ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނަ އެންމެ އުފާވެރި އެއްދުވަހަކީ ހަޔާތުގެ ބައިވެރިއެއް ޚިޔާރުކޮށް އެދުވަސް ރަސްމީ ސިފައެއްގައި ކަނޑައެޅޭ ދުވަހެވެ. ކައިވެނިކުރާ ދުވަސް ޚާއްސަކުރުމަށްޓަކައި ދުރާލާ ރާވައިގެން ކުރިއަށްގެންދަންޖެހޭ އެތައް ކަމެއް އޮވެއެވެ. ކުރިން މަޝަވަރާކޮށް ކުރަންޖެހޭ ކަންކަން ވިސްނާލާއިރު ބޮލުގައި އެއެޅެނީ ވަރަށް ބޮޑު ޒިންމާއެއްވެސްމެއެވެ. މިދުވަހަށްޓަކައި ކުރެވޭ އިންތިޒާރު ވަރަށް ދިގުހެން ހީވެދާނެއެވެ. އެދުވަހަކަށްޓަކައި ދެކޭ ހުވަފެންތަކުގައި ހަގީގީ ކުލަޖެއްސުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަތުކުރި އޮޅާލަމާހިގާށެވެ.
ތާރީޚެއް ކަނޑައަޅައި ތަނެއް ކަނޑައެޅުން
ކައިވެނިކުރަން ތައްޔާރުވާއިރު ކައިވެނިކުރާނެ ރަނގަޅު ތާރީހެއް ކަނޑައެޅުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދި ޚާއްސަކޮށް މޫސުމީގޮތުން ރަނގަޅު ދުވަހަކަށް ވުުންވެސް މުހިއްމެވެ. ވިއްސާރަ އަދި ވައިގަދަ މޫސުމެއްގައި ކައިވެނި ކުރަން ރާވާނަމަ ހިޔާނުކޮށް ހުންނަ ހާމަކަންބޮޑު ސަރަހައްދެއްގައި ޕާރޓީ ބޭއްވުމަކީ ނެގޭ ވަރަށް ބޮޑު ރިސްކަކަށް ވެގެން ހިގައިދާނެއެވެ. އެކަހަލަ ދުވަސްވަރަކާއި ދިމާވާނަމަ ބުއްދިވެރިގޮތަކީ ހިޔާވެވޭގޮތަށް ހުރި ތަނެއްގެ ކައިރީގައި ޕާޓީ ބޭއްވުމެވެ. އެތަނަކީ މީހުންނަށް ވަދެ ނިކުމެ އުޅެން ފަސޭހަތަނަކަށްވެސް ވުން މުހިއްމެވެ. މިސާލަކަށް ހިމަހިމަ ގޯޅިއެއްގައި ހުންނަ ތަނެއްނަމަ ދުއްވާ އުޅަދުތަކަށް ވަދެ ނިކުމެ ހެދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. އަދި ފަސޭހައިން ޕާކްކުރެވެން ހުރި ތަނަކަށްވެސް ވުން މުހިއްމެވެ.
ބަޖެޓެއް ކަނޑައެޅުން
ބަޖެޓެއް ކަނޑައަޅާއިރު އަންދާޒާކުރާވަރަށްވުރެ ބޮޑުކޮށް ބަޖެޓް ހެދުން އެދެވިގެންވެއެވެ. އިމަޖެންސީ ކަމެއް ދިމާވެގެން ކަމެއް ބަދަލުކުރަން ޖެހުން ނުވަތަ ޕާޓީއަށް ކިޔަން ނިންމާފައިވާ މީހުންގެ ލިސްޓަށްވުރެ އިތުރުކުރަން ޖެހިއްޖެ ހާލަތެއްވެސް އައިސްދާނެއެވެ. އަދި މީގެ އިތުރުންވެސް އެހެންކަހަލަ ކަމެއް ދިމާވެދާނެ ކަމަށްޓަކައިވެސް ދުރާލާ ތައްޔާރުވުމަކީ ވަރަށް މުހިއްމުކަމެކެވެ. އެންމެ ފަހުވަގުތު ކަމެއްދިމާވެގެން ބަޖެޓް ނެތިގެން ހާސްވާންޖެހިއްޖެނަމަ އިތުރު ބޮލުގަ ރިހުމަކާއި ކުރިމަތިލާންޖެހިދާނެއެވެ. ކުރިއާލައި ކޮންމެ މަހަކު ވަކިވަރެއް ރައްކާކުރުމާއި އަދި ޕާޓީއަށް ބޭނުންވާ ބައެއް ކަންކަމަށް ލާރި ދައްކަމުން ދާނަމަ އެއްފަހަރާ ދައްކަންޖެހޭ ލާރި މަދުވެގެންދެއެވެ. މީގެ އިތުރުން 'ހަނީމޫން' ދާން ރާވާފައި އޮތްނަމަ ދުރާލާއި އަގުހެޔޮކޮށް ޓިކެޓް ނެގުންވެސް ބުއްދިވެރިއެވެ. އެންމެ ފަހުވަގުތު ޓިކެޓް ނެގުމަކީ އަބަދުވެސް އަގުބޮޑުވެގެންދާނެ ކަމެކެވެ.
