ސައިކަލު ނުވަތަ ކާރު ދުއްވާއިރު ޕެޓްރޯލް ޓޭންކުގައި ބޭނުންވާވަރަށް ޕެޓްރޯލް ހުރިތޯ ބެލުމަކީ މުހިއްމު ކަމެކެެވެ. އެހެންނޫންނަމަ ދުއްވާފައިދަނިކޮށް ޕެޓްރޯލް ހުސްވާން ކައިރިވެ ސިގްނަލް ދޭންފަށައިފިނަމަ ދެން ހަދާނެ ގޮތަކާއިމެދު ހާސްވެ ކަންބޮޑުވެއެވެ. އަސްލު ހަގީގަތުގައި 'އީލައިޓް ސިގްނަލް' އަޅަންފަށައިފިނަމަ އެކަމާ ހާސްވުމުގެ ބަދަލުގައި ދެން ބަލަންވީ އަވަހަށް ޕެޓްރޯލް ސްޓޭޝަނެއް ފެނޭތޯއެވެ. މިހެން މިގޮތަށް ދިމާވިއަސް ސިގްނަލް ދޭންފެށުމާއެކު ވެހިކަލް މަގުމައްޗަށް ކުއްލިއަކަށް ހުއްޓިދާނެކަމަށް ހީވެފައި އޮންނަ ހީވުމަކީ ހަގީގަތުގައި ކުށްހީއެކެވެ. މިގޮތަށް ސިގްނަލް ދިނުމަށްފަހުވެސް 10 ޕަސެންޓް ޕެޓްރޯލް ނޫނީ 15 ޕަސެންޓްގެ ޕެޓްރޯލް ހުންނާނެއެވެ. އަދި ކޮންމެވެސްވަރަކަށް ދުއްވިދާނެއެވެ. އެހެންނަމަވެސް މިއީ ކިހާ ރައްކާތެރިކަމެއްތޯ ސުވާލު އުފެދެއެވެ. މިކަމުގެ މާހިރުން ބުނާގޮތުގައި އެމެޖެންސީ ހާލަތުގައި ޕެޓްރޯލް ހުސްވާކަމުގެ ސަިގްނަލް ދިނުމަށްފަހުވެސް ދުއްވިދާނެއެވެ. އެހެންނަމަވެސް މިކަމުގައި ރައްކާތެރިކަން ބޮޑީ ވީއެންމެ އަވަހަކަށް ޕެޓްރޯލް އެޅުމެވެ.
ޕެޓްރޯލް ޓޭންކް ހުސްވާކަން އެނގޭނަމަ މަޑުނުކޮށް ޕެޓްރޯލް އަޅަންޖެހޭސަބަބުތައް
އިންޖީނުގައި މައްސަލަޖެހެން ފެށުމާއި އިންޖީނަށް ހޫނުވުންފަދަ ކަންތަކާއި ކުރިމަތިލާންޖެހިދާނެއެވެ. އަދި އިންޖީނުން އަޑުއަޑު އިވުމާއި އޭގެ އެންމެ ރަނގަޅު ދުވެލީގައި ދުއްވަން އުދަގޫވުންވެސް ހިމެނެއެވެ. މިހެން ދިމާވާންފެށުމުން އިންޖީނަށް ބޮޑެތި މައްސަލަތައް ޖެހި ބޭނުން ނުކުރެވޭވަރަށް ހަލާކުވާންވެސް ދިމާވެއެވެ. މިކަމުގައި ހުރިހާ ގޮތަކުންވެސް އެންމެ ރައްކާތެރިގޮތަކީ މިކަމަށް ތައްޔާރުވެ ކުރިއާލައި ވިސްނައިގެން ދަތުރުފެށުމެވެ.
މިކަހަލަ މައްސަލައެއް ދިމާވުމުން ދެން ކަންތައް ކުރާނީ ކިހިނެއް
ރައްޓެއްސަކަށް ގުޅުމަށްފަހު އެހީއަކަށް އެދޭށެވެ. މިގޮތަށް ދިމާވެއްޖެނަމަ ލަސްނުކޮށް ދެން ކަންކުރަންވީގޮތުގެ ލަފާ ހޯދުމަކީ އަބަދުވެސް އެންމެ ރައްކާތެރިގޮތެވެ. މާލެ ކަހަލަ ކުޑަ ތަނެއްގައި މިހެން ދިމާވެއްޖެނަމަ މާދުރަށް ނުދުއްވައި ރައްޓެއްސެއްލައްވާ ޕެޓްރޯލްކޮޅެއް ހޯދިދާނެއެވެ. އެހެން ގައުމެއްގައި ދިރިއުޅޭނަމަ ހައިވޭތަކުގައި ތިބޭ ކަސްޓަމަރ ކެއަރގެ އެހީވެސް ހޯދޭނެއެވެ. ނޫންނަމަ 24 ގަޑިއިރު ޚިދުމަތް ލިބޭ އެމެޖެންސީ ނަންބަރަކަށް ގުޅައިގެންވެސް އެހީ ހޯދާށެވެ.
ދުއްވަން ގެންގުޅޭ އެއްވެސް ވެހިކަލަކީ އެވެހިކަލެއްގެ އިންޖީނު ހަލާކުވުމުގެ ކުރިން ވިސްނައި އެކަންކަމަށް ކުރިއާލައި ފިޔަވަޅު އަޅަންޖެހޭނެ ކަންކަމެވެ. އަދި އެންމެ ރައްކާތެރިގޮތަކީ ދުރާލައި ތައްޔާރުވެ ޕެޓްރޯލް އަޅައިގެން ދުއްވުމެވެ. އެހެންނޫނީ ބްރިޖް މެދަށް ސައިކަލު ހުއްޓި ހިތާމަވެރި ހާދިސާއެއް ދިމާވުންވެސް މިއީ ދުރުކަމެއްނޫނެވެ.
ސިނަމާލެ ބްރިޖުގެ އަރިމަތީގައި ތަފާތު ކަންތައްތަކާހުރެ ސައިކަލުތައް ބަހައްޓާފައި ހުންނަތަން ފެނެއެވެ. މިގޮތަށް ބަހައްޓާފަ ހުންނަ ސައިކަލުތައް ފުލުހުން އަމިއްލައަށް ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރުވެސް ފެނެއެވެ. އެއީ ދެކޮޅަށް ދުއްވާއިރު އަރިމަތީގައި ވެހިކަލު ޕާކްކޮށްފައި ބަހައްޓައިފިނަމަ އެހެނިހެން ދުއްވާ އުޅަނދުތަކަށް އުދަގޫވާތީއެވެ. އަދި މިގޮތަށް ބާއްވާފައި އޮތް އުޅަނދެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވެސް ވެއެވެ. ވިސްނަންވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.