މޭވާ ކެއުމުން ލިބޭ ފައިދާތައް ނުހަނު ގިނަ ނަމަވެސް މޭވާއާއި ގުޅޭގޮތުން އެނގެންޖެހޭ މުހިއްމު އެތައްކަމެއް ނޭނގިވެސް އޮވެދާނެއެވެ. މޭވާ ކެއުމުން ލިބިދޭ ހިތްހަމަޖެހުމާއި މޭވާ ކެއުމުގައި ގެންގުޅެންޖެހޭ އުސޫލުތަކަކާއި ސަމާލުވާންވީ ކަންކަން ހުރެއެވެ. ތިމާ މޭވާ ކާއިރު ކެވެނީ ހަގީގަތުގައިވެސް އެކެއުމުގައި ހުންނަ ފައިދާތައް ހަށިގަނޑަށް ވާސިލުވާ ގޮތަށްތޯ ސުވާލު އުފެދެއެވެ.. މޭވާ ކާއިރު ގިނަ މީހުންނަށް ހެދޭ ގޯސްތައް އެނގޭނަމަ އެކަންތައް ރަނގަޅު ކުރާނެއެވެ. އެންމެ އެދެވޭ ގޮތުގައި މޭވާ ކައިގެން ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވޭ މީހުން މަދުވެދާނެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ މޭވާ ކާންޖެހޭ ގޮތާއި ކާން ޖެހޭ ރަނގަޅު ގަޑިތަކަށް ބޯލަބަންޖެހޭ ވާހަކައެވެ..
ރޭގަނޑު ނިދަން ކައިރިކޮށްފައި މޭވާ ނުކެއުން
ނިދާގަޑި ކައިރިކޮށްފައި މޭވާ ކެއުމުން އޭގައި އެކުލެވިފައި ހުންނަ ހަކުރު ހަށިގަނޑުގައި ރައްކާކުރެވެއެވެ. އޭގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވެ ހަށިގަނޑުގައި ހަކަތަ އިތުރުވެގެންދެއެވެ. ނިދާގަޑީގައި ހަށިގަނޑަށް އަރާމު ލިބެން ޖެހެއެވެ. މޭވާ ކެއުމުގެ ސަބަބުން ހަށިގަނޑު ހޭލެވި މީހާ މާބޮޑަށް އެކްޓިވްވެ ނިދަން އުދަގޫވެއެވެ. ނިދާގަޑި ކައިރިކޮށްފައި މޭވާ ކާނަމަ ނިދުމުގެ މަދުވެގެން 3 ގަޑިއިރު ކުރިން މޭވާ ކެއުން ބުއްދިވެރިއެވެ. ސިއްހީ މާހިރުން ވިދާޅުވަނީ އެންމެ އެދެވިގެންވަނީ ނިދާގަޑި ކައިރިކޮށްފައި އެއްވެސް ވަރަކަށް މޭވާގެ ބާވަތެއް ބޭނުން ނުކުރުމެވެ. ނުވަތަ ހަކުރު މަދުން ހުންނަ މޭވާ ކަމުގައިވާ ކިވީ، މެލަން އަދި ޕިއާޒް އެވެ. މާބޮޑަށް ބަޑުހައިކަން ހުންނަނަމަ އާމަންޑް ނުވަތަ އެނޫންވެސް ނަޓްސްއެއް ކާލާށެވެ.
މިލްކްޝޭކް ހަދައިގެން މޭވާ ބޭނުން ނުކުރުން
މޭވާ އަޅައިގެން މިލްކްޝޭކް ތައްޔާރުކުރުމަކީ އާއްމު ކަމެކެވެ. އަދި އެހާމެ މީރުވެސް އެއްޗެކެވެ. މޭވާ އަޅައިގެން މިލްކްޝޭކް ބުއިމުން ދިމާވެދާނެ ކަންކަން ހުރެއެވެ. މޭވާ ބޮޑަށް ރަނގަޅީ އެއްވެސް އެއްޗަކާއި އެއްނުކޮށް ކެއުމެވެ. މޭވާ އާއި ކިރަކީ ޑައިޖެސްޓް ކުރުމުގައި މުޅިން ތަފާތު ރޯލެއް ކުޅެދޭ ދެއެއްޗެކެވެ. މޭވާ އަކީ ވަރަށް ފަސޭހައިން ޑައިޖެސްޓްވާ އެއްޗަަކަށްވެފައި، ކިރާ އެއްކޮށްގެން ބޯނަމަ ގޭހަށް ބަދަލުވެ ނުވަތަ ބްލޯޓްވެގެންގޮސް ބަޑަށް އުދަގޫވެއެވެ. ގޭސްވުމުގެ ސަބަބުން ބޮޑުކަމުދިއުމަށް އުދަގޫވެ އެހެން މައްސަލަތައް ދިމާވުން އެކަށީގެންވެއެވެ. މިސަބަބަށްޓަކައި މޭވާ އަޅައިގެން މިލްކްޝޭކް ހަދައިގެން ބުއިން އެންމެ އެދެވިގެން ނުވެއެވެ.
ކެއުމަށްފަހު ޑެޒާޓެއްގެ ގޮތުގައި ބޭނުން ނުކުރުން
ހަމަ ކައިނިމިގެން ޑެޒާޓެއްގެ ގޮތުގައި މޭވާ ބޭނުން ކުރުން އެހާ ބުއްދިވެރިއެއް ނޫނެވެ. ބަނޑު ފުރޭވަރަށް ކެއުމަށްފަހު ހަށިގަނޑުގައި ހަކަތަ އިތުރުވެ ހަމަ އޭގެމައްޗަށް އިތުރު ހަކަތަ ގެނުވައި ހަށިގަނޑުގައި ސަރުބީޖެހުމަށް އިތުރު ހިތްވަރެއް ދެވެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ހަރުލާ ސަރުބީ އިތުރުވެ އެސަރުބީތައް ވިރުވަން ވަގުތުނަގައެވެ. އެންމެ އެދެވިގެންވަނީ ކެއުމަށްފަހު 30 މިނިޓް ނޫނީ 40 މިނިޓް ފަހުން މޭވާ ބޭނުންކުރުމެވެ.
ޖޫސްގިރައިގެން ނުބުއިން
މޭވާގައި ހުންނަ ފައިބަރ އާއި ނިއުޓްރިއެންޓްސްގެ ސަބަބުން ހަށިގަނޑަށް ކުރާ ފައިދާ ރަނގަޅުވިނަމަވެސް މީގައި ޖޫސް ތައްޔާރުކުރުމުން އޭގައި ހުންނަ ފައިބަރުގެ ބާވަތް މަދުވެއެވެ. އޭގެ ބަދަލުގައި ހަށިގަނޑުގައި ހަކުރުގެ މިންވަރު އިތުރުވެ ހަށިގަނޑަށް ލިބެންވާ ފައިދާ ލިބުން މަދުވެއެވެ. ހަގީގަތަށް ބުނާނަމަ މޭވާ އިން ލިބިދޭންޖެހޭ ފައިދާ އެއްކޮށްހެން ގެއްލެއެވެ. ހަށިގަނޑުގައި އުފެދޭ ހަކުރު ފެޓަށް ބަދަލުވެގެންދެއެވެ.
މައުލޫމާތު: އިންޑިއަން އެކްސްޕްރެސް.ކޮމް