ޕާރޓީގައި ލާނެ ހެދުން ތައްޔާރުކުރުން
ކައިވެނި ކުރާ ދެމީހުން ލާނެ ހެދުން ޑިޒައިން ކުރުމާއި ފެހުމާއި ފޮތިގަތުމުގައި ކުރިއާއިލައި ތައްޔާރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދުވަސްއޮތްކަމަށް ބަލާފައި އެކަން ކުރެވިދާނެ ކަމަށް ބަލާފައި ފަހުން ކުރަން ހުރުމުން ލަނޑުލިބިދާނެއެވެ. ލާން ބޭނުންވާ ޑިޒައިން ފަހާނެ ތަކެތި މާލެއިން ލިބެން ނެތްނަމަ ބޭރުން އޯޑަރުކޮށްގެން ގެނައުންފަދަ ކަންކަން ދިމާވެއްޖެނަމަ ކުރިއާލައި އެކަން ނުކޮށްފިނަމަ ލާން ބޭނުންވާ ޑިޒައިން ބަދަލުކުރަންވެސް ޖެހިދާނެއެވެ. މާލެއަކީ އެހާ ބައިވަރު ވެރައިޓީތައް ލިބެން ހުރި ތަނަކަށް ނުވުމާއިއެކު މިކަންކަމަށް ދުރާލައި ވިސްނަންޖެހެއެވެ. މާކުރިން ހެދުން ފަހައި ނިންމާފައި އޮތްނަމަ ހަށިގަނޑަށް އަންނަ ބަދަލާއެކު ހެދުމުގެ ސައިޒު ބޮޑުކުރަން ނުވަތަ ކުޑަކުރަން ވެސް ޖެހިދާނެއެވެ. ހެދުން ފަހައި ހެޔޮވަރުކުރަން އެނމެ ރަނގަޅު މުއްދަތަކީ ކައިވެނި ކުރާ ދުވަސް އެއްމަސް ނުވަތަ ދެމަހަށް ވުމުންނެވެ.
ރަނގަޅު ކެއުމެއް ތައްޔާރުކުރުން
ކައިވެނި ޕާޓީގައި ތައްޔާރުކުރާ ކެއުމަކީ ރަނގަޅު މީރު ކެއުމަކަށް ވުން އެއީ ވަރަށް މުހިއްމުކަމެކެވެ. ޚާއްސަކޮށް ތެޔޮ އެއްޗެހި މަދުކޮށް ކުޅި އެހާ ގަދަ ނުކޮށް ކާއެއްޗެހި ތައްޔާރުކުރުމުގައި ސަމާލުކަން ދިނުންވެސް މުހިއްމެވެ. ޕާރޓީއަށް އަންނަ ބައެއް މީހުންނަކީ އެއްވެސް ވަަރަކަށް ކުޅިކޮށް އަދި ތެޔޮ އެއްޗެހި ނުކާ މީހުންނަށްވެސް ވެދާނެއެވެ. މީގެ އިތުރުން ކައިވެނިކުރާ ދެމީހުންވެސް ކާންވާނީ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. ނޫންނަމަ ގޭހުގެ މައްސަލަ ދިމާވުން ނުވަތަ ބަނޑުގެ އެހެން މައްސަލައެއްވެސް ދިމާވެދާނެ ކަމަށް ވިސްނާށެވެ. ކައިވެނިކޮށް ނިމި ޖެހިގެން އަންނަ ދުވަހު މިކަހަލަ ކަމެއް ދިމާވާން އެއްވެސް މީހަކު ނޭދޭނެކަން ޔަގީނެވެ.
ކައިވެނިކުރާ ދެމީހުންގެ ކަންކަން ބެލެހެއްޓުމަށް ވަކި މީހެއް ކަނޑައެޅުން
ކައިވެނި ކުރާ ދުވަހު އެހާ ބޮޑަށް ހާސްނުވާށެވެ. ކަންކަން ނުވެގެން ހާސްވުން ދުރުކުރުމަށް އާއިލާއިން ނުވަތަ ގާތް ރައްޓެހިންގެ ތެރެއިން މީހަކު ކައިރީގައި ބަހައްޓާށެވެ. މާގިނައިން ފޯން ކޯލް ތަކަށް ޖަވާބުދީ މެސެޖުތަކަށް ޖަވާބުދޭން އުދަގޫވެދާނެއެވެ. އެހެންވުމުން ގާތްމީހަކު އެކަންކަމުގައިވެސް އެހީތެރިވެދޭން ހުރުމުން ސްޓްރެސް ވުުން ކުޑަވެގެންދެއެވެ.
ސިއްހީގޮތުން ކަންކަން ބެހެއްޓުމަށް ސަމާލުކަން ދިނުން
ކައިވެނި ކުރާ ދުވަހު މާބޮޑަށް ހަށިގަނޑު ބަރުހެލިވެދާނެތީ ބޮޑެތި ކެއުންތައް ނުކާށެވެ. އަދި ތިމާއާއި ނުގުޅޭ އައު އެއްޗެއް ނުކާށެވެ. ހަމަ ނިދި ނިދައި ރަނގަޅަށް ފެން ބޮއި ދިޔާއެއްޗެހި ބުއިމަށް ސަމާލުކަން ދޭންވާނެއެވެ.