް މިއީއެވެ.
ކޮރެއާގެ ހަނގުރާމައިގެ ސަބަބުން
ކޮރެއާގައި 1950 އިން ފެށިގެން ކުރެވުނު ހަނގުރާމައިގައި ދިމާވި ދަތިތަކާހުރެ ތިމާވެއްޓަށް ވަރަށްބޮޑެތި ގެއްލުން ލިބުނެވެ. އަދި އެމީހުންގެ ފޮރެސްޓްތައްވެސް ހަލާކުވެގެންގޮސް ލަކުޑި ލިބުމަށްވެސް ދަތިތަކާއި ކުރިމަތިވިއެވެ. ލަކުޑިން ހަދާފައި ހުންނަ ޗޮޕްސްޓިކް ލިބުން ދަތިވެ، ސްޓީލް ހަދާ ކުންފުނިތަކުން ކޮރެއާގެ އިގްތިސާދު ހިފެހެއްޓިއެވެ. އޭރުގެ ސަރުކާރުން އެންގީ އެންމެންވެސް މެޓަލް ޗޮޕްސްޓިކަށް ބަދަލުކޮށް އެހެން އެއްޗެހި ބޭނުންކުރުން ހުއްޓާލާށެވެ. ނަތީޖާއަކަށްވީ ގިނަ މީހުންނަށް މިގޮތް ކަމުގޮސް އެގޮތުގައި ކުރިއަށް ދިޔައެވެ. އޭރުންސުރެ މިއަދާއި ހަމައަށް ގިނަ މީހުންނަށް ކަމުދަނީ މެޓަލް ޗޮޕްސްޓިކެވެ.
މައުލޫމާތު: ޗޮޕްސްޓިކްސް އެރައުންޑް ދަ ވާރލްޑް.ކޮމް